އިޒްރާއީލުން ހަމަލާދީ އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހް މަރާލި މައްސަލަ ދުނިޔޭގެ ހުރިހާ ނޫސްވެރިން ކުށްވެރި ކުރަންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ "އަލްޖަޒީރާއިން" ބުނެފައިވަނީ، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިން ހަމަލާއެއްގައި ޖެނީންގައި ހިނގަމުންދާ ކަންކަން ކަވަރު ކުރަމުންދާ އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހްގެ ގަޔަށް އިސްރާއީލު ސިފައިން ބުދަދުވަހު ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ. މި ހަމަލާ އަމާޒުކުރީ ސީދާ އޭނާގެ މޫނަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝީރީނަކީ 2000 ވަނަ އަހަރު ފަލަސްތީނުގެ ދެވަނަ އިންތިފާޟާ ފެށުނީއްސުރެ އަލްޖަޒީރާއާއެކު މަސައްކަތް ކުރަމުން ދިޔަ، އެންމެންގެ އިހްތިރާމް ލިބިގެންވާ ނޫސްވެރިއެކެވެ.

އިސްރާއީލުގެ އެ އަމަލު ކުށްވެރި ކުރައްވައި ޑރ. ޝަހީމް މިއަދު ވިދާޅުވީ، އިސްރާއީލް ސިފައިން، ޝިރީން ގަޔަށް ބަޑިޖަހާ މަރާލުމަކީ އިންސާނިއްޔަތާ ވެސް ހިލާފު އަމަލެއްކަމަށެވެ. އެހެންކަމުން ދުނިޔޭގެ ހުރިހާ ނޫސްވެރިންވެސް އެ އެ އަނިޔާވެރި ޖަރީމާ ކުށްވެރި ކުރަންޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ކޮންމެ އަހަރަކު އާންމުންގެ އެތައް ބަޔަކު އަންނަނީ ޝަހީދު ވަމުންނެވެ. މިއަހަރުގެ މިހާތަނަށް އިސްރާއީލުން ވަނީ ފަލަސްތީންގެ 50 މީހަކު ޝަހީދު ކޮށްލާފައެވެ. އަލްޖަޒީރާ އިން ބުނީ އިސްރާއީލުން އެނޫސްއެޖެންސީގެ ނޫސްވެރިޔަކު މަރާލި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ މައުލޫމާތުތައް ބަލައި، ސާފު ކުރަން ޖެހޭ ކަންކަން ސާފު ކުރަމުން ގެންދާ ކަމަށެވެ.

އަލްޖަޒީރާ އިން ފަލަސްތީންގެ ހަބަރުތައް ގެނެސްދޭ ގޮތުން އިސްރާއީލުން އަބަދުވެސް ނުރުހުން ފާޅުކުރެއެވެ. މީގެ ކުރިން ވެސް އިސްރާއީލް ސިފައިން ވަނީ ފަލަސްތީންގެ ނޫސްވެރިންނަށް ހަމަލާދީ ނޫސްވެރިން ޝަހީދުކޮށްފައެވެ. މީގެއިތުރުން ހުސްވި އަހަރު އިޒްރާއީލް ސިފައިން ވަނީ އެތައް ނޫސް އިދާރާއެއް ހިންގާ އިމާރާތަކަށް ހަމަލާދީ ބިމާ ހަމަކޮށްލާފައެވެ.

ޝީރީން މަރާލި މައްސަލައިގައި ދުނިޔޭގެ މަޝްހޫރު ނޫސްވެރިންނާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުން އަޑުއުފުލައި އޭނާއަށް އިންސާފު ހޯދައިދިނުމަށް ވަކާލާތު ކުރަމުން ނުދާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން