ސެލޫންތަކާއި ބޯކޮށާ ތަންތަން އަލުން ހުޅުވާއިރު އަމަލު ކުރަންޖެހޭ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި މިއުސޫލުގައި ބުނެފައިވަނީ، މޭކަޕް ކުރުމުގައި އެކަކަށް ބޭނުންކުރާ ފުއްމާގަނޑު، ސްޕޮންޖް ފަދަ ތަކެއްޗަކީ ޑިސްޕޯޒަބަލް ތަކެތި ކަމުގައިވާން ޖެހޭނެ ކަމަށެވެ. މުވައްޒަފުންނާއި ކަސްޓަމަރުންނަށް މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބަހައްޓައިގެން ޚިދުމަތްދެވޭނެ ވަރަށް މީހުންގެ ޢަދަދު ކަނޑައަޅާ ތަނަށް ވަންނަ މީހުންނަށް ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ކަސްޓަމަރުންނާ ގާތުން ޚިދުމަތް ދިނުމުގައި ފޭސް ޝީލްޑް ނުވަތަ ގޮގްލްސް އަޅާ އަންގި ލައްވަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެއެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ޚިދުމަތްދިނުމުގެ ކުރިން އަންގި ބޭލުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވެ އަންގި ބަދަލު ކުރަން ޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ. ކޮންމެ ކަސްޓަމަރަކަށް ޚިދުމަތް ދިނުމުގެ ކުރިންނާއި ފަހުން މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވެ ހިއްކުމަށާއި ފައިސާ ބަލައި ގަތުމުގައި ވީވަރަކުން ކޭޝްލަސް ޕޭމަންޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އުސޫލުގައި އެދިފައި ވެއެވެ.

ސެލޫންގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ސައިބޯނި ލައިގެން އަތްދޮވެވޭނެ ނުވަތަ ހޭންޑް ސެނިޓައިޒަރއިން އަތް ސާފުކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ބަހައްޓަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެއެވެ. ކޮންމެ ކަސްޓަމަރަކަށް ޚިދުމަތްދީ ނިމުމަށްފަހު ބޭނުންކުރި ތަކެއްޗާއި ގޮނޑި އަދި ސަރަޙައްދު ރަނގަޅަށް ސާފުކޮށް، އަދި އެޕޮއިންޓްމަންޓް ދިނުމުގައި ސާފުކުރުމަށް ވަގުތު ލާފައި އެޕޮއިންޓްމަންޓް ދިނުމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

ޑިސްއިންފެކްޓް ކުރުމަށް އެކަމަށް ޚާއްޞަކޮށްފައި ހުންނަ ކެމިކަލްސް ނުވަތަ ބްލީޗް ސޮލިއުޝަން ބޭނުންކުރުމަށާއި އާންމުކޮށް އަތްލާ ތަންތަން (ދޮރުގެ ތަޅު، ކައުންޓަރ، ގޮނޑި، މޫނު ދޮންނަ ތަށި، އިސްކުރު، ސިޑީގެ ރެއިލިންގ، ލިފްޓްގެ ބަޓަންތައް ފަދަ ތަންތަން) ގިނަގިނައިން ސާފުކުރުމަށް ވެސް އުސޫލުގައި އަންގާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން