ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް
ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް
ކޮވިޑުގެ އާލަމީ ވަބާއީ ބަލީގެ ސަބަބުން ދިވެހި ދައުލަތުގެ އިގްތިސާދު މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް އިގްތިސާދީ ގިނަ މާހިރުން އެބަ ގަބޫލު ކުރައެވެ. ރާއްޖޭގެ އިގްތިސާދު މުޅިންހެން ބިނާވެފައި މިއޮންނަނީ ފަތުރުވެރި ކަމުގެ ސިނާއަތަށެވެ. ރާއްޖޭގައި ކުރިއަށްދާ އެހެނިހެން ހުރިހާ ސިނާއަތެއްވެސް، ސީދާގޮތުންނާއި ނުސީދާގޮތުން މިގުޅެނީ ހަމަ ފަތުރުވެރި ކަމުގެ ސިނާއަތާއެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމަށްފަހު އިގްތިސާދު ވެންޓިލޭޓަރުން ނަގަން އެބަޖެހެއެވެ. މިކަން ކުރެވެން މިހާރު އޮތް ގޮތަކީ އައްޑޫ ސިޓީ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓާއިއެކު ފަތުރުވެރި ކަމުގެ ސިނާއަތު ހުޅުވާލުމެވެ.

ގަމުގެ އެއާޕޯޓަކީ މިހާލަތުގައި މައި އެއަރޕޯޓު ކަމަށް ބަލާ، މުޅިރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލެވެން އެބައޮތެވެ. ގަމަކީ އައްޑޫ ސިޓީގައި ގުޅިފައިވާ ރަށްތަކުގެ ތެރެއިން ރަށެކެވެ. އެހެން ރަށްތަކާއި ގުޅިފައި އޮތް ރަށެއް ނަމަވެސް ގަމުގައި ކޮވިޑް ފްރީކޮށް ފަތުރުވެރިކަން ހުޅުވާލެވެން އެބައޮތެވެ.

އެއާޕޯޓުގެ ސްޓާފުން ގަމުގައި ބައިތިއްބައިގެން ވަރަށް ރަނގަޅަށް އޮޕަރޭޝަން ހިންގޭނެ ފުރުސަތު އެތަނުގައި ގާއިމުވެފައި އެބައޮތެވެ. އެހެން ކަމުން ހަރުދަނާ ގަވާއިދާއި އުސޫލުތަކެއް ހަދާ މިކަމަށް ތައްޔާރު ވުމަކީ މުހިއްމު ކަމަކެވެ. އިގްތިސާދު މުޅިން ހަލާކު ވުމުގެ ކުރިން މިކަމަށް ކަމާއިބެހޭ ފަރާތްތަކުން ހަރުދަނާ ގޮތެއްގައި ކަންކަން ނިންމަން އެބަޖެހެއެވެ.

ފްލައިޓް ކުރޫއިންނަށް ބަރާބަރަށް އެކޮމަޑޭޝަން ހަމަޖެއްސޭނެ ފަހި ފުރުސަތުތައް އައްޑޫގައި ގާއިމު ވެފައި އެބަހުއްޓެވެ. އީކުއޭޓަރ ވިލެޖްވެސް މިހާރު އެއޮތީ އެއްވެސް ގެސްޓެއް ނެތިފައެވެ. އެތަނަކީ ފްލައިޓް ކުރޫއިންނަށް ވަރަށް ރަނގަޅު ތަނެކެވެ. އެހެނަސް އީކްއޭޓަރގައި ތިބޭ އެއްވެސް ގެސްޓަކަށް ނުވަތަ ކުރޫއަކަށް މީހުން އުޅޭ ރަށްތަކަށް ދިއުމުގެ ފުރުސަތު މިދަނޑިވަޅުގައި ދެވިގެން ނުވާނެ އެވެ. އަދި ގަމުގެ އެކި ތަންތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ތިބެންޖެހޭނީ ގަމުގައެވެ. ރިސޯޓުތަކުގެ މުވައްއްޒަފުންވެސް ތިބޭ އުސޫލުން ސްޓާފް އެކޮމަޑޭޝަން ތަކުގައެވެ. މިޙާލަތުން އަރައި ގަތުމާއި ހަމައަށެވެ.

އައްޑޫއިން ސީދާ މާމިގިލީ އެއާރޕޯޓަށް މާލެ ސަރަހައްދުގެ ގެސްޓުން ނުއުފުލޭނެ ސަބަބެއް ނެތެވެ. މާލޭގެ އެއާޕޯޓު ފަދައިން މާމިގިލީ އެއާޕޯޓުން ސްޕީޑް ބޯޓު ތަކުގައި ފަތުރުވެރިން ރިސޯޓުތަކަށް ގެންދެވޭނެއެވެ. އަދި މިހާރުވެސް އޮޕެރޭޓް ކުރާ އެހެނިހެން 11 ޑޮމެސްޓިކް އެއާޕޯޓްތަކަށް އައްޑޫއިން ފަތުރުވެރިން ގެންދެވޭނެއެވެ. މިގޮތަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ކަންކަން ރޭވިއްޖެ ނަމަ، ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާ ނުލެވެންވީ ސަބަބެއް ނެތެވެ.

ދުނިޔޭގެ ގައުމު ތަކުގައި މިހާރުވެސް ރާއްޖެއަށް އަންނަން ބޭނުންވާ އެތަކެއް ފަތުރުވެރިން އެބަތިއްބެވެ. ފަތުރުވެރި ކަމުގެ ވަޒީރުވެސް ވަނީ އެކަން ހާމަ ކުރައްވާފައެވެ. ދުނިޔޭގެ މުއްސަނދި މަހުޖަނުން އެތިބީ ރާއްޖެއަށް، ދިގުމުއްދަތައް ޗުއްޓީ ހޭދަކޮށްލަން އަންނަން ތައްޔާރަށެވެ. ފުރުސަތު އެބައޮތެވެ. އެކަމަށް ތައްޔާރުވެ ހަރުދާނާ އުސޫލު ތަކާއިއެކު ނިއު ނޯމަލްގެ ތެރެއިން ފަތުރުވެރިކަން ހުޅުވާލަން ވީއެވެ. ދުނިޔޭގެ ބޮޑެތި އެއާލައިންތައްވެސް އެދަނީ ދަތުރަށް ފަށައި ގަތުމަށް ތައްޔާރު ވަމުންނެވެ. ރާއްޖޭގެ ގައުމީ އެއަރލައިންވެސް ދަތުރަށް ފައްކާ ކުރަންވީއެވެ. ގައުމީ އެއަރލައިން ބަގްރޫޓު ވުމުގެ ކުރިން އެފުރުސަތު ފަހި ކޮށްދޭން އެބަޖެހެއެވެ.

މިހާލަތުގައި އައްޑޫ ގަމުގެ އެއާޕޯޓު ޑޮމެސްޓިކް އޮޕަރޭޝަން ދިވެހިންނަށް ހުއްޓާލަންވީ އެވެ. އެއީ ދިވެހިންގެ ތެރެއަށް ބަލި ނުފެތުރި އެކަމުގެ ރައްކާތެރިކަން ޔަގީން ކުރުމަށެވެ. ގަމުގެ އެއާޕޯޓުގެ ބަދަލުގައި ޑޮމެސްޓިކް އޮޕަރޭޝަނަށް ބޭނުން ކުރަންވީ ފޯއްމުލަކު އެއަރޕޯޓެވެ. އެތަނުން ދިވެހިން ލޯންޗް ފަހަރުގައި އައްޑުއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސިދާނެ އެވެ. މިހާރުވެސް އެމްޕީއެލްއިން އެޚިދުމަތް ދެއެވެ. ކަންކަން ޖެހެނީ އިންތިޒާމު ކުރާށެވެ. ދިވެހިންނަށް ޓިކެޓް ވިއްކާނީ ސްޕީޑް ބޯޓު ފެއާރ އާއި އެކުގައެވެ.

މިހެން ބުނުމުން އައްޑޫގެ ބައެއް ބޭފުޅުން ހިތްހަމަ ނުޖެހިދާނެ އެވެ. ނަމަވެސް ހާލަތައް ރިއާޔަތްކޮށް މިއީ ނުތަނަވަސް ކަމާއެކުވެސް ބަލައިގަންނަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ފެނެއެވެ. އެހެންކަމުން ވީހާވެސް އަވަހަށް ޚިދުމަތްތައް ފަށައިގަންނަން ވީއެވެ. ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް އެހެރީއެވެ. ހަރުދަނާ އުސޫލެއްގެ ތެރެއިން ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް އެވަސީލަތްތައް ބޭނުން ނުކުރަންވީ ކޮންސަބަބަކާ ހުރެތޯއެވެ؟ އެއީ އައްޑޫ އެއަރޕޯޓް ވީމަ ތޯއެވެ؟ އެވިސްނުން ދޫކޮށްލައްވާށެވެ.

ގަމުގެ އެއަރޕޯޓުގެ ވާހަކަ ދެއްކީމަ ބައެއް ބޭފުޅުން ހިތައް އަރާނީ ގަމުގެ އެއާޕޯޓުން ޚިދުމަތް ނުދެވޭނެ ކަމަށެވެ. ނޫނެކެވެ. އެއީ ކުށް ހީއެކެވެ. ހުރިހާ ޚިދުމަތެއްވެސް ދެވޭނެއެވެ. ހަރުދަނާ އުސޭލެއްގެ ތެރެއިން އޮޕަރޭޝަން ފަށައިގަންނަން ވީއެވެ. ފްލައިޓް ޕާކިންއަށް ޖާގަވެސް އެބަ އޮތެވެ. ދުވާލަކަށް 6 އިންޓަނޭޝަނަލް ފްލައިޓް ނުޖެއްސޭނެ އެއްވެސް ސަބަބެއް ނެތެވެ. އަދި އެހުރިހާ ޕެސެންޖަރުން 12 ޑޮމެސްޓިކް އެއާރޕޯޓް ތަކަށް ފަސޭހަ ކަމާއެކު އުފުއްލޭނެ އެވެ. އެ ކެޕޭސިޓީވެސް އެބަ އޮތެވެ.

މިފަދަ އޮޕަރޭޝަނެއް ފަށައި ގަންނަ ވާހަކަ ދައްކާ އިރަށް ބައެއް މީހުންގެ ސިކުނޑިއަށް މިއަންނަނީ ދުވާލަކަށް 40 ފްލައިޓް ޖައްސާށެވެ. ދުނިޔޭގެ މިހާރު މިއޮތް މިހާލަތުގައި އެވަރަށް ފްލައިޓް ރާއްޖެއަކަށް ނައަންނާނެއެވެ. އެހާހިސާބައްދާއިރު ނިއު ނޯމަލްގައި މާލޭގެ އެއާރޕޯޓުވެސް އޮޕްރޭޝަނަށް ފައްކާ ކުރެވޭނެއެވެ. އެއްވެސް ހާލެއްގައި މީނުވާނެ ކަމެއްކަމަށް ނުދެކޭށެވެ. އިގްތިސާދު ފުނޑު ފުނޑު ވުމުގެ ކުރިން އަވަހަށް މި އޮޕަރޭޝަން ފަށަންވީއެވެ.

އައްޑޫ އިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ޑޮމެސްޓިކް ފްލައިޓް އޮޕްރޭޓް ކުރެވޭނެ އެވެ. މާމިގިލީ އެއާޕޯޓަކީ މާލެއާއި އަރި އަތޮޅާއި އަދި އެނޫންވެސް އެހިސާބުގެ ހުރިހާ ރިސޯތަކަށް ގެންނަ ފަތުރުވެރިންގެ އެއާޕޯޓެވެ. މިފަދަ ގޮތަކަށް އަނެއް 11 ޑޮމެސްޓިކް އެއާޕޯޓްތައް އޮޕެރޭޓް ކުރެވޭނެ ހަރުދަނާ ނިޒާމަކުން ހުރިހާ ފަތުރުވެރިން އެބަޔަކު ބޭނުންވާ ރިސޯޓަކަށް ފޮނުވޭނެއެވެ. ޑޮމެސްޓިކް އެއަރޕޯޓުތަކުން ރިސޯޓުތަކަށް ފަތުރުވެރިން ގެންދާނީ ސްޕީޑް ބޯޓް ތަކުގައެވެ. އެނިޒާމު މިހާރުވެސް ރާއްޖޭގައި އޮތީ ފުރިހަމަ ވެފައެވެ.

ކަމާއި ބެހޭ މުއައްސަސާ ތަކުން މިކަމަށް ޕްލޭން ތައްޔާރުކޮށް އަވަހަށް މިގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށް މަސައްކަތް ފައްޓަވާށެވެ. ވަސީލަތްތައް ހުރީ ގާއިމުވެފައެވެ. އޭގެ ބޭނުން ހިއްޕަވާށެވެ. ދިވެހިންނަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމަށް ފަސްޖެހި ވަޑައި ނުގަންނަވާށެވެ. ސިޔާސީ ހުރިހާ ބޭފުޅުންވެސް މިވަގު ވަރަށް ބޮޑަށް ސިޔާސީ ވާންވީއެވެ. އެހެނަސް ވަކި ފިކުރެއް ކުރިއެރުވުމަކަށް ނޫނެވެ. ތިމާއާއި ތިމާގެ ދާއިރާގެ ރައްޔިތު މީހާގެ ކުރިމަގު އުޖާލާ ކުރުމަށެވެ. މިއީ އައްޑޫ ހުވަދޫ ބަލަންވީ ވަގުތެއް ނޫނެވެ. މުޅި ގައުމުގެ ހައްގުގައި ނިކުންނަންވީ ވަގުތެވެ.


ކިޔުންތެރިންގެ ހިޔާލު


25

ޔައުގޫބު

31-May-2020

އަވަހަށް ފަށާ! އައްޑުއަށް, ރަށަށް ނުދެވިފައި ތިބި މީހުން ރަށަށް ވެސް ފޮނުވާ އަނބިދަރިން ކައިރިއަށް!


15

ޔައުގޫބު

31-May-2020

އަވަހަށް ފަށާ! އައްޑުއަށް, ރަށަށް ނުދެވިފައި ތިބި މީހުން ރަށަށް ވެސް ފޮނުވާ އަނބިދަރިން ކައިރިއަށް!



ޓްރެންޑިން