ޝައިޚް ނިޝާނާއި ޝައިޚް ފަޟުލޫނުގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުޙުކުމެއް އަންނާނެ ދަޢުވާއެއް ޕީޖީ އޮފީހުން އުފުލައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ޖޫން 2022 ދުވަހު ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަޙައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ދަޢުވާކޮށް، 02 އޮކްޓޫބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލާގައި ޖުމްލަ 18 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާއިރު ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދާއި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާއެވެ. އެކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޔޯގާ ޙަރަކާތަށް ހުރަސްއެޅި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާއާ އެކު އިތުރު ހަ މީހަކަށް ކުރެ އެވެ. އެކުށުގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މި މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ ހަތް މީހެއްގެ މައްޗަށް ކުރެ އެވެ. އެކުށުގެ އަދަބަކީ 20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން