ރާއްޖެއިން މިއަހަރު ފަތުރުވެރިކަމަށް ކަނޑައެޅި އަމާޒުތައް ހާސިލުވާނެކަމަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ފަތުރުވެެރިކަމަށް ސަރުކާރުން މިއަހަރު ކަނޑައެޅީ 3 އަމާޒެއްކަމަށާއި، އެއީ 1.6 މިލިއަން ފަތުރުވެރިންނާއި، 1.7 މިލިއަން ފަތުރުވެރިން އަދި 1.8 މިލިއަން ފަތުރުވެރިންގެ އަމާޒެއްކަމަށެވެ. މިއީ ކޯވިޑާއި ގުޅިގެން ހާލަތަށް އައި ބަދަލުތަކާއެކު ކަނޑައެޅި އަމާޒުތަކެކެވެ.



މިނިސްޓަރ ވިދާޅުވީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިން ލަފާކުރި އަދަދަށްވުރެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ކަމަށެވެ. ނަމަވެސް ހަނގުރާމަ ހުއްޓި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށާއި އަދި މިއަހަރަށް ފަތުރުވެރިން އަންނާނެ އަދަދުތައް އަންދާޒާ ކުރިއިރު ޗައިނާއިން ރާއްޖެއަށް މިއަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށާއި، މިއީ ބޮޑު ކާމިޔާބީއަކަށް ވެގެންދާނެކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 621633 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން