ޑޮލަރު ނޫޓްތަކެއް
ޑޮލަރު ނޫޓްތަކެއް
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ވިސާ ޑެބިޓް ކާޑުތަކުން ޑޮލަރުން ކުރެވޭ މުއާމަލާތްތަކުގެ ލިމިޓް ދަށްކުރަން ނިންމައިފިކަމަށް ބުނެ މީޑިއާތަކުން ފެތުރި ޚަބަރު ރައީސް އޮފީހުން ދޮގު ކޮށްފިއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް މިއަދު ވިދާޅުވީ އެފަދަ ނިންމުމެއް ބޭންކް އޮފް މޯލްޑިވްސް އިން ނިންމާފައިނުވާ ކަމަށެވެ. ޚަލީލް ވިދާޅުވީ، މީޑިއާތަކުން އެ ޚަބަރު ފަތުރާފައިވަނީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކަމަށާއި އެކަމާ ހިތާމަ ކުރަށްވާ ކަމަށެވެ.

"ލިމިޓް ކުޑަ ކުރާކަށް ބީއެމްއެލް އަކުން ނުނިންމާ. އެއީ ސީދާ ދޮގެއް." ޚަލީލް ވިދާޅުވިއެވެ.

ކޮވިޑަށް ފަހު ބީއެމްއެޅް ކާޑުތަކުން ބޭރުފައިސާއިން މުއާމަލާތް ކުރެވޭ މިންވަރު ވަނީ މަހަކަށް ގިނަވެގެން 250 ޑޮލަރަށް ކުޑަކޮށްފައެވެ. އަދި ބޭންކުގެ އިތުބާރު ހިފޭ މަސްދަރުތަކާ ހަވާލާދީ ބައެއް ނޫސްތަކުން މިއަދު ރިޕޯޓްކޮށްފައިވަނީ ބޭންކުން ނިންމާފައި ވަނީ ޑޮލަރު ލިމިޓް 25 ޑޮލަރަށް ކުޑަކުރުމަށް ކަމަށެވެ.

ނަމަވެސް "ރަސް އޮންލައިނަށް" މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓް މުރާޖަޢާަ ކުރަނީ ގިނަވެގެން 225 ޑޮލަރަށެވެ.

މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ޑޮލަރުގެ ތާށިކަން އިންތިހާއަށް ކުރިމަތިވެފައިވާއިރު ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު މި މަހުން ފެށިގެން ނެގޭ ގޮތަށް ކުރިން ނިންމާފައި އޮތް ނިންމުން ވެސް ތަންފީޒު ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން