އައްޑޫސިޓީގެ ގެއެއްގެތެރޭ ފެންބޮޑުވެފައި - ފޮޓޯ: ރަސްއޮންލައިން
އައްޑޫސިޓީގެ ގެއެއްގެތެރޭ ފެންބޮޑުވެފައި - ފޮޓޯ: ރަސްއޮންލައިން
އައްޑޫ ސިޓީގައި މިމަހުގެ 15 ދުވަހު ވެހެން ފެށި ވާރޭއާއި އެއްކޮށް މުޅިސިޓީގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެފައިވަނީ 16 ވަނަދުވަހުގެ ފަތިސްވާން އުޅެނިކޮންނެވެ. މިކަމާއި ގުޅިގެން މިމަހުގެ 18 ވަނަދުވަހު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ވަނީ ކުއްލިމައްސަލެއް މަޖިލީހަށް ވައްދާފައެވެ. މިފަދަ މައްސަލަތައް ސިޔާސީ ބޭފުޅުންނޫން ބަޔަކަށް މަޖިލީހަކަށް ނުވެއްދޭނެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދަށް ކުރަމުންމިދާ ވިއްސާރައިގައި އައްޑޫ ސިޓީ ބައެއް ގެތަކަށް ފެންވަދެ ހިފައި ގެންގުޅޭ އަގުބޮޑު މުދާތަކާއި ފަރުނީޗަރުތައް ހަކާކުވެގެންދިޔަ މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ އައްޑޫ ސިޓީގައި ރަނގަޅު ޑިޒާސްޓަރ ޕްލޭނެއް ނެތްކަމަށެވެ. އަދި އެފަދަ ޕްލޭނެއް އޮތްނަމަ މިމަހުގެ 16 ވަނަ ދުވަހު އެސިޓީގެ ފޭދޫއަށް ދިމާވި ޙާލަތު ދިމާނުވާނެ ކަމަށެވެ.

އައްޑޫ ސިޓީގައި އެފަދަ ޕްލޭނެއް ނެތްކަމަށް މެމްބަރު ވިދާޅުވުން ދޭހަވާ އެއްޗަކީ ކައުންސިލުގެ ދޯދިޔާކަމެވެ. ލާމަރުކަޒީގެ ދަށުން މިފަދަ ކަންކަން ތަރުތީބު ކުރުމަށް ރައްޔިތުން ހޮވާފައި ތިބި ކައުންސިލަރުންގެ ނާގާބިލު ކަމެވެ. ނަމަވެސް މެމްބަރަށް މިކަން ފާހަގަ މިވީ މިހާދިސާ މެދުވެރި ވުމުންނެވެ. އެހެންކަމުން މެމްބަރުގެ ދާއިރާގެ ކަންކަން ރޭވިފައި އޮތީ ރައްޔިތުންނަށް ރައްކާތެރިކަން ލިބޭނެ އަދި އެކަށީގެންވާ ގޮތަކަށްތޯ މެމްބަރުވެސް ބައްލަވާ ލައްވާފައި ނެތްތާއެވެ. ލާމަރުކަޒީ ހަރުދަނާ ނިޒާމެއްގެ ދަށުން ގާތުން ޚިދުމަތް ދިނުމުގެ ވަޢުދާއެކު ހޮވިވަޑައި ގަންނަވާ ބޭފުޅަކު މިހެން ވިދާޅުވުމުން ރައްޔިތުންނަށް އެންމެ މުހިއްމީ ކޮންކަމެއްތޯ މެމްބަރަށްވެސް ނޭނގުނުތާއެވެ.

މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަރަށް ރަނގަޅު ކަންކަން ފާހަގަ ކުރައްވާފައި އެބައޮތެވެ. އެއީ ގެއްލުންވި ފަރާތްތަކަށް ލަސްނުކޮށް މާލީ ގޮތުން އެހީތެރިކަން ފޯރިކޮށް ދިނުމަށް މެމްބަރު ގޮވައިލައްވާފަައި އޮތް އޮތުމެވެ. މިގޮތަށް ގޮވާލެއްވުމަށްފަހު މެމްބަރު މިފަހަރު ދޫކޮށްނުލައްވާށެވެ. މިކަން ސަރުކާރުން ކުރައްވާތޯ ބައްލަވާ އަދި މިއެހީ ވީހާވެސް އަވަހަށް ރައްޔިތުމީހާއާއި ހަމަޔަށް ލިބޭނެ ހުރިހާ މަސައްކަތެއް ކުރައްވާށެވެ. މެމްބަރުގެ ސިޔާސީ ކެކުޅުމަކީ ތަރައްގީ އާއި ރައްޔިތުންގެ އިޙްސާސް ކަމުގައި ހައްދަވާށެވެ. ޑިމޮކްރަސީ އަކީ އެއީއެވެ. އަމިއްލަ އަތޮޅާއި ރަށުގެ ކުރިއެރުން އިސްކުރައްވާ ހަގީގީ ސިޔާސީ ވުމަކަށް ދަތުރު ފައްޓަވާށެވެ.

މިދެންނެވި ކުއްލި މައްސަލާގައި މެމްބަރު ފާހަނގަ ކުރައްވާފައި އޮތް އެންމެ މުހިއްމު ކަމަކީ އައްޑުއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ވާހަކައާއި މިހާތަނަށް އެކަން ހައްލުނުލިބި އަހަރުތަކަށް ދިގުލައި، ލަސްވުމަށް ދިމާވެފައިވާ މައްސަލައިގެ ވާހަކައެވެ. އެގޮތުން ފެންހިންދުމުގެ ނިޒާމަށް ބޭނުންވާ ޕަންޕުތައް ވީހާވެސް އަވަހަށް ބެހެއްޓުމަށް މެމްބަރު ވަނީ ގޮވާލާފައެވެ. އައްޑޫގެ ފެންހިނދުމުގެ ނިޒާމުގެ މަސައްކަތުގައި އުޅޭފަރާތްތަކުން ހާމަކުރާ ގޮތުގައި ޕަންޕްތައް ނުބެހެއްޓިގެން އުޅެނީ އެޕަންޕްތައް ގުޅުމަށް ބޭނުންވާ ޕެނަލް ބޯޑާއި އަދި ކޭބަލްތައް އައްޑޫއާއި ހަމަށް ނައިސްގެންނެވެ.

އެހެންކަމުން މީގެއިންވެސް އެނގޭ ކަމަކީ މިމަސައްކަތް އަވަސްކުރުމަށް ކައުންސިލުން އެކަށީގެންވާ ރޯލެއް އަދާކޮށްފައި ނުވާކަމެވެ. ޕަންޕްތައް ބެހެއްޓުމުގައި ދިމާވެފައިވާ ހަގީގީ މައްސަލަ މިހާރު އޮންނާނީ މެމްބަރަށް އެނގިލައްވާފައެވެ. އެހެންކަމުން މިހާރުން މިހާރަށް މިކަމުގައި އެކަށީގެންވާ އަވަސް ޙައްލެއް ހޯއްދަވާ ދެއްވުމަށް މަސައްކަތް ފައްޓަވާށެވެ. މިކަމުގައި ދާންޖެހޭ ހުރިހާ ވުޒާރާއަކަށް ވަޑައިގެން ރައްޔިތުންގެ ޙައްގުގައި ސިޔާސީވާން ފަސްޖެހި ވަޑައިނުގަންނަވާށެވެ. ކައުންސިލަށްވެސް ގުޅުއްވާ ދުވަހުން ދުވަހަށް މަސައްކަތް ދާގޮތް ބައްލަވާށެވެ. ރައްޔިތުން، މެމްބަރުގެ ފަރާތުން އެދެނީ ފަސޭހަ ދިރިއުޅުމެއް ރަށުގައި އުޅެވޭނެ މަގު ކޮށްޓަވާލަ ދެއްވުމަށެވެ.

މެމްބަރު އިތުރަށް މިމައްސަލާގައި ވިދާޅުވީ ފެންހިނދުމުގެ ގުތުރަތީ ނިޒާމު ނައްތާލާފައިވާ ވާހަކައެވެ. އައްޑޫގައި ފެންބޮޑުވަނީކީ މިފަހަކުން ނޫނެވެ. މީގެ އެތަކެއް އަހަރެއް ކުރިން ފެންބޮޑުވުމުގެ މައްސަލަ ދިމާވެއެވެ. އަދި އުދައަރައި މުޅި ރަށުތެރެއަށް ލޮނުވެސް އަރައެވެ. މިހާރު އުދައެރުން ހުއްޓިފައިވަނީ ބިންހިއްކުމުގެ ސަބަބުންނެވެ. ނަމަވެސް ވާރޭވެހި ފެންބޮޑުވާ މައްސަލައެއް އަދިވެސް ޙައްލެއް ނުލިބެއެވެ.

ގުތުރަތީ ނިޒާމު ނެތިގެން ގޮސްފައިވަނީ އައްޑޫ ލިންކްރޯޑާއި ބިންހިއްކުމާއި އަދި މަގުތަކަށް ވެލިއަޅުމުގެ ސަބަބުން ކަމަށް މެމްބަރު ވިދާޅުވިއެވެ. ލިންކްރޯޑު އައްޑޫގައި އެޅުމުގެ ކުރިންވެސް ފެންބޮޑުވެއެވެ. ނަމަވެސް މަގުތަކަށް ވެލިއެޅުމުގެ ސަބަބުން ގޯތިތައް ހުންނަނީ ތިރިވެފައެވެ. މިއީ މިއަދަކު ކޮށްފައިވާ ކަމެއް ނޫނެވެ. އައްޑޫ ރައްޔިތުންނަކީ އަބަދުވެސް ރަމާޟް މަހުގެ ރޯދައަށް ވަރަށް ތައްޔާރުވާ ބައެކެވެ. އެގޮތުން މަގުތަކަށް ވެލިއަޅާ މަގު ނަލަކޮށް ބޭއްވުމަކީ އެމީހުންގެ އާދައެކެވެ. އޭގެ ސަބަބުން ގިނަ ގޯތިތައް ހުންނަނީ މަގަށްވުރެން ތިރިވެފައެވެ.

މިހަގީގަތް މެމްބަރުންނަށްވެސް އެނގިލައްވާނެ އެވެ. އެހެންކަމުން ވިއްސާރައިގެ ފެންބޮޑުވުމުން ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުންގެ މުދާ ހިމާޔަތް ކުރުމަށް އައްޑޫގެ މަގުތަށް އެކަށީގެންވާ ފެންވަރަކަށް ހެދެން އެބަޖެހޭ ނޫންތޯއެވެ؟ ވީމާ، މިއީ އައްޑޫއަށް ނިސްބަތްވާ ހުރިހާ އިއްޒަތްތެރި މެމްބަރުން ރައްޔިތުންގެ ޙައްގުގައި ސިޔާސީ ވާންވީ ވަގުތެވެ. މަގުތައް ހެދެން އޮތީ މުއައްސަސާ ތަކުގެ ދޮރުގައި ދުވާލަކު އެއްފަހަރު ޓަކިޖަހައިގެން ނަމަވެސް އެކަން ކުރައްވަން ކެރިވަޑައިގެން ނިކުމެ ވަޑައިގަންނަވާށެވެ. ރައްޔިތުން ތިބޭނީ ތިއިއްޒަތްތެރި މެމްބަރުންނާ އެކުއެވެ. ކެރިވަޑައިގެން ސިޔާސީ ވެލައްވާށެވެ. އެއީ ހަގީގީ ޑިމޮކްރަސީއެވެ.

އައްޑޫގެ ކުރިމަގަށް އެކަށީގެންވާ ޕްލޭނަކާއި އަދި ޑިޒާސްޓަރ ޕްލޭނެއް ހެދިފައި ނެތްނަމަ އެކަން ކުރުމަށް ކައުންސިލަށް ގޮވާލައްވަން ކެރިވަޑައި ގަންނަވާށެވެ. އަދި އެކަން ނުކުރެއްވޭނަމަ ކައުންސިލަރުން ޖަވާދާރީ ކުރައްވާށެވެ. ރައްޔިތުންނަށް ފަސޭހައަކަށް ގާއިމުކުރެވިފައި ހުންނަ އެއްވެސް ނިޒާމަކަށް އެއްވެސް ބައެއްގެ ފަރާތުން ގެއްލުން ނުލިބޭނެ ގޮތަކަށް ކަންކަން ރާއްވަވާށެވެ. މިފަދަ ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރައްވާ މިކަމަށް ޙައްލެއް ހޯއްދަވާށެވެ. ކައުންސިލާއި ގުޅިގެން އާއްމު ރައްޔިތުންގެ މެދުގައި ހޭލުންތެރި ކުރުމުގެ ޕޮރްގްރާމުތައް ހިންގަވާށެވެ. އެފަދަ ގާބިލު ބޭފުޅުން އައްޑޫ ސިޓީގައި އެބަތިއްބެވެ. ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙެއް އާލާކުރައްވާށެވެ.

ސިޔާސީ ވާންވީ ވަކި ފިކުރެއް ޕްރޮމޯޓް ކުރައްވާކަށް ނޫނެވެ. ރައްޔިތުންނަށް ތަރައްގީއާއި މަންފާ ހޯއްދަަވާދިނުމަށެވެ. ސިޔާސީ ހަރަކާތްތަކުން މަދަދު ލިބިގެން ނޫންގޮތަކަށް ތަރައްގީވެފައިވާ އެއްވެސް ގައުމެއް މިއުޑުހިޔާ ދަށުގައި ނެތްކަމަށް ގަބޫލު ކުރައްވާށެވެ. ރައްޔިތުންގެ ކުރިމަގަށް ސިޔާސީވެ ވަޑައިގަންނަވަން ކެރިވަޑައި ގަންނަވާށެވެ. ސިޔާސީ ޕަޕެޓުން ކަމުގައި ހަރަކާތްތެރިވެ ވަޑައިނުގަންނަވާށެވެ. އައްޑޫ ރައްޔިތުންނަކީ އެހެންމީހުންގެ ސިޔާސީ ކުރިމަކަށް ހަރަކާތްތެރިވާ ޓޫލްއަކަށް ހައްދަވަން މަސައްކަތް ނުކުރައްވާށެވެ. އެވަނިކަމެއް ނުވަނީ މިވެނިކަމެއް ވެގެންނޭ ނުވަތަ ނުވެގެންނޭ ނޫންނަމަ އެވަނިމިވަނި މީހެއްގެ ސަބަބުންނޭ ވިދާޅުވުން ހުއްޓަވާލައްވާށެވެ. މިފަދަ ވާހަކަތަކީ ކަންކަން ކުރުމުގެ ޤާބިލުކަމެެއް ނެތް މީހުން ދައްކާޒާތުގެ ވާހަކަތަކެވެ.


ކިޔުންތެރިންގެ ހިޔާލު


20

މުހައްމަދު ގާސިމު

20-May-2020

"ފާހަނގަ" އޭ ކިޔާ އެއްޗެއް ނޯވެއެވެ. ރަނގަޅު ގޮތަކީ "ފާހަގަ" އެވެ. ހުސްނޫނެއް ނޯންނާނެއެވެ. މިނޫންވެސް ގިނަ , ބަހުގެ ކުށްތައް އެބަހުއްޓެވެ. ނަސޭހަތުގެ ގޮތުން ނޫސްވެރިކަން ކުރުމަށް ޝައުގުވެރިވާފަދައިން ބަހުގެ ހަމަތައްވެސް ދަސްކުރުމަށްވެސް ޝައުގުވެރިކަން ބެހެއްޓުން އެދޭވާހަކަ ބުނަމެވެ.


16

މުހައްމަދު ގާސިމު

20-May-2020

"ފާހަނގަ" އޭ ކިޔާ އެއްޗެއް ނޯވެއެވެ. ރަނގަޅު ގޮތަކީ "ފާހަގަ" އެވެ. ހުސްނޫނެއް ނޯންނާނެއެވެ. މިނޫންވެސް ގިނަ , ބަހުގެ ކުށްތައް އެބަހުއްޓެވެ. ނަސޭހަތުގެ ގޮތުން ނޫސްވެރިކަން ކުރުމަށް ޝައުގުވެރިވާފަދައިން ބަހުގެ ހަމަތައްވެސް ދަސްކުރުމަށްވެސް ޝައުގުވެރިކަން ބެހެއްޓުން އެދޭވާހަކަ ބުނަމެވެ.



ޓްރެންޑިން