19 މާރިޗު 2020 - 13:52
7 ވަނަ އެޕިސޯޑް

=========

[ތާރާ ޙާލު ރަނގަޅުތަ....އަހަންނާއެކު ދަނިކޮށް އަހަރެންގެ ލޯމަތިން ތާރާ ގެއްލުނީމާ އަހަންނަށް ހާދަ އަސަރު ކުރިއޭ.] ޝަހްލާ މިހެން ބުނެފައި އަރުފާންގެ މޫނަށް ބަލައިލިއެވެ. އަރުފާން ހުރީ ހިނިއައިސްފައި ތާރާމެނަށް ބަލާށެވެ.

[އަރުފާން...އޭތި އަރުފާންވެސް ހައްޔަރުކުރީދޯ؟ އޭތީގެ ބެލުމުގެ ދަށުގައި ހުރިއިރު އަރުފާނުމެނަށް ކާންދިނީ ކޯއްޗެއްތަ؟] ޝަހްލާ އެއްސެވެ.

[އެކިވައްތަރުގެ މޭވާ....އޭތި އަހަރެމެން ބޭތިއްބީ ވަރަށް ހިތްގައިމު ގަނޑުވަރެއް ކަހަލަ ގެއެއްގައި. ހަމަގައިމުވެސް އެކަހަލަ ހިތްގައިމު ގެއެއް ރާއްޖެއަކުން އެނޫނީ އަހަރެން ނުދެކެން...އެހެނެއް ނޫން، ބައެއް ކާޓޫން ފިލްމްތަކުން ފެނޭ އެކަހަލަ ގެތައް...ހިތަށްއަރާ، ޙަޤީޤީ ދިރިއުޅުމުގައިވެސް އެކަހަލަ ހިތްގައިމު ގެއެއް ލިބޭނެނަމައޭ.] ތާރާ ބުންޏެވެ. އެހާ ހިސާބުން އަރުފާން ވިސްނީ އެގޭ ގޯތެރެއިން ބައެއްގައި އެކަހަލަ ގެއެއް ޢިމާރާތް ކުރުމަށެވެ. އޭނާ ބޭނުންވަނީ ތާރާ އޭނައާއެކު އުފަލުގައި ދާއިމީ ގޮތަކަށް އުޅެވޭނެ މަގެއް ފަހިކުރާށެވެ. ނަމަވެސް އަދިވެސް ތާރާގެ ޙަޔާތަށް ޖިންނި އަތުވެދާނެ ކަމުގެ ބިރު ތާރާގެ ހިތަކުން ފިލައިގެނެއް ނުދެއެވެ.

[އަދިވެސް އަހަރެން ވަރަށް ބިރުގަނޭ. އެކަމަކު ބައްޕަމެން އެބަ ބުނޭ، ދެނެއް އޭތީގެ ތުރާލެއް އަހަންނަކަށް ނާންނާނެޔޭ....އެހެންވެ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހޭ.] ތާރާ އަރުފާނާއެކު ކާގެޔާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.

ޖެހިގެން އައި ދުވަހުގެ އެރި އިރާއެކު މުޅި ރަށަށް އަޑު ފެތުރިގެންދިޔަ ޚަބަރަކީ ޙުސޭން ތައްޚާން ގެއްލިގެން ހޯދާ ކަމުގެ ޚަބަރެވެ. ޙުސޭން ތައްޚާން ކުރީ ދުވަހުގެ މެންދުރުން ފެށިގެން ގެޔަށް ނާންނަ ކަމާއި މިހާރު އޭނާ ހޯދުމުގެ މަސައްކަތް އެރަށުގައި ތިބި ފުލުހުންވެސް ފެއްޓެވި ކަމަށް މަޢުލޫމާތު ލިބެމުންދެއެވެ.

[ކީކޭ ޙުސޭން ތައްޚާން ގެއްލުނީއޭތަ؟ އެކަމަކު އޭނާ އިއްޔެ މިގޭގައި ހުރެ މަސައްކަތް ނިންމާލާފައި ދިޔައީ ގެޔަށޭ ކިޔާފައި.] ޞަފޫރާއާއި ޝަފީޤު ވާހަކަ ދައްކަން ތިބީ އެގޭ ބޮޑު ކޮޓަރީގައެވެ. ޙަޤީޤަތުގައި ޙުސޭން ތައްޚާނަށް ކަމެއް ދިމާވުމަކީ އެ ޢާއިލާއަށް ދެވޭ އިންޒާރެކެވެ. އެހެން ވެއްޖެނަމަ، އަލުން ޖިންނީގެ އުނދަގޫ ތާރާމެނަށް ފޯރަފާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.

[ބައްޕާ....އަހަރެން މިއަދު ހިތަދޫގައި ހުރި އަހަރެންގެ ރައްޓެއްސަކަށް ގުޅާފައި ބުނެފިން، އަހަރެމެން ދެމަފިރިންނަށް ދެތަވީދު ހައްދުވާށޭ. އެރަށުގައި އުޅޭ ވަރަށް ކުޅަދާނަ ފަންޑިތަވެރިން.] އަރުފާން ހާސްވެ ކަންބޮޑުވެފައި ތިބި ތާރާގެ މަންމައާއި ބައްޕަގެ ހިތްހަމަޖައްސާލަދިނެވެ.

[އެހެންތަ...ދަރިފުޅު އެމަސައްކަތުގައި އެބަ އުޅެންދޯ؟ ކުރިންވެސް ދަރިފުޅު އަމިއްލައަށް ތިކަމުން ސަލާމަތްވާން މަސައްކަތް ކުރިނަމަ....ކާމިޔާބު ލިބުނީސް....ތަވީދު ލިބޭނީ ކޮންދުވަހަކުތަ؟] ޞަފޫރާ ހިތްހަމަޖެހުނެވެ.

[މާދަމާ ހެނދުނު ފެރީން ފޮނުވައިދޭނަމޭ އޭނާ ބުނި. އަހަރެންވެސް އަންނާނަން ޙުސޭން ތައްޚާން ޚަބަރެއްވޭތޯ ބަލާފައި. އަނެއްކާ ފަންޑިތަ ހަދަން އެހެން ރަށަކަށްދިޔައީކީ ނޫންބާ؟] އަރުފާން ގެއިން ނުކުންނަމުން ބުންޏެވެ. ތެދެކެވެ. އެއީވެސް ވެދާނެ ކަމެކެވެ. އެހެން ނަމަވެސް، މީގެކުރިން ދުވަހަކުވެސް އޭނާ އޭނާގެ އަންހެނުން ޙަލީމާ ގާތު ބުނެފައި ނޫނީ ރަށުން ބޭރަކަށް ނުދެއެވެ. އޭނާ ކޮންމެ ރަށަކަށް ދިޔަޔަސް އޭނާ އެވާހަކައެއް ބުނާނެއެވެ. އަދި ކުރަންދަނީ މިވެނި މަސައްކަތެކޭވެސް ބުނެއެވެ.

[އޭނާ ކުރިން ދުވަހަކުވެސް އަހަރެން ގާތު ނުބުނެ އެހެން ރަށަކަށް ނުދޭ. މަސައްކަތެއް ކުރިޔަސް އެވާހަކަ ބުނޭ. އަހަރެމެންގެ ޢުމުރުން ކިތަންމެ ދުވަސް ވިޔަސް....ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި އެކަކު އަނެކަކާ ޚިޔާލު ބަދަލުކޮށް ޙިއްޞާކުރަން. އަހަރެން ޤަބޫލެއް ނުކުރާނަން، އަހަރެން ގާތު ނުބުނެ އޭނާ އެހެން ރަށަކަށް ހިނގައިދާނެ ކަމަކަށް.] ޙަލީމާ ވާހަކަ ދެއްކީ އޭނާގެ ފިރިމީހާއާބެހޭ މަޢުލޫމާތު ހޯދަން އެގެޔަށް އައި ފުލުހުންނާއެވެ.

[މިރަށުގައިވެސް އޭނާ ގޮސް އުޅޭ، މިބުނީ ޢާންމުކޮށް ގޮސް އުޅޭ ވަކިތަނެއް ހުރޭތަ. މިސާލަކަށް، އެޢުމުރުގެ މީހުން ވަރަށްގިނަފަހަރު އަތިރިމައްޗަށްވެސް ގޮސް އުޅޭނެ. އެގޮތުން ދާ ވަކިތަނެއް ފާހަގައެއްނުކުރެވޭތަ؟] ފުލުހަކު ޙަލީމައާ ސުވާލުކުރިއެވެ.

[އޭނާ ނުދާނެ އެހެން ވަކިތަނަކަށް. އޭނަޔަކީ އަބަދުވެސް އޭނާގެ މަސައްކަތުގައި އުޅޭ މީހެއް. ބައެއްފަހަރު އަތިރިމައްޗަށް ޖެހިލާނެ. އިއްޔެގައި ހެނދުނު ދެއްކި މަސްކޮޅެއް ގަންނަންދާ ވާހަކަ.] ޙަލީމާ މިހެން ބުނީމާ ދެން ބެލީ އޭނާ އަތިރިމަތިން ދުށް މީހަކު ފެނޭތޯއެވެ. ނަމަވެސް އެއްވެސް މީހަކަށް އޭނާ ފެނުނު ކަމަކަށް ނުވިއެވެ. ގިނަމީހުން ބުނަނީ އޭނާ ނުދެކޭތާ ދެތިން ދުވަސް ވެފައިވާ ކަމަށާއި، އޭނާއަކީ ޢާންމުކޮށް ބޭރަށް ނިކުމެ އުޅޭ މީހެއް ނޫންކަމަށެވެ. މިހާރު އޭނާ ހޯދުމުގެ މަސައްކަތް މުޅި އަތޮޅުގައިވެސް ކުރެވެމުން ދަނީއެވެ. އެދުވަހުގެ އިރުއޮއްސިގެން ދިޔައިރުވެސް އޭނާގެ އެއްވެސް ޚަބަރެއް ނުވިއެވެ.

އެރޭގެވެސް މެންދަމާ ހަމަޔަށް އޭނާ ހޯދުމުގެ މަސައްކަތް އެދެރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކޮށްފައިވެއެވެ.

[ޙުސޭން ތައްޚާނުގެ ޚަބަރެއްނުވިދޯ؟ އަނެއްކާ ކިހިނެއްމިވީ. އޭނާ މިގެއިން ދިޔަ މަގުމަތީގައި އޭތި ދިމާކުރީކަންނޭނގެ. ހާދަ ނުރައްކާތެރި އެއްޗެކޭދޯ؟ ޞަފޫރާއާއި ޝަފީޤު ވާހަކަ ދައްކަން ތިބީ އެމީހުންގެ ކޮޓަރީގައެވެ. އޭރު ތާރާގެ ދެމަފިރިންވެސް ނިދަން ވަދެއްޖެއެވެ. އެދެމަފިރިންވެސް ދައްކަނީ އެއްވާހަކައެކެވެ.

[އަޅެ އަރުފާން...އަހަރެން ވަރަށް ބޮޑަށް ބިރުގަނޭ. އަހަރެން ވަރަށް ބޮޑަށް ހާސްވާން ފަށައިފި މިހާރު...އަނެއްކާ މާދަމާ ތަވީދު ލިބޭނެތަ؟] ތާރާ އަރުފާންގެ މޭގައި ބޯއަޅާލައިގެން އޮވެ ވާހަކަ ދެއްކިއެވެ.

[އާނ....މާދަމާ ވަރަށް ހެނދުނާ ލިބޭނެ. އަހަރެމެންނަކަށް ދެން އެއްވެސް ނުރައްކަލެއް ނެތް. އޭތީގެ އެއްވެސް ނާމާންކަމެއް ދެން އަހަރެމެންނަކަށް ނުފެންނާނެ. ދެން ހިނގާ ނިދަން. މާދަމާ ވަރަށް ހެނދުނު ތެދުވެ ފެރީއާ ދިމާކުރަންވާނެ.] އަރުފާން ބުންޏެވެ.

ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނާ ހޭލައިގެން އަރުފާން ގެއިން ނިކުތެވެ. އޭނާ ދިޔައީ ތަވީދު ބަލައެވެ. ދެން އިތުރަށް އެއްވެސް ގޮތަކުން އޭނާއާއި ތާރާގެ ގުޅުމަށް ހުރަހެއް މެދުވެރިވުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ. އޭނާ އެފުރްޞަތު އެއްވެސް ފަރާތަކަށް ނުވެސް ދޭނެއެވެ. އޭނާގެ ލޯތްބަށް ހުރަސްއަޅަން މަސައްކަތްކުރާ ކޮންމެ ފަރާތަކާވެސް ހަނގުރާމަކުރަން އޭނާ އެހުރީ މިހާރު ވަރަށް ފުރިހަމައަށް ތައްޔާރުވެގެނެވެ.

[އަހަރެމެންގެ ލޯތްބަށް ހުރަސްއަޅަން މަސައްކަތްކުރާ ފަރާތްތަކާ ހަނގުރާމަ ކުރަން އަހަރެން މިހުރީ ތައްޔާރަށް. މިތަވީދު އޮތްހާ ހިނދަކު އެއްވެސް ފަރާތަކަށް އަހަރެމެންގެ އުފާވެރި ދިރިއުޅުމަށް ވިހަލާކަށް ނުކެރޭނެ. އެފަދަ ވިހަގަދަ ހަރުފަތައް އަހަރެން މަރާލާނަން.] އަރުފާން ތަވީދު ގެނެސް ތާރާގެ އުނަގަނޑުގައި އަޅުވާލަދެމުން ވާހަކަ ދެއްކިއެވެ.

[އަރުފާން...ޙުސޭން ތައްޚާނު ހޯދާ މީހުނަކަށް އަދިވެސް އޭނައެއް ނުފެނޭތަ. ހިނގާބަލަ އަހަރެމެންވެސް އޭނާ ފެނޭތޯ ހޯދަން ދަމާ.] ތަވީދު އެޅުވުމުން ހިތްހަމަޖެހިފައި ހުރެ ތާރާ ބުންޏެވެ. އެންމެ ރަނގަޅޭ ބުނެފައި އަރުފާންވެސް ތާރާއާއެކު ނިކުމެއްޖެއެވެ.

[އަހަރެންގެ ހިތްބުނޭ، މިއަދު ޙުސޭން ތައްޚާން ފެންނާނެޔޭ.] އަރުފާން ތާރާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ. އޭނާ ހިނގަމުންދިޔައީ ރަށުގައި މީހުން ދިރިނޫޅޭ ހިސާބާ ދިމާޔަށެވެ. އޭރުވެސް އެސަރަޙައްދުގައި ތައްޚާނު ހޯދުމުގެ މަސައްކަތް އެތައް ބަޔަކު ކުރަމުންދިޔައެވެ. އެސަރަޙައްދުގައިވެސް ހިސާބަކަށް ފުލުހުންވެސް އުޅުނެވެ. ނަމަވެސް އަދިވެސް ހޯދާ މީހާގެ ހިލަމެއްވެސް ނެތެވެ.

މިއަދަކީ މިއީ އޭނާ ގެއްލިގެން ހޯދާތާ ތިންވަނަ ދުވަހެވެ. އޭނާ ގެއްލުނު ދުވަހާ ޖެހިގެން އައި ދުވަހަކީ ވަރަށް ބޮޑަށް ވިއްސާރަވެސް ދުވަހެކެވެ. އެހެންވުމުގެ ސަބަބުން ފުރަތަމަ ދެދުވަހު ވަނީ އެކަށީގެންވާ ގޮތަކަށް އޭނާ ހޯދުމުގެ މަސައްކަތް ނުކުރެވިފައެވެ. ވުމާއެކު ކުރީ ދުވަސްތަކަށްވުރެން ގިނަ ޢަދަދެއްގެ ބަޔަކު މިއަދު އެކަމުގައި ޙަރަކާތްތެރިވަމުން ދެއެވެ. ގިނަބަޔަކު ހޯދަމުން ދަނީ ރަށުގެ މީހުން ނޫޅޭ ފަޅު ސަރަޙައްދެވެ. ބައެއް މީހުން މީދޫގެ މީހުން ނޫޅޭ ސަރަޙައްދު ހޯދުމުގައިވެސް ޙަރަކާތްތެރިވަމުން ދެއެވެ. ނަމަވެސް އަރުފާން ބުނަނީ އޭނާ ފެންނާނެ ކަމަށް އޭނާއަށް ޤަބޫލު ކުރެވެނީ ހުޅުދޫތެރެއިން ކަމަށާއި، ރަނގަޅަށް ހޯދަންޖެހޭނެ ކަމަށެވެ. ކުރީ ދެރޭ ކުރި ވިއްސާރައިގައި ޖެހި ތާށިވި ކަމަށްވެސް ވެދާނެ ކަމަށް އޭނާ ބުނެއެވެ. ޙުސޭން ތައްޚާނުގެ އަންހެނުން ޙަލީމާއާއި އޭނާގެ ޢާއިލާގެ ގިނަ މެމްބަރުންވެސް މިހާރު އެތިބީ އަރުފާންމެނާއެކު ޙުސޭން ތައްޚާނު ހޯދުމުގެ މަސައްކަތުގައެވެ.

[ހިނގާބަލަ އެދިމާއަށް...އަދި އެއްވެސް ބަޔަކު އެތަން ބެލިހެނެއް ހިއެއްނުވޭ.] މަތި ބެދިފައިވާ ބިޔަގަސްތަކެއް ހުރި ދިމާއަކަށް އިނގިލި ދިއްކޮށްލަމުން ތާރާމެންގެ ސަމާލުކަން ހޯދިއެވެ. ވަގުތުން އެންމެން އެއްފަހަރާ އެދިމާއަށް ހިނގައިގެންފިއެވެ. އެއީ ގެއެއް ގޮތަށް ސިފަކުރެވޭ ގޮތަށް ހުރި ތަނެކެވެ. އަރުފާނުމެންގެ ބައިގަނޑުގައި އެންމެ ކުރީގައި ތިބީ ޙަލީމާއާއި އޭނާގެ ޢާއިލާގެ މީހުންނެވެ. ޙަލީމާ އެތަނަށް ހުއްޓި ދެއަތުން ގަސްތަކުގެ އޮފިތައް ފޭކުރަމުން އެތެރެއަށް ބޯކޮއްޕާލިއެވެ. ހަމައެޔާއެކު އޭނާ ނިކަން ބާރަށް ހަޅޭއްލަވައިގަތުމާއެކު ފަހަތަށް ޖެހުނެވެ. ބޮޑެތި އަނިޔާތަކަކާއެކު މަރާލާފައި އެއޮތީ އޭނާގެ ފިރިމީހާއެވެ. ޙުސޭން ތައްޚާނުގެ ހަށިގަނޑު އޮތީ ހިސާބަކަށް ފުޅައަޅާފައެވެ. އެތާނގައި އޮތީކީ އެހަށިގަނޑު އެކަންޏެއް ނޫނެވެ. އެހެން އިންސާނެއްގެ ކަށިގަނޑެއްވެސް އޮތެވެ. މިމަންޒަރު ފެނުމުން އެތަނުގައި ތިބި ބައެއް އަންހެނުން އަނބުރައިގަނެގެން ވެއްޓެމުންދިޔައެވެ. ތާރާއަށް ގޮތެއްވުމުގެ ކުރިން އަރުފާން ތާރާ އަތުލަފިކޮށްގެން ހިނގައިގެންފިއެވެ.

ޙަޤީޤަތުގައި އެސަރަޙައްދު ހީވަނީ ނާމާންކަމުން ފުރިގެންވާ ތަނެއް ހެންނެވެ.

[އަޅެ...އަރުފާނު...އެއީ ހަމަ ޙުސޭން ތައްޚާނުތަ؟ އޭނާޔަށް އޮތީ ހާދަ އަނިޔާތަކެއް ކޮށްފައޭ. އެއްލޯވެސް ނެތް. ބަނޑުވެސް ފަޅާލާފައި.] މިހެން ބުނެވުމާއެކު ތާރާވެސް އަނބުރައިގެންފިއެވެ. ނަމަވެސް ތާރާ ވެއްޓުމުގެ ކުރިން އަރުފާން ތާރާ ހިފެހެއްޓިއެވެ. އޭގެފަހުން މާގިނައިރުތަކެއްނުވެ ޙުސޭން ތައްޚާނުގެ ހަށިގަނޑު ފެނުނު ވާހަކައާއި އެސަރަޙައްދުން އިތުރު އިންސާނެއްގެ ކަށިތަކެއް ފެނުނު ވާހަކަ މުޅި އަތޮޅުތެރެއަށް ފެތުރިއްޖެއެވެ. ނަމަވެސް އެކަމަކާ އަރުފާން އެއްވެސް ވަރަކަށް ހާހެއްނުވެއެވެ. ހީވާކަހަލައެވެ. އޭނާއަށް ނުރައްކަލެއް ކުރިމަތިނުވާނޭ ކަމުގެ ފުރިހަމަ އިތުބާރު އޭނާއަށް އޮންނަނީއެވެ.

[އަރުފާން ބިރެއްނުގަނޭތަ؟ އަޅެ ޙުސޭން ތައްޚާނަށް ކޮށްލާފައި އޮތްވަރު ފެނުނީމާ އަހަރެން ވަރަށް ބިރުގަނޭ. އަހަންނަށް ޔަޤީން އެއީ އަހަންނާ އަޅައިގަނެގެން އުޅޭ ނުލަފާ އެތީގެ އަނިޔާވެރި ޢަމަލެއްކަން.] ތާރާ ގެޔަށް ގޮސް ހިސާބަކަށް ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ.

[އަހަރެން ކޮންކަމަކާތަ ހާސްވާންވީ. އަހަރެން މިހުރީ އޭތީގެ ކިބައިން ސަލާމަތްވާން ނުލާހިކު ވަރުގަދަ ތަވީދެއް އަޅައިގެން. އަހަންނަށް ޔަގީން، މި ތަވީދު އޮތްހާ ހިނދަކު އޭއްޗަށް އަހަރެމެންނާ ހަމަޔަށް ވައިވެސް އެޅެން ނުކެރޭނެކަން.] އަރުފާން މޭ ފުއްޕާލިއެވެ.

[މިއީ ހަމަތިބުނާހާ ބާރުގަދަ ތަވީދުތަކެއްތަ؟ ތަވީދު އަޅައިގެން އުޅުނަސް އޭތި އަހަންނާ ދިމާކޮށްފާނެ. އެހެންވެ އަހަރެން ވަރަށް ބިރުގަނޭ. އަހަރެން ވަރަށް ހާސްވޭ.] ތާރާ ތަވީދަކަށް އިތުބާރެއް ނުކުރެއެވެ.

[ކީއްވެތަ...އިތުބާރު ނުކުރެވެނީ. ކިތައްފަހަރުތަ އަހަރެން ބުނަންވީ.] ބޭއިޚްތިޔާރުގައި އަރުފާނަށް ރުޅިއާދެވުނެވެ. އެއީ މިހާތަނަށް އަދި ތާރާއަށް އަރުފާނުގެ ކިބައިން ފެނުނު ސިފައެއް ނޫނެވެ. އެހެންވެ ތާރާއަށް ކުއްލި ސިހުމެއް ލިބި ޙައިރާންވިއެވެ.

[ސޮރީ....އަހަންނަށް ރުޅިއާދެވުނީދޯ؟ މި ތަވީދުތަކަށް ތާރާ އިތުބާރުކުރޭ....އިރާދަކުރެއްވިއްޔާ، އަހަރެމެންގެ ދެމަފިރިންނަށް އެއްވެސް ނުރައްކަލެއް ނެތް.] އަރުފާން ތާރާގެ އަތުގައި ހިފައިގެން އޭނާޔާ ގާތްކޮށްލިއެވެ. އޭރު ތާރާހުރީ ފެންކަޅިވެ ރޮވޭގޮތްވެފައެވެ.

[އަރުފާން...އަހަރެމެންގެ ދިރިއުޅުމުގައި ދިމާވެފައިވާގޮތުން އަހަންނަށް އިތުބާރުކުރަން ފަސޭހައެއްނުވާނެދޯ؟ އެކަމަކުވެސް އަރުފާނަށްޓަކައި އިތުބާރުކޮށްފިން.] ތާރާ އަރުފާނުގެ ކޮނޑުގައި ބޯއަޅާލިއެވެ.

ޙުސޭން ތައްޚާނުގެ މަރުގެ ޙާދިޘާއަށްފަހު މިހާރު މުޅި ރަށުތެރެވަނީ ވަރަށްބޮޑަށް ނާމާންވެފައެވެ. ގިނަބަޔަކު އެދެރަށުތެރޭގައި އިންސާނުންނަށް އަނިޔާވެރި މިނިމަސްކާ މީހަކު ދިރިއުޅޭ ކަމަށް ވާހަކަ ދައްކާއިރު، އެއްބަޔަކު އެއީ އިންސާނެއްގެ އަނިޔާވެރި ޢަމަލެއް ނޫންކަމަށްވެސް ސިފަކުރެއެވެ.

[އެނުވާނެ އިންސާނަކު ކުރާނެ ކަމަކަށް. އިންސާނުން އެހާ އަނިޔާވެރިއެއް ނުވާނެ. އެއީ ހަމަ އަހަންނާ އަވަލި އެތި ބަދަލުހިފަން ކުރާނެ ކަމެއް.] ތާރާ ބުންޏެވެ.

[އިންސާނުން އަނިޔާވެރި ނުވާނޭ ކަމަށް ތިބުނަނީ ކިހިނެއް ބަލާފައި. ރޭގައިވެސް ޓީ.ވީ.ގެ އަށެއްގެ ޚަބަރެއް އަޑެއް ނާހަމުދޯ. މިހާރު މާލެތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން ކިތައް މީހުން އެ މަރަނީ. މިހާރު ދިވެހިން ފަހެއްނުޖެހޭނެ، ދިރިހުއްޓާ މީހަކު ރޯކޮށްލާކަށްވެސް.] ތާރާ އިންސާނުން އަނިޔާވެރިނުވާނެ ކަމަށް ބުނެ ދިފާޢު ކުރުމުން އަރުފާން ހިތްހަމަނުޖެހުނެވެ.

[ތިނޫން ވާހަކައެއް ނޫން. އެކަމަކުވެސް މިރަށަކު ހިއެއްނުވޭ، ތިބުނާ ކަހަލަ ރަޙުމްކުޑަ ބަޔަކު އުޅޭހެނެއް. އެހެންނޫނަސް ބަޔަކު ކީއްވެގެންތަ މުސްކުޅި މީހަކު އެގޮތަށް މަރަންވީ؟] ތާރާ ބުންޏެވެ.

[އެއްވެސް މީހެއްގެ ނިތްކުރިއަކު ލިޔެފައެއް ނޯވޭ އެއީ ކޮންކަހަލަ މިޒާޖެއްގެ، ކާކުކަމެއް. އަހަރެންގެ މޫނަށް ބަލާލަބަލަ....އަހަރެންގެ މޫނުމަތީގައި އެބައޮތްތަ...އަހަންނަކީ އަނިޔާވެރިއެކޭ ނުވަތަ އޯގާތެރިއެކޭ ލިޔެފައި.] އަރުފާން ބޭނުންވަނީ އިންސާނުންގެ ތެރޭގައި ނުވަތަ އެރަށުގައިވެސް އެފަދަ އަނިޔާވެރި ޢަމަލެއް ހިންގަފާނޭ ބަޔަކު އުޅެފާނެ ކަމަށް ތާރާއަށް ޤަބޫލުކޮށްދޭށެވެ.

[ދެން ހިނގާ ތިވާހަކަ ހުއްޓާލަމާ....އަރުފާން ދާނަންތަ ޙުސޭން ތައްޚާނުގެ މޫނުބަލަން. އަހަރެން ވަރަށް ދާހިތްވޭ.] ތާރާ ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ.

[ތާރާ ދާނެ ކަމެއް ނެތް. އަހަރެން އަންނާނަން ގޮސްލާފައި. އަހަންނަށް ޔަޤީން...އެތަނުގައި ތާރާއަށް ކެތެއް ނުވާނެކަން.] މިހެން ބުނެފައި އަރުފާން ހިނގައިގެންފިއެވެ. އޭރު ތާރާގެ މަންމައާއި ބައްޕަވެސްވީ އެގެޔަށް ގޮހެވެ.

މި އާދައިގައި ދުވަސްތައް ފާއިތުވަމުން ގޮސް މިހާރު އަރުފާނާއި ތާރާ އެކުގައި ދިރިއުޅޭތާ ދެއަހަރު ދުވަސްވީއެވެ. ފަހަކަށްއައިސް އެދެމަފިރިންނަށް އެއްވެސް ހުރަހެއް މެދުވެރިއެއް ނުވޭމެއެވެ. ނަމަވެސް މިދުވަސްކޮޅަކީ ތާރާ މާބޮޑަށް ކަމަކަށް ބޭނުންވެ އެކަމަށް ފިރިމީހާ ގާތު އެދެމުންދާ ދުވަސްކޮޅެކެވެ. ތާރާ އެދެނީ އޭނާ މަންމައަކަށް ވުމަށެވެ. އެހެން ނަމަވެސް، އެއީ އަރުފާން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫނެވެ. އޭނާއާއި ތާރާއަށް ކުއްޖަކު ނުލިބިދާނެ ކަމަށް އޭނާއަށް ޤަބޫލުކުރެވެނީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އޭނާ ކުރިން ޓެސްޓް ހަދައި މައްސަލަތަކެއް ހުރީ ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

[އަރުފާން ކީއްވެތަ އަހަރެންގެ ވާހަކައަށް ސަމާލުކަން ނުދެނީ. އަރުފާން ބައްޕަޔަކަށް ވުމަކަށް ނޭދެނީތަ؟ އަހަންނަކީ އެއްބަނޑު އެއްބަފާ އިތުރު މީހަކުވެސް ހުރި މީހެއް ނޫން. އަހަރެން ބޭނުން މިގޭތެރެ ފަޅުފިލުވަން ކުއްޖަކު ހޯދަން.] ތާރާ ދައްކާ ވާހަކަ ސަމާލުކަމާއެކު އަރުފާން އަޑުނާހާތީވެ މިހާރު ތާރާ ހުންނަނީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ.

[ތާރާ އަހަރެންވެސް ކުއްޖަކު ބޭނުން ނުވާތީއެއް ނޫން....ވެދާނެއެއްނު އަހަރެމެންނަށް ކުއްޖަކު ނުލިބެނީ ކަމަށްވެސް. އެހެން ނޫނިއްޔާ ކީއްވެތަ އިނދެގެން ދެއަހަރުވީއިރުވެސް ކުއްޖަކު ނުލިބެންވީ.] އަރުފާން ތާރާ ރުއްސޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ތާރާ ރުހޭގޮތެއް ނުވިއެވެ. ތާރާ ބޭނުންވީ ރާއްޖެއިން ބޭރަށް ގޮސް ބޭސްފަރުވާކޮށްގެންވެސް ކުއްޖުކު ހޯދާށެވެ. ނޫނީ ދެމީހުން ކުރެން އެއްވެސް މީހެއްގެ މައްސަލައެއް ހުރިތޯ ބަލާށެވެ. ނަމަވެސް އެއީ އަރުފާން ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުންވަނީ އެނޫންގޮތަކަށް އެމައްސަލަ ޙައްލުވޭތޯ ބަލާށެވެ. ވުމާއެކު އޭނާ ވިސްނާލިއެވެ.

އެގެޔާ ޖެހިގެން ހުރި ގޭ ޒުވާން ޢުމުރުގެ ފިރިހެން ކުއްޖެއް ކަމުގައިވާ ޝިޔާންގެ ތަޞްވީރު އަރުފާންގެ ލޯމަތިން ކުރެހިގެންދިޔައީ އެވިސްނުމުގެ ތެރެއިންނެވެ.

[ދެން އަވަހަށް ނިދާލާ....އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަސްތަކެއްނުވެ އަހަރެމެންނަށް ކުއްޖަކު ލިބިދާނެ.] ތާރާގެ ގާތުގައި އަރުފާންވެސް އޮށޯތެވެ. ނިދާބޮކި އެއްކޮށް ނިއްވާލުމަށްފަހު މުޅި ކޮޓަރި އެކަށް އަނދިރި ކުރުމަށްފަހުގައެވެ.

ހަމަ އެރެއެވެ. ތާރާއަށް ނިދޭހާއިރު ކޮށްފައި އަރުފާން ކޮޓަރިން ނިކުތެވެ. އޭނާގެ މިޞްރާބު ހުރީ ޝިޔާންގެ ގެޔާ ދިމާޔަށެވެ. އޭނާ އެގޭ ދޮރުމައްޗަށް ހުއްޓި ތަޅުގައި ހިފާލުމާއެކު ދޮރު ހުޅުވިއްޖެއެވެ. ގޭތެރެއަށް ވަދެ ވަށައިގެން ހޯދާލުމާއެކު އޭނާ ގޮސް ވަނީ ޝިޔާން ނިދާފައި އޮތް ކޮޓަރިއަށެވެ.

އޭރު ޝިޔާން ނިދާފައި އޮތެވެ. އަރުފާން އެތެރޭގައި ހުރެ ލުއި ހިނިތުންވުމަކާއެކު ޝިޔާނާ ދިމާއަށް ބަލައިލިއެވެ. އެއަށްފަހު ދެން ފެނުނީ އަރުފާން ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުތް ތަނެވެ. ދެން އޭނާ ފަސްއެނބުރި ބަލައިލިއެވެ. އޭރު ޝިޔާން ކޮޓަރިން ނިކުމެގެން އޭނާގެ ފަހަތުން އާދެއެވެ. ހީވަނީ ނިދީގައި އޮވެ އޭނާ ހިނގަމުންދާހެންނެވެ.

ހަމަގައިމުވެސް އޭނާ ލޮލެއް ނުހުޅުވައެވެ. އޭނާ ހިނގަމުން ދަނީ އެހެން މީހެއްގެ ބާރާއި ނުފޫޒުގައެވެ. ހިތަށްއަރައެވެ. އަރުފާނުގެ ވިސްނުމަކީ ކޮބައިބާއެވެ. އަރުފާން އެއުޅެނީ ކޮންކަމެއް ޙާޞިލް ކުރަން ހެއްޔެވެ.

ޝިޔާނަކީ ޢުމުރުން އަދި ނަވާރަ އަހަރުވެސް ނުވާ ޒުވާނެކެވެ. މާލެއިން ތަޢުލީމް ޙާޞިލް ކުރުމަށްފަހު، އޭނާ ޗުއްޓީއަކަށް ރަށަށް އައިސް އުޅޭތާ އަދި މާގިނަ ދުވަސްތަކެއް ނުވާނެއެވެ. އަރުފާން އެޒުވާނާ ލައްވާ ކުރުވަން އެއުޅެނީ ކޮންކަމެއްބާއެވެ. ފަސްއެނބުރި ބަލަމުން ގޮސް އަރުފާން ވަނީ އޭނާ އުޅޭ ގެޔަށެވެ. އޭނާގެ ފަހަތުން އައިސް ޝިޔާންވެސް ވަނެވެ. އަރުފާން އަޅާ ކޮންމެ ފިޔަވަޅަކާއެކު ޝިޔާން ތާރާ ނިދާފައި އޮތް ކޮޓަރިއަށް ވަނެވެ. ދެން ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. އެހެން މީހެއްގެ ބާރާއި ނުފޫޒާއެކު ޝިޔާން ތާރާ ގާތުގައި އޮށޯވެއްޖެއެވެ. އޭނާ ތާރާގެ ހަށިގަނޑުގައި އޮޅުލައިގަތީވެސް އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

އޭރު ދާދި ކައިރީގައި ޝިޔާންގެ ޙަރަކާތްތަކަށް ބަލަން އަރުފާން ހުއްޓެވެ. އަނދިރީގެ ތެރޭގައި ތާރާ އެއޮތީ ވަރަށްބޮޑު އޮޅުންގަނޑެއްގެ ތެރޭގައެވެ. އޭނާއަށްވެސް އޭނާއަށް ކުރެވެނީ ކޮންކަމެއް ކަމެއް ނޭނގެއެވެ. އެއްވެސް ތަފާތެއް ނެތެވެ. އޭނާ ހީކުރިއެވެ. އެއީ ހަމަ އަރުފާނެވެ. އެހެން ނަމަވެސް ކުރެވުނީ ތަފާތު އިޙްސާސްތަކެކެވެ.

[އަރުފާން ނިދާބޮކި ޖައްސަބަލަ...ހާދަ އަނދިރިއޭ.] ތާރާ ފާޚާނާއާ ދިމާއަށް ހިނގައިގަންނަމުން އެދުނެވެ.

[ނިދާބޮކި އަނދާފައިހެން ހީވަނީ...ނުއެއް ދިއްލޭ. އަހަރެން އަންނާނަން ކާގެޔަށް ވަދެ ފެންބޮއިގެން.] އަރުފާން މިހެން ބުނެފައި ކޮޓަރިން ނިކުތެވެ. އޭނާ ނިކުތީ ޝިޔާނާ އެކުގައެވެ.

އޭރުވެސް ޝިޔާންހުރީ އަމިއްލަ ބާރުގެ ދަށަކު ނޫނެވެ. ޝިޔާނަށް ހަމަހޭވެރިކަންވީ އޭނާގެ ގޭގެ ދޮރުމައްޗަށް އަރާ ހަމަވިތަނާހެންނެވެ. ހަމައެޔާއެކު އޭނާއަށް ކޮންމެވެސްވަރަކަށް ވެދިޔަ ކަންތަކާމެދު ވިސްނެން ފެށުނެވެ.

ނަމަވެސް އޭނާ ހަނދާންކުރަން މަސައްކަތް ކޮށްކޮށްވެސް އޭނަޔަކަށް އެއަންހެނަކީ ކާކުކަމެއް އޭނާގެ ހަނދާނަކަށް ނައެވެ. އެހެން ނަމަވެސް، ކުޑައިރުކޮޅެއް ކުރިން ކުރެވުނު ކަންތައް ކޮންމެވެސްވަރަކަށް އޭނާގެ ހަނދާނުގައި ކުރެހެމުންދެއެވެ. ހަމަގައިމުވެސް އެއީ ހުވަފެނެއް ނޫންކަން އޭނާޔަށް ވަރަށް ސާފުކޮށް ޔަޤީންވެއެވެ. ފަހަރެއްގައި ދުވާލުގެ ވަގުތެއްގައި އެ އަންހެން ކުއްޖަކު ހަމަލޮލަށް ފެނިއްޖެނަމަ އޭނަޔަށް ފާހަގަކުރެވިދާނެއެވެ.

[ދަރިފުޅާ ޝިޔާން...ފުރަދަންވަރު ބޭރުގައި ކީއްތިކުރަނީ....އާދޭ އެތެރެއަށް. މިދުވަސްވަރަކީ އަމާން ދުވަސްވަރެއްވެސް ނޫން.] ޝިޔާން ސިހުނީ މައި ދޮރުން ބޭރަށް ބޯދިއްކުރުމަށްފަހު އޭނާގެ މަންމަ ޝަކީބާ ވާހަކަ ދެއްކީމައެވެ.

[މަންމަވެސް ހޭލީތަ؟ ކޮޓަރިތެރޭގައި މަދިރި ހަފާތީ ބޭރަށް ނިކުމެލީ.] ޝިޔާން އެތެރެއަށް ވަނެވެ.

[ދުންދަނޑި ޖަހާފައި ހުރިއިރުވެސް މައިތިރިއެއްނުވޭދޯ؟] ޝަކީބާ ދޮރު އެތެރެއިން ތަންޑުއެޅުވިއެވެ. ޝިޔާން ގޮސް ކޮޓަރިއަށް ވަނެވެ.

އޭގެފަހުން އެރޭ ޝިޔާނަށް އެއްވެސްވަރަކަށް ނުނިދުނެވެ. އޭނާއަށް ކުޑައިރުކޮޅެއް ކުރިން ވެދިޔަ ކަންތައް ތަޞްވީރު ވަނީއެވެ. އަނދިރީގެ ތެރޭގައި އެއީ ކޮން އަންހެނެއްކަން ނޭނގުނަސް އެ އަންހެނަކަށް އޭނާގެ ޝައުޤުވެރިކަން އިންތިހާއަށް ބޮޑުވެއްޖެއެވެ. އެއިޙްސާސްތައް އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާފަދައެވެ. އެއީ ކުރިން ދުވަހަކުވެސް އޭނާއަށް ކުރެވުނު އިޙްސާސްތަކެއް ނޫނެވެ.

ޖެހިގެން އައި ދުވަހު ހެނދުނުވެސް ޝިޔާން އެރޭގެ ހިނގި ކަންތަކާމެދު ވަރަށް ބޮޑަށް ވިސްނިއެވެ. އޭނާ ބޭނުންވަނީ އެއަންހެން ކުއްޖަކީ ކާކުކަން ދެނެގަންނާށެވެ.

[ދަރިފުޅާ ހާދަ ބޮޑު ފިކުރެއްގައި ހުންނަހެން އެބަ ހީވެޔޭ....އަނެއްކާ ދަރިފުޅު ކޮންކަމަކާތަ ތިޔަ ވިސްނަނީ.] ހެނދުނު ސައިބޯން އިން ޝިޔާންގެ އިޙްސާސްތައް ދެނެގަނެ، އޭނާގެ މަންމަ ޝަކީބާ ވާހަކަ ދެއްކިއެވެ.

[ތިޔައީ މަންމައަށް ހީވާގޮތް. އަހަރެން އެއްވެސް ކަމަކާ ނުވިސްނަން. މިހެން ބުންޏަސް މިޢުމުރުގައި ވިސްނާނެ ކިތަންމެ ކަމެއް ހުންނާނެތާދޯ؟] ޝިޔާން ނާސްތާކުރަން އިނދެ ވާހަކަ ދެއްކިއެވެ.

[ދަރިފުޅު ރޭއްސުރެ މަންމައަށް ފެންނަނީ ކޮންމެވެސް ކަމެއްގައި ހާސްވެގެން އުޅޭތީ. މާބޮޑަށް ހާސްވާ ކަމެއް މެދުވެރިވެއްޖެއްޔާ މަންމަގާތު ބުނާތި.] ޝަކީބާ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

[މަންމަ އަހަންނާމެދު ހާދަ ވިސްނައޭދޯ؟ ތޭންކްސް މަންމާ.] ޝިޔާން އަބަދުވެސް އޭނާގެ މަންމައާމެދު ފަޚްރުވެރިވެއެވެ.

އެދުވަހެވެ. މިހާރު ތާރާ ހުންނަނީ ހިސާބަކަށް ހިތްހަމަޖެހިފައެވެ. އަރުފާން ދެން މާގިނަ ދުވަސްތަކެއްނުވެ އޭނާއަށް ކުއްޖަކު ލިބިދާނެ ކަމަށް ބުނީތީއެވެ. އެކަމަކު އެއީކީ އަރުފާނަށް އެނގޭނެ ކަމެއް ނޫނެވެ.

[މިހާރު އަހަންނަށްވެސް އިޙްސާސް ކުރެވޭ ކުއްޖަކު ލިބިދާނެ ކަމަށް.] ތާރާ އަރުފާންގެ މޭގައި ބޯއަޅާލިއެވެ.

ޖެހިގެން އައިރޭ ތާރާއާއި އަރުފާން ނިދީއެވެ. ކުރީރޭ ހަމަނިދި ނުލިބޭ ކަމަށް ބުނެފައި އަރުފާންވެސް ނިދަން އޮށޯތީއެވެ.

ނަމަވެސް އެރޭވެސް ޝިޔާން އިންތިޒާރު ކުރިއެވެ. އެއިޙްސާސްތައް އަލުން ކުރެވޭތޯ އޭނާ އުންމީދު ކުރެއެވެ. ނަމަވެސް އެރޭ އޭނާ ނުނިދާ އޮވެއޮވެ އެތައްއިރެއްވީއިރުވެސް އެކަމެއް ނުވިއެވެ. އެހެންވެ އެރޭ ފެނުނީ ހުވަފެނެކޭވެސް ބައެއްފަހަރު އޭނާއަށް ހީކުރެވެން ފަށައިފިއެވެ.

[ނޫން...އެއީ ހުވަފެނެއް ނޫން...އެއީ ހަމަ ޙަޤީޤަތެއް. ވަރަށްބޮޑު ޙަޤީޤަތެއް. އަހަރެން އެކަން ހޯދާނަން. އެއީ ކޮން އަންހެން ކުއްޖެއްތޯވެސް އަހަރެން ބަލާނަން. އެކަން އަހަންނަށް ހޯދޭނެ.] ޝިޔާން ހިތާހިތާ ވާހަކަ ދައްކަމުން އަނެއްކާވެސް ނިދޭތޯ އޮށޯވެއްޖެއެވެ.

ޖެހިގެން އައި ދުވަހަކީ ދުވަސްތަކަކަށްފަހު އަރުފާން އަލުން މަސައްކަތަށް ނިކުތް ދުވަހެވެ. އޭނާ ދިޔައީ ކުރިންވެސް އޭނާ މަހަށްދިޔަ ދޯނިން މަހަށެވެ. އެދުވަހަކީވެސް އެދޯނި އާދަޔާ ޚިލާފަށް ގިނައިން މަސްބޭނި ދުވަހެކެވެ. އެދޯނީގެ ހުރިހާ ފަޅުވެރިންވެސް ބުނަނީ އަރުފާންގެ ނަޞީބު ރަނގަޅީ ކަމަށެވެ. އަތޮޅުން މަހަށްފުރި ދޯނިފަހަރުގެ ތެރެއިން ގިނައިން މަސްބާނައިގެން އެންމެ ފުރަތަމަ ރަށަށް ލެފީވެސް އެމަސްދޯންޏެވެ.

[ހާދަ އަވަހަކަށް މަހުން ތިއައީ. މިއަދު ކިހާވަރެއް ބޭނުނު؟] އަރުފާން ގެޔަށް އައިސް ވަނީމާ ތާރާ އެއްސެވެ.

[މިއަދުވެސް 22 ޓަނު. މިއަދުވެސް އެންމެ ރަނގަޅަށް މަސްބޭނީ އަހަރެމެން. އަހަރެން ގެންދަން ހުރިހާ މަސްދޯނިފަހަރުންވެސް މިހާރު މަސައްކަތް ކުރޭ. އަހަރެން ދިޔައިމާ ނަޞީބު ހިފާތީ.] އަމިއްލައަށް ފަޚްރުވެރިވެލަމުން އަރުފާން ވާހަކަ ދެއްކިއެވެ.

[އަހަރެން އަންނާނަން....މަންމަ ގެޔަށް މަސްކޮޅުލާފައި. ސައިބޯނީ އައިސް. މަންމަވެސް ބައްޕަވެސް ގޭގައި ނޫޅެނީތަ؟] މަހެއް ކޮތަޅަކަށް ލައިގެން ނިކުންނަމުން އަރުފާނު ވާހަކަ ދެއްކިއެވެ. އަރުފާން ނިކުތްއިރު ޖެހިގެން ހުރި ޝިޔާންގޭ ދޮރުމަތީގައި ޝިޔާން ސައިކަލެއްގެ މަތީގައި އިނެވެ. އޭނާ ފެނުމާއެކު އަރުފާން ގޮސް ޝިޔާން ގާތަށް ހުއްޓި އޭނާ ގޮވައިގެން މަންމަގެ ގެޔަށް ގޮސްދިނުމަށް އެދުނެވެ.

[އަރާ...މިހާރު ދެން މަހަށްދާން ރަށުގައި މަޑުކޮށްލީތަ؟] ސައިކަލް ދުއްވާލަމުން ޝިޔާން ވާހަކަ ދެއްކިއެވެ.

[އާނ....މަހަށް ދިޔައީމަ މާގިނަ ލާރި ލިބެޔޭ. އަހަންނަށް މާރަނގަޅު....އަހަރެން މިހާރަކު ނުވިސްނަން ރިޒޯޓަށްދާކަށް. މާރަނގަޅެއް ނޫންތަ....މިއަދުވެސް އަހަރެމެން ބޭނިން 22 ޓަނު. ދެހަފްތާއެއްހާ ދުވަހު އެއްވަރަކަށް މަސް ބޭނިއްޖެއްޔާ ދެން ވަރިހަމަނުން ދެމަސް ވަންދެން މަސައްކަތެއް ނުކޮށް އަރާ އޮތަސް. އަހަރެން ވައްޓާލާފައި ޝިޔާންދޭ. އަހަރެން ދާނީ ކުޑައިރުކޮޅެއް ވަންދެން މިގޭގައި ހުރެލާފައި.] ގެޔަށް ފައިބަމުން އަރުފާން މިހެން ބުނީމާ ޝިޔާން އަރުފާން ފޭބީމާ ދުއްވާލައިފިއެވެ.

ސައިކަލް ދުއްވަމުންދާއިރުވެސް އޭނާއަށް މަގުގެ ވަށައިގެން ހޯދެނީ އޭނާގެ ހުވަފެނުގެ ރާނީއާ ބައްދަލުވޭތޯއެވެ. އޭނާ އުންމީދު ކުރެއެވެ. އޭނާ އެބައިވެރިޔާ ހޯދާނެއެވެ. ނޭނގުމެއްގެ ތެރޭގައި އޭނާޔަށް ހިތްހަމަޖެހުންތަކެއް ދީފައި ފިލައިގެން އުޅުނަކަ އޭނާ ނުދޭނެއެވެ. އޭނާ އެބައިވެރިޔާ ހޯދާނެއެވެ.

އޭނާ އުންމީދު ކުރެއެވެ. ދުވާލުގެ ވަގުތު އެބައިވެރިޔާ ފެނިއްޖެނަމަ އޭނާޔަށް ފާހަގަކުރެވޭނެއެވެ. އޭނާ ދިމަދިމާއަށް ކަޅިއުކަމުން އެދަނީ އެހެންވެގެންނެވެ.

ޖެހިގެން އައި ރޭ ނުނިދަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް އޮށޯތުމާއެކު އޭނާއަށް ނިދިއްޖެއެވެ. އޭނާ ނިދާފައި އޮތް ކޮޓަރީގެ ދޮރު ހުޅުވުނީ އޭނާއަށް ނިދުނުތަނާހެނެވެ. ދޮރުން އެތެރެއަށް ފާޅުވީ ބިޔަ ކަޅު ހިޔަންޏެކެވެ. އެހިޔަނި މަޑުމަޑުން ގޮސް ކައިރި އެވަނީ ނިދިފައި އޮތް ޝިޔާނާއެވެ. ދެން ފެނުނީ ކުރީ ރެއެކޭވެސް އެއްފަދައިން އަމިއްލަ އިޚްތިޔާރަކާނުލާ ޝިޔާން އެނދުން ތެދުވި ތަނެވެ. ކުރީ ރެއެކޭ އެއްފަދައިން މިރޭވެސް އޭނާ ހިނގަމުން އެދަނީ ތާރާގެ ގެޔާ ދިމާއަށެވެ. ކުރީރޭ އަރުފާން ފެނުނަސް މިރެޔަކު އަރުފާނެއް ނުފެނެއެވެ. މިރޭ ޝިޔާންގެ ކުރީގައި ހުރެ ދާތަން ފެންނަނީ ބިޔަ ހިޔަންޏެކެވެ. އެހިޔަނި ގޮސް ވަނީ ތާރާގެ ނިދާ ކޮޓަރިއަށެވެ. އޭރު ތާރާ ނިދާ ހެދުމުގައި އަރާމު ނިންޖެއްގައި އޮތެވެ. ޝިޔާން އެ ފަނޑު އަނދިރީގެ ތެރޭގައި ތާރާ އޮތް އެނދުގެ މަގަތުގައި އޮށޯވެއްޖެއެވެ. އޭރު އެހިޔަނިވެސް އެނދާ ދިމާއަށް އައިސް ގެއްލުނުތަން ފެނުނެވެ. ޝިޔާނަކީ އަދި ވަރަށް ޅަ ޒުވާނެކެވެ. ފާއިތުވެދިޔަ ތާނގައި އޭނާއަކީ ތަޢުލީމީ ޙަޔާތާމެދު ނޫނީ ވިސްނި ޒުވާނެއް ނޫނެވެ. ޢުމުރުން ނަރާވަ އަހަރު ފާއިތުވެގެން ދިޔައިރުވެސް އޭނާ އެއްވެސްވަރަކަށް ލޯބީގެ ޙަޔާތާމެދު ވިސްނާފައެއް ނުވެއެވެ. އެހެން ނަމަވެސް، މިހާރު އޭނާގެ މުޅި ދިރިއުޅުން މިވަނީ ބަދަލުވެފައެވެ. ހަމަގައިމުވެސް އަމިއްލަ އިޚްތިޔާރެއްނެތި އޭނާއަށް މިހާރުވެސް އެކުރެވެނީކީ ރަނގަޅު ކަމެއް ނޫނެވެ. ޤަބޫލުކުރެވޭ ގޮތުގައި އޭނާ އަމިއްލަ އިޚްތިޔާރަކު އެފަދަ ކަމެއް ނުކުރާނެއެވެ.

އެހެން ނަމަވެސް ނޭނގުމެއްގެ ތެރޭގައި ކުރެވޭ ކަމެއްގެ ސަބަބުން މިއަދު ޝިޔާނަށް މިވަނީ ވަރަށް ބޮޑަށް ވިސްނަން މަޖުބޫރުވެފައެވެ. އޭނާގެ ބައިވެރިޔާއަކީ ކާކުތޯ ދެނެގަތުމަކީ ކޮންމެހެންވެސް މިއަދު އޭނާ ކުރަން ބޭނުންވެފައިވާ ކަމެކެވެ.

އެރޭވެސް ތާރާ ފާޚާނާއަށް ވަންތަނާ ޝިޔާން ކޮޓަރިން ނިކުތެވެ. ޝިޔާން ކޮޓަރިން ނިކުތް ވަގުތަކީ ތާރާގެ މަންމަ ޞަފޫރާ ޝަފީޤަށް ދޭން ފެންތަށްޓެއް ބަލައި ކާގެޔަށް ދިޔުމަށްޓަކައި ނިކުތް ވަގުތެވެ. ނަމަވެސް އޭނާ ޝިޔާނާ ވަރަށް ކައިރިންލާފައި ދިޔައިރުވެސް އޭނާއަކަށް ޝިޔާނެއް ނުފެނުނެވެ.

ކުރީ ރެޔާ ޚިލާފަށް ޝިޔާނަށް މިރޭ ހަމަހޭވެރިކަން އައީ ތާރާމެންގެ ގެއިން ނިކުމެވުނުތަނާހެންނެވެ. ޝިޔާން ވަގުތުން ވަށައިގެން ހޯދަން ފެށިއެވެ. އޭނާގެ ބައިވެރިޔަކީ އެގޭ އަންހެން ކުއްޖެއްކަން މިހާރު އޭނާއަށް ޔަޤީން ވެއްޖެއެވެ.

ވުމާއެކު ކޮންމެހެންވެސް އެމީހަކު ދެކެލަން މިހާރު އޭނާގެ ހިތް ވަރަށް ބޮޑަށް އެދެވެން ފަށައިފިއެވެ. އެގޭގައި އަންހެނަކަށް އުޅޭނީ ތާރާއާއި ތާރާގެ މަންމަކަން ޝިޔާނަށް މާރަނގަޅަށްވެސް އެނގެއެވެ. ތާރާއަކީވެސް ޢުމުރުގެގޮތުން އޭނާއަށްވުރެން ތިންއަހަރު ދޮށީ މީހެކެވެ. މިފަހަރު ޗުއްޓީއަށް އައިފަހުން ޝިޔާން އަދި ތާރާއެއް ނުދެކެއެވެ.

[އެއީ ހަމަ ތާރާބާ؟ އަނެއްކާ އަހަންނަށް މިހާރު މިކުރެވެނީ ކޮންކަމެއްބާ؟ މިކަން ތާރާއަށް އެނގޭނެބާ؟] ޝިޔާން މިޚިޔާލުގައި ހުރެމެ ގޮސް އޭނާގެ ގެޔަށް ވަނެވެ. ޙަޤީޤަތުގައި އޭނާޔަށް މިހާރު އެވަނީ ވަރަށް ބޮޑަށް ޝޮކެއް ލިބިފައެވެ. އަރުފާން މަހަށް ގޮސް އުޅޭ ގަޑިއެއްގައި ކޮންމެ ގޮތެއް ހަދާފައިވެސް ތާރާއާ ބައްދަލުކުރަން އޭނާ މިހާރު ނިންމައިފިއެވެ.

ހެނދުނު ސައިބޮއިގެން ޝިޔާން މަގަށް ނިކުތެވެ. އޭނާ ބޭނުންވަނީ ތާރާ ބޭރަށް ނިކުމޭތޯ ބަލާށެވެ. ބޭރަށް ނިކުމެއްޖަނަމަ އޭނާ ބޭނުންވަނީ ތާރާއާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރާށެވެ.

އޭނާ އެގޮތަށް ދޮރާށިދޮށުގައި އިންތިޒާރުގައި ހުންނަތާ ގާތްގަނޑަކަށް ދެގަޑިއެއްހާއިރުވީފަހުން ތާރާ ބޭރަށް ނިކުމެއްޖެއެވެ. ތާރާ ފެނުމާއެކު ޝިޔާނަށް ތަފާތު އިޙްސާސްތަކެއް ކުރެވެން ފެށިއެވެ. ތާރާއަށްވެސްވީ އެގޮތެވެ. އޭނާއަށް ޝިޔާން ފެންނަނީ އޭނާޔާ ވަރަށް ގާތް ގުޅުމެއްވާ މީހެއްގެ ގޮތުގައެވެ.

[ޝިޔާން ކޮންއިރަކު އައީ. މިހާރު ތަޢުލީމީ މަރްޙަލާ އެއްކޮށް ނިމުނީތަ؟] ތާރާ އިސްވެ ޝިޔާނާ ވާހަކަ ދެއްކިއެވެ.

[ނޫނޭ އަދި ކުރިޔަށް ކިޔެވުން އޮތީ. ކޯހެއް ލިބޭތޯ އިންތިޒާރު ކޮށްގެން މިހުންނަނީ. އަހަރެން ރަށަށް އައިތާ މިހާރު ހަފްތާއެއްހާ ދުވަސްވެއްޖެ.] ޝިޔާން ހުރި ފިޔަވަޅުމަތީގައި ހުރެ ވާހަކަ ދެއްކިއެވެ.

[ވަރަށް ފޫހިދޯ ރަށް. މަގުމަތިން މީހަކުވެސް ފެންނަނީކީ ނޫން. އަހަރެންވެސް މާލޭގައި އުޅެފައި އައި ދުވަސްކޮޅު ވަރަށް ފޫހިވި. އެކަމަކު ފަހުން އާދަވެލީމާ އޯކޭވެއްޖެ.] ތާރާ ވާހަކަ ދައްކަނީ ވަރަށް ގާތް ގޮތަކަށެވެ. ނަމަވެސް ޝިޔާނަށް ތަފާތު އިޙްސާސްތަކެއް ކުރެވޭތީ އޭނާ ވާހަކަ ދައްކަނީ ހިސާބަކަށް ޖެހިލުންވެފައި ހުރެމެއެވެ.

[ފޫއްސެއް ނޫން. އެކޮޅުގައި މާގިނަ ދުވަސް ކޮށްލާފައި އައިމާ ރަށުން ނުދަންނަ މޫނުތައް ފެންނަލެއް ގިނައީ. އެހެންވެ އަމިއްލައަށް ބީރައްޓެހިވެވެނީ. އަޞްލު ޙަޤީޤަތުގައި ފާއިތުވެދިޔަ ހަތް އަހަރު ދުވަސްތެރޭ ހާދަ ބޮޑެތި ބަދަލުތަކެއް އެބަ ފެނެޔޭ. އޭރުގެ ވަރަށްގިނަ ރައްޓެހިންވެސް ގެއްލިއްޖެ މިހާރު.] ޝިޔާން ވާހަކަ ދައްކަނީ ތާރާގެ މޫނަށް ބަލަހައްޓައިގެން ހުރެމެއެވެ. އެހެންނަމަވެސް ތާރާ އެއީ މާބޮޑު ކަމަކަށް ނަހަދައެވެ. ލަފާކުރެވޭގޮތުން އޭނާޔަށް އެއްވެސް ކަމެއް މޭރުންނުވަނީއެވެ.

[ރަށުގައި އުޅޭތާ މާގިނަ ދުވަސްތަކެއްނުވެ އެއްކަލަ ނުދަންނަ މޫނުތައް ރައްޓެހި މޫނުތަކަށް ބަދަލުވެދާނެ. ޝިޔާން ޤަޞްދުކުރަނީ މުސްތަޤްބަލުގައި ރަށުގައި ދިރިއުޅެންތަ؟] ތާރާ އެއްސެވެ.

ތާރާއަކީ އަބަދުވެސް އެކުވެރި ރަޙްމަތްތެރި މިޒާޖެއް ގެންގުޅޭ އަންހެނެކެވެ. އޭނާގެ މަދުރަސީ ދައުރުގައިވެސް އޭނާއާ އެއްކްލާސް ނޫނަސް ފެނިދެނިވާ ކުދިންނާވެސް އޭނާ ވަރަށް އެކުވެރިކަމާއެކު ވާހަކަ ދައްކައެވެ.

[އަހަރެން މިރަށަށް އައިފަހުން އަދި ކިރިޔާ ތާރާވެސް މިފެނުނީ. ތާރާގެ ދިރިއުޅުން ރަނގަޅުތަ....މިހާރު ކައިވެނި ކުރިތާ ވަރަށްގިނަ ދުވަސް ވެއްޖެތަ؟] ޝިޔާން ތާރާގެ މަޢުލޫމާތުތައް އިތުރަށް ލިބިގަންނަން މަސައްކަތް ކުރަމުން ދިޔައެވެ.

[އަހަރެންގެ ދިރިއުޅުން ވަރަށް އުފާވެރި. މިހާރު ކައިވެނި ކުރިތާ ދެއަހަރު ވެއްޖެ. އެކަމަކު އަދި ކުއްޖަކު ނެތް.] ތާރާ ޖަވާބު ދިނެވެ.

[އަރުފާންވީ މަހަށް ގޮސްދޯ؟ އަހަރެން މިއައީނު.] ޝިޔާންގެ ވާހަކައިގެ ތެރެއިން އަރުފާންގެ އަޑުއިވުމުން ޝިޔާނާއި ތާރާވެސް ސިހުނެވެ. އޭރު ދެމަސް ހިފައިގެން އައިސް އަރުފާން އެގެޔާ އަރާހަމަވަނީއެވެ.

[ހާދަ އޮލަ މަޢުޟޫއެއްގައޭދޯ؟ އަނެއްކާ ކޮން މަޝްވަރާއެއް ތިކުރަނީ....އަހަރެން ކަޓްވާލާފައި ޝިޔާން ސެޓްކުރަން ރާވަނީތަ؟] އަރުފާން ސަމާސާ ރާގަކަށް މިހެން ބުނެފައި ހީލަމުން އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ތާރާވެސް ވަނެވެ.

[އަރުފާން ދެން ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެ. ދެން އޭނާ ހިތަށްއަރާނީ ކީކޭ....އަރުފާން އެހެން ބުނީމާ އޭނާ ވަރަށް ލަދުވެސްގަތް. އޭނާޔަކީ އަހަންނަށްވުރެން ހަގު ކުއްޖެކޭ. ކިހާ ލަދެއްގަންނާނެ.] ހިތްހަމަނުޖެހިފައި ހުރެ ތާރާ ބުންޏެވެ.

[އެވަރުގެ ސަމާސާއެއް ކޮށްލީމާ ދެން އެއީ އެހާވަރު ކަމެއްތަ. ފަހަރެއްގައި ވެދާނެއެއްނު އޭނާޔަކީ ތާރާއާމެދު ވިސްނާ ކުއްޖަކަށްވެސް. ޢުމުރަކަށް މިޒަމާނަކު ނުބަލައެއްނު. ޢުމުރަށް ބަލާނަމަ، ތާރާ އަހަންނާ ނުގުޅޭނެއެއްނު.] މަސް ކަނޑަމުން އަރުފާން ބުންޏެވެ.

[އެއީ ކީއްވެ...އަހަންނަށްވުރެން އަރުފާން ދޮށިވާނީ ހަތަރު އަހަރު. އެއީ އެންމެ ރަނގަޅުވަރު...ފިރިހެން މީހާ އަންހެން މީހާޔަށްވުރެން ހަތަރު ފަސް އަހަރެއްހާ ދޮށިވާންވާނެ.] ތާރާ ބުންޏެވެ.

[އަހަރެން ތާރާއަށް ވުރެން ދޮށިވާނީކީ ހަތަރު އަހަރެއް ނޫން. އަހަރެންގެ ޢުމުރުން މިހާރު ސާޅީސް ހަތް އަހަރު ވެއްޖެ.] މިހެން ބުނެފައި އަރުފާން ހީގަތެވެ.

މިހާރު ޝިޔާނަށް އަބަދުވެސް ހުރެވެނީ އެވިސްނުމުގައެވެ. އެޚިޔާލުތަކުގައެވެ. ކުރެވެނީ އެއް ފިކުރުތަކެކެވެ. އޭނާއަށް ތާރާއާމެދު މާބޮޑަށްވެސް ވިސްނެނީއެވެ. އޭނާއަށް ނޭނގުމެއްގެ ތެރޭގައި ގާތް ގުޅުންތަކެއް އުފެދުނު އަންހެނަކީ ސީދާ ތާރާ ކަމުގައި އޭނާއަށް ޤަބޫލު ކުރެވެނީއެވެ.

މިހާރު އެންމެ ބޮޑަށް އޭނާ ވިސްނަނީ އެކަން ދެނެގަންނާނެ ގޮތަކާ މެދުގައެވެ. ދެން އޭނާއަށް ޖެހޭނީ އެކަން ދެނެގަތުމަށްޓަކައި ކޮންމެވެސް ބޮޑު މީހެއްގެ އެހީ ހޯދާށެވެ. އެހެން ނޫނީ އޭނާ އަމިއްލައަށް އަދި ކިތަންމެ ވިސްނިޔަސް އޭނާޔަކަށް ޙަޤީޤަތެއް ނުހޯދޭނެއެވެ. އޭނާއަށް މިހާރު ހުރިހާވެސް މައްސަލައަކީ އެވާހަކަ ޙިއްޞާކޮށްލާނެ ރައްޓެއްސަކު ރަށުގައި ނެތުމެވެ.

އެރަށުގައި ހުންނަ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާވެސް މިހާރު ހުރީ ހުވަދުއަތޮޅުގައި ހަދަމުންދާ ރިޒޯޓެއްގައި މަސައްކަތް ކުރާށެވެ. ފޯނުން ގުޅުނަސް ފޯނުން އެކަހަލަ ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ.

[ދަރިފުޅާ....ދަރިފުޅު ހާދަ ބޮޑު ފިކުރެއްގައި ހުންނަހެން ހީވެޔޭ. ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ލައިގަނެގެން އުޅޭހެން ހީވަނީ. ތިހެން ގެއިން ނުނިކުމެ ހުންނަންޏާ ފޫހިވެސްވާނެ. ހިސާބަކަށް ބޭރުތެރެއަށް ނިކުމެލާ އުޅެންވާނެ.] ޝިޔާންގެ މަންމަ ޝަކީބާ ޝިޔާންގެ އިޙްސާސްތައް ދެނެގެންހުރެ ވާހަކަ ދެއްކިއެވެ.

އަބަދުވެސް އޭނާޔަށް ދަރިންގެ އިޙްސާސްތައް އެނގޭކަހަލައެވެ. ޝިޔާނަކީ ޝަކީބާއާއި ޙުސްނީގެ އެންމެ ހަގު ދަރިފުޅެވެ. އެމީހުންގެ ދޮށީ ދެބެންކުރެން އެންމެ ދޮށްޓަށް ހުންނަ ޝިނާ އުޅެނީ މާލެއިން މީހަކާ އިނދެގެން މާލޭގައެވެ. ދެންހުރީ އޭނަޔާ ޖެހުނު ޝިޔާންގެ ބޭބެއެވެ. އޭނާހުރީ ސަރުކާރުން ލިބުނު މަތީ ތަޢުލީމުގެ ފުރްޞަތެއްގައި މެލޭޝިޔާގައެވެ.

ޝިޔާންގެ ބޭބެ ޝާހިލް ހަދަނީ މެޑިސިންއެވެ. ވުމާއެކު ޝިޔާންވެސް ބޮޑަށް ބޭނުންވަނީ އެފަދަ ފުރްޞަތެއް ލިބިއްޖެނަމަ، މެނޭޖްމަންޓް ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރާށެވެ.

[މަންމާ...ދޮންބެ ނުގުޅާތަ...މިހާރު ދޮންބެއަށް ނުގުޅޭތާ ވަރަށް ދުވަސް ވެއްޖެ. އެންމެފަހުން އަހަރެން ދޮންބެއާ ގުޅީ މިކޮޅަށް އަންނަން އުޅެނިކޮށް. އެދުވަހު ދޮންބެ ބުނި...އެއްމަސް ދުވަހުގެ ޗުއްޓީއެއް ލިބޭ ވާހަކަ.] ޝިޔާން ބުންޏެވެ.

[މަންމައަށް ގުޅި ދަރިފުޅު އައި ދުވަހުގެ ކުރީ ދުވަހު. ޗުއްޓީ ލިބުނީމަ އަންނަ ވާހަކަ ބުނި. ދޮންތަ ބުންޏޯ ޓިކެޓް ހަމަޖައްސައިދޭނަމޯ.] ޝަކީބާ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

[މަންމާ ދޮންތައަށް އެގޮތަށް އަހަރެމެންނަށް އެހީވެވެނީ ދޮންތަބޭގެ ހެޔޮކަމުން. ދޮންތަބޭ ރަނގަޅު ދޮންތަޔަށް ވުރެންވެސް. މަންމައަށް އެނގޭތަ، ދޮންތަބޭ އަހަރެން ގާތު ބުންޏޭ، ދޮންތަބޭ ޚަރަދުކުރާނަމޭ ދޮންބެ ކައިރިއަށް މެލޭޝިޔާއަށް ދާށޭ. އެކަމަކު އަހަރެން ބޭނުމެއް ނޫން، ދޮންތަބޭ ލައްވާ އެހާބޮޑު ޚަރަދެއް ކުރުވާކަށް. ދޮންތަބެއަށްވެސް އެހާ ބައިވަރެއް ލިބެނީކީ ނޫން. ގެ ކުއްޔަށްދީގެން ލިބޭ އެއްޗަކާއި، ފިހާރައިން ލިބޭ އެއްޗެއްގެ އިތުރުން އެ ލިބޭ މުސާރައެއް. މިހާރު ދޮންތަވެސް އުޅެނީ ވަޒީފާ ދޫކޮށްލަން.] ޝިޔާން އޭނާގެ ދައްތަގެ ފިރިމީހާ ޒިޔާމަށް ތަޢުރީފް ކުރިއެވެ.

[އެމަންޖެ ވަޒީފާ ދޫކޮށްލަނީ ކީއްވެގެންތަ؟] ޝަކީބާ އެހިއެވެ.

[މަންމާ މިހާރު ދެން ކުދިން ލިބުނީމާ ވަޒީފާގައި އުޅެން އުނދަގޫވާނެއެއްނު. އަޞްލު މިހާރު ދެކުދިންވީމާ ރަނގަޅުވާނީ ދޮންތަ ހުރެގެން. މާލާއާއި މާލްކޮވެސް ނުލާހިކު ހަލަނި.] ޝިޔާން މިހެން ބުނި ވަގުތަކީ ޝިޔާންގެ ބައްޕަ ޙުސްނީ އައިސް ގެޔަށް ވަން ވަގުތެވެ.

[އަޞްލު މަންމަ އުޅުނިން ދަރިފުޅުގެ ދޮންތައަށް އެހީވާން ދާން. އެކަމަކު ދަރިފުޅުގެ ބައްޕަ އެކަމަކަށް އެއްބަހެއްނުވި. ބައްޕަޔަކީ މާބޮޑަށް ވަޒަންދެކެ ލޯބިވާ މީހެކޯ. އަޞްލު ސަރުކާރުގެ އެހާ މަތީ މަޤާމެއްގައި ހުރެ އެމަންޖެ މަޤާމު ދޫކޮށްލުމަކީ މަންމަ އެދޭ ކަމެއް ނޫން. މިހާރުވެސް ދަރިފުޅުގެ ބައްޕަ އެއްބަސްވެއްޖެއްޔާ މަންމަ މިހުރީ މާލެދާން ތައްޔާރަށް.] ޝަކީބާ ކުށްވެރިކުރީ ޙުސްނީއެވެ.

[އަހަރެންގެ ބޮލަށްދޯ ތި ބިންދާލީ. އަހަރެންވެސް އަހަރެންގެ ދަރިއަކަށް ދެރަގޮތެއްވާކަށް ނޭދެން. އަހަރެން ބޭނުން އެކުދިންނަށް މޮޅު ގޮތްތައްވާތަން ދެކެން. އަހަންނަށް އެންމެ ރަނގަޅު ޝަކީބާ މާލެ ދިޔަޔަސް.] ޙުސްނީ އެންމެފަހުން އެއްބަސްވިއެވެ.

[ޙުސްނީވެސް ދެން ކީއްކުރަންތަ ރަށުގައި ހުންނަނީ. މިގެ ކޮންމެވެސް ބަޔަކަށް ކުއްޔަށް ދީފައި މާލެ ދާންވީކަންނޭނގެ. ޝާހިލްވެސް ޗުއްޓީއަށް އެބަ އާދޭ.] ޝަކީބާ ބޭނުންވަނީ ޙުސްނީވެސް ގޮވައިގެން މާލެދާށެވެ.

ނަމަވެސް މިދަނޑިވަޅު އަދި މާލެ ދިޔުމަކީ އަދި ޝިޔާން އެހާ ބޭނުންކަމެއް ނޫނެވެ. އޭނާގެ ބައިވެރިޔާ ހޯދުމަށްޓަކައި ރަށުގައި ދުވަސްކޮޅަކު މަޑުކޮށްލަން އޭނާ ކިތަންމެހާވެސް ބޭނުމެވެ.

[މަންމާ އަހަރެން އަދި ބޭނުން މަހެއްހާ ދުވަސް ވަންދެން ރަށުގައި މަޑުކޮށްލަން. އަހަރެން ދޮންތަ ގާތު ބުނާނަން އެއްމަސްފަހުން އަހަރެމެން ދާނެ ވާހަކަ.] ޝިޔާން ބުންޏެވެ. އެގޮތަށް ޝަކީބާވެސް އެއްބަސްވިއެވެ.

އޭގެފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ޝިޔާނަކަށް ކުރިން ދެރެއަކު ކުރެވުނު އިޙްސާސްތަކެއް އަލެއްނުވިއެވެ. ނޫނީ ތަކުރާރެއް ނުވިއެވެ.

އެކަމަކު އޭނާ މިހާރު ޔަޤީންކުރެއެވެ. އޭނާގެ ބައިވެރިޔަކީ ތާރާއެވެ. އެއީ ދެވަނަ މީހެއް ނޫނެވެ.

[އަހަރެން ބޭނުން ތާރާއާ ބައްދަލުކޮށް އެވާހަކަ ދައްކަން.] ޝިޔާނަށް ހިތާހިތާ ކިޔާލެވުނެވެ. ނަމަވެސް އެއީ ރައްކާތެރި ގޮތެއް ނޫނެވެ. ޝިޔާން އެހެން އުޅެފިނަމަ، ކިތަންމެ ނުރައްކަލަކާވެސް ކުރިމަތިވެދާނެއެވެ. އެކަމުން ޝިޔާންގެ ފުރާނައަށްވެސް ނުރައްކާ ވެދާނެއެވެ.

އެންމެ ބުއްދިވެރި ގޮތަކީ ޝިޔާން ބޮޑު މީހަކާ މަޝްވަރާ ކުރުމެވެ. ބޮޑު މީހެއްގެ ޚިޔާލު ހޯދާލުމެވެ. ހަމަގައިމުވެސް ޝިޔާނަށް އެކުރެވޭ އިޙްސާސްތަކަކީ ހުވަފެނެއްގައި ކުރެވޭ އިޙްސާސްތަކެއް ނޫންނަމަ އެކަމުގެ ޙަޤީޤަތް ހޯދުމަކީ ކޮންމެހެން މުހިންމު ކަމަކަށްވާނެއެވެ.

ޝިޔާން އެވިސްނުމުގައި ދުވަސްތައް ހޭދަކުރަމުންދާއިރު، ތާރާ އެއިން އެއްވެސް ކަމަކާ މެދަކު ނުވިސްނައެވެ. ފާއިތުވަމުންދަނީ އޭނާގެ ޙަޔާތަށް ފޮނި އުންމީދީ ދުވަސްތަކެކެވެ. ކުރިން ކުއްޖަކު ހޯދުމަށް ތާއީދު ނުކުރި އޭނާގެ ފިރިމީހާ އަރުފާން މިހާރު ބުނަމުންދަނީ ތާރާ ބަލިވެއިންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެހެން ބުނާތާ މަހެއްހާ ދުވަސް ފާއިތުވިއިރުވެސް ތާރާއަށް މާބަނޑުވުމުގެ އެއްވެސް ޢަލާމާތެއް ނުފެނެއެވެ. މާބަނޑުވުމުން ޖުމްލަކޮށް ކޮންމެ އަންހެނެއްގެ ކިބައިން ފެންނަ ނުވަތަ ތިމާ މާބަނޑުވެއްޖެކަން އިޙްސާސް ކުރުވާ އެއްވެސް ކަމެއް ތާރާއަކަށް ދިމާނުވިއެވެ. ކުރީ މަހެކޭ އެއްފަދައިން މިމަހުގައިވެސް އެކަން ތަކުރާރު ވެއްޖެއެވެ. އެދުވަހު ތާރާ ވަރަށް ބޮޑަށް މާޔޫސްވިއެވެ.

[އަރުފާން...އަޅެ މިކަން ވާން އެބައުޅޭތަ؟ މިހާރު ދެން މި މަސްވެސް މިދިޔައީ. އަހަރެން މުޅިން މާޔޫސްވެއްޖެ މިހާރު.] ތާރާގެ ލޮލުން ކަރުނަހިލުނެވެ.

[ކެތްތެރިވޭ ތާރާ...އަދި ތާރާ މާޔޫސްވާކަށްނުވޭ...އަދި ރަނގަޅުވާނެ.] އަރުފާން ތާރާގެ ލޯ ފޮހެދިނެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން