ޞާދިރު ޢަލީދީދީ   6 މޭ 2023 - 12:25
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)- 8 -

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މަދީނާގައި ހުންނަވަނިކޮށް ހިޖްރައިން 7 ވަނަ އަހަރު އެކަލޭގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ޞަޙާބީންނާއެކު ޢުމްރާ ކުރައްވާތީއެވެ. ޞަޙާބީންގެ އަރިހުގައި އެކަލޭގެފާނުގެ ހުވަފެންފުޅުގެ ވާހަކަ ވިދާޅުވުމުން އެބޭކަލުންވެސް ވަރަށް އުފާކުރެއްވިއެވެ. ހައަހަރު ދުވަހުގެ ދިގު މުއްދަތަކަށްފަހު މައްކާއަށް ވަޑައިގެންނެވޭތީއެވެ. ޙަރަމްފުޅަށް ޒިޔާރަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާތީއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެހުވަފެންފުޅުގައިވާ ފަދައިން މައްކާއަށް ފުރައިވަޑައިގެންނެވިއެވެ. ސާދަސަތޭކަ ޞަޙާބީންވެސް އެކަލޭގެފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޣަދީރުއުޝްޠާޠާ ހަމަޔަށް ވަޑައިގެންނެވިތަނާ އެކަލޭގެފާނަށް އެނގިވަޑައުގެންނެވީ ޤުރައިޝުންނަށް އެކަލޭގެފާނުގެ ދަތުރުފުޅުގެ ޚަބަރު ލިބިގެން އެބައިމީހުން ލަޝްކަރެއް ޖަމާކޮށްފިކަމާއި އެކަލޭގެފާނު މައްކާއަށް އަރައިވަޑައިގަތަ ނުދޭން ޢަހްދުކޮށްފިކަމެވެ.

އެއްވެސް މީހަކު ކަޢުބާއަށް ޒިޔާރަތްކުރިޔަނުދީ ހުއްޓުވުމަކީ ޢަރަބީންގެ އާދަކަދަޔާ މުޅީން ޚިލާފު ކަމެކެވެ. މީގެއިތުރަށް އެކަލޭގެފާނު މިދަތުރުފުޅު ފެއްޓެވީ މާތް ﷲ އިރުޝާދުފުޅަކާވެސް އެކުގައެވެ. ކަން މިހެންހުރުމާއެކުވެސް އެކަލޭގެފާނު ކޯފާ އިހެއް ނުކުރައްވައެވެ. ރަސޫލާގެ ޖާސޫސުންގެ ފަރާތުން އެކަލޭގެފާނަށް އެނގިވަޑައިގަތީ ޚާލިދުބިންވަލީދު 200 އަސްވާރުންނާއިގެން ޣަމީމާ ހަމަޔަށް ވަޑައިގެންފިކަމެވެ. އެކަލޭގެފާނު ކުރިއަށް ވަޑައިގަތަނުދީ މަގު ބަންދު ކުރެއްވުމަށްޓަކައެވެ. رَسُولُ اللَّهِ ގެފާނަށް އެޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު، މަދީނާއިން މައްކާއަށް ދަތުރުކުރާ ޢާއްމު މަގު ދޫކޮށްލެއްވިއެވެ. އަދި ޢާއްމުކޮށް މީހުން ދަތުރުކޮށް ނުއުޅޭ، ދަތިއުނދަގޫ މަގަކުން ދަތުރުކުރައްވައިފައި ޙުދައިބިއްޔާއަށް ވަޑައިގެންނެވިއެވެ. ޚާލިދު ބިން ވަލީދާ ކުރިމަތިލައްވަން ޖެހިވަޑައިގަތަ ނުދެއްވުމަށްޓަކައެވެ. އިބްނު ހިޝާމް މިޙާދިޘާ ބަޔާންކުރައްވާފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

" رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. އެބައިމީހުން އެއަންނަމަގާ ތަފާތު މަގަކުން އަހަރެމެން ގޮވައިގެން ދަތުރުކުރާނީ ކާކުހެއްޔެވެ؟ މީހަކު ދެންނެވިއެވެ. އޭ މާތް ﷲ ގެ ރަސޫލާއެވެ! އެމީހަކީ އަޅުގަނޑެވެ. މިގޮތުން އެމީހާ ވަރަށް ދަތިއުނދަގޫ މަގުތަކުން ހިލަތަކުގެ ތެރެއިންނާއި ބަރުބަދަތަކުގެ މެދުންލާފައި ދަތުރުކުރިއެވެ. މުސްލިމުން އެ އުނދަގޫ މަގު ކަޑައްތުކޮށް ތަނަވަސް ހަމަބިމަކަށް ނުކުމެވުނުހިނދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މީސްތަކުންނަށް ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ބުނާށެވެ! އަހަރެމެން މާތް ﷲ ގެ ޙަޟުރަތުން ފާފަފުއްސެވުމަށް އެދެމުއެވެ. އަދި އެކަލާނގެ ރަސްކަންފުޅަށް ތައުބާ ވަމުއެވެ."

މީސްތަކުން އެހެން ކިޔުމުން ޙަދީޘް ކުރެއްވިއެވެ. " މާތް ﷲ ގަންދެއްވަމެވެ. ބަނީ އިސްރާއީލަށް ހުށަހެޅުނު ޙިއްޠާއަކީ މިއީއެވެ. އެކަމަކު އެބައިމީހުން އެހެނަކުން ނުކިޔެއެވެ."

(ތިންވަނަބައި،ޞަފްޙާ357)

ޙިއްޠާގެ މަޠުލަބަކީ ތައުބާއާއި ފާފަފުއްސެވުމެވެ. އެކެތްތެރިވާންޖެހުނު ދަނޑިވަޅުގައި ތައުބާވުމާއި އިސްތިޢުފާރު ކުރުމުން އެނގި ހާމަވަނީ މާތް ﷲ ދައްކަވާފައިވާ ކެތްތެރިކަމުގެ މަގުގައި މީހާ ހިފަހައްޓަންވީ މިންވަރެވެ. އާދެ، އޭނާ މަގެެއްގައި ހިނގާފައިދާއިރު ވަރުބަލިވެ ކަންބޮޑުވިކަމުގައިވިޔަސް އިންސާނާ އެއީވެސް ތިމާގެ ފާފަވެރިކަން ކަމުގައި ދުށުމެވެ. އެކަމަށްޓަކައި މާތް ﷲ ގެ ޙަޟުރަތުން ޢަފޫ ކުރެއްވުން އެދުމެވެ. އޭނާ ހުންނާންޖެހޭނީ މާތް ﷲ މެދުވެރިކުރެއްވި ގޮތާމެދު ރުހިގެންނެވެ. އޭނާ ތިމާގެ ޖަޒުބާތުގެ ބާރުގެދަށުވެ އަމިއްލައަށް ގޮތްތައް ނެރެ އެގޮތުގައި ކުރިޔަށްދާކަށެއް ނުޖެއެވެ.

ޙުދައިބިއްޔާއަކީ މައްކާއާ 9 މޭލު ދުރުގައި އޮންނަ ތަނެކެވެ. މާތް ރަސޫލާ އެތާނގައި މަޑުކުރެެއްވިއެވެ. އެތާ ހުންނަވައި މަސްރަޙުގައި ކަންތައް ހިނގަމުންދާގޮތް ބެލެހެއްޓެވޭނެ ގޮތުންނެވެ. އެކަލޭގެފާނު ޙުދައިބިއްޔާގައި ހުންނަވައިގެން خراش بن أمية الخزاعي ޖަމަލެއްގެ މަތީގައި މައްކާގެ އަހްލުވެރީންގެ ގާތަށް ފޮނުއްވިއެވެ. މުސްލިމުންގެ މަޤްޞަދަކީ ހަމައެކަނި بيت الله އަށް ޒިޔާރަތް ކުރުންކަމާއި މުސްލިމުން އައީކީ ހަނގުރާމަޔަކަށް ނޫންކަން ބަޔާން ކުރެއްވުމަށްޓަކައެވެ. خراش މައްކާއަށް އަރައިވަޑައިގަތުމުން މައްކާގެ މީހުން އެކަލޭގެފާނު ވަޑައިގެންނެވި ޖަމަލު ކަތިލައިލިއެވެ. އެކަލޭގެފާނު ޝަހީދުކޮށްލަންވެސް އެބައިމީހުން އެކަލޭގެފާނާ ދިމާޔަށް ދުވައިގަތެވެ. ނަމަވެސް އެކަލޭގެފާނު ކޮންމެވެސް ގޮތަކުން ސަލާމަތްވެ ވަޑައިގެން އެނބުރިވަޑައިގެންފިއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މައްކާގެ މީހުންގެ ގާތަށް ދެވަނަ ފަހަރަށްވެސް ސަފީރަކު ފޮނުއްވިއެވެ. އެފަހަރު ފޮނުއްވީ عثمان بن عفان رضي الله عنه އެވެ. އެކަލޭގެފާނު މެދުވެރިކުރައްވައި މައްކާގެ މީހުންނަށް ޚަބަރު ފޮނުއްވިއެވެ. ތިޔަބައިމީހުން އަހަރުމެންނާ ދެކޮޅު ނުހަދާށެވެ. އަހަރެމެން ޢުމްރާގެ ކަންތައް ފުރިހަމަ ކުރުމަށްފަހު ޞުލްޙަ މަސަލަސްކަމާއެކު އެނބުރި ހިނގަދާނޫއެވެ. ނަމަވެސް މައްކާގެ މީހުން عثمان رضي الله عنه ވެސް މައްކާގައި ހިފެހެއްޓިއެވެ.

އެއަށްފަހު މައްކާގެ މީހުންކުރެ މުކްރިޒް ބިން ޙަފްސު ފަންސާސް މީހުން ގޮވައިގެން ރޭގަނޑު ޙުދައިބިއްޔާއަށް އައިސް މުސްލިމުންގެ މުޢަސްކަރަށް ހިލައާއި ދުނި އުކަންފެށިއެވެ. މުސްލިމުން މުކްރިޒް ހައްޔަރު ކުރުމުން

رَسُولُ اللَّهِ ގެފާނު އޭނާއަށް އެއްވެސް އަދަބެއް ނުދެއްވައި ދޫކޮށްލެވިއެވެ. އޭނާ ދޫކޮށްލެއްވީ އެއްވެސް ޝަރުޠަކާވެސް ނުލައެވެ. ހަމައެފަދައިން ތަންޢީމެވެ ކިޔުނު ހިސާބަކުންވެސް 80 މީހުން އައިސް މުސްލިމުން ފަތިސްނަމާދަށް ތިއްބައި ޙަމަލަދިނެވެ. އެބައިމީހުންވެސް ހައްޔަރު ކުރެވުނެވެ. ނަމަވެސް އިތުރު އެކަލޭގެފާނު އެއްވެސް ޝަރުޠަކާނުލައި އެބައިމީހުންވެސް ދޫކޮށްލެއްވިއެވެ.

އޭގެފަހުން މުސްލިމުންނާ ޤުރައިޝުންނާ ދެމެދު ދެފަރާތުން ދެކެވުނު ވަރަށް ދިގު ވާހަކަތަކަކަށްފަހު ދެފަރާތުގެ ދެމެދުގައި ޞުލްޙަވެވުނެވެ. ނަމަވެސް އެޞުލްޙައަކީ ބޭރުފުށަށް ބަލާމީހުންގެ ނަޒަރުގައި ޤުރައިޝު ވަންހައިފެ މީހުންނަށް ލިބުނު ކަނޑައެޅިގެންހުރި ފަތަޙައަކާ އެއްފަދަ ޞުލްހައެކެވެ. އެމީހުންގެ ނަޒަރުގައި އެއީ، މުސްލިމުންނަށް ލިބުނު ނާކާމިޔާބީއެކެވެ. އަނެއްކޮޅުން މުސްލިމުން ހީކޮށްގެންތިބީ އެބައިމީހުން މައްކާއަށް އައީ މާތް ﷲ ދެއްވި ބަޝާރަތެެއްގެ ދަށުން ޢުމްރާވުމަށް ކަމުގައެވެ. ނަމަވެސް މިވެވުނު ޞުލްޙައިގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ އެއަހަރު ޢުމްރާވެ ވަޑައިގަތުމަކާނުލައި ޙުދައިބިއްޔާއިން އެނބުރި މަދީނާއަށް ވަޑައިގަތުމުގެ ޝަރުޠު ޤަބޫލު ކުރައްވާފައެވެ. އަދި ވިދިގެން އަންނަ އަހަރު ޢުމްރާއަށް ވަޑައިގަތުމަށާއި އެކަމަކުވެސް އެންމެ ތިންދުވަހު މައްކާގައި މަޑުކުރެއްވުމަށްފަހު ޞުލްޙަވެރިކަމާއެކު އެނބުރި ވަޑައިގެންނެވުމަށެވެ. މިބާވަތުގެ ނިކަމެތިކަން އެކުލެވިފައިވާ މާއްދާތަކަކީ މުސްލިމުންގެ ހިތުގައި ރުޅިވެރިކަން އުފެއްދި މާއްދާތަކެކެވެ. އެމާއްދާތަކަކީ ބޭރުފުށުން ބަލާއިރު ބަލިވުމެއް ކަމުގައި ވުމާއެކުވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެމާއްދާތައް ޤަބޫލުފުޅު ކުރެއްވިއެވެ.

ޙުދައިބިއްޔާގެ ޞުލްހަނާމާ އެކުލަވައިލެވުނު ދަނޑުވަޅު ޤުރައިޝުން އެކަލޭގެފަނާމެދު އެގޮތަށް ކަންތައްކުރީ އެކަލޭގެފާނު ކޯފާއިސްކުރުވުމަށްޓަކައެވެ. އެބައިމީހުންގެ މަޤްޞަދަކީ ކޮންމެވެސް ގޮތަކުން އެކަލޭގެފާނު ކޯފާއިސްކުރުވައި އެކަލޭގެފާނު ލައްވައި ބާރުގެ ބޭނުން ކުރެއްވުމުގެ ކޮންމެވެސް ފިޔަވަޅެެއް އެޅުވުމެވެ. އޭރުން ޤުރައިޝުންނަށް އެކަލޭގެފާނާ ހަނގުރާމަ ކުރުމުގެ ބަހަނާއެއް ލިބޭނެތީއެވެ. ޙަރަމްފުޅަށް ޒިޔާރަތްކުރުން މަނާކުރުމަކީ ޢަރަބީންގެ އާދަކާދަޔާ ޚިލާފު ކަމެއް ކަމުގައި ވުމުގެ އިތުރަށް އެމަހަކީ ޛުލްޤަޢިދާ މަހެވެ. އެއީ ޢަރަބީންގެ ގާތުގައި ހުރުމަތްތެރި މައްސަރުތަކުގެ ތެރޭގައި ހިމެނޭ މަހެކެވެ. ހަނގުރާމަކުރުން ހުއްދަ ނޫން ކަމުގައި ބެލެވޭ މަހެކެވެ. އެހެންކަމުން މުޝްރިކުން އުޅުނީ ދެކޮޅުވެރިގޮތުގައި ބާރުގެ ބޭނުން ކުރުމުގެ އިލްޒާމް މުސްލިމުންގެ ބޮލުގައި އަޅުވައިފައި މުސްލިމުންނާ ހަނގުރާމަކުރާށެވެ. އޭރު ޢަދަދުގެ ގޮތުން ބަލާއިރު މުސްލިމުންގެ ޢަދަދު މަދެވެ. އަދި މުސްލިމުންގެ އަތުގައި އެކަށީގެންވާވަރަށް ހަނގުރާމައިގެ ހަތިޔާރެއްވެސް ނެތެވެ. މުސްލިމުން ތިބީ އެބައިމީހުންގެ މަރުކަޒާ ހަތަރުސަތޭކަ ހަތްދުހަފަސްކިލޯމީޓަރު ދުރުގައެވެ. ދުޝްމިނުންގެ މަރުކަޒު މައްކާގެ ސަރަޙައްދުގައެވެ. އެފުރުޞަތަކީ އިތުރު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާ ވަރުގަދަ ޙަމަލައެއްދީ އެބައިމީހުންގެ ޙަސަދަވެރިކަން ފިލުވައިލުމަށް ޤުރައިޝުންނަށް ލިބިފައިއޮތް ވަރަށް ރަނގަޅު ފުރުޞަތެކެވެ. އެހެންކަމުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކޮންމެވެސް ގޮތަކުން ކޯފާއިސްކުރުވައި އެކަލޭގެފާނު ލައްވައި ބާރުގެ ބޭނުންކުރެއްވުމުގެ ޢަމަލެއް ހިންގުވޭތޯ މުޝްރިކުން ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ. ނަމަވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެންދެވީ އެބައިމީހުންގެ ނުލަފާކަމުގެ ކޮންމެ ޢަމަލަކާމެދު އަޅުއްވައިނުލައްވައި ދޫކުރައްވަމުންނެވެ. ޤުރައިޝުންނަށް އެކަލޭގެފާނު ކޯފާއިސްކުރެވޭނެ ކުޑަވެސް ފުރުޞަތެއް ނުދެއްވިއެވެ.

މިމައްސަލައިގެ ސީރިޔަސްކަން ހުރިވަރީ أبو بكر رضي الله عنه ފިޔަވައި އެހެން އެއްވެސް ޞަހާބީއެއް މިއީ އަނިޔާވެރީންގެ ކުރިމަތީގައި އިސްދަށަށް ޖައްސަވައިލެއްވުން ނޫންކަމުގައެއް ނުބައްލަވައެވެ. މާތް ރަސޫލާ އެޤަބޫލުކުރެއްވީ އިހާނެތި ޝަރުޠުތަކެއް ނޫންކަމަކަށް ދެކެވަޑައެއް ނުގަންނަވައެވެ. ކީރިތި ޤުރުއާނުގައި ޙުދައިބިއްޔާގެ އެގްރިމެންޓާމެދު އެއީ ބަޔާންވެގެންހުރި ފަތަޙައެއްކަމުގައި ވަޙީ ކުރެއްވުމުންވެސް ޞަޙާބީންގެ ހިތްޕުޅުގައި ސުވާލު އުފެދުނެވެ. މުސްލިމުން ބުނެފައިވެއެވެ. އަހަރެމެން މަތް ﷲ ގެ ގެފުޅުގެ ގެފުޅުގެ އަރިހަށް ދިޔަނުދީ ހިފެހެއްޓުމަކީ ކޮންކަހަލަ ފަތަޙައެއް ހެއްޔެވެ؟ އަހަރެމެންގެ ޤުރްބާނީގެ ޖަމަލުތައް ކުރިއަކަށް ނުގެންދެވުނެވެ. މާތް ﷲ ގެ ރަސޫލާ އަށް ޖެހިވަޑައިގަތީ ޙުދައިބިއްޔާއިން އެނބުރި ވަޑައިގަންނަވާށެވެ. އަނިޔާ ލިބިފައިވާ އަހަރެމެންގެ އަޚުން (أبو جندل އާއި أبو بصير) އެޞުލްޙައިގެ ދަށުން އަނިޔާވެރީންނާ ޙަވާލުކުރެވުނެވެ. ނަމަވެސް މާތް ﷲ މަތިވެރިވެގެންވާ ފަތަޙައިގެ ދޮރު ހުޅުއްވައިދެއްވީ އެނިކަމެތިކަމުގެ ޙައްދެއްނެތް ޞުލްޙައިގެ ޛަރީޢާއިންނެވެ.

ޝައްކެއްނެތެވެ. ޙުދައިބިއްޔާގެ ޞުލްޙައިގެ އެގްރިމެންޓަކީ ބޭރުފުށުން ބަލާއިރު ދުޝްމިނުންގެ ކުރިމަތީގައި ބޯލެނބުމެކެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ ތިމާމެންގެ ފައިތިލަ ސާބިތުކޮށް މަޤާމު ވަރުގަދަކޮށް ހަމަޖެހިލުމަށް ވަގުތު ހޯދުމެކެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޤުރައިޝުންގެ ހުރިހާ ޝަރުޠުތަކެއް ޤަބޫލު ކުރައްވައި އެބައިމީހުންގެ ކިބައިން ހޯއްދެވީ އެންމެ ކަމެެއްގެ ޔަޤީންކަމެވެ. އާދެ، އެއީ މުސްލިމުންނާއި ޤުރައިޝް ވަންހަޔާ ދެމެދު ދިހައަހަރުވަންދެން އެއްވެސް ހަނގުރާމައެއް ނުހިނގާނެކަމުގެ ޔަޤީންކަމެވެ. އެހާތަނަށް ކަންވެފައި އޮތްގޮތަކީ މެދުކެނޑުމެއްނެތި ދެމިއޮތް ހަނގުރާމައިގެ ޙާލަތުގެ ސަބަބުން ދީން ފެތުރުއްވުމުގެ މަސައްކަތްޕުޅާއި އިސްލާމީ ދައުލަތް ފުރިހަމަޔަށް ބިނާކުރައްވައި ތަރައްޤީ ކުރެއްވުމުގެ މަސައްކަތްޕުޅު އޮތީ ހުއްޓިފައެވެ. މާތް ރަސޫލާ ޙުދައިބިއްޔާއިން ހަމަ އެނބުރި ވަޑައިގެން ޢަރަބި ކަރައާއި ޢަރަބިކަރައިގެ އެކި ފަރާތްފަރާތަށް ދީނަށް ގޮވައިލައްވައި ދީން ފެތުރުއްވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ. އެކަމަށް ކުރީއްސުރެ ބިން އޮތީ ތައްޔާރުވެފައެވެ. އަމްނުއަމާން ކަމުގެ ދުވަސްވަރު އައިސް ދަނޑިވަޅު ލިބޭއިރަށް ދަޢުވަތުގެ މަސައްކަތް ހަލުއިކަމާއެކު ފެތުރޭންފެށިއެވެ. އެތަކެއް ހާހުންމީހުން އިސްލާމްވަމުން ދިޔައެވެ. ޢަރަބި ޤަބީލާތައް އެއްބަޔަކަށްފަހު އަނެއްބަޔަކު އިސްލާމްދީނަށް ވަނާން ފެށިއެވެ. ޢަރަބަކަރައިން ބޭރުގެ ރަށްރަށުގައިވެސް އިސްލާމްދީނުގެ ދަޢުވަތު ފަތުރުއްވާން ފެއްޓެވިއެވެ. މައްކާގެ މުޝްރިކުންގެ ފަރާތުން އަމާންކަން ލިބިވަޑައިގަތުމުން މާތް ރަސޫލާ ޙައިބަރުގެ ޔަހޫދީންނާ ދިމާކުރައްވައި އެރަށް ފަތަޙަކުރެއްވިއެވެ. ދީނަށް ގޮވައިލެއްވުމުގެ ޙަރަކާތާއެކު އިސްލާމީ ދައުލަތް ދާޚިލީގޮތުން ހަރުދަނާ ކުރެއްވުމާއި މުސްތަޤުބަލަށްޓަކައި ތައްޔާރުވެވަޑައިގަތުމުގެ މަސައްކަތްޕުޅު ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވިއެވެ. އެމަސައްކަތްޕުޅު ނަތީޖާއަކަށްވީ ޞުލްޙައިގެ އެންމެ ދެއަހަރުގެ ތެރޭގައި އިސްލާމްދީނުގެ ބާރު ގަދަވެގެންދިޔަވަރުން ޤުރައިޝުން ހަނގުރާމަ ކުރުމަކާނުލައި ހަތިޔާރު ބެހެއްޓުމެވެ. އެމައްކާއަކުން އިހާނެތިކަން އެކުލެވޭގޮތަކަށް އެނބުރިވަޑައިގަންނަވާން ރުހިވަޑައިގެންނެވި މައްކާއަށް ފާތިޙެއްގެ ގޮތުގައި ވެދެވަޑައިގަތުމުގެ މަގު އެއެނބުރިވަޑައިގަތުމުގެ ސަބަބުން ހުޅުވިގެން ދިޔުމެވެ.

މިއަދު މީސްތަކުންގެ ޙާލަތު ހުރިގޮތަކީ ވާދަވެރިޔާގެ ފަރާތުން ނުރުހެވޭކަހަލަ ކަމެއް ފެންނައިރަށް ކުއްލިޔަކަށް އަލިފާންވެގެން ތެދުވެ އެމީހަކާ ހަނގުރާމަ ފަށައެވެ. ފާއިދާއެއްނެތް ހަނގުރާމަތަކުގެ ގެއްލުމުގެ ވާހަކަ ބަޔާންކޮށް ދެވިއްޖެނަމަ ބުނެއެވެ. އަހަރެމެން އަމިއްލަޔަށް ހަނގުރާމަ ފެށީކީ ނޫނެވެ. އަހަރެމެންނާ ދެކޮޅަށް ރޭވުންތައް ރާވައި އަހަރެމެން ހަނގުރާމައިގެ ތެރެއަށް ވެއްދީއެވެ. ޙަޤީޤަތުގައި ހަނގުރާމަ ނުކުރުމަކީ މީހަކު ހަނގުރާމަޔަށް ނާތުވެއްޖެނަމަ ތިމާ ހަނގުރާމަ ނުކުރުމެއް ނޫންކަމެއް އެބައިމީހުންނެއް ނުދަނެއެވެ. ހަނގުރާމަ ނުކުރުމަކީ ބަޔަކު ހަނގުރާމަޔަށް އައިކަމުގައިވިޔަސް ތިމާ ހަނގުރާމަ ނުކުރެއްވުމެވެ. މީހުން ތިމާ ކޯފާއިސްކުރުވާން އުޅުނަސް ކޯފާ އިސްނުކުރެއްވުމެވެ. ތިމާޔާއި ދެކޮޅަށް ނުބައި ރޭވުންތައް ރޭވިކަމުގައިވިޔަސް ތިމާ މަޑުމައިތިރި ތަދުބީރުތަކުން އެބައިމީހުންގެ ރޭވުން ނާކާނިޔާބު ކުރެއްވުމެވެ. މީސްތަކުން ތިމާޔާމެދު އެބައިމީހުންގެ ހިތުތެރޭގައި ދުޝްމިނުކަން ބާއްވައިގެން އުޅުނު ކަމުގައިވިޔަސް ތިމާ އެބައިމީހުންގެ ދުޝްމިނުކަމަށް ޢަމަލީ ސިފަ އަޔަނުދެއްވުމެވެ.

ޙަޔާތުގެ ކާމިޔާބީގެ ސިއްރަކީ ވާދަވެރިޔާއާ ހަނގުރާމަ ކުރުމެއްނޫނެވެ. ޙަޔާތުގެ ކާމިޔާގެ ސިއްރަކީ ހަނގުރާމަޔާ އެކަހެރިވެހުރެ ތިމާގެ ބާރު ގަދަކުރުމެވެ. ހަނގުރާމަ ކުރުމަކާނުލައި ހަމައެކަނި ތިމާގެ ހައިބަތުން ވާދަވެރިޔާ ހަތިޔާރު ބަހައްޓަންޖެހޭ ވަރަށެވެ. ރުޅިއައިސްގެން ތަޅާފޮޅައި ހަނގުރާމަ ކުރާން ދަންނަ، އެކަމަކު މަޑުމައިތިރިވެތިބެ ތައްޔާރުވާން ނުދަންނަ މީހުންނަށް މިދުނިޔޭގައި ކަނޑައެޅިފައިވާ ނިމުމަކީ ހަލާކުވެ ސުންނާފަތިވެދިޔުމެވެ. އިސްލާމްދީނުގެ ނަބިއްޔާ ހަނގުރާމަ ނުކުރެއްވުމުގެ ސިޔާސަތު ބޭނުންކުރައްވައިގެން ހޯއްދެވި ކާމިޔާބީ ހޯދަން އަޅުގަނޑުމެން މިއެދެނީ ހަނގުރާމަ ކުރުމުގެ މަގު ޚިޔާރުކޮށްގެންނެވެ. ކަން މިހެންހުރިއިރުވެސް އަޅުގަނޑުމެން ޔަޤީންކޮށްގެން މިތިބެނީ އަޅުގަނޑުމެންނަކީ މާތް ﷲ ގެ ރަސޫލާގެ އުންމަތުގެ މީހުން ކަމުގައެވެ. އެކަލޭގެފާނު މާތް ﷲ ގެ ޙަޟުރަތުގައި އަޅުގަނޑުމެންނަށް ޝަފާޢަތްތެރި ވެދެއްވާނެކަމީ ކަށަވަރުކަމެއް ކަމުގައެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން