މާލެ ސަރަހައްދުގައި ހިއްކާފައިވާ ޕިކްނިކް އައިލެންޑް، ކުޑަގިރި އަކީ އާންމުންގެ މެދުގައި މިހާރުވެސް ހަފުތާ ބަންދުތަކުގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމަށް މަޤުބޫލު ރަށެކެވެ. އަދި މިހާރު ކުޑަގިރި މިވަނީ ފަތުރުވެރިންނަށްވެސް ހާއްސަ މަންޒިލަކަށްވެފައެވެ.

ގިނަ ވަސީލަތްތަކާއި ފަސޭހަތަކާއި އެކު ޕްލޭންކޮށް ތަރައްޤީ ކޮށްފައިވާ ކުޑަގިރި ބަލަހައްޓަމުން ގެންދާ އަރބަންކޯ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، ކުޑަގިރިން ލިބިދޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު އިތުރަށް ރަނގަޅު ކުރުމަށެވެ. ދިވެހިންނަށް ހިލޭ ދަތުރު ދިއުމަށް ކަނޑައެޅިފައިވާ ކުޑަ ގިރި ޕްލޭން ކުރެވިފައި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބޭރު މީހުންނާއި ފަތުރުވެރިންނަށް ވެސް މި ރަށް ކުޑަ ފީ އެއް ދައްކައިގެން ބޭނުން ކުރެވޭގޮތަށެވެ.

ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް މި ރަށުގައި މިހާރުވެސް ގާއިމު ކުރެވިފައި ވެއެވެ. މިގޮތުން، ކެފޭ ރެސްޓޯރަންޓް، މޫދުގެ އެކި ކުޅިވަރުތަކާއި، ބީޗް ކުޅިވަރުތައް އަދި ޑައިވިންގ ސްކޫލް ފާހަގަކޮށްލެވެއެވެ. މިފަދަ ހިދުމަތްތައް ކުޑަ ގިރީގައި ޤާއިމު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިންނަށާއި، ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް ހެޔޮ އަގެއްގައި ރާއްޖޭގެ ހިތްފަސޭހަ ކަމާއި ގުދުރަތީ ރީތިކަން ފަސޭހައިން ތަޖުރިބާ ކޮށްލެއްވޭނެ ގޮތެއް ފަހިކޮށްދިނުމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަ ފާރިތައް ނުވަތަ ގެސްޓް ހައުސްތައް މި ވަނީ މިއަދު އިތުރުވެފައެވެ. އަދި މާލެ ސަރައްދުގެ ގިނަ ރަށްތަކެއްގައި މިހާރު ގެސްޓް ހައުސްތައް އެކި ފެންވަރުގައި ހިންގަމުން ދާއިރު، ކުޑަގިރި ވެފައި ވަނީ ގިނަ ވަސީލަތްތަކާއި އެކު މި ވިޔަފާރިތަކަށް ބޮޑު އެހީ އަކަށެވެ.

އެގޮތުން، މިހާރުވެސް މާލެ ސަރަހައްދުގެ ގިނަ ގެސްޓް ހައުސްތަކުން ފަތުރުވެރިން ކުޑަގިރިއަށް ޑޭ ޓްރިޕް ގެންދެއެވެ. މިކަމުގެ ސަބަބުން މިފަދަ ގެސްޓް ހައުސްތަކުން ހިދުމަތް ދިނުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހެޔޮ އަގެއްގައި އެއްތަނަކުން ލިބިގެން ދާއިރު، ފަތުރުވެރިންނަށް ވެސް އައު މާހައުލެއްގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި ގަވާއިދުން ހުޅުމާލެއިން ކުޑަގިރިއަށް ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ފެރީ ދަތުރު މިހާރު ދަނީ ކުރަމުންނެވެ. އެހެންކަމުން، ކުޑަގިރިއަށް ދިއުމަށާއި ވަސީލަތްތައް ބޭނުން ކުރުމަށް ގިނަ ފަސޭހަތަކެއް ގެސްޓް ހައުސް ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ލިބިގެންދާނެކަމަށް އަރބަންކޯއިން ބުނެއެވެ.

އަރބަންކޯއިން ބުނީ އެކުންފުނީގެ އަމާޒަކީ ކުޑަގިރިން އާންމުންނަށް ދެމުންގެންދާ ހިދުމަތްތައް އަދިވެސް އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގެސްޓް ހައުސް ވިޔަފާރިތަކަށް ވެސް ގިނަ ލުއިތަކެއް ހޯދައިދިނުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން