ސްކޫލެއްގެ ދަރިވަރުން އިތުރު ހަރަކާތެއްގައި
ސްކޫލެއްގެ ދަރިވަރުން އިތުރު ހަރަކާތެއްގައި
ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައި ވީނަމަވެސް، ކުރިންވެސް ނިންމާފައިވާ ގޮތަށް މާދަމާ ސްކޫލްތައް ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް ސްކޫލްތައް ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ދީފައެވެ. މާދަމާ މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ގްރޭޑް 01 އިން ފެށިގެން މަތީގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން ފެށުމަށް ވަނީ ނިއްމާފައެވެ. އެހެންނަމަވެސް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭ ސްކޫލްތަކުގައި ކިޔެވުން ފަށާނީ ގްރޭޑް 09 އިން ފެށިގެން މަތީ ގްރޭޑްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ.

މާދަމާ ސްކޫލްތައް އަލުން ހުޅުވާއިރު، ސްކޫލްތަކުން ވެފައިވާ ތައްޔާރީތަކާބެހޭ ގޮތުން އޮޅުން ފިލުއްވުމަށާއި، ޕްރިންސިޕަލުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ މިނިސްޓަރ އައިޝަތު އަލީ ވަނީ މިއަދު ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށް ކަމަށް މިނިސްޓްރީ އިން ބުނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މާދަމާ ސްކޫލްތައް ހުޅުވިގެންދިއުމަކީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ވާނެ ކަމަށެވެ.

އެތައް ދުވަހަކަށްފަހު ރަހުމަތްތެރިންނާއި، މުދައްރިސުންނާ ކުލާހުން ބައްދަލުވުމަކީ ހުރިހާ ދަރިވަރުންނަށްވެސް ލިބޭނޭ ނުހަނު ބޮޑު އުފަލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. ސްކޫލްތައް މާދަމާ ހުޅުވަނީ ހާއްސަ ފިޔަވަޅުތަކަކާއި އެކުގައެވެ. މާދަމާ ސްކޫލްތައް ހުޅުވާއިރު ގައިދުރުކަން ބެހެއްޓުމަށްޓަކައި މީގެ ކުރިން 30 އާއި 32 ދަރިވަރުން ތިބި ކްލާސް ރޫމުތައް، 16 ދަރިވަރުންނަށް މަދުކޮށްފައިވާ ކަމަށާއި ގައިދުރުކަން ބެހެއްޓުމަށް ސްކޫލުގެ އެކި ހިސާބުތަކުގައި ހަނދާންކޮށްދީފައިވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

ކޯވިޑް-19 ގެ އަސަރު ރާއްޖޭގެ 91،000 ދަރިވަރުންނަށް ކޮށްފައިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓެއްގައި ވަނީ ބުނެފައެވެ. ޔުނިސެފާ ގުޅިގެން ތައްޔާރުކުރި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ)އާ ގުޅޭ ރިޕޯޓެއްގައި ބުނެފައިވަނީ ބޭބީ ނާސަރީން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށް ވަނީ ކޯވިޑް-19 ގެ ސަބަބުން އަސަރުކޮށްފައެވެ.

ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ސޮއިކުރައްވައި ރޭ ނެރުއްވި ގަރާރަކުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން