ކޮވިޑުން ރައްކާތެރިވުމަށް އިންޑިއާގެ ބަހާރަތު ބައޯޓެކުން އުފައްދާފައިވާ ކޯވެކްސިން، ކުޑަކުދިންނަށް ދިނުމަށް ހުއްދަދީފިއެވެ.

މިކަމާބެހޭގޮތުން އިންޑިއާގެ ބަހާރަތު ބައޯޓެކުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، މިވެކްސިން ކުޑަކުދިންނަށް ދިނުމަށް ހުއްދަލިބިފައިވަނީ އުމުރުން 2 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިން ބޭނުންކޮށް ހަދާފައިވާ ވެކްސިނުގެ ތަހުލީލުތަކުގެ ނަތީޖާ ހުށައެޅުމުންނެވެ.

މިގޮތުން އިންޑިއާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލުން މިތަހުލީލުތަކުގެ ނަތީޖާ ދިރާސާކުރުމަށްފަހު، އިންޑިއާގައި ކޮވިޑް-19 އާއި ބެހޭ ހާއްސަ ކޮމިޓީއަކުން މިހާރު ވަނީ ކުއްލިހާލަތުގައި ކުޑަކުދިންނަށް މިވެކްސިން ދިނުމަށް ހުއްދަދީފައެވެ. މިއާއެކު އުމުރުން 2 އަހަރުން މަތީގެ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ބަހާރަތު ބައޯޓެކުން އުފައްދާ ކޯވެކްސިން ދެވޭނެއެވެ.

ދެ ޑޯޒް ފުރިހަމަ ކުރަންޖެހޭ މިވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ދޭތާ 20 ދުވަހަށްފަހުގަ އެވެ.

މިދިޔަ އޯގަސްޓުމަހުވެސް އިންޑިއާއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އިންޑިއާއިން އުފެއްދި ވެކްސިނެއް ކުޑަކުދިންނަށް ދިނުމަށް ހުއްދަދީފައެވެ. އިންޑިއާގެ ކާޑިލާ ފާމަސޫޓިކަލް ކުންފުނިން އުފައްދާފައިވާ، ޒީކޯވްޑީ ނަމަކަށް ކިޔާ މިވެކްސިނަކީ ޑީއެންއޭ ބޭނުންކޮށްގެން އުފައްދާފައިވާ ފުރަތަމަ ކޮވިޑް ވެކްސިނެވެ.

ނަމަވެސް އަދި މިހާތަނަށް ދުނިޔޭގެ ސިއްހަތުޖަމިއްޔާއިން ކޯވެކްސިން އަދި ޒީކޯވްޑީ ބޭނުންކުރުމަށް ހުއްދަ ދީފައެއް ނުވެއެވެ. އަދި އުމުރުން 12 އަހަރުން މަތީގެ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ދިނުމަށް ދުނިޔޭގެ ސިއްހަތުޖަމިއްޔާއިން ހުއްދަ ދީފައިވަނީ ހަމައެކަނި ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިނަށް އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން