ޢުޘްމާނީ ދައުލާގުޅޭ ތުރުކީ ސިލްސިލާ ފިލްމެއްކަމަށްވާ ކުރުލުޝް އޮސްމާންގައި ތުރުކީވިލާތުގެ އެކްޓަރު ބުރާކް އޯޒްޗިވިތު ޢުޘްމާން 1 ގެ ގޮތުގައި
ޢުޘްމާނީ ދައުލާގުޅޭ ތުރުކީ ސިލްސިލާ ފިލްމެއްކަމަށްވާ ކުރުލުޝް އޮސްމާންގައި ތުރުކީވިލާތުގެ އެކްޓަރު ބުރާކް އޯޒްޗިވިތު ޢުޘްމާން 1 ގެ ގޮތުގައި
ޢުޘްމާން ޣާޒީ (ޢުޘްމާނީ ތުރުކީ ބަހުން عثمان غازى) އަކީ ޢުޘްމާނީ ތުރުކީންގެ ޒައީމެވެ. އަދި ޢުޘްމާނީ ދައުލަތާއި ދަރިކޮޅުގެ ބާނީއެވެ. ސޮކޫދޭ ކިޔުނު ކުޑަ ސަހަރަކުން ފެށުނު ޢުޘްމާން 1 ގެ ދައުލަތް ފުޅާވަމުން އައިސް ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް އަންބަރާތޫރިއްޔާއަށްވިއެވެ. އަދި މީލާދީން 1299 ގައި ފެށުނު މިދައުލަތް 1922 އާއި ހަމައަށް ދެމިގެން އައެވެ.

ސުލްޠާން ޢުޘްމާން 1 ގެ ދުވަސްވަރާ ގުޅޭ ގޮތުން މަޢުލޫމާތު ލިބެންހުރި މާ ގިނަ ތާރީޚީ މަސްދަރުތަކެއް ނެތެވެ. އެހެންކަމުން އެރަސްގެފާނުގެ ވެރިކަމާ ގުޅޭ ގޮތުން އެންމެ މުއުތަބަރުކޮށް ލިޔެވޭކަށް ނޯވެއެވެ. ސުލްޠާން ޢުޘްމާންގެ ހަޔާތްޕުޅާ ގުޅޭ ގޮތުން ޢުޘްމާނީންގެ ރެކޯޑުތަކުން ފެންނަން ހުރީ މީލާދީން ފަނަރަވަނަ ގަރުނުގެ ލިޔުންތަކެއް އެކަންޏެވެ. އެއީ އެރަދުން އަވަހާރަވީތާ ސަތޭކައެއްހައި އަހަރު ފަހުގެ ލިޔުންތަކެކެވެ.

ފެންނަން ހުރި ޢުޘްމާނީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ސުލްޠާން ޢުޘްމާން 1 ގެ ކާބަފައިންނަކީ އޯގޫޒް ތުރުކީންގެ ކާޔީ ޤަބީލާއަށް ނިސްބަތްވާ ބައެކެވެ. ބުނެވޭ ގޮތުގައި ސުލްޠާން ޢުޘްމާން 1 އުފަންވެވަޑައިގެންނެވީ މީލާދީން 1254 ނުވަތަ 1255 ގައެވެ. އެހެންނަމަވެސް މިއީ ކަނޑައެޅިގެން އެނގެން އޮތް ތާރީޚެއް ނޫނެވެ.

ޢުޘްމާނީންގެ ތާރީޚު ބުނާގޮތުން މޮންގޯލުންގެ އަނިޔާވެރިކަމުން ސަލާމަތްވާންވެގެން މެދުތެރޭ އޭޝިޔާއިން އަނާދޯލޫއަށް ކާޔީ ޤަބީލާ ހިޖުރަކުރީ ސުލްޠާން ޢުޘްމާން 1 ގެ ބައްޕާފުޅު އެރްތުޣްރޫލްގެ ޤިޔާދަތުގެ ދަށުންނެވެ. އަދި އަނާދޯލޫއަށް ހިޖުރަކުރެއްވުމަށްފަހު، އެރްތުޣްރޫލް އަނާދޯލޫގެ ސަލްޖޫޤުންގެ ސުލްޠާނަށް ބައިޢަތު ހިއްޕެވިއެވެ. އޭގެ ބަދަލުގައި ސަލްޖޫޤުންގެ އެރްތުޣްރޫލަށް ބައިޒެންޓީން އަންބަރާތޫރިއްޔާގެ ބޯޑަރާ އިންވެގެން އޮންނަ ސޮކޫދު ސަހަރުގެ ވެރިކަން ދެއްވިއެވެ.

މީލާދީން 1280 ގައި ބައްޕާފުޅު އެރްތުޣްރޫލް އަވަހާރަވުމުން ސޮކޫދުގެ ވެރިކަން ލިބިވަޑައިގެންނެވީ ސުލްޠާން ޢުޘްމާނަށެވެ. ސުލްޠާން ޢުޘްމާނުގެ ވެރިކަމުގެ ކުރީކޮޅާ ބެހޭ މާގިނަ މަޢުލޫމާތު ލިބޭކަށް ނެތެވެ. ސުލްޠާން ޢުޘްމާންގެ ހަޔާތްޕުޅުގައި ހިނގި ތާރީޚީ ފުރަތަމަ ހާދިސާއަކީ މީލާދީން 1301/1302 ގައި ކުރެވުނު ބަފެއަސް ހަނގުރާމައެވެ. މި ހަނގުރާމައިގައި ސުލްޠާން ޢުޘްމާނުގެ ޤިޔާދަތުގެ ދަށުން ބައިޒެންޓީނުން ބަލިކުރެއްވިއެވެ.

ބަފެއަސް ހަނގުރާމައަށްފަހު ސުލްޠާން ޢުޘްމާން ބައިޒެންޓީނުންގެ ސަރަހައްދުތައް ހިއްޕަވަމުން ޢުޘްމާނީންގެ ސަރަހައްދު ބޮޑުކުރައްވަމުން ވަޑައިގެންނެވިއެވެ. މިގޮތަށް ބައިޒެންޓީނުންގެ ސަރަހައްދުތައް ހިއްޕެވިއިރު އަވައްޓެރި ތުރުކީންނާ ދެކޮޅުވެރިކަމެއް ނުއުފެދިވޭތޯ ބެއްލެވިއެވެ. ހަނގުރާމަތަކުގެ އިތުރުން ބިންތައް ބައްލަވައިގަތުމާއި ސިޔާސީ ކައިވެނިފުޅުތަކުންވެސް ސަރަހައްދު ބޮޑުކުރެއްވިއެވެ.

ސުލްޠާން ޢުޘްމާން ދެ ކައިވެންޏެއް ކުރެއްވިއެވެ. ފުރަތަމަ ކައިވެނި ކުރެއްވީ އަނާދޯލޫގެ ސަލްޖޫޤު ވަޒީރެއް ކަމަށްވާ ޢުމަރު ޢަބްދުލްޢަޒީޒު ބޭގެ ދަރިކަނބަލުން މަލް ހާތޫންއާއެވެ. ދެވަނައަށް ކައިވެނިކުރެއްވީ އެދުވަސްވަރުގެ މަޝްހޫރު ދަންނަބޭކަލެއް ކަމަށްވާ ޝައިޚް އެދެބަލީގެ ދަރިކަނބަލުން ރާބިޢާ ބާލާ ހާތޫން އާއެވެ. ސުލްޠާން ޢުޘްމާނަށް 7 ފިރިހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެއީ ޢަލާއުއްދީން ޕާޝާ، ސުލްޠާން އޮރްޚާން ޣާޒީ، ޖޮބާން، މެލިކް، ޙާމިދު، ޕަޒަރްލީ އަދި އެރްތުޣްރޫލެވެ. އަންހެން ބޭފުޅަކަށް ލިބިވަޑައިގެންނެވީ ފާޠިމާއޭ ކިޔުނު ބޭފުޅެއް އެކަންޏެވެ.

ސުލްޠާން ޢުޘްމާން 1 އަވަހާރަވީ ޢުމުރުފުޅުން 70 އަހަރުގައި މީލާދީން 1326 ގައި ބުރްޞާގައި ކަމަށް ބައެއް މުއައްރިޚުން ލިޔުއްވާފައިވެއެވެ. އެހެން ބައެއް ލިޔުންތަކުން 1323 އަދި 1324 ވެސް ފެނެއެވެ. އަވަހާރަވީކަމަށް ވަނީ ރާއްޖެބަލީގެ އާލާސްކަންފުޅެއްގައެވެ. ސުލްޠާން ޢުޘްމާން 1 އަވަހާރަވުމުން ރަސްކަން ލިބިވަޑައިގެންނެވީ ދަރިކަލުން އޮރްޚާން ޣާޒީއަށެވެ. މާތް ރަސްކަލާނގެ ސުލްޠާން ޢުޘްމާންގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލައްވާށިއެވެ!


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން