މިދިޔަ އޮކްޓޯބަރ މަހު އެއް ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 55.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ އޮކްޓޯބަރު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 39.2 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް މީރާއިން ބުނެއެވެ.

މީރާއިން ބުނީ ފާއިތުވެ ދިޔަ އަހަރުގެ އޮކްޓޯބަރުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ, ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހާ އަޅައިބަލާއިރު، މި އަހަރުގެ އޮކްޓޯބަރ މަހުގައި ދިވެހިރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 12 ގުނަ އިތުރުވެފައިވާ ކަމަށްވެސް މީރާއިން ބުނެއެވެ.

މީގެއިތުރުން ފާއިތުވެ ދިޔަ އަހަރަކީ ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު ދަށްވެފައިވާ އަހަރެއް ކަމަށްވާތީ ފާއިތުވެ ދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރު އާމްދަނީއަށް ކުރިއެރުން ލިބުނު މައިގަނޑު ސަބަބަކީ އެއީކަން މީރާއިން ފާހަގަކުރެއެވެ. މި އަހަރު އާމްދަނީ އިތުރުވުމުގެ އަނެއް ސަބަބަކީ، ކުރީގެ މުއްދަތުތަކަށް ލިބެންޖެހޭ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުމުން ކަމަށް ވެސް މީރާއިން ބުނެއެވެ.

އެހެންކަމުން މި އަހަރުގެ އޮކްޓޯބަރ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ. އެވެ. އެއީ މީރާއަށް އޮކްޓޫބަރުގައި ބަލައިގަތް އާމްދަނީގެ 58.4 އިންސައްތަ ނުވަތަ 584.86 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްހުންނެވެ. އެއީ 11.8 އިންސައްތަ ނުވަތަ 117.96 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ (6.5 އިންސައްތަ)، ގްރީން ޓެކްސްގެ ގޮތުގައި 57.16 މިލިއަން ރުފިޔާ (5.7 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 50.2 މިލިއަން ރުފިޔާ (5.0 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 125.98 މިލިއަން ރުފިޔާ (12.6 އިންސައްތަ) ހުސްވި އޮކްޓޫބަރުމަހު އާމްދަނީ ގޮތުގައި ލިބިފައިވެއެވެ.

މީގެ އިތުރުން މި އަހަރުގެ އޮކްޓޯބަރު މަހު ބަލައިގެނެވުނު އާމްދަނީގެ ތެރޭގައި 38.20 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން