ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސްނެގުން ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.

މާދަމާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ހެނދުނު 09:30 އަށެވެ. މާދަމާވެސް އޮންނާނީ ހެކިންގެ ހެކިބަސް ނެގުމެވެ.



މި މައްސަލާގައި އެންމެފަހުން ނަގާފައިވަނީ މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުޙައްމަދު ޙުސައިން (އޮއިއްޓޭ) ގެ ހެކިބަހެވެ. އޭނާއަކީ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ ޑްރައިވަރެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެމުން އޮއިއްޓޭ ބުނެފައިވަނީ އަދީބު ބުނެގެން ރައީސް ޔާމީންގެ ގެއަށްގޮސް ރައީސް ޔާމީންގެ އަތްޕުޅަށް އެއް މިލިޔަން ދިވެހި ރުފިޔާގެ ނަޤުދު ފައިސާ ޙަވާލުކޮށްފައިވާނެ ކަމަށެވެ. އަދި އަދީބު ޙަވާލު ކުރެއްވި ކާރެއް މެޑަމް ފާތުންނަށް ޙަވާލު ކުރުމަށް މުލިއާގެއަށް ގެންދިޔަ ކަމަށްވެސް އެދުވަހު އޮއިއްޓޭ ބުނެފައިވެއެވެ.

މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި މިހާތަނަށް ނަގާފައިވަނީ 4 ހެކިވެރިއެއްގެ ހެކިބަހެވެ. އެއީ އޮއިއްޓޭގެ އިތުރުން ހަތަރު އައިފޯނަކާއި ޕެންޑްރައިވްތަކެއް ތަހުލީލުކޮށް މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި އޮފިސަރަކާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރާއި ޓުއަރިޒަމް މިނިސްޓްރީގެ ލީގަލްބައިގައި ކުރިން މަސައްކަތް ކުރެއްވި ފަސީހް ޒާހިރު ކިޔާ ފަރާތެއްގެ ހެކިބަހެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.

މި މައްސަލާގައި ރައީސް ޔާމިނަށް މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އޭގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން