ކުށުސަޖިދަކުރުން ކުރުން އޮންނަނީ ނަމާދުގައި ފަރުޟެއް އެޅިގެން ނުވަތަ އިތުރަށް ކުރެވުމުން
ކުށުސަޖިދަކުރުން ކުރުން އޮންނަނީ ނަމާދުގައި ފަރުޟެއް އެޅިގެން ނުވަތަ އިތުރަށް ކުރެވުމުން
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް މެންދުރު ނަމާދުކުރުމަށްޓަކާ މިސްކިތަށް ވަދެވަޑައިގެންފިއެވެ. މީސްތަކުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ތަރުތީބުން ސަފުތައް ހަދައިފިއެވެ.

ނަމާދުކުރައްވަން ފަށްޓަވައިގެން ލޮބުވެތި ރަސޫލާ ނަމާދުގެ ދެރަކްޢަތް ކުރައްވާފައި އައްތަހިއްޔާތު ވިދާޅުވުމަށްޓަކައި އިށީނދެ ވަޑައިގެންފިއެވެ. މީސްތަކުންވެސް އައްތަޙިއްޔާތު ކިޔުމަށް އިށީނދެ އެބަތިއްބެވެ. ނަމަވެސް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް އެއިންނެވީ މެދު އައްތަޙިއްޔާތުގައިކަން ހަނދުމަނެތި ވަޑައިގެންފިއެވެ.

މުޅިއައްތަޙިއްޔާތު ވިދާޅުވެ ތިންވަނަ ރަކްޢަތަށް ތެދުއެވަޑައިގަތުމަކާނުލައި ސަލާމް ދެއްވައިފިއެވެ. މީސްތަކުން މިކަމާ އަޖައިބުވިއެވެ. ނަމަވެސް އެކަލޭގެފާނު ސަލާމް ދެއްވުމުން މީސްތަކުންވެސް ސަލާމް ދީނީއެވެ. ނަމާދުގެ ރަކްޢަތް އޭރު މަދުކުރެވި އުނިކުރެވުނީ ކަމަށް އެއުރެންނަށް ހީކުރެވުނީއެވެ.

ނަމާދުން ނިމި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް ތެދުއިވަޑައިގަތުމުން ޛުލްޔަދައިނި ނަމަކަށް ކިޔާ ބޭކަލަކު ތެދުވެ އެކަލާގެފާނަށް ދަންނަވައިފިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ! ނަމާދު ކުރުކުރެވުނީތޯއެވެ؟ ނުވަތަ ކަލޭގެފާނު ހަނދުމަނެތިވަޑައިގެންނެވީތޯއެވެ؟" ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ހަނދާނެއް ނުނެތެއެވެ. އަދި ނަމާދު ކުރުކުރެވުނީއެއްވެސް ނޫނެވެ." މިހެން ވިދާޅުވުމަށް ފަހު އަޞްޙާބުބޭކަލުންގެ އަރިހުން އެއްސެވިއެވެ. "ޛުލްޔަދައިނި އެބުނުއްވަނީ ތެދުފުޅެއް ހެއްޔެވެ؟" އަޞްޙާބުބޭކަލުން ދެންނެވިއެވެ. އާދޭހެވެ.

އެހާއިރުން ލޮބުވެތި ރަސޫލާއަށް އެކަލޭގެފާނު ހަނދާންނެތިފުޅު ވެއްޖެކަން އެނގިވަޑައިގަތެވެ. ދެން އިތުރު ދެރަކްޢަތް ކުރައްވައި، ވެވަޑައިގެންނެވި ކުށުގެ ބަދަލުގައި ކުށުސަޖިދަ ދެސަޖިދަ ކުރެއްވިއެވެ. (ޝާފިޢީ، އަޙްމަދު، ބުޚާރީ، މުސްލިމް)

އިރުޝާދު:

1. ނަމާދުގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް ނަމާދުގައި ފަހު ދެރަކްޢަތް ހަނދުމަނެތި ވަޑައިގަތީ ފަހަރެއްގައިވެސް ނަމާދުގެ ތެރޭގައި ޣާފިލުވެ ވަޑައިގެން އެހެން ކަންތައްތަކާ މަޝްޣޫލުވެ ވަޑައިގެން އުޅުއްވުމަކުން ނޫނެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ ނަމާދުގައި ކުށެެއްކުރެވުމުން ހަދާނެ ގޮތް ޢަމަލީގޮތުން އުއްމަތަށް ދަސްކޮށް ދެއްވުމުގެ ގޮތުން، މާތް ﷲ އެވަގުތު ރަސޫލާގެ ހިތްޕުޅުން ރަކްޢަތްތަކުގެ ޢަދަދު ފުއްސަވާލެއްވީ ކަމަށެވެ.

2. ކުށުސަޖިދާގައި އޮންނަނީ ދެސަޖިދައެވެ. އަދި އެ ސަޖިދާގައި ކިޔާ ތަސްބީޙަކީ، ސަޖިދައިގެ ތަސްބީޙެވެ. ކުށުސަޖިދަކުރާނެ ގޮތަކީ އައްތަޙިއްޔާތު ކިޔައި ނިމިގެން ދެ ސަޖިދަކުރުމަށްފަހު އިށީނދެ އިތުރު އެއްޗެއް ކިޔުމެއްނެތި ސަލާމް ދިނުމެވެ.

3. ކުށުސަޖިދަކުރުން އޮންނަނީ ދެސަބަބަކާ ހުރެއެވެ. އެއީ، ނަމާދުގައި ފަރުޟެއް އެޅިގެން ނުވަތަ އިތުރަށް ކުރެވުމުން ކުރެވޭ ސަޖިދައާއި އެންމެ ސުއްނަތްކަން ގަދަ، އަބްޢާޟު ސުއްނަތެއް އެޅިގެން ކުރާ ކުށު ސަޖިދައެވެ. ފަރްޟެއް އެޅިއްޖެނަމަ އެފަރްޟު އިޢާދަ ކުރުމަށްފަހު ސަޖިދަކުރުން ވާޖިބުވާނެއެވެ. ފަރްޟެއް އިތުރުވެއްޖެނަމަވެސް ކުށުސަޖިދަކުރުން ވާޖިބުވާނެއެވެ. އެހެންނަމަވެސް ގަދަ ސުންނަތެއް އެޅިއްޖެނަމަ އެސުއްނަތް އިޢާދަކޮށްގެން ނުވާނެއެވެ. އަދި މިހާލަތުގައި ކުށުސަޖިދަކުރުމީވެސް ސުއްނަތެކެވެ. ވާޖިބެއް ނޫނެވެ.

4. ކުށުސަޖިދަ ކުރުމުގައި ދެގޮތެއް ސުއްނަތުންސާބިތުވެގެންވެއެވެ. ފުރަތަމަ ގޮތަކީ އައްތަޙިއްޔާތު ކިޔައި ނިމިގެން ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ކުރުމެވެ. އަދި އޭގެފަހުން ސަލާމްދިނުމެވެ. ދެވަނަ ގޮތަކީ ފަރުޟު ސަލާމްދިނުމަށްފަހު ކުށުސަޖިދަކޮށް އަވަދިވެގެން އޭގެފަހުން ސަލާމް ދިނުމެވެ. މިދެގޮތްވެސް ރަނގަޅެވެ. ނަމަވެސް ގިނަ ޢިލްމުވެރީން ބުރަވަނީ ފުރަތަމަ ގޮތަށެވެ.*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން