ހާޓް އެޓޭކްޖެހުން، މެދުވެރިވަނީ ކީއްވެ؟

.

މަތިންދާބޯޓުގައި ދަތުރުފަތުރުކުރާއިރު އަހަރުމެންގެ ރައްކާތެރިކަމާއި ބޯޓުގެ އެންމެހާ ކަންކަމުގެ ޒިންމާ ނަގަނީ ފްލައިޓް ދުއްވަމުން ގެންދާ ޕައިލެޓުންނެވެ. އެހެންނަމަވެސް އެޕައިލެޓުން ކޮންމެ ދުވަހަކު އެދަތުރުތައް ކުރައްވަނީ އެބޭފުޅުންގެ އަމިއްލަ ޞިއްޙަތު ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެން ތިބެއެވެ. ސަބަބަކީ ދަތުރުމަތީގައި އަލްޓިޓިއުޑް މަތިކޮށް ހުންނަ ސަރަހައްދުގައި ގިނަވަގުތު ދުއްވުމަށް އުޅެންޖެހުމެވެ.

މީގެ އިތުރުން ވައިގެ ޕްރެޝަރު ދަށްވުމާއި، ގިނަވަގުތު އެއްތަނެއްގައި އިށީނދެ އިންނަން ޖެހުމާއި ސްޓްރެސްއާއި ހަށިގަނޑުން ފެން މަދުވުންފަދަ ކަންކަމަކީވެސް ޕައިލެޓުންނަށް ހިތުގެ މައްސަލަތައް ދިމާވާން މެދުވެރިވާ ކަންކަމެވެ.

ގިނަވަގުތު މަސައްކަތް ކުރަންޖެހުމާއި އަދި ޕައިލެޓް މަސައްކަތުގެ ބިޒީ ޝެޑިއުލްގެ ސަބަބުން ކާޑިއޯވަސްކިއުލާ ނުވަތަ ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވެއެވެ. ގިނަ ވަގުތު ސްޓްރެސްވެފައި ހުންނަން ޖެހުމާއި އެކި ވަގުތުތަކުގައި ނިދަންޖެހުމާއި އަލްޓިޓިއުޑް މަތިވުމަކީވެސް މިމައްސަލަތައް މެދުވެރިވުމަށް މަގުފަހިކުރުވާނެ ކަންކަމެވެ.

އެންމެ ރިސްކު ބޮޑީ ކޮން ބަޔަކަށް؟

ޕައިލެޓުންނަކީ ޤަވައިދުން ފިޒިކަލް ޗެކަޕް ހަދަންޖެހޭ ބައެކެވެ. އެހެންނަމަވެސް މަތިންދާ ބޯޓް ދުއްވަން ހުއްޓައި ޕައިލެޓް ހިތް ހުއްޓިގެން ހިތާމަވެރި ހާދިސާތައް ދިމާވެފައި އެބަހުއްޓެވެ. ޗެކަޕްތައް ހަދައި ހުރިހާ ކަމެއް ރަނގަޅުކަމަށް ބަލައި ޕައިލެޓް ދަތުރު ފެށިނަމަވެސް، ހިތްހުއްޓެން ދިމާވާން މެދުވެރިވަނީ ދަތުރު މަތީގައި ފަސިންޖަރުންގެ ރައްކާތެރިކަމަށް ވިސްނުމާއި ރައްކާތެރިކަމާއިއެކު ކޮންމެ ދަތުރެއް ނިންމާލުމުގައި ނަގަންޖެހޭ ސްޓްރެސް ބޮޑުވުމުނެވެ.

ސްޓްރެސް ލެވަލް އިތުރުވުމަކީ ލޭގެ ޕްރެޝަރު މަތިވާނެ ކަމެކެވެ. އެހެންކަމުން ހިތުގެ މަސްތަކަށް ބާރުކުރުން އިތުރުވެގެންދެއެވެ. ސްޓްރެސްއާއިއެކު އެކިފަހަރުމަތިން ނިދި ހަމަކުރަންޖެހުމާއި އެކި ވަގުތުތަކުގައި މަސައްކަތްކުރަން ޖެހުމަކީ ހިތުގެ މައްސަލަތައް ދިމާވެ ލޭމައްޗަށް ދިއުމަށް މެދުވެރިވެދާނެ ކަމެކެވެ. އަދި ދަތުރުމަތީގައި އަލްޓިޓިއުޑް މަތިކޮށް ހުންނައިރު ހިތުގެ ރިދަމްއަށް ކުރާ އަސަރުގެ ސަބަބުން ޑީޕް ވެއިން ތްރޮމްބޯސިސް އާއި ޕަލްމޮނަރީ ތްރޮމްބޯއެމްބޮލިޒަމް ފަދަ ހިތުގެ ބަލިތައް ޖެހެން މެދުވެރިވެއެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

1. ޤަވައިދުން ޗެކަޕްހެދުން-

ޤަވައިދުން ޗެކަޕް ހެދުމަކީ ހިތުގެ މައްސަލަތައް ހޯދައި ދެނެގަތުމަށް އެންމެ މުހިންމު ކަމެވެ.



2. ލައިފް ސްޓައިލް މެނޭޖްކުރުން-

ޤަވައިދުން ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ކެއުމާއި ސްޓްރެސް މެނޭޖްކުރުމަކީ މިވަޒީފާ އަދާކުރާ ބޭފުޅުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.



3. ނިދުމުގެ ވައްޓަފާޅި:

ހިތުގެ ދުޅަހެޔޮކަމަށް އެއްވަގުތެއްގައި ނިދުމާއި ނިދި ހަމަކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.

4. މަސައްކަތުގެ ވަގުތު:

މަސައްކަތުގައި ހޭދަވާ ވަގުތު ހަށިގަނޑާއި އެކަށޭނަ މިންވަރެއްގައި މެނޭޖުކުރުމާއި އަރާމުކުރުމަށް ވަގުތު ހޯދުމަކީވެސް ޚާއްސަ އިސްކަމެއް ދޭންޖެހޭނެ ކަމެކެވެ.

ފްލައިޓް ދަތުރުކުރާ މީހުން ކަންތައް ކުރަންވީ ކިހިނެތް؟

މަތިންދާ ބޯޓުގެ ޕައިލެޓުންނާއި ކެބިން ކްރޫއިން ފިޔަވައި، ގިނައިން މަތިން ދަތުރުކުރާ ފަސިންޖަރުންނަށްވެސް މިފަދަ ހިތުގެ މައްސަލަތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ވަގުތު ދަތުރު ކުރުމާއި އެކި ޤައުމުތަކުގައި ވަގުތު ހުންނަ ގޮތުގެ ތަފާތަށް ހޭނުމާއި މަތީގައި ދަތުރުކުރުމުން ހިތުގެ މަސްތަކަށް އަސަރުކުރުމަކީ މިކަމަށް މަގުފަހި ކުރުވައިފާނެ ކަންކަމެވެ. އެހެންކަމުން އާއްމުކޮށް ދަތުރުކުރާ ފަސިންޖަރުން ދަތުރުމަތީގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެލުމާއި ފެންބުއިމާއި އަދި ދޭތެރެއަކުން ޗެކަޕް ހަދުމަކީ މިފަދަ ހާލަތްތައް މެދުވެރިވުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމެވެ.

ހިތުގެ ބަލީގެ މީހުން ސަމާލުކަންދޭވީ ކަންތަކަކީ ކޮބާ؟

ގިނަ ވަގުތު ހޭދަވާ، ދިގު ދަތުރުތަކުގައި، ހިތުގެ މައްސަލަތައް ހުންނަ މީހުން ރައްކާތެރިވުމުގެ ފިޔަވަޅުއެޅުމަކީ މުހިންމުކަމެކެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކަށް ޑޮކްޓަރަށް ދައްކައި ދިގު ދަތުރެއް ކުރަން އުޅޭކަމާއި އެކަމާއި ބެހޭގޮތުން ޑޮކްޓަރުގެ އިރުޝާދު ހޯދުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން ގަޑިން ގަޑިއަށް ކާންޖެހޭ ބޭސްތައް ކެއުމަކީވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އަދި ކާންޖެހޭ ބޭސް އަތުން ގެންދާ ލަގެޖުގައި ބެހެއްޓުމާއި ގިނައިން ފެންބުއިމަށްވެސް ސަމާލުކަން ދޭންޖެހޭނެއެވެ. އަދި ގޮނޑީގައި އިނދެވެސް ކޮންމެވެސް ވަރަކަށް އަތާއި ފައި ގުޑުވާލައި ހަރަކާތްތައް ކޮށްލުމަކީ ލޭގަނޑުވުމުން ރައްކާތެރިކޮށްދޭނެ ކަންކަމެވެ. އަދި ފްލައިޓްގައި ހިނގާ ތަނާއި ކައިރި ގޮނޑިއެއް ޚިޔާރުކުރުމަކީވެސް ފާޚާނާ ކުރުމާއި އަދި ތެދުވެ އުޅުމަށް ފަސޭހަވާނެކަމެކެވެ.

މީގެ އިތުރުން ކޮފީ ބުއިމާއި އަދި ގިނައިން ކެއުމުން ދުރުހެލިވުމަކީވެސް ހިތުގެ ޕްރެޝަރު ބޮޑުނުވެ ދަތުރު ނިންމާލުމަށް އެހީތެރިވެދޭނެ ކަންކަމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން