ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)- 9 -

މައްކާ ފަތަޙަކުރެއްވުމަށްފަހު ޢަރަބީންގެ ޤަބީލާތައް ވަރަށް ގިނަ ޢަދަދަކަށް އިސްލާމްވިއެވެ. ނަމަވެސް އޭގެތެރެއިން ވަރަށް ގިނަބަޔަކު އިސްލާމްވީ ސިޔާސީ ގޮތުން އިސްލާމްދީނަށް ލިބުނު ނަޞްރު ފެނިފައެވެ.

އެހެންކަމުން ކުރީގެ މުސްލިމުންނަށް އައިކަހަލަ ވިސްނުމާއި ފިކުރުގެ އިންޤިލާބެއް އެބައިމީހުންނަކަށެއް ނާދެއެވެ. އިސްލާމްދީނުގެ ޒަކާތްފަދަ ބައެއް ޙުކުމްތައް ހިމެނިފައިއޮތީ އެބައިމީހުންގެ މިނިވަން ދިރިއުޅުމުގައި ޤަބޫލުކުރަން ވަރަށްދަތި ކަމެއްގެ ގޮތުގައިއެވެ.

އެހެންކަމުން، رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެ ވަޑައިގަތުމުގެ މައްސަރުތަކެއްގެ ކުރީން ޔަމަނުކަރައާއި ނަޖުދުކަރައިގެ މީހުންގެ ތެރޭގައިވަނީ، ދޮގުހަދައިގެން އިސްލާމްދީނުގެ އާތަޞައްވުރެއް ހުށަހަޅާ ބަޔަކު އުފެދިފައެވެ. އެބައިމީހުން ހުށަހަޅާ "އިސްލާމް" ގައި ޒަކާތްދިނުންވަނީ މަންސޫޚް ކޮށްފައެވެ. އަދި އެބައިމީހުންގެ ތެރޭގައި ލީޑަރުންގެ ގޮތުގައި ޙަރަކާތްތެރިވާ އަލްއަސްވަދުލް ޢަނަސީއާއި މުސައިލަމަތުލް ކައްޛާބު ވަނީ އެބައިމީހުންގެ ބަހަކީ މާތް ﷲ ގެ ބަސްފުޅުކަމުގައި މީސްތަކުންގެ ހިތްތަކަށް ވައްދައިދިނުމަށްޓަކައި ނަބީކަމުގެ ދޮގުދަޢުވާވެސް ކޮށްފައެވެ. ޒަކާތް ފަރުޟު ކުރައްވާފައިވަނީ ވަޙީގެ ޛަރީޢާއިން ކަމުގައިވާތީ އިލްހާމީ ބަހުރުވައަކުން ޒަކާތުގެ ފަރުޟުކަން ކަނޑުވައިލުމަށްޓަކައެވެ. މިދެންނެވި ބާވަތުގެ ދޮގުނަބީކަން ހިމެނުނީ، ޒަކާތަކީ ބަރެއްކަމުގައި ދެކޭމީހުންގެ ޚިޔާލާ ވަރަށް އެއްގޮތް "ނަބިކަމެއް" ކަމުގައެވެ. އެހެންކަމުން އެފަދަ މީހުން ބައިބަޔަށް އެދޮގުވެރީންނާ ބައިވެރިވަމުން ގެންދިޔައެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެ ވަޑައިގަތުމުން އެބައިމީހުން ކުރިޔަށްވުރެވެސް ޖެހިލުންކުޑަވިއެވެ. އެބައިމީހުންގެ ފިތުނަ ނުހަނު ހަލުއިކަމާއެކު ފެތުރޭން ފެށިއެވެ. ފިތުނައިގެ ދާއިރާ ފުޅާވަމުންގޮސް މަދީނާއާއި މައްކާއާއި ޠާއިފާ މިތިންރަށުގެ މީހުން ފިޔަވައި ޢަރަބިކަރައިގެ ގިނަމީހުން އިސްލާމީ ދައުލަތާ ދެކޮޅަށް ބަޣާވާތް ކޮށްފިއެވެ. ހަމައެއާއެކު އެބައިމީހުން އެކަތިގަނޑަކަށްވެގެން މަދީނާއަށް ޙަމަލަދޭން ތައްޔާރުވާ ޚަބަރުވެސް ފެތުރޭން ފެށިއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހުގެ ދުވަސްތަކުގައި ކުރެއްވި ކަންތައްތަކުގެ ތެރޭގައި أسامة بن زيد ގެ ވެރިކަމުގެ ދަށުގައި އެކަލޭގެފާނު ތައްޔާރު ކުރެއްވި ލަޝްކަރު ތައްޔާރު ކުރެއްވުންވެސް ހިމެނެއެވެ. އެކަލޭގެފާނު أسامة އަށް އަންގަވައިފައިވަނީ ރޫމީންނާއި ޙަމަލަދެއްވުމަށްޓަކައި ޝާމްކަރަޔާ ދިމާއަށް ވަޑައިގަތުމަށެވެ. ރޫމީންވަނީ أسامة ގެ ބައްޕާފުޅު زيد بن حارثة رضي الله عنه ޝަހީދުކޮށްފައެވެ. حارثة رضي الله عنه ޝަހީދުކޮށްލާފައިވަނީ މުއުތާއެވެ ކިޔުނު ތަނެއްގައެވެ. މުސްލިމުންގެ ލަޝްކަރު މަދީނާއިން ނުކުމެ ރަށުގެ ރަށްބޭރާ ހަމަޔަށް ދަތުރުކުރިއެވެ. ނަމަވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެ ވަޑައިގަތް ޚަބަރު ލިބުމުން އެލަޝްކަރު މަޑުކޮށްގެން އޮތީ މުސްލިމުންގެ ފުރަތަމަ ޚަލީފާގެ އަމުރުފުޅަކަށް ބަލަބަލައެވެ.

صديق أكبر އަށް ޚަލީފާކަން ލިބިވަޑައިގަތުމަށްފަހު އެކަލޭގެފާނު أسامةގެ ލަޝްކަރު ފުރުވައިލައްވަން ހަމަޖެއްސެވުމުން ޞަޙާބީންގެ ގިނަ ބޭކަލުން އެކަމާ ދެކޮޅުހެއްދެވިއެވެ. އެބޭކަލުން ވިދާޅުވިއެވެ. މުޅި ޢަރަބިކަރަ ބަޣާވާތް ކުރަމުންދަނީއެވެ. ކޮންމެ ހިނދެއްގައިވެސް މަދީނާއަށް ޙަމަލައެއް އަތުވެދާނެއެވެ. މިފަދަ ޙާލަތެއްގައި ލަޝްކަރު ބާއްވަވަންވީ މަދީނާ ދިފާޢު ކުރެއްވުމަށްޓަކައި މަދީނާގައެވެ. މިފަދަ ނާޒުކު ވަގުތެއްގައި ލަޝްކަރު އެހާދުރަށް ފޮނުއްވަންވީކީ ނޫނެވެ. ނަމަވެސް ابو بكر رضي الله عنه އެފަދަ އެއްވެސް ލަފައެއް ޤަބޫލުކުރެއްވުމާ ވަރުގަދަޔަކަށް ދެކޮޅު ހެއްދެވިއެވެ.

ޞަޙާބީންގެ ކުރިއަށް ތިއްބެވި ހުރިހާ ބޭކަލުން ތިއްބެވީ أسامة ގެ ވެރިކަމުގެ ދަށުގައި މަދީނާގެ ރަށްބޭރުގައެވެ. އޭރު މީސްތަކުންގެ މެދުގައި ބަޙުޘުގެ މައިގަނޑަކަށް ވެގެންދިޔައީ ދެކަމެކެވެ. އެއްކަމަކީ އެފަދަ ނާޒުކު ވަގުތެއްގައި އިސްލާމީ ލަޝްކަރު މަދީނާއާ ދުރަށް ފޮނުއްވުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ދެވަނަކަމަކީ، أسامة އަކީ އަޅެއްގެ ދަރިކަލެކެވެ. އެހެންކަމުން ވަރަށް ގިނަބައެއްގެ ހިތުގައި އެކަލޭގެފާނުގެ ވެރިކަމާމެދު ނުރުހުންތެރިކަން އޮތެވެ. އާދެ، ބައެއްމީހުން ޚިޔާލުފާޅުކޮށް އުޅުނެވެ. أسامة އަކީ އެންމެ ސަތާރަ އަހަރުގެ ޒުވާނެކެވެ. އޭނާގެ ވެރިކަމުގެ ދަށުގައި އެތިއްބެވީ ޞަޙާބީންގެ ކުރިޔަށް ތިއްބެވި ބޭބޭކަލުންނެވެ. ވަރަށް ގިނަބަޔަކު ދުށްގޮތުގައި ޤުރައިޝްވަންހައިގެ ހަރުމީހަކު ވެރިޔަކަށްއިސްކޮށްފިނަމަ ނަތީޖާ މާރަނގަޅުވާނެއެވެ.عمر الفاروق رضي الله عنه ވެސް ހުންނެވީ أسامة ގެ ލަޝްކަރުގެ ސިފައިންގެ މީހެއްގެ ގޮތުގައެވެ. އެކަލޭގެފާނު މީސްތަކުންގެ މަސެޖު ހިއްޕަވައިގެން ابو بكر رضي الله عنه ގެ އަރިހަށް ވަޑައިގެންނެވިއެވެ. عمرގެފާނު އެންމެ ފުރަތަމަ ހުށަހެޅުއްވީ އެފަދަ ވަގުތެއްގައި ލަޝްކަރު ފުރުއްވަލެއްވުމުގެ މައްސަލައެވެ. އެވާހަކަ އައްސަވާފައި ابو بكر رضي الله عنه ޖަވާބު ދެއްވިއެވެ. " ލަޝްކަރު ފުރުވައިލެއްވުމަށްފަހު އަޅުގަނޑު މަދީނާގައި އެކަނިވެ މިނިކާ ޖަނަވާރުތައް އަޅުގަނޑު ފަޅައިލައިގެން ކައިލިކަމުގައިވިޔަސް ޚުދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ފުރުއްވައި ލައްވައިފައިވާ ލަޝްކަރެއް އަޅުގަނޑަކަށެއް ނުހުއްޓުވޭނެއެވެ." ދެވަނަ މެސެޖު އަޑުއައްސަވާފައި ވިދާޅުވިއެވެ. "އެބައިމީހުންގެ ހިތްތަކުގައި ޖާހިލިއްޔަ ޒަމާނުގެ ބޮޑާކަމާއި ފަޚުރުވެރިކަން އަދިވެސް ފިލައި ނުގޮސްހުރީތޯއެވެ؟"

ابو بكر ގެފާނު މިހެން ވިދާޅުވެފައި ތެދުއެވަޑައިގެން ލަޝްކަރުގެ ދަތުރު ބެލެހެއްޓެވުމަށްޓަކައި ޚުދު އެކަލޭގެފާނު ފައިމަގުގައި ހިންގަވައިފައި ލަޝްކަރު ގާތަށް ވަޑައިގެންނެވިއެވެ. أسامة بن زيد އެކަލޭގެފާނުގެ ލަޝްކަރާއެކު ފުރުއްވައިލެއްވިއެވެ. أسامة އެކަލޭގެފާނުގެ ސަވާރީގައި ވަޑައިގަންނަވާން ފެއްޓެވުމުން ابو بكر ގެފާނު أسامة އާ ވާހަކަ ދައްކަވަމުން ހިންގަވައިފައި ވަޑައިގެންނެވިއެވެ. އެހިނދު أسامة ވިދާޅުވިއެވެ. " ކަލޭގެފާނުވެސް ސަވާރުވެ ވަޑައިގަންނަވާށެވެ. އެހެންނޫނީ އަޅުގަނޑުވެސް ސަވާރީން ފައިބާނަމެވެ." أسامة އަށް ޖަވާބު ދެއްވަމުން ابو بكر الصديق رضي الله عنه ވިދާޅުވިއެވެ. "އަޅުގަނޑު ސަވާރެއް ނުވާނަމެވެ. ކަލޭގެފާނު ސަވާރީން ފައިބައިވަޑައިގަތުމުގެ ބޭނުމެއްވެސް ނެތެވެ." މިއީ أسامة ގެ ޙައިޘިއްޔަތާމެދު ބައެއްމީހުން ދެއްކި ވާހަކަޔަށް މުސްލިމުންގެ ފުރަތަމަ ޚަލީފާ ދެއްވި ޢަމަލީ ޖަވާބެކެވެ. أميرالمؤمنين، أسامة بن زيدގެ ސަވާރީއާއެކު ފައިންޕުޅުން ހިންގަވާފައި ވަޑައިގަންނަވާތަން ފެނުމުން أسامة ގެ ޙައިޘިއްޔަތާމެދު މީސްތަކުންގެ ހިތްތަކުގައި އޭގެ ކުރިން އުފެދިފައިއޮތް ނުރުހުންތެރިކަން ފިލައިގެން ހިނގައްޖެއެވެ.

أسامة ގެ ކޮމާންޑުގެދަށުން އިސްލާމީ

ލަޝްކަރެއް ރީމީންނާ ދިމާއަށް ފުރުމުން އެޚަބަރު ވަރަށް ހަލުއިކަމާއެކު ހަތަރު ފަރާތަށް ފެތުރުނެވެ. މުސްލިމުންގެ ވަރަށް ގިނަ އަދުއްވުންތަކަކަށް އެޚަބަރު ހިމެނުނީ މުސްލިމުންގެ ހިތުގައި އެބައިމީހުންގެ ބާރާމެދު އޮތް އިތުބާރު ޙާމަވި ޚަބަރެއް ކަމުގައެވެ. އެބައިމީހުން ވިސްނިއެވެ. މަދީނާގެ މީހުންގެ އަތުގައި ފުދޭވަރެެއްގެ ޢަސްކަރީ ބާރެއް އޮންނާނެއެވެ. މިފަދަ ނާޒުކު ވަގުތެއްގައި އެފަދަ ލަޝްކަރެއް ވެރިރަށާ ދުރަށް ފޮނުވައިލާނީ އެހެންވެއެވެ. އަދިވެސް ވަރަށްގިނަ ބަޔަކު ޚިޔާލުކުރިއެވެ. މަދީނާއަށް ޙަމަލަދިނުމުގެ ކުރިން އަހަރެމެން އިހަށް މަޑުކޮށްލަން ޖެހޭނެއެވެ. އިހަށް ބަލަންވީ މަދީނާގެ މީހުންނާއި ރޫމީންނާ ދެމެދު ހިނގާ ހަނގުރާމައިގެ ނަތީޖާއަށެވެ. އެހަނގުރާމައިން މުސްލިމުން ބަލިވެއްޖެނަމަ އެމީހުން ތިބޭނީ މިހާރަށް ވުރެވެސް ބަލިކަށިވެ ހީނަރުވެފައެވެ. އެންމެ ރަނގަޅުވާނީ އެދަނޑިވަޅު ބަލައިފައި މަދީނާއާ ދެކޮޅަށް ފިޔަވަޅު އެޅުމެވެ.

ރޫމީންނާ ދެކޮޅަށްކުރި ޖިހާދުގައި أسامةގެ ލަޝްކަރަށް ވަރަށް ފުރިހަމަ ނަަޞްރެއް ލިބުނެވެ. أسامة އެހަނގުރާމައިގައި ސާޅީސް ދުވަސް ހޭދަކުރެއްވިއެވެ. أسامة އަކީ އެލަޝްކަރުގެ ބަޠަލަށް އެންމެ އެކަށޭނެ ބަޠަލެވެ. އެހެނީ މުއުތާގެ ހަނގުރާމައިގައި އެކަލޭގެފާނުގެ ބައްޕާފުޅު ޝަހީދުކޮށްލީ ރޫމީންނެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނުގެ ހިތްޕުޅު އޮތީ ބައްޕާފުޅު ޝަހީދުކުރެއްވުމުގެ ބަދަލުހިއްޕެވުމުގެ ޖޯޝުންފުރި އުތުރި އަރައަރައެވެ. أسامة ގެ ވެރިކަމުގެ ދަށުގައި އިސްލާމީ ލަޝްކަރު ހަނގުރާމަކޮށްފައިވަނީ ވަރަށްވެސް ބިރުކުޑަކަމާއި ހިތްވަރުގަދަކަމާ އެކުގައެވެ.

މުސްލިމުން ރޫމީން ބަލިކޮށްލިއެވެ. އެއަށްފަހު ވަރަށް ގިނަ އަސީރުންނާއި ޣަނީމާއާ ހިފައިގެން އެނބުރި މަދީނާއަށް ރުޖޫޢަވިއެވެ. އެތަންފެނުމުން ޢަރަބިކަރައިގެ ބާޣީންގެ ހިތްވަރު އެލުނެވެ. މުރުތައްދުވީމީހުން ބަލިކޮށްލުމަށް މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު މަޢުނަވީ ބާރަކަށް އެކަން ހިމެނުނެވެ. އާދޭހެވެ. ރަސޫލާއަށް ތަބަޢަވުން ހިމެނުނީ މުސްލިމުންނަށް ދުޝްމިނުންގެ މައްޗަށް ގަދަވެގަނެވުމުގެ ވަސީލަތެއްކަމުގައެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން