މަރިޔަމް ލަމްޙާ ރަޝީދު   19 ސެޕްޓެމްބަރު 2023 - 12:58
ކައިވެންޏަކީ ދެޖިންސުގެ ދެމީހުން އުފާވެރި ޒަވާޖީ ޙަޔާތެއް އެދި ދެމީހުން އެކުގައި ދިރިއުޅުން ކުރިއަށްގެންދިޔުމަށް ގުޅުވައިދޭ މުޤައްދަސް ގުޅުމެކެވެ. ކައިވެންޏަކީ ދެމީހުންވެސް އެއްމިސްރާބަކަށް، އެއްމަޒިލަކަށް އަމާޒުކޮށް ދިރިއުޅުން ބައްޓަންކުރުމެވެ.

ޒަވާޖީ ހަޔާތެއް ކޮންމެ ދެމަފިރިއަކުވެސް ފަށަނީ ވަރަށްވެސް ފޮނި ހުވަފެންތަކާއިއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރުމުގެ ނުހަނު ބޮޑު އުއްމީދަކާއެކުގައެވެ. އެހެންނަމަވެސް ބައެއްފަހަރު ކައިވެންޏަށް ދުވަސް ވާވަރަކަށް ދެމީހުން ކައިވެނީގެ މަޤުސަދު ހަނދާންނެތި އެކަކު އަނެކަކާއި ގުޅުނު ސަބަބު ހަނދާންނެތެން ފަށައެވެ. މިއާއިއެކު އެކަކު އަނެކެއްދެކެ ފޫހިވާންފަށައެވެ. މިލިޔުމުގައި ބަލާލާފައިމިވަނީ އަންހެނުންގެ ތެރެއިން ގިނަމީހުން އެމީހުންގެ ކައިވެނި މަތިން ފޫހިކޮށްލާ ސަބަބުތަކަށެވެ.

ކައިވެނި މަތީން އަންނުން ފޫހިކުރުވާ މައިގަނޑު ސަބަބުތައް:

1. ފިރިމީހާގެ އުޅުމަށް ބަދަލުއައުން:

ކައިވެންޏަށްފަހު ފިރިމީހާގެ އުޅުމަށް ބަދަލުއަންނަތަން ފެންނަނަމަ އަންހެންމީހާ އެކަން ފާހަގަކުރަންފަށައެވެ. އަދި މިހާރު ފިރިމީހާ އަކީ އޭނާ ދަންނަ މީހެއް ނޫންކަމުގައި އޭނާއަށް އިހުސާސްކުރެވި ފިރިމީހާއަކީ ނުދަންނަ އަދި އަމިއްލަ މީހެއް ނޫންކަމަށް އިހުސާސްކުރެވެން ފަށައެވެ. މިހެންވުމުން އަންހެން މީހާ އޭނާގެ ފިރިމީހާއަށް ކުރަމުން އައި އިތުބާރު މަޑުމަޑުން ކުޑަވަމުންގޮސް ކައިވެނި މަތިން ފޫހިވާންފަށައެވެ.

2. ފިރިމީހާގެ ފަރާތުން ނަފްސާނީގޮތުން ޚިޔާލުތަކަށް ނުފޫޒުފޯރުވުން:

އިމޯޝަނަލް މެނިޕިއުލޭޝަން ނުވަތަ ނަފްސާނީ ގޮތުން ޚިޔާލުތަކަށް ނުފޫޒު ފޯރުވުމަކީ ކޮންމެ މީހަކު ކުރިކަމެއްނަމަވެސް ވަރަށް ނުރައްކާތެރި އަދި ދިގު މުއްދަތަކަށް އެކަމުގެ ނޭދެވޭ އަސަރު ދެމިގެންދާނެކަމެކެވެ. އެގޮތުން އަނބިމީހާ ބޭނުންވާ ކަންކަން ފިރިމީހާ ގާތު ބުނާ ކޮންމެ ވަގުތެއްގައި އަނބިމީހާގެ މުޅި ޚިޔާލާއި ފިކުރަކީ ތާކުންތާކު ނުޖެހޭ މޮޔަ ޚިޔާލެއް ކަމަށް ބުނެ ފިރިމީހާ ބޭނުންވާ ގޮތަށް ވިސްނުން އަނބުރާލުމަށް ފިރިމީހާ މަސައްކަތްކުރުމަކީ އަބަދުހެން ތިމަންނައަކީ އެއްވެސް ކަމެއް ނުވިސްނޭ ބޭކާރު މީހެއްކަމަށް އަނބިމީހާއަށް ޤަބޫލުކުރެވެންފެށުމެވެ. މިގޮތަށް ފިރިމީހާގެ ބަސްމަގާއި އަމަލުތައް ހުރުމުން މިއީ އަންހެންމީހާ މުޅިން އެކައިވެންޏެއް މަތިން ފޫހިކޮށްލާނެ މައިގަނޑު އެއް ސަބަބެވެ. އަދި މިހާލަތުގައި އަންހެންމީހާއަށް ފިރިމީހާ އެއްވެސް ޤަދަރެއް އިހުތިރާމެއް ނުކުރާކަމަށް ޔަގީންކުރެވޭނެއެވެ.

3. ފިރިހެންމީހާ އަބަދުހެން ޝަކުވާކުރުން:

އަންހެނަކު ކުރިކަމުގައިވިޔަސް އަދި ފިރިހެނަކު ކުރިކަމުގައިވިޔަސް އަބަދު ޝަކުވާ ކުރާ އަޑުއެހުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުދިކުދި ކަންކަމާއި ހިތްހަމަ ނުޖެހޭއިރަށް ޝަކުވާ ކުރުމާއި ރުޅި އިސްކުރުމަކީ އެކުގައި ދިރިއުޅެން އުނދަގޫވާނެ ސަބަބެކެވެ. އަދި ގޭތެރޭގައި އެއްވެސް ހަމަޖެހުމެއްނުވާކަމުގެ އިހުސާސް ދެމީހުންނަށްވެސް ކުރެވެންފަށާނެއެވެ. މިގޮތުގައި މާގިނަ ދުވަހު ދެމިގެންދާނަމަ ފިރިމީހާއާއި ކައިވެނިކޮށްގެން އުޅެން އަންހެންމީހާ ފޫހިވާންފަށާނެއެވެ.

4. އެހެން ފިރިހެނުނަށް އޭނާގެ ފިރިމީހާއަށްވުރެ ރަނގަޅަށް އޭނާއަށް އަޅާލެވިދާނެކަމަށް ހީވުން:

ބައެއްފަހަރު ފިރިމީހާގެ ފަރާތުން މާބޮޑު ގޯސްކަމެއް ނުފެނުނުނަމަވެސް އެމީހުންގެ ކައިވެނި މަތިން އަންހެންމީހާ ފޫހުކުރުވައެވެ. މީގެ ތެރެއިން އެއްކަމަކީ ފިރިމީހާއާއި އެހެންމީހުންނާއި އަބަދުހެން އަޅާކިޔަންފެށުމެވެ. މިއަޑުއަހަން ފިރިމީހާއަށްވެސް ފަސޭހައެއް ނުވާނެއެވެ. އަދި އަންހެން މީހާ އެހެން އެކިއެކި އިލްޒާމްތައް އަޅުވައި ފިރިމީހާ ފަޤީރުކޮށްލައި ނިކަމެތިކޮށްލާނަމަ އޭނާއަށް އޭނާގެ ފިރިމީހާއަށް ކޮށްދެވޭނެ މާބޮޑުކަމެއް ނޯންނާނެއެވެ. އަދި މިހެންއަބަދު އަންހެން މީހާ ފިރިމީހާއަށް އެއްޗެތިގޮވައި އެހެން މީހުންގެ ވާހަކަ ދައްކާނަމަ އޭނާ، އޭނާގެ ކައިވެންޏާއި ފިރިމީހާމަތިން ފޫހިކޮށްލައިފިއެވެ.

5. ފިރިމީހާ ރުޅިގަދަވުމާއި ހަރުކަށިވުން:

ރުޅިއިސްކުރުމަކީ ފިރިހެނުންގެ ތެރެއިން ބައެއް މީހުން ކަންކަމާއި ކުރިމަތިލުމަށް އެމީހުންގެ ޝަހުސިއްޔަތުގައި ހަރުލާފައި ހުންނަ އާދައެކެވެ. ބައެއްފަހަރު އަންނަ ރުޅީގައި ގޭގައި ތިބޭ މީހުންނަށްވެސް އެއްޗެހިގޮވާލެވެއެވެ. އަނެއްބައިފަހަރު ގޭގައި ހުންނަ މުދަލަށް ގެއްލުންދެވޭތަންވެސް އާދެއެވެ. އަނެއްބައިފަހަރު އަނބިމީހާއަށް އަނިޔާކުރެވެއެވެ. މިހުރިހާ ކަންކަމުގެ ސަބަބުން އަނބިމީހާ ފިރިމީހާއަށް ކުރަންޖެހޭ ޤަދަރުކުޑަވެގެންދެއެވެ. އަދި އަބަދުހެން ފިރިމީހާގެ ފަރާތުން ގެއްލުމެއް ލިބިދާނެކަމަށް ބިރުހީވެ އޭނާ ގޭގައި އުޅޭނަމަ ރައްކާތެރިކަމުގެ އިހުސާސް އަނބިމީހާއަށް ނުކުރެވެއެވެ. އަދި ފިރިމީހާ ގެއަށް އައުމަށްވެސް ނޭދޭނެއެވެ. މިހާލަތުގައި އަނބިން އެމީހުންގެ ކައިވެނިމަތިން ފޫހިވެ ކައިވެނިކުރެވުނީތީ އެކަމާއި ހިތާމަކުރާނެއެވެ.

6. އަނބިމީހާ ކޮށްދޭ އެއްވެސް ކަމެއް ފިރިމީހާއަށް ކަމުނުދިއުން:

ކޮންމެ ކަމެއް ކޮށްދިންނަމަވެސް އެވަނިގޮތަކަށް ކުރިނަމަ ރަނގަޅުވީހޭ ނުވަތަ ތިމަންގެ މީހުން އެހެން ކަންތައް ކުރާނޭ ނުވަތަ ކޮންމެވެސް ނައްސިކަމެއް ކޮންމެ ފަހަރަކު ފާހަގަ ކުރުމަކީ ފިރިމީހާ މަތިން އަނބިން ފޫހިކޮށްލާނެ ކަމެކެވެ. އަދި މިހެން އަބަދުހެން ނައްސި ބަސްތައް އަނބިމީހާއާއި ދިމާލަށް ރައްދުކުރާނަމަ ނަތީޖާއަކަށް ވެގެންދަނީ އޭނާ ފިރިމީހާ ބުނާ އެއްވެސް ވާހަކައެއް އަޑުއަހަންވެސް އަދި ފަހުން އެ ދައްކާ ވާހަކައެއް ޤަބޫލުނުކުރަން ބޭނުން ނުވުމެވެ. އޭނާއަށް ދުވަހަކުވެސް ފިރިމީހާ ހިތްހަމަ ޖެހޭފަދަގޮތަކަށް ކަމެއް ކޮށްނުދެވޭއިރު އެކަމަށް މަސައްކަތްކުރުންވެސް ބޭކާރު ކަމުގައި ވިސްނި ފިރިމީހާމަތިންވެސް މުޅިން ފޫހިވާނެއެވެ.

7. ފިރިމީހާ އުފުލަންޖެހޭ ޒިންމާތައް އަދާނުކުރުން:

ފިރިމީހާ އޭނާގެ ޒިންމާތައް ބަރާބަރަށް އަދާކުރާކަމުގައި ވާނަމަ އޭނާއަށް ޤަދަރުކޮށް އޭނާއަށް އިހުތިރާމް ދެމެހެއްޓުމަށް އަނބިންނަށް ފަސޭހަވާނެއެވެ. ސަބަބަކީ އެއީ ހުރިހާ އެންމެންގެ ކަންކަން ބަލަހައްޓާ ހުރިހާކަމެއްގެ ޒިންމާއަދާކުރާ އެންމެންގެ ލޯބިވާ މީހަށްވުމަށް އެންމެ މުހިންމީ ފިރިއެއްގެ އަދި ބަފައެއްގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރުމުން ކަމުގައިވާތީއެވެ. އެހެންކަމުން އަބަދުހެން ފިރިމީހާގެ ޒިންމާގައިވާ ކަންކަން ކުރުމުގައި ފަރުވާކުޑަވާހެން އަނބިމީހާއަށް އިހުސާސްކުރެވޭނަމަ ފިރިމީހާގެ މަތިން ފޫހިވާން މާގިނަ ދުވަސްތަކެއް ނުނަގާނެއެވެ.

އުފާވެރި ޒަވާޖީ ހަޔާތެއް އެދޭނަމަ، ކޮންމެ ދެމަފިރިއަކުވެސް މަސައްކަތް ކުރަންވާނީ އެކުއެކީގައި ފެށި މިދަތުރު ކާމިޔާބު ކަމާއެކު އެއްމިސްރާބަކަށް ގެންދިޔުމަށް އެކަކުއަނެކަކަށް އިޙްތިރާމްކޮށް، ކަންކަމުގައި އެއްބާރުލުންދީ އެހީތެރިވެދީގެންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން