އަހުމަދު ޔާމިން   3 ނޮވެމްބަރު 2023 - 19:37
1988 ވަނަ އަހަރުގެ ނޮވެމްބަރ ތިނެއްވީ ބުރާސްފަތި ދުވަހަކީ ދިވެހި ތާރީޚުގެ ޞަފްހާތަކުގެ ތެރެއިން މިޖީލުގެ ދިވެހިންދުށް ކަޅު ދުވަހެއްކަމާމެދު ދެބަސްވާނޭ ދިވެއްސަކު ނުހުންނާނެއެވެ. އެދުވަހަކީ ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ 80 ޓެރަރިސްޓުން ދިވެހި ޚާއިނުންނާއެކު މާލެއަރައި ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ނަގާލުމަށް މަސައްކަތްކުރި ބިރުވެރި ދުވަހެވެ.

އެދުވަހު 19 ދިވެހިންގެ ލޭ މި ފަސްގަނޑަށް އޮހުރުވައިލިއެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތްވަރުގަދަ ސިފައިންގެ 8 ބޭކަލުންނާއި، އާންމުންގެ 11 މީހުންނެވެ. އެވަރުން އެމީހުން ފުއްދައިލީއެއް ނޫނެވެ. ދަޢުލަތާއި އެތައް މަދަނީންގެ މުދާލޫޓުވިއެވެ. ރަޙުމެއްނެތް އެތައް ޖަރީމާއެއް ހިންގިއެވެ. ނަމަވެސް ދިވެހި ސިފައިންގެ ގަދަ ހިތްވަރާއި ޖެހިލުންކުޑަކަމުގެ ކުރިމަތީގައި އެންމެ 18 ގަޑިއިރުގެ ތެރޭގައި އެމީހުންނަށް ޖެހުނީ ހަތިޔާރު ބަހައްޓައި ފިލަން ދުއްވައިގަންނާށެވެ. ދިވެހި ޤައުމީ ސިފައިންގެ ކުރިމަތީގައި ކުޑަކަކޫ ޖަހާށެވެ.

ދުވަހުގެ ބަޠަލަކީ ދުޝްމަނުންގެ ކުރިމަތީ ހަނގުރާމައިގެ އެންމެމަތީ ހިތްވަރާއި ފަންވަރު ދެއްކި ހދ. ކުޅުދުއްފުށީ މާވާގޭ ޢުމުރުން އެންމެ 20 އަހަރުގެ ޒުވާން ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ. ޓެރަރިސްޓުންނާއި، ދިވެހި ސިފައިންނާ ދެމެދު ބަދަލުކުރެވެމުންދިޔަ ޙަމަލާތަކުގައި އަދުގެ ބަޠަލް ދެއްކެވި ހިތްވަރަކީ ދިވެހި ފަސްގަނޑުގައި ދިވެހިން އުޅޭހާ ހިނދަކު ހަނދާނުން ފޮހެވޭނެ ކަމެއްނޫނެވެ. އެރޭގެ ފަތިހު ސިފައިންގެ ގޭޓުގެ ހުޅަނގުފަރާތުގައި ހުރި ސެނގަރު ތެރޭގައި ހުންނަވައިގެން ޝަހީދު ޙުސައިން އާދަމް ސިފައިންގޭގެ މައިދޮރާށި ޙިމާޔަތް ކުރުމަށްޓަކައި ޤުރުބާން ކުރެއްވީ އަމިއްލަ ފުރާނައެވެ. ދިވެހިންގެ މިނިވަންކަމުގެ އަގު ދެއްކެވީ އަމިއްލަ ހަށިކޮޅުގެ ޤައުމިއްޔަތުގެ ވިންދުޖަހާ ރަތްކުލައިގެ ލެއިންނެވެ.

ޝަހީދު ޙުސައިން އާދަމްގެ މަސައްކަތަށް ތަޢުރީފު ޙައްޤެވެ. އެއީ އެންމެ 60 ވަޒަނުން ޤައުމުގެ ސަލާމަތުގެ ދޮރާށި ޙިމާޔަތްކޮށްދިން ޤައުމީ މުޖާހިދެވެ. އެއީ އޭނާގެ ވިސްނުމާއި މަތިވެތި ޖިހާދުން، ދިވެހި ސިފައިންނަށް ހަނގުރާމައަށް ސަފުތަށް ރުކުރުވާލަން ފުރުސަތު ތަނަވަސްކޮށްދިން ފަހުލަވާނެވެ. އެ ޤައުމީ ބަޠަލުގެ އަތުގައި އެދުވަހު އޮތް 60 ވަޒަނުގެ ބޭނުން ޙިކުމަތްތެރިކަމާއެކު އެ ދުވަހު ނުހިފިނަމަ ދިވެހި ސިފައިންނަށް ދިފާޢުގެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ދަތިވީހެވެ.

ބާޣީން އެދުވަހު ސިފައިންގެއަށް ޙަމަލާދޭން މަސައްކަތް ކޮށްފައިވަނީ ދޮށިމޭނާ ބިލްޑިންގ ތެރެއަށްވަދެ އެތާހުރި ފާރެއް ނިވައި ފަތްގަނޑަކަށް ހަދައިގެންނެވެ. އެގޮތުން ސިފައިންގެ މައިމަރުކަޒަށް އެއްފަހަރާ ތިން ދިމާލުން ވަރުގަދަ ހަމަލާތަކެއްދިނެވެ. އޭގެ ތެރޭގައި ޕޮލިސް ހެޑްކްއާޓަރަށް ދިން ހަމަލާއާއި މެއިންގޭޓަށް ދިން ހަމަލާގެ އިތުރުން ހުޅަނގުފަރާތު ފާރުގޮއްވާލައިގެން ދިން ހަމަލާ ހިމެނެއެވެ. ހަމައެއާއެކު ރިޔާސީގަނޑުވަރުގެ ދެ ގޭޓަށް ވަނީ ހަމަލާތައް ދީފައެވެ.

ނަމަވެސް ރައްދު ޙަމަލާ ވަގުތުން ވަގުތަށް ދިވެހި ސިފައިން ދިނުމުން އެކަމުގައި އެމީހުންނަށް ކާމިޔާބެއް ނުހޯދުނެވެ. ހިތްވަރުގަދަ 10 ސިފައިން ފުލުސްއޮފީހުގެ ގޭޓުން ދުޝްމަނުންގެ ކުރިމައްޗަށް ނިކުތީ ޤައުމަށްޓަކައި އެބަޠަލުންގެ މޭ އައްޑަނަ އަކަށް ހަދައިގެންނެވެ. އެހަމަލާތަކުގައި ދިވެހި ހިތްވަރުގަދަ ތިން ސިފައިން ޝަހީދުވިއެވެ. މާވަރުގަދަ ހަނގުރާމައިގެ ވަސީލަތެއް ނެތް ނަމަވެސް އެދުވަހު ދިވެހި ސިފައިން ސާބިތުކޮށްދީފައިވަނީ ޤައުމީ ވިންދު ޖަހާ، އިސްލާމީ ލޭ ހިނގާ ދިވެހި ސިފައިންގެ ލަޝްކަރުގެ ނުގުޑާނެ ޢަޒުމާއި ޤައުމަށް އޮތް މަތިވެރި ލޯތްބެވެ.

އެދުވަހު ދިވެހި ސިފައިންގެ ވަޒަންތަކުން ބާޣީންގެ ލަޝްކަރުގެ ކޮމާންޑަރަކަށްހުރި ތަޖުރިބާކާރު ކޮމާންޑަރު ވަސަންތީ މަރާލިއެވެ. ދިވެހި ސިފައިންގެ ގަދަފަދަ ޙަމަލާގެ ކުރިމަތީގައި ބާޣީން ބަލިވަމުންދަނިކޮށް އެމީހުންނަށް އިތުރު ނާއުންމީދަކާ ކުރިމަތިވީ ރަޙުމަތްތެރި އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެ އަންނަ ޚަބަރާ އެކުގައެވެ. އެއާއެކު އަތުޖެހުނު ދިވެއްސަކު ރަހީނުކޮށްގެން މާލޭގެ ބަނދަރުގައިއޮތް، އެމްވީ ޕްރޮގްރެސް ލައިޓްގައި ފިލައިގެން ދިޔުމަށް ދަތުރުފެށިއެވެ. ޕްރޮގްރެސް ލައިޓްގައި ރަހީނުންގެ ގޮތުގައި އެތައް ދިވެހިންނެއް ގެންދިޔައެވެ. އޭގެ ތެރޭގައި އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަޙުމަދު މުޖުތަބާގެ ދެކަނބަލުން ވެސް ހިމެނެއެވެ.

"އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި ކާނަލް ޖޯޝީގެ ކޮމާންޑަރުކަމުގައި ބާޣީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިންޑިއާއިން ފޮނުވީ ހަނގުރާމަ މަތީ ތިން މަނަވަރާއި ސޯޅަ ސަތޭކަ ސިފައިންނެވެ. އިންޑިއާއިން ފޮނުވި ފުރަތަމަ ލަޝްކަރު ވައިގެ މަގުން ހުޅުލެއަށް އައީ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހުގެ ރޭ 10:00 ހާއިރުއެވެ. އަދި ޕްރޮގްރެސް ލައިޓު ހޯދުމުގެ މަސައްކަތް ފަށައި އެބޯޓު ހޯދައި އަމާންދިނުމަށް ބާޣީންނަށް އެތައްފަހަރެއްގެ މަތީން އިންޒާރު ދިނެވެ.

އެހެންނަމަވެސް ބާޣީން އަމާން ނުދީ ރަހީނުކުރި ދިވެހިން ޝަހީދުކޮށް ކަނޑަށް އުކަމުންދިޔައެވެ. އިންޑިއާ ސިފައިންގެ ކުރިމަތީ ބާޣީން ހަތިޔާރު ނުބެހެއްޓުމުން އެންމެފަހުން އިންޑިއާ މަނަވަރުންވަނީ ޕްރޮގްރެސް ލައިޓަށް ހަމަލާދީ ބޯޓު ފައްތާލައިފައެވެ. އެއަށްފަހު އޭގައި ތިބި ދިވެހިންނާއި ބާޣީން މަނަވަރަށް ނެގިއެވެ. އަދި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުންގެތެރެއިން ސަލާމަތްވީ ދިވެހިންނާއި ބާޣީން މާލެ ގެނެސްފައިވެއެވެ.

މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ އެޙާދިސާއަށް 35 އަހަރު ފުރުނު ދިވެހީންގެ ނަޞްރުގެ ދުވަހެވެ. ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއަކީ ވެރިކަމާއި، އަމިއްލަ މަންފާ އިސްކުރުމުގެ ޢަމަލެކެވެ. އެއީ ޤައުމަށް ޣައްދާރުވުމުގެ ހަނގުރާމައެކެވެ. އެ ދުވަހުގެ ޣައްދާރުންނަށް މި ޤައުމު ދެމިއޮތްހާ ދުވަހަކު ހަޤީޤީ މާފެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން