ރޭގައި ފެނިގެން އެދިޔައީ ކޯލިޝަން ސަރުކާރު ހުލިވަމުން އިދިކޮޅު ޕީޕީއެމް ބޮޑުވެ ފަލަވަމުންދާ މަންޒަރެވެ. މިއީ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ސަރުކާރު ހަވާލުކޮށް ނުވިތާކަށް ސުޕަރ މެޖޯރިޓީއާއެކު ރައްޔިތުންގެ މަޖިލިސް ހަވާލުކުރުމުން ވެސް ފެންނަމުންދާ ނަތީޖާގެ ނަތީޖާއެވެ.

ކަންޒު ކަހަބާއި މުސަޅު ބައްދަލު ކުރި ދުވުމުގެ ރޭހަކީ މީގެ ވަރަށް ރަނގަޅު މިސާލެކެވެ. ކަންޒު ކަހަނބަކީ ވަރަށް ބަރުހެލި، މުސަޅާ އަޅާބަލާއިރު ފިނިހަކަ ދުވެލީގައި އުޅޭ އެއްޗެކެވެ. ކަންޒު ކަހަނބުގެ މިދުވެލި މުސަޅަށް އެނގޭތީ ރޭސް ފަށާފައި ކަހަނބު ރޭސް ނިމޭހިސަބާ ކައިރިވުމުން ދުއްވައިގަންނަން ވެގެން އަރާމުކޮށްލަން، ކުޅިބަލަން ޖައްސައިލީއެވެ. އެހެން އޮއްވާ ނިދިޖެހިފައި ހޭލެވުނުއިރު ކަންޒު ކަހަނބު ހިރެމުން ގޮސް ރޭސް ނިންމާ ރޮނގާއި އަރާ ހަމަކުރަނީއެވެ. އެހެންކަމުން މުސަޅަށް ކިތަންމެ ބާރަށް ދުވެވުނަސް ކަހަނބު އަތުވާ ގޮތެއްނުވިއެވެ. އެންމެފަހުން ރޭހުން މޮޅުވީ އެއްކަލަ ބަރުހެލި ކަންޒު ކަހަނބެވެ.

މިއަދު މިރާއްޖޭގެ ސިޔާސީ މަޝްރަހުން ވެސް މި ފެންނަނީ މިދެންނެވި މިސާލެވެ. 2018 ގެ ރިޔާސީ އިންތިޚާބުގައި މާ ބޮޑުތަނުން ކުރީގައި އޮވެ ރައީސް ޔާމީން ބޮޑު ބައްޔަކުން ބަލިކުރީ ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުހަންމަދު ޞާލިޙު ގޮވައިގެން ނުކުތް ކޯލިޝަންގެ ބައިވެރިންނެވެ. މިވެރިން ރައްޔިތުންނަށް ވިއްކީ ރައީސް ޔާމިން ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ވާހަކައެވެ. ކޯޓުތަކަށް އަތްބާނައިގެން މިނިވަން މުއައްސަސާތައް ބިރުގަންނަވައިގެން ސަރުކާރުގެ ކުންފުނިތައް ކިހިލިޖަހައިގެން ރައްޔިތުންގެ މަޖިލިސް ހިޞާރުކޮށްގެން އިންސާފެއް ހަމައެއް ލަމައެއް ނެތި ވެރިކަން ކުރަމުން ގެންދާ ވާހަކައެވެ. ބިޔަ މަޝްރޫޢުތަކުން ވައްކަން ކުރާ ވާހަކައެވެ. ރައީސް ނަޝީދުގެ ބަހުރުވައިން ނަމަ “ބްރިޖް އޯކޭ” ވިޔަސް “ވައްކަން” އޯކޭ ނޫން ވާހަކައެވެ.

މިހުރިހާ އިދިކީލި ކަންކަން އެއްފަރާތަށް ލުމަށްފަހު ރައްޔިތުންގެ ކައްޓާގެ ތިލަފަތުގެ އަނެއްކޮޅަށް ލީ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައްޔިތުން އެ ޞާލިޙް ބަލައިގަތީ މަޑުމައިތިރިކަމާއި ހިތްތިރިކަމާއި އޯގާތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެމަނިކުފާނުގެ ހުރި ޞާލިޙު ސިފަވަންތަ އަޚުލާޤުގެ ސަބަބުންނެވެ. މިހުރިހާ ސިފަތަކަކާއެކު ޖަޒީރާ ތަރައްޤީގެ މެނިފެސްޓޯ ބަލައިގަތީ މިދެންނެވި ޞާލިޙު ގޮވައިގެން ނުކުމެވަޑައިގެންނެވި ސިޔާސީ ލީޑަރުންނަށްވެސް ރައްޔިތުން ކުރި އިތުބާރެއްގެ ސަބަބުންނެވެ. ކުދި ބޮޑު އެންމެންމެ މި ލިބުނު ފުރުޞަތުގެ ބޭނުން ހިފީ ހަޔާތުގައިވެސް ރާއްޖޭގެ ވެރިއެއްގެ ފަރާތުން ލިބިފައިނުވާ މިއޯގާތެރި ކަމުގައި ކޮނޑާ ކޮނޑު ޖައްސައިގެން، ގަޔާ ގައި ޖައްސައިގެން ސެލްފީއެއް ނެގޭތޯއެވެ. މިޤައުމުގައި އެފުރުޞަތުގެ ބޭނުން ނުހިފާ ރައްޔިތަކު ހަމަ މަދުވާނެއެވެ.

ދެން އައީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އެއިންތިޚާބު އައިސް ބޯމަތިވިއިރު ރައްޔިތުން އަދި ތިބީ މިދެންނެވި ޞާލިޙުގެ ސެލްފީގެ އަވައިގައި ޖެހި އެހެން މީހެއްގެ އަޑުވެސް ނީވޭ ވަރަށް މޮޔަވެފައެވެ. އެމްޑީޕީން މި އިންތިޚާބުގައި ވާދަކުރި ބޭފުޅުންގެ އަތްޕުޅަށް ދެއްވީ އެޖެންޑާ 19 ކިޔާ ފާޑެއްގެ ފަތެކެވެ. ދެން ތިބި އެންމެން ނުކުތީ ވަކިވެގަނެގެންނެވެ. ދެން ވީ ގޮތަކީ އެމްޑީޕީގެ މެންބަރުން ޞާލިޙު ގޮވައިގެން ނުކުމެ އެއްކަލަ އެޖެންޑާ 19 އޭ ކިޔަމުން ދިޔައިރު އެމެންބަރުންނާއި ވާދަކުރަން ވާދަވެރި ޕާޓީތަކުން ކޮންމެ ގޮނޑިއަކަށް ތިން ހަތަރު ކެންޑިޑޭޓުން ނުކުމެ ތިއްބާ ވާދަވެރިންނަން ލިބުނު ވޯޓުކޮޅު ބައިބަޔަށް ބެހި ބައި އެޅިގެން ގޮސް ގޮނޑިތައް ގެއްލުނީއެވެ.

މިއަދު މީ އޭގެ އެއް އަހަރާއި ތިން މަސް ފަހެވެ. މިއަދު އެންމެންގެ ދުލުން ކިޔަނީ އެއްވާހަކައެކެވެ. ރައީސް ޞާލިޙުގެ ތަރައްޤީ “ސްލޯ” ވާހަކައެވެ. ސަރުކާރުގެ ދުވެލި “ސްލޯ” ވާހަކައެވެ. ފުރަތަމަ އަހަރުގެ ބޮޑު ބަޖެޓު ހުސްކުރީ ގާތް މީހުންނަށް ބަދަލު ދިނުމަށް ކަމަށެވެ. ސަރުކާރުގެ މަތިބަރުކަމުން ގޮސް ބިންގާ ގަނޑު ފަޅައިގެންދާވަރު ކަމަށް ބުނެ ފާޑު ކިޔުންނޫން ކަމެއް ނެތެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދީގެން މަސައްކަތް ފެށި މީހުންގެ ޓޮލަރެންސް ހުރީ “ފެމުނު މިޔަރަށްވުރެ” ވެސް ތަންފުކެއް މަތީގައި ކަމަށް ބުނެ ފާޑުކިޔަނީއެވެ.

ވެރިކަމާއި ހަވާލުވާ ގޮތަށް ފްލެޓް ތަކުގެ ބިންގާ ދަމާލައި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުއްމީދުގައި ކުލަ ޖެހޭތަން ފެންނާނެ ކަމަށް ގިނަ ބަޔަކަށް ހީކުރެވުނު ނަމަވެސް އަދިވެސް ދައްކަނީ މަޝްރޫޢުތައް ފަށާނެ ތާރީޚުތަކުގެ ވާހަކައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނިމުމަކާއި ދާދި ގާތަށް ގޮސް ފާޑަކަށް ބަހައިވެސް ނިމިފައިވާ 7000 ފްލެޓް އޭގެ ހައްޤުވެރިންނަށް ބަހާލަދިނުމަށް އަހަރުވީއިރުވެސް ނުކުދިފައިވާ ވާހަކައެވެ. އެއޮށް ބޮޑު، ފުން ކަނޑު ހުރަސްކޮށް ރައީސް ޔާމީންގެ ސަރުކާރުން އަޅާފައި އޮތް ބޮޑު ބްރިޖް ހުރަސްކުރާ ކޮންމެ ފަހަރަކު އެރައްޔިތުން ފާޑުކިޔަނީ މި ސަރުކާރުން މާލެއާއި ވިލިމާލެއާއި ގުޅީފަޅު ގުޅުވައިދޭ ކޯޒްވޭ ނުވަތަ މިސަރުކާރުގެ ބޮޑު ބްރިޖު އަޅަނީ އިބިލީސް ކައިވެންޏަށް ތާރީޚު ޖަހާ ބީދައިން ކަމަށް ބުނެއެވެ. މިއަދު ހަތަރު ބިތުން އަޑު އިވެނީ ބޮޑު، ބިޔަ އެއްވެސް މަޝްރޫޢެއް ނުހިނގާ ވާހަކައެވެ. ކުރިން ފަށާފައި ހުރި މަސައްކަތްތައް ވެސް ހުއްޓި ވަޅުޖެހެމުންދާ ވާހަކައެވެ. މީގެ މިސާލެއްގެ ގޮތުގައި ނަގަނީ ރައީސް ޔާމީން ސަރުކާރުން ރާއްޖޭގެ މައި ވައިގެ ބަނދަރަށް ގެންނަން ފެށި ތަރައްޤީގެ ވާހަކައެވެ. އެންމެ ބިޔަ މަތިންދާ ބޯޓު ޖެއްސި ރަންވޭގައި ފެހިޖަހާ ދިޔައިރުވެސް އެތަން ބޭނުން ކުރާވަރުކޮށް ނުލެވުނު ވާހަކައެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއްނޫނެވެ. ރައްޔިތުން މިއަދު ފާޅުގައި ގޮވަމުންދާ ގޮވެލީގެ އަޑެވެ.

ދެން އޮތީ އެޖެންޑާ 19 ހިފައިގެން ވަޑައިގެންނެވި މަޖިލިސް މެންބަރުންގެ ވާހަކައެވެ. އެ މަޖިލީހުގެ ސުޕަ މެޖޯރީޓީ ނަންގަވައިގެން އަތް ފުޅާ ކުރައްވާފައި މަޖިލީހަށް ވަދެ ތިއްބަވައިގެން ޤަރާރު ހުށައެޅުއްވުން ނޫން ކަމެއް ނުކުރައްވާ ވާހަކައެވެ. އެޖެންޑާގައި ހުރި ހުރިހާ ކަމެއް ފުރަތަމަ މަޖިލީހަށް ވައްދަނީ ޤަރާރުގެ ގޮތުގައެވެ. މިހެން ގޮސް އެއްވެސް އެއްޗަކަށް ނުވާ ބޭޤަރާރު ވެސް މަޖިލީހަށް ހުށައަޅައިގެން ބޭކާރު އަނގަތަޅަނީއެވެ. ބައެއް ފަހަރު މަޖިލީހުގެ ރައީސްގެ ވާޖިބުތަކާއި ޒިންމާ ތަކާއި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތައް އޮޅޭ ގޮތްވެސް ރައްޔިތުންނަށް ވެއެވެ. މިހާރު ގިނަ މީހުން ބުނަނީ ޤައުމުގެ ރައީސަކީ ކޮބައިކަމެއް ވެސް ނޭނގޭ ކަމަށެވެ.

ކޯލިޝަން ސަރުކާރުގެ ބޮޑު ބައި ނަގައިގެން ތިބި އެމްޑީޕީގެ މެންބަރުންގެ ޝަކުވާވެސް ވަރަށް ބޮޑެވެ. އެއް ބައެއްގެ ޝަކުވާއަކީ ސަރުކާރަށް ކަންކަން ނުވަނީ ކޯލިޝަންގެ އެހެން ބައިވެރިންގެ ސަބަބުން ކަމަށެވެ. އެހެންވީމާ މިހާރު އިވެނީ ކޯލިޝަން ރޫޅާލަން ގޮވާއަޑުފަށްގަނޑެވެ. އެމްޑީޕީގެ އަނެއްބައެއްގެ ޝަކުވާއަކީ ނުވަތަ މާޔޫސް ކަމަކީ ހަތް އަހަރު ވަންދެން މަގުމަތީގައި ތިބި ގިނަ މީހުންނަށް މި ސަރުކާރުން އެއްވެސް ކަންފުޅެއް ނުވާ ވާހަކައެވެ. މަގުމަތީގައި ތިބި ކުދިންކޮޅު ބާކީ ކޮށްފައި “ބާޣާވާތުގެ” ބައިވެރިންނަށް ބޯކޮށް ބައި އަޅައި ވަޒީފާތައް ދެމުން ގެންދާ ވާހަކައެވެ. އެހެން ވީމާ އެވެރިން ތިބީ އެކަމާ ބޮޑާހާކައި ފޫކަހާފައި ރައީސް ޞާލިޙު ދެކެ ރުޅިއައިސް ރަތަށް އަރާފައެވެ.

މިހާހިސާބުގައި މިކަންކަން އޮއްވާ ބޯމައްޗަށް ވެއްޓުނީ ލޯކަލް ކައުންސިލް އިންތިޚާބެވެ. ކައުންސިލްތައް ބޮޑުކޮށް ޒިންމާތައްވެސް އިތިރުކޮށްގެން އެމްޑީޕީގެ މެންބަރުންނަށް ހެޔޮވަރުވާ ގޮތަށް ލޯކަލް ކައުންސިލްގެ ކޯޓު ފަހައިގެން ގެނަސް ވައްޓާލައިގެން ކެމްޕޭން ފެށުމަށް މާލޭގައި ބޭއްވި ޖަލްސާ ވެސް ފެނުނީ ވަރަށް ނިކަމެތިކޮށެވެ. މުޅި ކާނިވާ ސަރަހައްދު ފުރާ ގޮނޑި ޖަހައިގެން ބޭއްވި ބޮޑު ޖަލްސާއަށް ދިޔައީ ދުއިސައްތަ ވަރަކަށް މީހުން ކަމަށް ނޫސްތަކުން ބުނެއެވެ. މިކަމުގައިވެސް އެކި މީހުން ދައްކަނީ އެކި ސަބަބެވެ. އެކިބަހަނާއެވެ. އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވަނީ އެކަން އެހެން ދިމާވީ މާލޭ ރައްޔިތުންގެ އުއްމީދުތައް ރައްޔިތުން އެދޭ މިންވަރަށް ހާޞިލު ނުކޮށްދެވޭތީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެކަން އެހެންވީ އެމްޑީޕީގެ އަސްލު މެންންބަރުންގެ މުހުތާދުތައް ފުއްދައި ނުދެވި މާޔޫސް ވެފައި ވާތީ ކަމަށެވެ.

އެމްޑީޕީގެ ކެމްޕޭން ބޮޑު ޖަލްސާއަށްފަހު ދެން ފެނުނީ މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމްގެ ބޮޑު ޖަލްސާއެވެ. އަސްތާ، ކަންވީ ކުރީން ހަމަ ދެންނެވި ގޮތަށެވެ. އެއްބަޔަކު ތިބީ ލިބުނު ބޮޑު މޮޅާއެކު މާ ބޮޑުތަނުން ލޯކަލް އިންތިޚާބު ކާމިޔާބުކޮށްގެންނެވެ. އަނެއް ބަޔަކު ތިބީ މި ދައުރުގައި ލިބުނު އެއްޗެއް ނަގައިގެން ލިބުނު މޮޅެއް ހޯދައިގެން ރައްޔިތުން ތިމާމެންނަށް ތާއީދު ކުރި އަސްލު ސަބަބުގެ މަތީންވެސް ހަނދާން ނެތިފައެވެ. އެހެން ތިއްބާ އެއްކަލަ އޮފް ކެނޑި ދަބަރަށް ވެފައި އޮތް ޕީޕީއެމް ގަދަ ހިތްވަރުކޮށްފައި އައިސް ބޮޑު ޖަލްސާ ބާއްވައި މުޅި ކާނިވާ ފުރާލައިގެން ސަރުކާރު ސިއްސުވާލީއެވެ. މީގައި މިވީ ކަންޒު ކަހަނބާއި މުސަޅުގެ ރޭހަށް ވީ ގޮތް ނޫން ދެން ކޮން ގޮތެއް ހެއްޔެވެ؟

ސަރުކާރުން ބުނަނީ ވަޢުދުތައް ފުއްދަން މަސައްކަތްތަކެއް ކުރަމުން ގެންދާ ވާހަކައެވެ. ރަށްރަށުގައި މަޝްރޫޢުތައް ހިންގާ ވާހަކައެވެ. ސަރުކާރުން ބުނަނީ “ކުރަހައިގެން ހިސާބު ޖަހައިގެން ދެލިކޮށްގެން އަގުކޮށްގެން” ހަދާފައި އޮތް “ސްޓްރެޓީޖިކް އެކްޝަން ޕްލޭން” އެއް އޮތް ވާހަކައެވެ. އަދި “އެގޮލާ” އާއި އެއްގޮތަށް ކަންކަން ރާވަމުން ވިލަރެސް ކުރަމުން ޗާޓު ހަދަމުން ހިސާބު ޖަހަމުން ދާ ވާހަކައެވެ. އަތެއް އޮތަކަސް ބަތެއް ނުކެކޭނެއޭ ބުނާ ބީދައިން އެބުނާ އެއްޗެއް އޮތަކަސް އެއާއި އެއްގޮތަށް ކަމެއް ކުރިއަސް އެވާހަކަ ދައްކާނެ މީހަކު އަމުދުން ސަރުކާރުގައި ނެތޭ ބުނާހާވެސް ސަރުކާރުގެ “އަނގައެއް” ނެތެވެ.

ކަމެއް ކުރިއަސް ކުރާ ކަމެއް ރައްޔިތަކަށް ނޭނގެއެވެ. އެހެންވީމާ އަދި ހަމަ ރައްޔިތުން އަޅާކިޔާން އޮތީ ޔާމިންގެ ތަރައްޤީގެ ފޮނުގަނޑާއެވެ. އެ ބޮޑު ބްރިޖާއި 25 ބުރީގެ ހޮސްޕިޓަލާއި މާލޭގެ ބޮޑު ރިންގް ރޯޑާއި ބިޔަ ރަންވޭއާއި ހުޅުމާލެ ޒުވާނުންގެ ސަހަރުގެ ވާހަކައާއި، މިހެންގޮސް ޔާމިންގެ ކޮންކްރީޓް ތަރައްޤީގެ ވާހަކައެވެ. މި ސަރުކާރުން ވޭތުވެދިޔަ އެއްއަހަރާއި ތިން މަހުގެ ތެރޭގައި މި ވާހަކަތަކާއި އަޅާކިޔޭނެ އެއްޗެއްގެ ވާހަކަ ދައްކާނެ އަނގައެއްވެސް ހަމަ ނެތީއެވެ. މިސަރުކާރުން ހަމައެކަނި ދެމުން ގެންދަނީ ބަދަލުކަމަށް ބުނެ އެދައްކާ ވާހަކައަށް ވެސް ރައްދެއް ދޭނެ އެއްވެސް “އަނގައެއް” ހަމަ ނެތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން