މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. މިވަޢުދަކީ ދިވެހި މަސައްކަތްތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ކަމެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

މިއަދު ރާއްޖޭގެ ދިރިއުޅުމުގެ ޙާލަތާއި ވައްޓަފާޅިއަށް ބަލާއިރު ލިބޭ އެއްޗަކަށްވުރެ ކުރަންޖެހޭ ހޭދަ ބޮޑެވެ. ރާއްޖޭގެ އިޤްތިޞާދަށް އައި ބޮޑެތި ބަދަލުތަކާއި ދިވެހީންގެ ދިރިއުޅުމަށް އައި ބަދަލުތަކާއި ރާއްޖެއާއި ދުނިޔޭގެ ބާޒާރުގައި ތަކެއްޗާއި ޚިދުމަތުގެ އަގުތަކަށް އައި ބަދަލުތަކާއި އެއްވަރަށް ރާއްޖޭގެ މުސާރައިގެ އޮނިގަނޑު މައްޗަށް ނުދިއުމަކީ މިފަހަކަށް އައިސް އާންމުކޮށް ވަރަށް ބޮޑަށް ކުރެވޭ ޝަކުވާއެކެވެ.

އާބާދީގައި ބައި މިލިއަން ވެސް ހަމަނުވާ މި ދިވެހިރާއްޖެއަކީ މި ސަރަހައްދުގައި ވެސް ލިބޭ އާމްދަނީގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު އެންމެ މަތި ޤައުމެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ފަތުރުވެރިކަމުގެ މަންޒިލު ތަކުގެ ވެސް އެންމެ ކުރީގައި އުޅޭ ފަތުރުވެރިކަމުގެ ސިނާއަތް އޮތް ޤައުމެވެ. ފަތުރުވެރި ކަމުގެ އާމްދަނީން ބިލިއަނުން ޑޮލަރުވަދެއެވެ. ބޭރުގެ އެހީތައް ލިބޭލެއްވެސް މަދެއް ނޫނެވެ. ވިޔަފާރިތަކުންނާއި ހުރިހާ ރައްޔިތުންގެ އަތުން ޓެކްސް ނަގައެވެ.

ރާއްޖޭގެ ކުޑަކުޑަ އާބާދީއާއި އަޅާ ބަލާފައި ރާއްޖޭގެ ރައްޔިތުންގެ ކަންކަން ހަމަޖައްސައި ލެވޭނެ ކަމަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވާދަކުރެއްވި ބޭފުޅަކު މަޖާޒީ ގޮތުން ވިދާޅުވި ބަސްފުޅެއްގެ މަތީން މިހާރުވެސް ހަނދާން އެބަހުއްޓެވެ. އެބޭފުޅާ ވިދާޅުވީ ދެ ރިސޯޓަކާއި ލެޕްޓޮޕަކުންވެސް ރާއްޖެ ހިންގައި ލެވިދާނެ ކަމަށެވެ. މަޖާޒީ ގޮތުން ވިސްނާނަމަ މިއީ ހަމަ ވަރަށް ބޮޑު ތެދުފުޅެކެވެ. ރާއްޖޭގައި އޮތް ކުޑަކުޑަ އާބާދީއާއި ރާއްޖެއަށް ލިބޭ އާމްދަނީއާއި އަޅާ ކިޔައިފިނަމަ މަޖާޒީ ގޮތެއްގައި މިހެން ބުނެވިދާނެއެވެ.

އެކަމަކު އެހެން ވިދާޅުވި ބޭފުޅާއަށްވެސް ރާއްޖެ ހިންގާލަން ލިބިވަޑައިގެންނެވުމުން ދެ ރިސޯޓާއި ލެޕްޓޮޕަކުން ފަރަކު ނުޖެއްސުނެވެ. ރާއްޖެއަށް ޓެކްސްގެ ނިޒާމު ތަޢާރަފު ކުރެއްވީ މިދެންނެވި ބޭފުޅާގެ ވެރިކަމުގައެވެ. އެމެރިކާ ޑޮލަރުގެ އަގު މަތިކުރީވެސް މިދެންނެވި ބޭފުޅާއެވެ.

ކޮންމެއަކަސް ރާއްޖެއަށް މިލިބޭ އާމްދަނީއަކުން އޮބައެއް ނުޖެއްސެއެވެ. 2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓު ބޮޑުވަމުން ގޮސް މިއަދު މިއޮށް ކުޑަކުޑަ ޤައުމުގެ ބަޖެޓު 37 ބިލިއަނަށްވުރެ މައްޗަށް ދިޔައީއެވެ. މިދެންނެވީ ފަސް ލައްކަ ހަމަނުވާ އާބާދީގެ ޚަރަދު ބަރަދަށް ކަނޑައެޅި ބަޖެޓުގެ ވާހަކައެވެ. އެންމެ އަގުބޮޑު ފަތުރުވެރިކަމުގެ ސިނާއަތު އޮތް، ފައްސަތޭކަ ހާސް އަނގަވެސް ނެތް މި ދިވެހިރާއްޖޭގެ ބަޖެޓު މިއޮތީ ނުފޯރާ ފޮތިން ފޫގަޅާން ޖެހިފައެވެ.

ވާނީވެސް އެހެންތާއެވެ. މިހާރު މިއޮތް ވެރިކަމުގެ ނިޒާމަކީ އިންތިހާއަށް ޚަރަދުބޮޑު ފޭދޭ މިންވަރު ބޮޑު ޕާޓީ މެންބަރުންނަށް ވެސް ބައި އަޅަންޖެހޭ ނިޒާމެކެވެ. ފަސްލައްކަ ހަމަނުވާ މި އާބާދީއަށް ޚިދުމަތް ކުރާން އާންމު ޚިދުމަތުގައި ކޮންމެ ބާރަ ވަރަކަށް މީހުންނަށް މީހަކު ޚިދުމަތް ކުރެއެވެ. މީގެއިތުރުން ޕާޓީ ނިޒާމު އައިފަހުން ދެތިން ހާސް ސިޔާސީ މުވައްޒަފުންނަށް މުސާރަ ދޭން ޖެހެއެވެ. މިގޮތުން މި ރާއްޖޭގެ ބަޖެޓުގެ ތިންބައިކުޅަ ދެބައަށްވުރެ ބޮޑު އެއްޗެއް ހޭދަކުރަނީ މުސާރައާއި ބިޔަ ސަރުކާރުގެ ހިންގުމަށެވެ.

ދެން ބަޖެޓުގައި އޮންނަނީ ވެރިމީހާ ވަޢުދު ފުއްދާން އޮންނަ ބައެވެ. އެބައިން މިއޮންނަނީ ފައްސަތޭކައިގެ އާބާދީ ނެތް ރަށްރަށުގައިވެސް ބޮޑު ބަނދަރު ހެދުމާއި ބިން ހިއްކުމާއި ބޮޑެތި ހޮސްޕިޓަލް އިމާރާތް އެޅުމާއި ބޮޑެތި ސްކޫލާތައް އެޅުމާއި މަގު ހެދުމާއި ބިން ހިއްކުމާއި، މިހެން ގޮސް އެންމެ ޒަމާނީ ފެންވަރަށް ސިޓީއެއް ތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމެވެ. އެއީ ކެމްޕޭންގައި އެކިޔާ ތަރައްޤީއެވެ. ދެން މިކަންކަން ކޮށްފައި ދަތުގައި ހޭކޭބައި އުނިކޮށްފައި ކަނޑާ ގެއްލީމާ މިލިބޭ ފައިސާއިން ރައްޔިތެއްގެ ދިރިއުޅުމަށް ފައިދާއެއް ނުކުރެއެވެ. ފަސޭހައެއްވެސް ނުލިބެއެވެ.

މިދެންނެވި ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި އެކި ގިންތިތަކަށް ބެހިގެންދާ އެއްޗެހި ތަކެއް ނޯވެއެކޭ ނުދަންނަވަމެވެ. އެކަމަކު އެއީ މި ބިޔަ އާމްދަނީ ވަންނަ، ޓެކުހުގެ ގޮތުގައި ބިލިއަނުން ފައިސާ ލިބޭ މި ބައިމިލިއަން ހަމަނުވާ އާބާދީއަށް ޙައްޤުވާ މިންވަރުތޯ ހަމަ ސުވާލު އުފެދޭތީ މިވާހަކަ ލިޔެވުނީއެވެ.

އަސްލު ދައްކަން މިއުޅެނީ މިހާރު ވަރުގަދަ “ވަބާ” އެއްކަހަލަ އެއްޗަކަށް ވެގެން މިއުޅޭ މިނިމަމް ވޭޖްގެ ވާހަކައެވެ. މިނިމަމް ވޭޖް ކަނޑައެޅުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ރަނގަޅު އުސޫލަކުން އެއް ހަމައަކުން އެކަން ކޮށްފިނަމަ އޭގެ ފައިދާ މި ދިވެހި މަސައްކަތް ތެރީންނަށް ކުރާނެކަމާއިމެދަކު އެއްވެސް ޝައްކެއް ނެތެވެ.

އެކަމަކު މިނިމަމް ވޭޖް ކަނޑައެޅީމާ ދިވެހީންނަށް ވަޒީފާ ލިބޭނީ ކިހާވަރަކަށްތޯ މިއީ މިއަދު ވަރަށް ބޮޑަށް އުފެދޭ ސުވާލެކެވެ. މިހެން މިދެންނެވީ މި ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއަށް ބަލައިލިއަސް މިހާރުވެސް ގިނައީ ބިދޭސީ މަސައްކަތް ތެރީންނެވެ. އާދައިގެ ސައި ހޮޓާ ތަކުން ފެށިގެން ފަޅުއޮޑި ފަހަރުގައިވެސް އެމީހުންނެވެ. މައްސަލައަކީ ކުޑަ އުޖޫރައެއް ނޫނެވެ. ދިވެހި މީހާއަށް ދޭންޖެހޭ މިނިމަމް ވޭޖަކީ 6000 ރުފިޔާ ކަމުގައި ވެއްޖެއްޔާ ދިވެހި މީހާއަށް ވަޒީފާ ދިނުމުގެ ބަދަލުގައި ހޯދާނީ އެއަށްވުރެ ކުޑަ މުސާރައެއްގައި މަސައްކަތް ކުރާނެ ބިދޭސީއެކެވެ.

ހަގީގަތުގައި މިހާރުވެސް ދިވެހީންގެ މުސާރަ ކުޑަވެގެން އުޅެނީ މިދެންނެވި މައްސަލައަށް އެއްވެސް ހައްލެއް ނުހޯދިގެންނެވެ. ރޯދައަށް، ބޯފޮޅިއަށް، އީދަށް، މަންމަ ބަލިވެގެން އަހަރަކު ތިން ހަތަރު ފަހަރު ޗުއްޓީއަށްދާތީ ދިވެހީންގެ ބަދަލުގައި ބިދޭސީންނަށް ދޭންފެށި ވަޒީފާތައް، އެދޭން ފެށި ގޮތަށް އެއްވެސް ކޮންޓްރޯލެއް ނެތި ފެތުރިގެން ދިޔައީއެވެ. މިއަދު ރިސޯޓެއްގެ ފްރޮންޓް އޮފީހުގައި އިންނަ ދިވެހި މުވައްޒިފަށް އެންމެ 4000 ރުފިޔާ ދެނީ އެމަގާމުގައި އެމުސާރައިގައި ދިވެހި މީހާ ނުހުރެއްޖެއްޔާ އެއަށްވުރެ ކުޑަ މުސާރައެއް ދީގެން ފަސޭހައިން ބިދޭސީން ލިބޭތީއެވެ.

އެހެންވީމާ ބިދޭސީން ނުހިމަނައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިފިނަމަ މިދެންނެވި މައްސަލަ ނުކުންނާނެ ކަމީ އެއްވެސް ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. އެންމެ ކުޑަ މުސާރައިގައި ބިދޭސީން ނުހިމަނާ ކަމުގައި ވާނަމަ ބިދޭސީންނަށް ވަޒީފާ ދިނުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭނެއެވެ. ދިވެއްސަކު ނުލިބުނޭ ކިޔާފައި ބިދޭސީން ގެންނަން ކޯޓާދީ ބިދޭސީންނަށް ވަޒީފާ ދިނުމުގެ އުސޫލު ގެންގުޅެފިނަމަ ދިވެހީން މަގުމަތިވެ ބިކަވާނެ ކަމީ މެންދުރުގެ އިރު ފެންނަ ފަދައިން އެނގި ޔަގީންވާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން