20 މާރިޗު 2020 - 16:8
8ވަނަ އެޕިސޯޑް

========

ނާސްތާކޮށް ނިމި، ފިރާޒަށް ގުޅައިގެން ގެނެސް، ފިރާޒާއެކު އިޔާދު ދިޔައީ ރެކިބޭބެގެ ގެޔަށެވެ. ރެކިބޭބެ ބުނީ، މުޅިން މަލަކާގެ ކިބައިން ސަލާމަތްވުމަށް ވަރަށްގިނަ މަސައްކަތް ކުރަން ބޭނުންވާނެ ކަމަށާއި، އެމަސައްކަތަށް ދުވަސްވެސް ބޭނުންވާނެ ކަމަށެވެ.

[އޭތި އިޔާދާ ގައިގޯޅިވެފައި ހުރީމަ...ދުރުކުރަން ވަރަށް މަސައްކަތް ކުރަން ޖެހޭނެ. ވަރަށްގިނަ ދުވަހު މަސައްކަތް ކޮށްގެން، އޭތީގެ ކިބައިން މުޅިން ސަލާމަތްވެވޭނީ. ހަފްތާއެއްހާ ދުވަސް ވަންދެން ކިޔެވެލިވެސް ކިޔަވަންވާނެ.] ރެކިބޭބެ ބުންޏެވެ. އެއަށްފަހު، އެރޭ އޭތި އުނދަގޫކުރި ގޮތުގެ ތަފްޞީލް އިޔާދު ރެކިބޭބެއަށް ކިޔައިދިނެވެ.

[ކޮންމެ ރެޔަކުވެސް އޭތީގެ އުނދަގޫ އެހެން ފޯރާނެ. އެކަމަކު އެއީ ބިރުގަންނަވަރުގެ މައްސަލައެއް ނޫން. ޔަޤީނުންވެސް ސަތޭކަ ފޫޓަށްވުރެން ކައިރިއެއް ނުވެވޭނެ.] ރެކިބޭބެ ޔަޤީންކަން ދިނެވެ.

[މިހާރު ތި އެއްޗަކު ނައްތާލުމަށްވުރެން މޮޅު ގޮތެއް ނެތް ރެކިބޭބޭ...] ފިރާޒް ބުންޏެވެ.

އެދުވަހު އިޔާދުމެން އެގެއިން ދިޔައީ، ޖެހިގެން އަންނަ ދުވަހުން ފެށިގެން ކިޔެވެލި ކުރިޔަށް ގެންދަން ނިންމުމަށްފަހުގައެވެ.

[އަހަރެން އެބަޖެހޭ، ލީނާމެންގެޔަށް ދާންވެސް. މިހާރު ލީނާގެ މައިންބަފައިންނަށް ސިއްރުން ލައްކަ ދުވަސް ވަންދެން ގުޅުން ކުރިއަށް ގެންދެވިއްޖެއެއްނު. އަހަރެމެން ޤަޞްދުކުރަން، މިރޭ ލީނާގެ މަންމަމެންނަށް އަންގާލަން.] ފިރާޒް ގެޔަށް ދާން ހިނގައިގަންނަމުން ބުނެލިއެވެ.

[ތިޔައީ ރަނގަޅު ކަމެއް. މިހާރުވެސް މާ ދުވަސްވެއްޖެ. އެމީހުނަށް ސިއްރު ކޮށްގެން އުޅޭކަށް ނުވާނެ. އަޞްލު ފުރަތަމަ ގުޅާލަންޖެހޭނީ ސީދާ އެމީހުނާއޭ.] އިޔާދު ބުންޏެވެ.

ލީނާ ފާޚާނާއަށްވަދެ، މާގަނޑު ދޫކޮށްލުމަށްފަހު، ފެންވަރަން ފެށިއެވެ. މިއަދަކީ އޭނާގެ ޙަޔާތަށް އަންނަ ތާރީޚީ ދުވަހަކަށްވާނެ ކަމުގެ އުންމީދުގައިވާތީ، އޭނާ އެހުންނަނީ ނުހަނު އުފާވެ ހިތްހަމަޖެހިފައެވެ. މީގެކުރިން ދުވަހަކުވެސް މި ގަޑިއަކީ އޭނާ ފެންވަރާ ނަލަހެދުނު ގަޑިއެއް ނޫނެވެ. ނަމަވެސް، މިއަދު އޭނާ އެ ތައްޔާރުވަނީ، މީގެކުރިން ދުވަހަކުވެސް ތައްޔާރުނުވާ ވަރަށެވެ.

ފެންވަރައި ނިމިގެން ލީވެސް ކުރިން ނުލާ ހެދުމެކެވެ.

[ދަރިފުޅާ ލީނާ....] އޭނާ ނަލަހެދި ނިމުނުތަނާ، ކޮޓަރި ދޮރުމަތިން އިވުނީ މަންމަ ސަކީނާގެ އަޑެވެ.

[މި ނުކުންނަނީއޭ މަންމާ...] ލީނާ ދޮރު ހުޅުވާލިއެވެ. މަންމަ ސަކީނާ ހިނިއައިސްފައި ހުއްޓެވެ. ސިޓިންގރޫމްގައި ހުރި ގޮނޑިއެއްގައި އިން ބައްޕަވެސް އިނީ އެދިމާއަށް ބަލަހައްޓައިގެނެވެ. ލީނާ ހީކުރީ ފިރާޒް އައިސް ހުރީ ކަމަށެވެ. އެހެންކަމުން، ލީނާ ކުޑަކޮށް ލަދުގަންނަގޮތްވިއެވެ.

[އަވަހަށް އާދޭ....] ސަކީނާ ލީނާގެ އަތުގައި ހިފައިގެން ބޮޑުކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ބޮޑުކޮޓަރިއާ އަރާހަމަވުމާއެކު ލީނާ ހުއްޓުނެވެ. ވަގުތުން އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ބައްޕައާ ވާހަކަ ދައްކަން ހުރި ޝަހީމާ ދިމާއަށް ރުޅިވެރިކަމާއެކު ލޯއަޅާލަމުން އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. ނަމަވެސް، އެކަން ބައްޕަ އަނީސްއާއި މަންމަ ސަކީނާއަކަށް ނަގައެއްނުގަނެވުނެވެ.

[ދަރިފުޅާ...އައިސްބަލަ ބައްޕަ ގާތަށް. އައިސް މިތާ އިށީނދެބަލަ.] އަނީސް އެދުނެވެ. ލީނާ އިސްޖަހައިގެން ހުރެ ބައްޕައާ ޖެހި ފިތިގެން ކަހަލަ ގޮތަކަށް އިށީނެވެ.

[ދަރިފުޅާ...މީ ޝަހީމް...ބޭރުން ކިޔަވައިގެން އައިސް ސަރުކާރުގެ ނިކަން ރަނގަޅު ވަޒީފާއެއްގައި އުޅެނީ.] އަނީސް، ދަރިފުޅަށް ޝަހީމް ތަޢާރަފްކޮށްދިނެވެ. އެއީ ލީނާ ނުދަންނަ މީހެއް ކަމަށް ހީކޮށްފައެވެ. ނަމަވެސް، ބައްޕަގެ އެވާހަކައަކަށް ލީނާގެ މާބޮޑު ޝައުޤުވެރިކަމެއް ނެތެވެ.

[ލީނާ އަހަރެން ދަނެޔޭދޯ؟] ފަޚުރުވެރި ހިނިތުންވުމަކާއެކު ޝަހީމް ބުންޏެވެ. ލީނާ އިސްއުފުލައި ޝަހީމާ ދިމާއަށް ލޯއަޅާލިއެވެ. ނަމަވެސް، މަންމައާއި ބައްޕަގެ ޤަދަރު ކުޑަވެދާނެތީ، ޗުއްޕުވެސް ބުނާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންވެ އެއްޗެކޭ ބުނެވިދާނެތީ އޭނާ ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

[ދަރިފުޅާ...ހާދަ އަވަހަކަށް ތިދަނީ. އަދި މަޑުކޮށްބަލަ. ބައްޕަމެނެއް ނޫނޭ، މިތާ ތިބެންވީކީ....ދަރިފުޅޭ މިތާ މަޑުކުރަންވީ. އިހަށް ދަރިފުޅުދޭބަލަ ޝަހީމަށް ސައިހަދަން.] އަނީސް ލީނާ ހުއްޓުވިއެވެ. ލީނާ ހިތާދެކޮޅަށް ނަމަވެސް، ބަދިގެޔާ ދިމާއަށް ހިނގައިގަތެވެ. ޝަހީމް ހިނިއައިސްފައި ލީނާއާ ދިމާއަށް ބަލަން އިނެވެ.

ލީނާ ބަދިގެޔަށް ވަދެ ބައްޕައާއި މަންމަގެ ވިސްނުންހުރި ގޮތާ ދޭތެރޭ ވިސްނާލިއެވެ. ނަމަވެސް، މަންމަމެން އޭނަ ގާތު ނާހާ އެއްވެސް ކަމެއް ނިންމަފާނެ ކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ.

އޭނާ ސައިހަދަން ހުއްޓާ މަންމަ ބަދިގެޔަށް ވަނެވެ. ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެގެންނެވެ.

[ދަރިފުޅާ...މަންމަ ސައި ތައްޔާރުކުރާނަން. ދަރިފުޅުދޭ ބައްޕަމެންގެ ގާތަށް...] ސަކީނާ ބުންޏެވެ. މަންމަމެންގެ ވިސްނުން ހުރިގޮތް ލީނާގެ ސިކުނޑިއަށް ނަގައިގަނެވުނީ އެއަށްފަހުގައެވެ.

[މަންމާ...ކީއްކުރަންތަ، އެމީހާގަނޑު ކުރިމައްޗަށް އަހަރެން ފޮނުވަން ތިއުޅެނީ؟] މަންމަމެންގެ ރޭވުމާ ދޭތެރޭ ވިސްނާލެވުމުން، ލީނާ ކުސްތަޅައިގަތެވެ.

[ދަރިފުޅާ...ތިގޮތަށް އަޑުގަދަނުކުރޭ، އެއީ ނުލާހިކު ރަނގަޅު މީހެއްނު....ދަރިފުޅުގެ ބައްޕަ ނިންމައިފި، ޝަހީމާ ދަރިފުޅުގެ ކައިވެނި ވަރަށް އަވަހަށް ކުރަން.] ސަކީނާ ބުންޏެވެ.

[އަހަރެންގެ ކައިވެންޏޭ! އަހަންނެއް އެމީހާގަނޑަކާ ނީންނާނަން.] ލީނާ ވަގުތުން ދެކޮޅުހެދިއެވެ. ބޮޑުކޮޓަރީގައި އިން އަނީސަށްވެސް ލީނާގެ އަޑު އިވުނެވެ. އަނީސް ވަގުތުން ތެދުވެއްޖެއެވެ. އަނީސް ތެދުވެގެން ބަދިގެޔާ ދިމާއަށް ހިނގައިގަތުމުން، ހިތްހަމަޖެހުމާއެކު ޝަހީމް ބޯޖަހާލިއެވެ.

ފިރާޒް އައިސް އެގޭ ދޮރުމައްޗަށް ހުއްޓުނީ އަނީސް ބަދިގެފަރާތަށް ދިޔަތަނާހެނެވެ.

[ލީނާ އެބައުޅޭތަ؟] ފިރާޒް ވާހަކަ ދެއްކީ ބޮޑު ކޮޓަރީގައި ހުރި ޝަހީމާއެވެ.

[ގެއަކު ނޫޅޭ...ވަރަށް ގިނައިރުވެއްޖެ ބޭރަށްދިޔަތާ.] ފިރާޒަކީ ކާކުކަން އެނގޭތީ، ޝަހީމް ހެދީ ދޮގެވެ. އެހެންވެ ފިރާޒް އިތުރަކަށް މަޑެއްނުކުރެއެވެ. އޭނާ ދިޔައީ ގީތާމެން ގެޔަށެވެ. ލީނާ ގޭގައި ނޫޅެންޏާ އެގެ ނޫނީ ދާނެ ތަނެއް ނުހުންނާނެ ކަމަށް ފެންނާތީއެވެ.

[ދަރިފުޅު މާ އަޑުގަދަވެގެން ތިއުޅެނީޔޯ؟ އައިސްބަލަ ބައްޕައާއެކު ބޭރަށް...] އަނީސް ލީނާ އަތުލަފިކޮށްގެން ބޮޑުކޮޓަރިއަށް ދިޔައެވެ. ބައްޕަގެ ކުރިމަތީގައި ގަދަ ދައްކާކަށް އޭނާއަކަށް ނުކެރުނެވެ. ލީނާ މީގެކުރިން ދުވަހަކުވެސް ބައްޕައާ ދެކޮޅަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ބައްޕަގެ ނިންމުމަކީ، އޭނާގެވެސް ނިންމުން ކަމުގައި ކުރިން އޭނާ ދެކުނެވެ. ނަމަވެސް، މިހާރު މިވަނީ އެދުވަސް ބަދަލުވެފައެވެ. ކޮންމެ ގޮތެއްވިޔަސް، ބައްޕައާއި މަންމަ އެދޭގޮތަށް ޝަހީމްގެ ކައިވެންޏަކަށް އޭނާއަކަށް ނުރުހެވޭނެއެވެ. ކުރިން މަންމަމެން ބުނި ކޮންމެ ގޮތަކަށް ބޯލެނބިޔަސް، މިއަދު އޭނާއަކަށް އެކަން ކުރެވޭކަށް ނެތެވެ. އެއަށްވުރެން ބޮޑަށް އޭނާއަށް ފިރާޒްދެކެ ލޯބިވެވިއްޖެއެވެ. އޭނާ ޒަވާޖީ ޙަޔާތް ޙިއްޞާ ކުރަން ބޭނުންވަނީ ފިރާޒާ އެކުގައެވެ.

ފިރާޒްގެ ލޯބީގައި އޭނާ ބަނދެވި، ފިރާޒްގެ ހިތާއި އޭނާގެ ހިތް ފައްތަރުވުމުގެ ކުރިން އޭނާ ޤަޞްދުކުރިއެވެ. ޙަޔާތުގެ ބައިވެރިޔަކަށް މައިންބަފައިން ދައްކާ މީހަކު ޚިޔާރުކުރާށެވެ. އެއީ ކޮންމެފަދަ މީހަކަށްވިޔަސް ވެހެވެ.

[އަހަންނަކަށް ބައްޕަމެންގެ ނިންމުމަކަށް އެއްބަހެއް ނުވެވޭނެ....އަހަންނަކަށް ފިރާޒާ ވަކިންނެއް ނޫޅެވޭނެ.] ލީނާ ރޮއިރޮއިފައި ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ގީތާއާއެވެ.

[ހިތްވަރުކުރޭ ލީން...އަހަރެން ތަޖްރިބާ ކުރިފަދަ ހިތްދަތި ދުވަސްތަކެއް ލީން ތަޖްރިބާކުރާތަން ދެކޭކަށް އަހަރެން ބޭނުމެއް ނޫން...އަހަރެން ސަކިއްތައަށް ވިސްނައިދޭނަން.] ގީތާ ލީނާއަށް ހިތްވަރުދިނެވެ.

[މަންމަ ގާތު ގީތު ބުނޭ، އަހަރެން ފިރާޒްދެކެ ވަރަށް ލޯބިވެޔޭ. އަހަންނަށް ފިރާޒާ ވަކިން ނޫޅެވޭނެޔޭ....] ލީނާ ރޮމުން ގީތާގެ ކޮނޑުގައި ބޯއަޅާލިއެވެ. އޭރު ގީތާގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ފިރާޒް އެގެޔަށް އައިސް ވަނީ އެވަގުތެވެ. ފިރާޒް ފެނުމާއެކު، ލީނާގެ ބަޑި ފަޅައިގެން ދިޔައެވެ. ފިރާޒަށް ފުރްޞަތު ދީފައި ގީތާ ކޮޓަރިން ނުކުތެވެ.

[ލީން....ކިހިނެއްތަވީ؟....މިއަދު ހެނދުނު ތިގެޔަށް ދިޔައިރު ކޮންތާކުތަ ލީން އުޅުނީ....] ފިރާޒް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

[ފިރާޒް....ފިރާޒް....] ލީނާއަށް ގިސްލެވެން ފެށުނެވެ. ފިރާޒް އައިގޮތަށް ލީނާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

[ބުނެބަލަ...ކިހިނެއްތަވީ....؟] ފިރާޒްވެސް ނިކަން ދެރަވެއްޖެއެވެ. އޭނާގެ ކުރިމަތީގައި ލޯބިވެރިޔާ އެފަދައިން ރުއިމަކީ، އޭނާއަށް ކުޅަދާނަވާވަރުގެ ކަމަކަށްނުވިއެވެ. އުދުރަކަށް (އިސާހިތު) އޭނާގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ.

[ފިރާޒް....އަހަރެންގެ ބައްޕަމެން އަހަރެންގެ ކައިވެނި....އެހެން މީހަކާ....] ލީނާ ކޮށިއެރިއެވެ. އެހާ ހިސާބުން ލީނާ ބުނަން އެއުޅެނީ ކީކޭކަން ފިރާޒަށް ވިސްނި، އޭނާވެސް އިންތިހާއަށް ދެރަވެއްޖެއެވެ.

[ލީން އެހެން މީހަކާ ދެވަން އުޅެނީއޭ!] ފިރާޒް އެވާހަކަ ޤަބޫލުކުރާހިތެއް ނުވިއެވެ.

[އާނ، ފިރާޒް....އަހަރެން އެމީހާގަނޑަކާ ނީންނާނަން.] ލީނާ ބާރަށް ރޮމުން ފިރާޒްގެ މޭގައި ބޯއަޅާލިއެވެ.

[ނުރޮއި ހުއްޓާލާ....އަހަރެން ސީދާ ލީންގެ ބައްޕައާ ވާހަކަ ދައްކާނަން. ހިތްވަރުކުރޭ، އަހަރެން ވާހަކަ ދެއްކީމާ، ލީންގެ ބައްޕައާއި މަންމަ އެއްބަސްވާނެ.] ފިރާޒް ލީނާއަށް ހިތްވަރުދިނެވެ. ނަމަވެސް، އޭނާގެ މައިންބަފައިންގެ ޙަޤީޤަތް އެނގޭތީ، ފިރާޒް ދިން ހިތްވަރުންވެސް އޭނާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ މައިންބަފައިންގެ ޙަޤީޤަތް އެންމެ ރަނގަޅަށް އެނގޭނީ، އޭނާއަށެވެ. އޭނާއަށް ޔަޤީންވެއެވެ. އޭނާގެ ބައްޕައެއް ގޮތެއް ދުލެއް ނުކުރާނެއެވެ. މަންމައަކީވެސް އެކަހަލަ މިޒާޖެއްގެ މީހެކެވެ. ދެމީހުންވެސް ގެންގުޅެނީ އަމިއްލަ ގޮތްތަކަކާއި އުޞޫލުތަކެކެވެ.

ކުރިއްސުރެވެސް އެމީހުން ރާވާފައިވަނީ ކިޔަވައިގެން ހުރި ފައިސާވެރިޔަކާ ލީނާ ދެވުމަށެވެ. އެއީ އެމީހުންގެ މުސްތަޤްބަލަކަށްޓަކައެއް ނޫނެވެ. ހަމައެކަނި ލީނާގެ މުސްތަޤްބަލަށްޓަކައެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި، މިއީ ފައިސާގެ ޒަމާނެވެ. މިޒަމާނުގައި ލޯތްބަކީވެސް ފައިސާއެވެ. ދިރިއުޅުމުގެ ބިންގަލަކީވެސް ފައިސާއެވެ.

[ފައިސާއަކީ ހުރިހާ އުފަލެއް ކަމުގައި ނުދެކިބަލަ މަންމާ....ފައިސާއަށްވުރެން އަހަންނަށް މުހިންމީ ލޯބި.] މަންމައާ ދެކޮޅަށް ވާހަކަ ދެއްކުމަށް ލީނާއަށް ހިތްވަރު ލިބުނީ، ނިކަން ގިނަ ގޮތްގޮތަށް ގީތާ ދިން ހިތްވަރުންނެވެ.

[ދަރިފުޅު ތިހެން ތިބުނަނީ، ޝަހީމްދެކެ ދަރިފުޅު ލޯބިނުވަނީތަ؟] ސަކީނާ އެއްސެވެ.

[އާނ، މަންމާ އެއީ އަހަރެން ވަރަށް ރުޅިއަންނަ މީހެއް...އެއީ ފޫހި މީހާގަނޑެއް...] ހިތަށް އައިހާ އެއްޗެއް ގޮވާލަން ބޭނުންވި ނަމަވެސް، ބައްޕަ އަނީސް އައިސް ވަނުމުން އޭނާ ހުއްޓުނެވެ.

[ދަރިފުޅާ ކީކޭ ކީކޭތަ ތިކިޔަނީ؟ ކޮބާ މިހާރު ކައިވެނީގެ ތައްޔާރީތައް ވާންވީޔޭ...މިހާރު ޝަހީމް ބޭނުމޯ، ކައިވެނި އަވަސްކުރަން.] އަނީސް ލީނާގެ ކޮނޑަށް އަތް ވައްޓާލިއެވެ.

[ބައްޕާ، އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއް ނޫން. ޝަހީމް ގާތު ބުނޭ، އެހެން މީހަކާ އިންނާށޭ.] ލީނާ ފުރަަތަމަފަހަރަށް ބައްޕަގެ ކުރިމަތީގައިވެސް ދެކޮޅުހެދިއެވެ. ވެރިވި ރުޅިވެރިކަމުގެ ސަބަބުން އަނީސްގެ މޫނުމަތި އަނދިރިވިއެވެ. ނަމަވެސް، އޭނާ ރުޅިވެރިކަން ޚިޔާރު ކުރުމުގެ ބަދަލުގައި މަޑުމައިތިރިކަން ޚިޔާރުކުރިއެވެ. އެއަށްފަހު، އޭނާ ބޭނުންވީ ދަރިފުޅަށް ވިސްނައިދޭށެވެ.

[ދަރިފުޅާ ތިހެން ނުބުނޭ، މިކަހަލަ ފުރްޞަތެއް ދަރިފުޅަކަށް ނުލިބޭނެ. މިކަހަލަ ފުރްޞަތު ލިބޭނީ ނަޞީބުވެރިންނަށް...އެސޮރުގެ އަތުގައި ނެތީ ކޯއްޗެއް؟] އަނީސް ބުންޏެވެ.

[ކިތަންމެ ބައިވަރު މުދާތަކެއް ހުއްޓަސް، އަހަންނަށް ހެޔޮ ބައްޕާ...އޭނަ ގާތު ބުނޭ، އޭނާގެ ފައިސާވެރިކަމުގެ ދަޅަ އެހެން މީހަކަށް ދައްކާށޭ.] މިހެން ބުނެފައި ބައްޕަގެ އަތުން ވީއްލިގަތުމަށްފަހު، ލީނާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ލީނާ އެ ކައިވެންޏާ ކިތަންމެ ނުޤަބޫލަސް އަނީސް އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. އެންމެފަހުން އޭނާ ގަދަ މަޖުބޫރަކާއެކު ބުނީ، އެ ކައިވެނި ކުރެވޭނެ ކަމަށެވެ. ގަދަބާރުން އެ ކައިވެނި ކުރުވިޔަސް، ފިރާޒާ ވަކިނުވެވޭވަރަށް ލީނާގެ ހިތުގައި ވަނީ ފިރާޒްގެ ނަން ބިންވަޅު ނެގިފައެވެ. ނަމަވެސް، ލޯތްބަކީ އޭނާގެ މައިންބަފައިން ޤަބޫލުކުރާ އެއްޗެއް ނޫނެވެ. އެމީހުން ބުނާގޮތުގައި، އެވެރިންގެ ކައިވެނި ވެވުނީވެސް ލޯތްބެއް ޙިއްޞާކޮށްގެނެއް ނޫނެވެ. އެހެން ނަމަވެސް، މިއަދާ ހަމައަށް، ދިމާވި އެއްވެސް މައްސަލައެއް ނެތެވެ. އެ ގުޅުން އަދި އަދަށް ދާންދެންވެސް އެދަނީ އޮމާންކަމާއެކު ކުރިއަށެވެ.

[ލީނާއަށް ދިމާވެގެން އުޅޭގޮތުން އަހަރެން ވަރަށް ދެރަވޭ. ސަކިއްތަމެން ކިތަންމެ ބުންޏަސް، ކިހިނެއްތަ އޭނައަށް ލޯބިނުވާ މީހަކާ އިނދެގެން އުޅެވޭނީ.] ގީތާ ވާހަކަ ދެއްކީ އިޔާދާއެވެ.

[ތި މައްސަލައިގައި އަހަރެންވެސް މިހުންނަނީ ނިކަން ދެރަވެ، ގޮތް ހުސްވެފައި. މިހާރަކަށް އައިސް ފިރާޒްވެސް އެހުންނަނީ މޮޅިވެފައި. އަހަރެންގެ ކަންތަކުގައިވެސް އެންމެބޮޑު އެހީތެރިކަމެއްދޭ މީހަކީ އެއީ.] އިޔާދުވެސް ހުރީ ރަޙްމަތްތެރިޔާގެ ލޯތްބަށް އެޅިފައިވާ ހުރަސްތަކާމެދު ވިސްނައި ދެރަވެފައެވެ.

[މިރޭ ފިރާޒް އަންނާނެދޯ ރެކިބޭބެގެ ގާތަށް ދާން. އައީމަ ފިރާޒް ގާތު ބުނެބަލަ، ލީންގެ ބައްޕަމެނާ ބައްދަލުކޮށްބަލާށޭ.] ގީތާ ބުންޏެވެ. ހަމަ އެވަގުތެވެ. މާޔޫސްވެ ގޮތްހުސްވެފައިވާ ފިރާޒް ގެއިން ނުކުތީ އިޔާދުމެންގެ ގެޔަށް ދިޔުމަށެވެ. މިރެއަކީ ފުރަތަމަފަހަރަށް ރެކިބޭބެ ކިޔެވެލި ފަށާ ރެއެވެ. އެހެންކަމުން، ތަންކޮޅެއް އަވަހަށް އެގެޔަށް ދާންޖެހޭތީ، އޭނާ ހިނގަމުންދިޔައީ ނިކަން ބާރަށެވެ.

ޙަޤީޤަތުގައި ފިރާޒްގެ މޫނުމަތިން ހިތްދަތިކަމުގެ ކުޑަވެސް އަސަރެއް ފާޅުވިޔަދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ފިރާޒަކީ ކެތްތެރިއެކެވެ. ކެތްތެރިވުމުގައި ސާބިތުވެ ހުރުމަކީ، އޭނާގެ މަޤްޞަދެކެވެ. އެހެން ނަމަވެސް، އޭނާގެ އުންމީދެއްވެއެވެ. ކޮންމެ ދުވަހަކުން ނަމަވެސް، ލީނާގެ ލޯބި ލީނާގެ މައިންބަފައިންގެ ރުހުމުގައި ލިބުމެވެ. ހިނގަމުންދިޔަ ފިރާޒް ސިއްސައިގެންދިޔައީ، ފަހަތުން އައިސް އޭނާއާ ދާދި ކައިރިއަށް ސައިކަލެއް މަޑުކޮށްލުމުންނެވެ. ފިރާޒް ސިހިފައި އެނބުރުނުއިރު، ސައިކަލް މަތީގައި އިނީ އޭނާ ރައްޓެހި މޫނެއް ނޫނެވެ. ނަމަވެސް، އެއްދުވަހަކު އޭނާ ލީނާމެންގެއިން އެ ޒުވާނާ ދުއްޓެވެ. އެއީ ޝަހީމެވެ.

[ތީދޯ ފިރާޒަކީ؟ ލީނާ ބުނީ ވަރަށް އަވަހަށް އެގެޔަށް އައިސްދީބަލާށޯ.] ޝަހީމް ސައިކަލްގެ ފަހަތު ޝީޓަށް އިޝާރާތް ކުރިއެވެ. ސައިކަލަށް އަރާނީތޯ ފިރާޒް ފުރަތަމަ ވިސްނާލިއެވެ.

[ވިސްނާނީ ފަހުން...އަވަހަށް ހިނގާ...މިހާރު ލީނާގެ މައިންބަފައިންވެސް ފިރާޒާ ރުހިއްޖެ. އަވަހަށްއަރާ، އެހެން ނޫނީ މާލަސްވެދާނެ.] މާ ހެޔޮއެދޭ މީހަކަށް ހެދިގެން، ޝަހީމް ވާހަކަ ދެއްކުމުން، ފިރާޒް މަގު އޮޅިއްޖެއެވެ. ވީހާވެސް އަވަހަކަށް ލޯބިވެރިޔާގެ ގާތަށް ދިޔުމަށް އޭނާގެ ޟަމީރު އެދުނެވެ. އެއާއެކު ލުއި ހިނިތުންވުމަކާއެކު، ފިރާޒް ސައިކަލަށް އަރައިފިއެވެ. ޝަހީމް ބާރު ދުވެއްޔެއްގައި ސައިކަލް ދުއްވާލީ، ވިހަ ހިނިތުންވުމަކާ އެކުގައެވެ. ފިރާޒް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.

[ރެކިބޭބެ ބުނި ގަޑިވެސް ޖެހިއްޖެ. ގައިމުވެސް ދެވޭނީ ފިރާޒްވެސް އައީމަތާ...] އިޔާދު ވާހަކަ ދެއްކީ ގީތާއާއެވެ.

ތެދެކެވެ. މިހާރު ރެކިބޭބެ ބުނި ގަޑިވެސް ފަހަނަޅާދިޔައީއެވެ. އަދިވެސް ފިރާޒްގެ ޚަބަރެއް ނުވޭމެއެވެ. މިހާރު ދެތިންފަހަރު އިޔާދު ފިރާޒުމެންގެ ގެޔަށްވެސް ގުޅައިފިއެވެ. ފިރާޒްގެ މަންމަ ބުނީ، އެގެޔަށޭ ކިޔާފައި ނުކުތްތާ ވަރަށްގިނައިރު ވެއްޖެ ކަމަށެވެ.

[ކޮންތާކަށްބާ އެދިޔައީ. އަނެއްކާ ލީނާމެންގެ ގެޔަކަށް ނޫންބާ އެދިޔައީ...ގީތު ގުޅާބަލަ.] އިޔާދު ބުންޏެވެ. ގީތާ ގުޅިއެވެ. ލީނާ ބުނީ، އެގެޔަށް ނާންނަ ކަމަށެވެ. ނަމަވެސް، ދެގަޑިއެއްހާއިރު ކުރިން ގުޅި ކަމަށާއި، އިޔާދާއެކު ރެކިބޭބެގެ ގާތަށް ދާން އުޅޭ ވާހަކަ ބުނި ކަމަށެވެ.

ފިރާޒް ހިތްހަމަޖެހޭ ގޮތަށް ޝަހީމް ވާހަކަ ދައްކަމުން، ރަށުގެ ދިގު މަގުތަކުންނާއި ގޯޅި ގޯޅިން ސައިކަލް ދުއްވަމުންދާއިރު، ހީވަނީ ފިރާޒް ނުދެކޭ ބަޔަކަށް ދައްކަން އުޅޭހެނެވެ. ބައެއް ހިސާބުތަކުން ފިރާޒްގެ ރައްޓެހިންނާވެސް ދިމާވިއެވެ. އެފަދައިން ޝަހީމްގެ އެތައް ރައްޓެހިންނަކާވެސް ދިމާވިއެވެ.

[މިހާރު މިގޮތަށް ވާހަކައިގައި ލައްކަ ގިނައިރު ސައިކަލް ދުއްވިއްޖެއެއްނު. ހިނގާ ދޯ ދެން މަންޒިލަށް ދަމާ....] ސައިކަލްގެ މިޞްރާބު ޝަހީމް ބަދަލުކޮށްލިއެވެ. ކޯއްޓޭއާ ދިމާއަށެވެ.

[މަންޒިލޭ ކިޔާފައި، ކޮންތާކަށް ތި ދަނީ؟] ފިރާޒް އެއްސެވެ.

[ލީނާ ބުނީ، އަހަރެން ގާތު އެގާރަޖަހާ ކަންހާއިރު، އޭނާވެސް ކާރެއްގައި ކޯއްޓޭކޮޅަށް ދާނަމޭ....އަޞްލު މިހުރިހާއިރު މި ދުއްވީވެސް އެހެންވެގެނޭ.] ޝަހީމް ވިހަގޮތަކަށް ހީގެންފިއެވެ. ކުރިއަށްވުރެން އޭނާ ސައިކަލްގެ ދުވެލިވެސް ބާރުކޮށްލިއެވެ. ނަމަވެސް، ޝަހީމްގެ މަޤްޞަދު ނޭނގޭތީ، ފިރާޒް ހިމޭނުން އިނެވެ. ހިތްހަމަޖެހިފައެވެ. ގައިމެވެ. ޝަހީމަކީ ކާކުކަން އެނގޭނަމަ، އޭނާ ޝަހީމަށް ނުހެއްލުނީހެވެ. ޝަހީމް ސައިކަލް މަޑުކުރީ، އަނދިރިކަން ވެރިވެފައިވާ ރުއްފަޅެއްގެ ތެރެއަށެވެ.

[ކަލެއަށް އެނގޭތަ، އަހަރެން ކަލޭ މިތަނަށް ގެނައި މަޤްޞަދު...] ސައިކަލުން ފައިބަމުން ޝަހީމް ބުންޏެވެ. ފިރާޒް ޙައިރާންވިއެވެ. ކުއްލިއަކަށް ޝަހީމްގެ ރާގު ބަދަލުވިއެވެ.

[ކަލެއަކަށް ނޭނގެދޯ...ލީނާގެ ވާންއުޅޭ ފިރިއަކީ ކާކު ކަމެއްވެސް...] ޝަހީމް ނިކަން ބާރަށް ހީގަންނަމުން ކުރިއަށް ހިނގައިގަތެވެ.

[އާނ، ކޮބައިތަ އެމީހަކީ؟] ޝަހީމް ހީގަތްގޮތުން، ފިރާޒް ކުޑަކޮށް ހާސްވިއެވެ. ނަމަވެސް، އޭނައަކަށް އެއްޗެއް ނުވިސްނުނެވެ. އަނެއްކާވެސް ޝަހީމް ހީގަތެވެ. ނިކަން ބާރަށެވެ.

[ކިހިނެއްވީ!؟] ޝަހީމްގެ ހުނުމުން، ފިރާޒަށް ސިހުން ލިބުނެވެ. އޭނާ ޝަހީމާ ހަތަރުކަޅިހަމަކޮށް ބަލައިލިއެވެ.

[ކަމެއްނުވޭ....ކަލޭގެ ގަމާރުކަމުން ކޮސްވީ.] ކުރިއަށްވުރެންވެސް ބާރަށް އޭނާ ހީގަތެވެ. މިހާރު އޭނާގެ އަޑާއި ރާގުވެސް ވަނީ ބަދަލުވެފައެވެ.

[ގަމާރުވެގެން އަހަރެން ކީއްތަކުރީ؟ ކޮބައިތަ މިތަނަށް އަންނާނޭ ބުނި ލީނާ.] އޭރުވެސް އަދި ފިރާޒަކަށް ވާން މިއުޅެނީ ކީއްކަމެއް ނުވިސްނެއެވެ.

[ލީނާއޭ...! ކަލޭގެ އަތްފޯރާފަށަކަށް ދެނެއް ލީނާ ނާންނާނެ. މިބުނީ އަހަރެން އެ ފުރްޞަތު ކަލެއަކަށް ނުދޭނަމޭ. އެނގޭތަ ކަލެއަށް، ލީނާގެ މުސްތަޤްބަލުގެ ބައިވެރިޔަކީ އަހަންނޭ.] ޝަހީމް ފިރާޒާ ދިމާއަށް ހިނގައިގެންފިއެވެ. ޝަހީމްގެ އެ ހަރުކަށި ޢިބާރާތުގެ ސަބަބުން ބިރުގަނެ، ފިރާޒް ފަހަތަށް ޖެހެން ފެށިއެވެ. އޭރު ޝަހީމް އައީ މަޑުމަޑުން ފިރާޒާ ދިމާއަށް ކުރިއަށް ޖެހެމުންނެވެ. ފިރާޒް ފަހަތަށް ޖެހެން ފެށީ، ޝަހީމްގެ ނިޔަތް ރަނގަޅު ނޫންކަން ކަށަވަރު ވުމުންނެވެ. ފަހަތަށް ޖެހެމުން ގޮސް، ވަކި ހިސާބަކަށް ގޮސް އޭނާ ދުއްވައިގަތީ، ޝަހީމަށް އޭނާ އަތުނުވާނެ ކަމަށް ހީކޮށްފައެވެ.

ފިރާޒްގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ، ޖެހިގެން އައި ދުވަހު ހެނދުނު ދަރު ހޯދަން ވަލަށް ވަދެ އުޅުނު ބަޔަކަށެވެ.

އެ ޚަބަރު ލިބުމުން، އެންމެބޮޑު ހިތްދަތި ކަމެއް ބަރުދާސްކުރި އެކަކަށް އިޔާދުވާނެއެވެ. ލީނާ ފިޔަވައެވެ. އެކަމުން އެންމެބޮޑު ހިތްހަމަޖެހުމެއް ލިބުނީ ޝަހީމަށެވެ. އޭނާހުރީ އިންތިހާއަށް އުފާވެފައެވެ.

ނަމަވެސް، އޭނާގެ އެ އުފާވެރިކަން ހިތާމައާއި ހިތްދަތިކަމަށް ބަދަލުވާން ނެގީ މަދު ވަގުތުކޮޅެކެވެ. އެރޭ ޝަހީމްގެ ސައިކަލް ފަހަތުގައި އޭނައާއެކު ނިކަން ދަންވަންދެން ފިރާޒް އުޅުނު ތަން، އެތައް ބަޔަކަށް ފެނި، އެ ބަޔަކު ކުރި ރިޕޯޓެއްގެ އެހީގައި، ޝަހީމް ސިފައިންގެ ބެލުމުގެ ދަށަށް ގެނެވުނީ، މަރާލާފައި އޮތް ފިރާޒްގެ ހަށިގަނޑު ފެނުނުތާ ދެގަޑިއިރުވެސް ނުވަނީހެވެ. އެވަގުތު ޝަހީމް ފިސާރި ރުޔެވެ. އެރޭ އޭނާ ފިރާޒް ނުދެކޭ ކަމަށް ބުނެ، އާދޭސް ކުރިއެވެ. ނަމަވެސް އޭނާގެ ވާހަކަ ޤަބޫލު ނުކުރެވޭވަރަށް ސާބިތު ހެކި ފެނިފައިވާތީ، އޭނާގެ ވާހަކަވީ މާ ސިންގާ ކަނޑަކަށް އަޅާލި ފެންތަށްޓަކަށްވީ ވަރެވެ.

ލަސްތަކެއްނުވެ ސިފައިންގެ ބެލުމުގެ ދަށުން ޝަހީމް މާލެ ގެނެވި، އޭނާ ކުރި ކުށަށް ކަނޑައެޅިފައިވާ އަދަބު ދައުލަތުން އޭނާއަށް ދިނެވެ. އޭނާ އޭނާގެ ކުށެއް ނެތްކަން ސާބިތު ކުރެވޭތޯ ފިސާރި މަސައްކަތް ކުރިވެސް މެއެވެ. ނަމަވެސް، އޭނާގެ އާދޭހުގެ އަޑު އަހާނެ މީހަކު ނުވިއެވެ.

[އަހަރެން ވަރަށް ބޮޑަށް އެކަނިވެރިވެެއްޖެ. ކުރިން އަހަރެން ހީވެސް ނުކުރަން، ޝަހީމަކީ އެހާ ނުލަފާ ރަޙުމްކުޑަ މީހެއް ކަމަކަށް.] އިޔާދު ވާހަކަ ދެއްކީ، ގީތާއާއެވެ. އެދެމަފިރިން ތިބީ ކޮޓަރިތެރޭގައެވެ.

[ލީނާ ދެރަވާނެވަރު ހިތަށްއެރީމަ ވަރަށް ދެރަވޭ.] ރަޙްމަތްތެރިޔާގެ ހިތާމައިގައި ގީތާވެސް އައީ ބައިވެރިވަމުންނެވެ.

ލީނާ ހިތްއެދޭ ގޮތަށް ޝަހީމާއި އޭނާގެ ކައިވެނި ހުއްޓުނުއިރު، އޭނާގެ ލޯބީގައިވެސް ނިމުމުގެ ސިއްކަ ޖެހުނީއެވެ. އެ ނުލަފާ މީހާ އެދިޔައީ، އޭނާގެ ލޯބި ކަފުންކޮށްފައެވެ. އެއްވެސް ރަޙުމެއްނެތިއެވެ. އެހެންކަމުން، އަދި އަދަށް ދާންދެންވެސް އޭނާގެ ލޮލުން ކަރުނައެއް ނުހިކެއެވެ.

[ހިތްވަރުކޮށް ނުރޮއި ހުއްޓާލާ ލީނާ....ލީނާއަށް މާތްރަސްކަލާނގެ ރަޙްމަތް ލައްވާނެ....] ގީތާ ލީނާއަށް ހިތްވަރުދެމުން ދިޔައިރު، އޭނާގެ ދެލޮލަށްވެސް ވަނީ ކަރުނައިގެ އަސަރު ވެރިވެފައެވެ.

ފިރާޒްގެ މަރަކީ މަލަކާއަށް ލިބުނު ބޮޑު ކާމިޔާބެއް ކަމުގައި އޭނާ ދެކެއެވެ. އެއީ ރޭވުންތެރި ނިންމުމެކެވެ. އޭގެ ސަބަބުން އޭނާއަށް ވަނީ ބޮޑު ކުރިއެރުންތަކެއް ލިބިފައެވެ. ނަމަވެސް، ފިރާޒް މަރުވިޔަސް، އަމިއްލަ ދިފާޢަށް ކުރަމުން އައި މަސައްކަތް ހުއްޓާލާކަށް އިޔާދު ޤަޞްދެއް ނުކުރެއެވެ. އެހެންކަމުން، ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި ލަފާ ހޯދުމުގައި، އޭނާގެ އޮފީސް ރައްޓެއްސެއް ކަމުގައިވާ ނަޒްމީއާ، ފިރާޒް މަރުވިތާ ހަފްތާއެއްވީ ދުވަހު ޙިއްޞާކުރަން ފެށިއެވެ.

މަލަކާގެ ވާހަކަވެސް އޭނާ ސިއްރެއްގެ ގޮތުގައި ނަޒްމީއަށް ކިޔައިދިނެވެ. ނަޒްމީއަކީ ފިރާޒާ ވަރަށް ޚިޔާލު އެއްގޮތް މީހެއްކަމުން، އޭނާވެސް ލަފާދިނީ، ވަރުގަދައަށް ދިފާޢީ ފިޔަވަޅު ވަގުތުން އެޅުމަށެވެ. އެހެން ނޫނީ، ފަހުން ކަންތައް ވެދާނެ ގޮތްވެސް އޭނާ ލަފާކޮށްލިއެވެ.

[މާ ދުވަސް ވެއްޖެއްޔާ، ތި އެއްޗެއްގެ ކިބައިން މިންޖުވާން ވަރަށް އުނދަގޫވާނެ. އޭތީގެ މަސައްކަތް ނާކާމިޔާބުވާހިނދު، ކިތަންމެ ބޮޑު ނުރައްކަލަކާވެސް ދިމާވެދާނެ.] ނަޒްމީ ލަފާކޮށްލިއެވެ. އެއީ އޭނާގެ ތަޖްރިބާއެވެ.

ނަޒްމީގެ އެހެން ރައްޓެއްސަކަށް، މީގެ އަހަރުތަކެއް ކުރިން އެފަދަ ކަމެއް ދިމާވެ، އޭނާ އޭއްޗެއްގެ ކިބައިން ސަލާމަތްނުވެ ދުނިޔެ ދޫކޮށްދިޔަ ހަނދާން، ދާދިފަހުން ހިނގި ކަމެއްހެން މިހާރުވެސް ނަޒްމީގެ ލޯމަތިން ސިފަވާ ކަހަލައެވެ.

[ބައެއް މީހުން ޤަބޫލު ނުވެސްކުރޭ އެއީ ޖިންނި ކަންތަކެއް ކަމަކަށް...އަޞްލު ޒާހިދުގެ ފުރާނަޔަށް ނުރައްކާވީ، އެއީ ޖިންނި ކަންތަކެއް ކަމަށް ޒާހިދުގެ ޢާއިލާއިން ޤަބޫލު ނުކުރީމަ.] ޒާހިދުގެ ހަނދާންތައް ނަޒްމީ އާކޮށްލިއެވެ. އެކަމަކު އެއީ ވެރިކަން ކުރާ ރަށް މާލޭގައި ހިނގި ކަމެކެވެ.

ޒާހިދަކީވެސް މާލޭ މީހެކެވެ. ނަމަވެސް، އޭނާއާ އެކަމެއް ދިމާވީ ސިލޯނަށް ކުރި ދަތުރަކަށްފަހުގައެވެ.

[ސިލޯނު ތަންތާވެސް ޖިންނި އުޅެނީތަ؟] އިޔާދު އެހިއެވެ.

[އިޔާދު ހީކުރީ، ޖިންނި ޝައިޠާނުން އުޅެނީ ހަމައެކަނި ރާއްޖޭގައި ކަމަށްތަ؟ މުސްކުޅިން ބުނޭ، އަނދިރި ފަޅު ތަންތާނގައޭ އުޅެނީ.] ނަޒްމީ ބުންޏެވެ.

[ހިނގާ މިރޭ ރެކިބޭބެ ގާތަށް ދަމާ....] އިޔާދު ބުންޏެވެ. ރެކިބޭބެ ބުނެފައިވަނީ، ކިޔެވެއްޔަށްވެސް ހަފްތާއެއްހާ ދުވަސް ބޭނުންވާނެ ކަމަށެވެ.

[އަހަރެން އަންނާނަން ގެޔަށް ވަދެ އަންހެނުން ގާތު ބުނެފައި. އޭނަ އޮތީ މާކުރިން ތަނަކަށް ދާން ނިންމާފައި.] ނަޒްމީ ހިނގައިގަތެވެ. އިޔާދު ދޮރާށި ހުޅުވާފައި ގެޔަށް ވަންނަން ހިނގައިގަތެވެ. އެވަގުތު ފަހަތުން މީހަކު ގޮވާލި އަޑު އިވުނުހެން ހީވެގެން އޭނާ އަނެއްކާވެސް ދޮރާށިން ބޭރަށް ނުކުތެވެ.

[އިޔާދު.....] އޭނާއާ ސަތޭކަ ވަރަކަށް ފޫޓް ދުރުގައި ހުރީ މަލަކާއެވެ. މަލަކާ ހުރީ އޭނާގެ ބަނޑުގައި އަތް ކާއްތަ ކާއްތައެވެ. އޭނާގެ އެ ޙަރަކާތުން ކޮންމެވެސް އެއްޗެއް ދޭހަކޮށްދޭން އުޅޭކަހަލައެވެ.

[އިޔާދު...ދެން އަހަންނާ ވަކިވާން މަސައްކަތް ނުކުރޭ. މިއަދު އަހަރެން މިއިނީ އިޔާދުގެ ދަރިއަކަށް ބަލިވެ.] އިޔާދުގެ މަސައްކަތް ހުއްޓުވުމުގެ މަޤްޞަދުގައި މަލަކާ ބުނެލިއެވެ. އެހިނދު މަލަކާ މަސައްކަތް ކުރަމުން އައީ އިޔާދާ ގާތަށް ޖެހިލެވޭތޯއެވެ. ނަމަވެސް، އޭނާއަކަށް ކުރިއަކަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.

އިޔާދަށް ލިބިފައިވާ ހިތްވަރަކީ އެއީއެވެ. އެހެންކަމުން، މަލަކާއާ ދެކޮޅަށް ކޮންމެފަދަ އެއްޗެކޭ ބުނެލާކަށްވެސް އޭނާ ފަހެއް ނުޖެހެއެވެ.

[އަހަރެންގެ ދަރިއަކަށް ބަލިވެއޭ!؟ ނުވާނެ ތިހެނެއް...މިހާރު ތިއުޅެނީ ތިހެން ކިޔައިގެން، އަހަރެން ރުއްސޭތޯ. ކިތަންމެ ވަރަކަށް ތިހެން އުޅުނަސް، ދެން ކަލެއަކަށް ފުރްޞަތެއް ނުދޭނަން.] އަވަސް ފުރްޞަތެއްގެ ތެރޭގައި ކަލޭގެ ވަސްވެސް ފޮހެލަން އަހަރެން ބޭނުންވަނީ.] އިޔާދު މަލަކާއަށް އިންޒާރު ދިނެވެ.

[ޤަބޫލުކުރޭ އިޔާދު....އިޔާދުގެ ރުހުން ހޯދާކަށް ނޫން. އަހަރެން މިއިނީ އިޔާދުގެ ދަރިއަކަށް ބަލިވެ. އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅު ނިކަމެތިވާފަދަ ގޮތަކަށް އިޔާދު އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ....] މަލަކާވެސް ކުރީ އިންޒާރެކެވެ. އެއަށްފަހު، ވިދާލި ވިދުވަރެއްހެން މަލަކާ ގެއްލުނެވެ. އިޔާދު ހާސްކުރުވާފައެވެ.

އިޔާދަށް ޤަބޫލު ކުރެވެއެވެ. އެއީ ތެދަކަށް ވެދާނެއެވެ. އެ ނާޖާއިޒު ފައިދާ މަލަކާވަނީ އޭނާގެ ފުށުން ލިބިގަނެފައެވެ. އެއީ މިދުވަސް ގެނައުމަށް އޭނާ ކުރި މަސައްކަތެއް ކަމަށް ޤަބޫލު ކުރެވެއެވެ. އިޔާދު ހާސްވީ އެކަން ޤަބޫލުކުރެވި ވިސްނުނީމައެވެ.

[އަހަރެންގެ ދަރިއަކަށް ބަލިވެއޭ...!] އިޔާދަށް ހިތާހިތާ ސުވާލުކޮށްލެވުނެވެ. އޭނާ އެތެރެއަށް ވަންނަން ހިނގައިގަތީ، ހާސްވެ ފިކުރުބޮޑުވެފައި ހުރެއެވެ. އެތެރެއަށް ވަނުމާއެކު، އޭނާގެ އިޙްސާސްތައް ދަނެގަނެ، ގީތާ ސުވާލު ކުރިއެވެ. ނަމަވެސް، އިޔާދު ގީތާއަށް އެވާހަކަ ކިޔައިދޭކަށް ބޭނުމެއް ނުމެވޭމެއެވެ. އެއަޑު އަހަން ގީތާއަށް މާފަސޭހަ ނުވާނެކަން އިނގޭތީއެވެ.

[ގެޔަށް އައިސް ވަންނައިރަށް ކޮންހާ ސުވާލުތަކެއް ކުރާކަށް. ފިކުރުބޮޑު ދުވަސްވަރެއްގައި ސުވާލުތައް ގިނަނުކޮށްވޭތޯ ބަލާބަލަ.] ގީތާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އިޔާދަށް ރުޅި އިސްކުރެވެން އުޅުނެވެ.

[އޯކޭ...އަހަރެން އެ ސުވާލު އަނބުރާ ގެނެއްސިން.] ގީތާ މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ފަހަތުން އައިސް އިޔާދުވެސް ވަނެވެ. އޭނާއަށް ގީތާއާ މުޚާޠަބު ކުރެވުނީ، މާ ހަރުކަށި ޢިބާރާތަކުންކަން ވިސްނުނީ އެއަށްފަހުގައެވެ.

[ސޮރީ....ގީތާ...އެއީ މަލަކާގެ ކަންތަކާ މާބޮޑަށް ހާސްވެފައި ހުރީމަ ވީގޮތެއް.] އިޔާދު ގީތާގެ ކޮނޑަށް އަތް ވައްޓާލިއެވެ. ނަމަވެސް، މަލަކާ ދާދި ދެންމެއަކު ދެއްކި އެއްވެސް ވާހަކައެއް ގީތާ ގާތު އިޔާދު ނުބުނެއެވެ. އެކަމުން ގީތާ ހާސްވެ ބިރުގަންނާނެވަރު އެނގޭތީއެވެ.

އެރޭ މާގިނައިރެއްނުވެ ނަޒްމީ އައެވެ. އިޔާދާއެކު ރެކިބޭބެގެ ގާތަށް ދިޔުމަށެވެ.

[ކާރެއްގައި ދާނީ. އެހެން ނޫނީ އޭތީގެ އުނދަގޫ ވަރަށްބޮޑުވާނެ.] އިޔާދު ބުންޏެވެ.

[ނޫނޭ ސައިކަލްގައި ދާނީ...ކާރެއް ހޯދަން ވެއްޖެއްޔާ، ވަރަށް ގިނައިރު ނަގާނެ. ޓެކްސީ ސެންޓަރުތަކުން ކުރަނީ މޮޅެތި އިޝްތިހާރު. ޚިދްމަތެއް އަވަހެއް ނުވާނެ.] އައުމަށް އިޝާރާތް ކުރުމަށްފަހު، ނަޒްމީ ނުކުތެވެ. ދަނީއޭ ގީތާ ގާތު ބުނެފައި، އިޔާދުވެސް ނުކުމެއްޖެއެވެ.

އިޔާދުމެނަށް ރެކިބޭބެމެން ގެޔަށް ދެވުނުއިރު ހީވީ ރެކިބޭބެ ހަމައެކަނި އިޔާދުމެންގެ އިންތިޒާރުގައި ވަގުތު ހުސްކޮށްގެން ހުރިހެނެވެ. ރެކިބޭބެގެ ޚިދްމަތް ހޯދުމަށް އައިސް އެވަގުތު އެކަކުވެސް ނެތެވެ.

[ރެކިބޭބެ ހާދަ ހުސް ވަގުތެކޭ ދޯ؟ ވަރަށް ނުވާކަމެއްމީ....އެހެން ނޫނީ މިގޭގައި އޮންނާނީ ކިޔޫ ހަދާލާފައި.] އެތެރެއަށް ވަންނަމުން އިޔާދު ވާހަކަ ދެއްކިއެވެ.

[ރެކިބޭބެ ރަށުގައި ނެތި ދެތިން ދުވަސްކޮށްފައި މިއަދު މިއައީ. އަދި ރެކިބޭބެ އައިކަން މީހުނަށް ނޭނގެނީ.] އެގެއިން މީހުން މަދުވެފައިވާ ސަބަބު، ފަޚްރުވެރި ރާގުގައި ރެކިބޭބެ ހާމަކުރިއެވެ. އެއަށްފަހު، ރެކިބޭބެ އިޔާދުމެންގެ ބޭނުން އޮޅުންފިލުވައި، އެމީހުންގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އޭގެކުރިން، މަލަކާ އެންމެފަހުން ދެއްކި ވާހަކަތައްވެސް ރެކިބޭބެއަށް އިޔާދު ކިޔައިދިނެވެ.

[ކިޔެވެލި ކިޔަވަން ދެތިން މީހުން ބޭނުންވާނެ. ފުރަތަމަ ޖެހޭނީ، އޭތި މިތަނަށް ގެންނަން. އެއަށްފަހު ގޮތެއް ހެދޭނީ. އިރާދަކުރެއްވިއްޔާ، އޭތީގެ ކިބައިން ސަލާމަތްކޮށްދޭނަން.] ރެކިބޭބެ ބުންޏެވެ.

[އަދި އިތުރު ދެމީހުން ހޯދީމަ ވާނެއެއްނު.] ނަޒްމީ އެއްސެވެ. ރެކިބޭބެ ބޯޖަހާލިއެވެ. މީހުން ހޯދަން ދިޔައީ ނަޒްމީއެވެ. އިޔާދު އެގޭގައި މަޑުކުރީއެވެ. ނަޒްމީ ދެމީހަކު ގޮވައިގެން އައުމުގެ ކުރިން ރެކިބޭބެ އެހެން ތައްޔާރީތައްވިއެވެ.

މާގިނައިރުތަކެއްނުވެ، ނަޒްމީ އެމީހުން ޢުމުރުގެ ދެމީހުނާއެކު އައިސް، އެގެޔަށް ވަނެވެ. ލޯތަށްޓަކަށް އަލިފާން އަޅައިގެން ގެނެސް ކޮޓަރިއަށް ވެއްދުމަށްފަހު، ވަރުގަދައަށް ދުން ބުރުވާލުމަށްފަހު، ރެކިބޭބެ މަސައްކަތަށް ފެށިއެވެ. އެއީ ދަންވަރުގެ ވަގުތު ކަމަށްވުމުން، އެގޭގެ އެހެން އެންމެންވެސް ތިބީ ނިދާފައެވެ.

އެހެން ނޫނަސް، ރެކިބޭބެ އުޅޭ ކޮޓަރިއަކީ އެގޭ އެހެން މީހުން ވަދެ އުޅޭ ކޮޓަރިއެއް ނޫނެވެ.

ކިޔެވެލި ކިޔަވާތާ މާގިނައިރުތަކެއް ނުވަނީސް، މަލަކާގެ ހިލަންވިއެވެ. ކޮޓަރިއާ މާދުރުން މަލަކާ ފާޅުވިއެވެ. އިޔާދުގެ އުނަގަނޑުގައި އޮތް ތަވީދުގެ މަތިން ރެކިބޭބެ ހަނދާންވީ އެއަށްފަހުގައެވެ.

[އުނަގަނޑުގައި އޮތް ތަވީދު އަވަހަށް ނަގާ.] ރެކިބޭބެ އެދުނެވެ. އޭރުވެސް ކިޔަވާ މީހުން ކިޔެވެލި ކުރިއަށް ގެންދެއެވެ. އިޔާދު ނިކަން ބިރުން ހުރެމެ، ތަވީދު ނަގާފައި ރެކިބޭބެގެ އަތަށް ދިނެވެ. ރެކިބޭބެ ޤުރްއާނުގެ އާޔަތްތަކެއް ކިޔަވާލުމަށްފަހު، އެ ތަވީދު އަލިފާންގަނޑުގެ ތެރެއަށްލިއެވެ. ހަމައެޔާއެކު، ބާރު އަޑަކާއެކު މަލަކާ އެމީހުނާ ދާދި ގާތަށް އައިސް ހުއްޓިއްޖެއެވެ. މަލަކާ ހުރީ ބިރުގެންފައެވެ. ދެލޯވަނީ ފެންކަޅިވެފައެވެ.

[ރެކިބޭބޭ އަހަރެން ސަލާމަތްކުރޭ....އަހަރެން ސަލާމަތްކުރޭ. އަހަރެން ދެން ދުވަހަކުވެސް އިޔާދަށް ތުރާލެއް ނުކުރާނަން.] މަލަކާ އިންސާނަކު ފަދައިން، ރޮއި އާދޭސްކުރަން ފެށިއެވެ. އޭރު މަލަކާ ފެންނަނީ ހަމައެކަނި އިޔާދަށާއި ރެކިބޭބެއަށެވެ.

[ކަލޭމެންގެ ވާހަކަތަކެއް އަހަންނެއް މިހާރަކު ޤަބޫލެއް ނުކުރަން. ތިކަހަލަ ކިތަންމެ ކަމަކާ މިހާރު އަހަރެން ކުރިމަތިލައިފިން. ކަލޭމެނަށް ބާރު ލިބޭއިރަށް، ކުރެވޭ ވަޢުދުތަކާ ހުވާތައް އުވާލާނެ. މިހާރު ޖެއްސޭނެ ވައްތަރުތަކެއް ނެތީމަ، އާދޭސްކުރާނެ.] ރެކިބޭބެ ހުރީ ދޫދޭ ޚިޔާލެއްގައެއް ނޫނެވެ.

[ހެޔޮނުވާނެ ރެކިބޭބޭ، އަހަރެންގެ ބަނޑުގައިމިވާ އިންސާނީ ނިޝާނަށްޓަކައި ނަމަވެސް، އަހަރެން ދޫކޮށްދީ....އަހަރެން އިޔާދަށް އުނދަގޫ ނުކުރާނެ ކަމަށް ހުވާވެސް ކޮށްފާނަން. މިރަށަށް ނާރަންވެސް ހުވާކޮށްފާނަން.] މަލަކާ ބާރަށް ރޮމުން ދިޔައެވެ. ތެދެކެވެ. ކުރިޔާ ތަފާތުކޮށް، މިހާރު އޭނާގެ ބަނޑުވެސް ބޮޑެވެ. ހީވަނީ ދުވަސް ފުރިފައިވާ މާބަނޑު އަންހެނެއްހެންނެވެ. އެހެންމެ އިޔާދުގެ ކަޅި ހުއްޓިފައިވަނީ މަލަކާގެ ބަނޑާ ދިމާއަށެވެ. އިޔާދުގެ ދަރިއަކު މަލަކާގެ ބަނޑުގައިވާ ކަމަށް ބުނާތީ، އޭނާ ހުރީ ފިސާރި ކަންބޮޑުވެފައެވެ.

[އަހަރެން ނެތިދިޔަޔަސް، އަހަރެންގެ ބަނޑުގައިމިވާ އިޔާދުގެ ދަރިފުޅު ނެތިދާކަށް އަހަންނެއް ނޭދެން. އަހަންނަށް ހަމްދަރުދީވެދީ ރެކިބޭބޭ...އާދޭސް ކުރަން އިޔާދު، މިދަރިފުޅަށްޓަކައި ރެކިބޭބެގެ މަސައްކަތް ހުއްޓުވާ.] މަލަކާ ބާރަށް ރޮމުން އާދޭސް ކުރަމުން ދިޔައިރުވެސް، ރެކިބޭބެ އޭނާގެ މަސައްކަތް ހުއްޓައެއްނުލައެވެ. ކިޔަވަން ތިބި މީހުން ކިޔެވުންވެސް ހުއްޓައެއްނުލައެވެ.

[އަހަންނަކީ ކަލޭމެންގެ ތަޖްރިބާ ވަރަށް ރަނގަޅަށް ކޮށްފައިވާ މީހެއް. ދުވަހަކުވެސް ކަލޭމެން ތެދެއް ނަހަދާނެ.] ރެކިބޭބެ ގޮތްދޫކުރާކަށް ޤަޞްދެއް ނުކުރެއެވެ. އެހެންކަމުން، އަނެއްކާވެސް މަލަކާ އާދޭސްކުރަން ފެށިއެވެ.

[އިޔާދު...އިޔާދުގެ ލޭގެ ނިޝާން، އަމިއްލަ ދެއަތުން މަރާލަން ނޫޅޭ....އިންސާނުންނަކީ ތިހާ ރަޙުމްކުޑަ ބައެއް ނޫން. ލޯބިވެވުނީތީ ތިފަދަ ބޮޑު އަދަބެއް އަހަންނަށް ނުދީ....އަހަރެން ސަލާމަތްކުރޭ....] މަލަކާ ރޮމުން ގިސްލަމުން އިޔާދާ ގާތަށް ޖެހެން ފެށިއެވެ. އިޔާދު ބިރުގަތެވެ. އިޔާދު ރެކިބޭބެގެ ބިއްދޮށަށްވާ ގޮތަށް ފަހަތަށް ޖެހެން ފެށިއެވެ.

[ބިރުނުގަނޭ އިޔާދު...އޭނައަކަށް އިޔާދުގެ ގަޔަކު އަތެއްނުލެވޭނެ. އޭނަ އެއުޅެނީ ކަރުނަތަކުގެ ދަޅަ ދައްކައިގެން، އަހަރެންގެ މަސައްކަތް ހުއްޓުވަން. އޭނައަށް އިތުރަށް މިދުނިޔޭގައި ހުރުމުގެ ފުރްޞަތު ދީފިއްޔާ، އިންސާނުންގެ ތެރެއިން އިތުރު އެތައް ބަޔަކަށް އޭނަގެ އުނދަގޫތަކާ ކުރިމަތިލާންޖެހޭނެ.] ރެކިބޭބެ ބުންޏެވެ.

[އަހަރެން އެއްވެސް އިންސާނަކަށް އުނދަގުލެއް ނުކުރާނަން. އިންސާނުންގެ ލޯތަކަށް ނުފެނިވެސް އުޅެފާނަން. އަހަރެން ސަލާމަތްކޮށްދީ...] މަލަކާ ހުއްޓުނެވެ. އޭރުވެސް މަލަކާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހިއޮހި ހުއްޓެވެ.

[އަހަރެންގެ ކިބައިން ސަލާމަތް ވެވެންދެން ކަލޭ ތިހެން ބުނެފާނެ. ސަލާމަތްވުމާއެކު، އަނެއްކާވެސް އިޔާދު ނޫނީ އެހެން ކޮންމެވެސް އިންސާނެއްގެ ފަހަތުން އަޅުވާލާނެ. ތިއީ އަހަރެން ނިކަން ރަނގަޅަށް ދަންނަ ފާޑެކޭ.] ޖިންނިއަކަށްވާތީ ކަމަށްވެސް ވެދާނެއެވެ. ރެކިބޭބެގެ ހިތުގައި ކުޑަވެސް ހަމްދަރުދީއެއް ނުއުފެދުނެވެ. މަލަކާގެ ދުވަސް ދުއްވާލުމަށް އޭނާއަށް ފާޑެއްގެ ޖޯޝެއް އައިސްފައިވާ ކަހަލައެވެ. އޭރު އިޔާދުގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައި ވަނީ، މަލަކާގެ ބަނޑާ ދިމާއަށެވެ.

[އާދޭސް ކުރަން....އަމިއްލަ އަތުން އަމިއްލަ ލޭ ޤުރްބާން ކުރަން ނޫޅޭ.] މަލަކާ ރޮމުން އޭނަގެ އަމިއްލަ ބަނޑުގައި އަތް ކާއްތަމުން ދިޔައެވެ. އޭރު އެދިމާއަށް ބަލަންހުރި އިޔާދަށް ސިހުން ލިބުނީ މަލަކާގެ ބަނޑުތެރެއިން ޙަރަކާތްތެރިވަމުންދިޔަ ލޯބިލޯބި ދަރިފުޅަކު ފެނުމުންނެވެ. ހީވަނީ ތުނިތުނި ފުއްޕާ ހަމެއްގެ ތެރެއިން އެއްޗެއް ފެންނަހެންނެވެ. އެ ލޯބިލޯބި ދަރިފުޅު އޮތީ ބައްޕަ އިޔާދަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ. އިޔާދު ގަނޑުވިކަހަލައެވެ. އޭނާގެ ޚިޔާލު ބަދަލުވާން އުޅުނު ކަހަލައެވެ.

[މި ދަރިފުޅު އުފަންވަންދެން އަހަރެން ސަލާމަތްކުރޭ....އެހެން ނޫނީ....] މަލަކާ ބާރުބާރަށް ރޮމުން ދިޔައެވެ. އިޔާދުގެ ހިތގައި މަލަކާގެ ބަނޑުގައިވާ ދަރިފުޅާ ދޭތެރޭ ހަމްދަރުދީ ވެވުނެވެ.

[ރެކިބޭބޭ....މަލަކާ ސަލާމަތްކޮށްދީ.] އިޔާދު ރެކިބޭބެގެ މޫނަށް ބަލައިލިއެވެ. ރެކިބޭބެއާއި ކިޔެވެލި ކިޔަވަން ތިބި މީހުން ޙައިރާންކަމާއެކު ސިހިފައި އިޔާދާ ދިމާއަށް އެނބުރުނެވެ.

[މަލަކާ...ސަލާމަތް ކުރާށޭ...އޭނަގެ ދަޅަތަކަށް އިޔާދު ހެއްލުނީ!؟ އެނގޭތަ، އަމިއްލަ ރައްކަލަށްޓަކައި އެމީހުން ކިތަންމެ ބޮޑު ދޮގެއްވެސް ހަދާފާނެ.] ރެކިބޭބެ ޖިންނީންނަކަށް އިތުބާރެއް ނުކުރެއެވެ.

[ފަހުން ކޮންމެފަދަ ގޮތަކަށް ދިމާވިޔަސް ހެޔޮ....މަލަކާ މިނިވަންކޮށްލާ. އޭނަގެ އުނދަގޫތަކާ ދެންވެސް ކުރިމަތިވެއްޖެއްޔާ، އަހަރެމެނަށް ޙައްލު ހޯދިދާނެ. އެމީހުނަށް ބާރެއް ލިބިފައިވިޔަސް، އިންސާނުންނަށްވުރެން ކުޅަދާނައެއް ނުވެވޭނެ.] އިޔާދު އެންމެފަހުގެ ނިންމުން ނިންމިއެވެ.

ރެކިބޭބެ އޭނާގެ މަސައްކަތް ހުއްޓާލިއެވެ. އޭރުވެސް މަލަކާ ރުއިން ހުއްޓައެއް ނުލައެވެ. މަލަކާ އޭނާގެ ބަނޑަށް ބަލަހައްޓައިގެން ހުރެ ރޮނީއެވެ.

[ކަލޭ ދޭ...މީގެފަހުން އެއްވެސް އިންސާނަކަށް ކަލޭގެ އުނދަގޫ ފޯރިކަން އެނގިއްޖެއްޔާ، ކަލޭގެ ދުވަސް ދުއްވާލާނަން.] ވަރުގަދަ އިންޒާރަކަށްފަހު، ރެކިބޭބެ މަލަކާ ދޫކޮށްލިއެވެ. މަލަކާ އިޔާދާ ދިމާއަށް ސަލާމަށް އަތް ހޫރާލުމަށްފަހު، ކަރުނަ ފޮހެމުން ހިނގައިގަތެވެ. އަނގައިންވެސް ބުނަން ނޭނގިފައި އިޔާދު ހުއްޓެވެ. މަލަކާ ގޮސް ލޯމަތިން ގެއްލުނީއެވެ.

[މިހާ ހިސާބުން މިއޮތީ މި މަސައްކަތް ނިމިފައި. އެކަމަކު އޭތި ކިތަންމެ ހުވާކުރިޔަސް، އިތުބާރު ކުރާކަށް ނުވާނެ. އަހަރެން ލިޔެދޭ ތަވީދު އަބަދުވެސް އަޅައިގެން އުޅެންވާނީ.] ރެކިބޭބެ ބުންޏެވެ.

[ކޮބާ ތަވީދު؟] އިޔާދު އެއްސެވެ.

[މާދަމާ ނިންމާލަދޭނަން...] ރެކިބޭބެ ބުންޏެވެ. އިޔާދާއި ނަޒްމީ ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ. ނަމަވެސް އެމީހުން ފުރަތަމަ ދިޔައީ ނަޒްމީގެ ގެޔަށެވެ.

ގެޔަށް އާދެވުނުއިރުވެސް އިޔާދުހުރީ ހިތް ނުތަނަވަސްވެފައެވެ. މަލަކާ އަނެއްކާވެސް އޭނާޔާ ދިމާކޮށްފާނެބާއޭ ހިތަށްއަރަނީއެވެ. މަލަކާ ވަނީ ކުރީ ފަހަރެއްގައިވެސް އެފަދައިން ހުވާކޮށް، އެ ހުވާ އުވާލާފައެވެ. އެ ހަނދާންތައް އޭނާގެ ސިކުނޑިއަށް ފައިދާވީ، ގެޔަށް ދެވުނު ފަހުންނެވެ. ނަމަވެސް، ދެން ރެކިބޭބެގެ ކައިރިއަށް ދާކަށް އޭނައަކަށް ލާހިކެއް ނޫނެވެ. ރެކިބޭބެއާ ދެކޮޅަށް އޭނަވަނީ މަލަކާ ދޫކޮށްލުމަށް ބާރުއަޅައި، ރެކިބޭބެ ލައްވާ އެކަން ކުރުވާފައެވެ. ސަހަލު އަގެއްގައި ދެން ރެކިބޭބެ މަލަކާ މަތަކޮށެއްވެސް ނުދޭނެއެވެ.

އިޔާދު ފުން ފިކުރުތަކަކާއެކު، ކޮޓަރިއަށް ވަދެ އޮށޯތެވެ. އެ މަންޒަރު ބަލަން ފާޚާނާތެރޭގައި ގީތާ ހުއްޓެވެ. މިހާރު ގީތާ އިޔާދު އެހެން އޮތަސް، ސުވާލެއް ނުކުރެއެވެ. ކުރީ ދުވަހެއްގައި އޭނާ އެގޮތަށް ސުވާލު ކުރުމުން، އެއީ ރަނގަޅު ކަމެއް ނޫންކަން އޭނާއަށް ވަނީ ވިސްނިފައެވެ. އެހެންވެ، އޭނާ ފިރިމީހާގެ މޫޑަށް ބަލާފައި ނޫނީ ސުވާލު ނުކުރާނެއެވެ. އޭނާގެ ސަބަބުން ފިރިމީހާ އިތުރަށް ހާސްކުރުވާކަށް އޭނާ ބޭނުމެއް ނުވާނެއެވެ.

[އިޔާ...ކާންދާންވީނު.] ގީތާ އިޔާދުގެ މަގަތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން