ޞާދިރު ޢަލީދީދީ   31 ޖުލައި 2020 - 16:47
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 02

................

އޭގެފަހުން ފާއިތުވެދާ ކޮންމެ ދުވަހަކުވެސް އަމަރް ރަނާއަށް ގުޅައެވެ. ނަމަވެސް، ރަނާ އަމަރް ދައްކާ އެއްވެސް ވާހަކައަކަށް ވާހަކައެއް ނުދައްކައެވެ. އަމަރްގެ ވާހަކަތަކަށް އޭނާގެ މާބޮޑު ފަރުވާލެއް ނުހުރެއެވެ. އެހެން ނަމަވެސް، އަމަރް އަބަދުވެސް ރަނާއަށް ގުޅައެވެ.

[މިހާރު ހަމަ ރަނގަޅަށްވެސް އޭނާ އެހުރީ އަވަލާފަ.] ރަނާ ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ޝެހެނާއާއެވެ.

[ކިހިނެއްވީ؟ އޭނާއަކީ ގޯސް މީހެއްހެނެއް ހިއެއްނުވޭ. ނުލާހިކު ރީތިވެސް ޒުވާނެއް.] ޝެހެނާ ރަނާއާ ދިމާކުރާފަދަ ގޮތަކަށް ބުންޏެވެ.

[އަހަންނަކަށް ރީއްޗެއް ނޫން. އެހެން ނޫނަސް ވިދާހާ އެއްޗަކީ ރަނެއް ނޫން. އޭނާ ކިތަންމެ ރީއްޗަސް، އޭނާގެ ކިބައިގައި ހުރެދާނެ، ކިތަންމެ ނުރަނގަޅު ސިފައެއްވެސް.] ރަނާ ބުންޏެވެ.

[ރަނާ ހިނގާބަލަ މިއަދު ޕިއްޒާއެއް ކާލަންދަމާ....އަހަރެން ކުއްލިއަކަށް ޕިއްޒާއެއް ކާލާހިތުން.] ޝެހެނާ މަޥްޟޫޢު ބަދަލުކޮށްލިއެވެ.

[އާނ...ކޮންތާކަށްދާނީ. އަހަރެންވެސް މިހުންނަނީ ޕިއްޒާއެއް ކާލާހިތުން.] ރަނާއަކީ އަބަދުވެސް ޕިއްޒާ ކާހިތުން ވަރަށްވަރުހުންނަ ކުއްޖެކެވެ.

ކޮންމެ މަހަކުވެސް ދެތިންފަހަރު އެދެކުދިން އެކުގައި ޕިއްޒާ ކާންދެއެވެ. ގިނައިން އެކުދިން ގޮސް އުޅެނީ އާޓިފިޝަލް ބީޗްގައި ހުންނަ ޕިއްޒާއަށް ޚާއްޞަ ކެފޭއަކަށެވެ.

[މިއަދު ދާނީ މުޅިން އާ ތަނަކަށް. މާފަންނުކޮޅުގައި އެބަހުރި އަލަށް ހުޅުވި ވަރަށް ވަރުގަދަ ރެސްޓޯރަންޓެއް. އަހަންނަށް ހީވަނީ އެއީ އެ ޢިމާރާތުގެ ވެރިފަރާތުން ހިންގާ ތަނެއްހެން. ހަވީރު ދާންވާނެ....އެހާ ދުރަކަށް ހިނގާފައެއް ނުދެވޭނެ. ޓެކްސީއެއްގައި ދާނީ.] ޝެހެނާ ބުންޏެވެ.

[މައްސަލައެއް ނެތް. އަހަރެން ތައްޔާރުވާނަން. ނާއިފް ނުގުޅާތަ މިހާރަކު.] ރަނާ ޝެހެނާއާއެކު ދޮރާއްޓާ ހަމައަށް ނުކުތެވެ. ނާއިފަކީ ޝެހެނާގެ ލޯބިވެރިޔާއެވެ.

[ނޫނޭ...ރޭގައިވެސް ގުޅި. އެމީހުންނަށް އެބަ ލިބޭ ތިން ހަފްތާގެ ޗުއްޓީއެއް. ޗުއްޓީގައި އަންނަ ވާހަކަ ބުނި.] ޝެހެނާ ކިޔައިދިނެވެ.

[އަޞްލު ބުނަން، ނާއިފް އަހަރެންދެކެ ހާދަ ލޯބިވެޔޭ. އަހަރެން ވަރަށް އުފާވޭ، އަހަރެންދެކެ އެވަރަށް ލޯބިވާ މީހަކު ލިބުމުން.] އެއީ އަބަދުވެސް ނާއިފާ ބެހޭގޮތުން ޝެހެނާ ބުނާ ވާހަކައެކެވެ.

[ނާއިފް ޝެހެނާދެކެ ލޯބިވާވަރަށް، ޝެހެނާވެސް އޭނާ ދެކެ ލޯބިވަމެއްނު.] ރަނާ ބުންޏެވެ.

[އަހަރެން ލޯބިނުވާނަމަ، މިގުޅުން ކުރިއަކަށް ނުގެންދެވޭނެތާ. އަހަރެންވެސް ނާއިފްދެކެ ވަރަށް ލޯބިވޭ.] ޝެހެނާ ބުންޏެވެ.

[އަހަރެން ދެން ދަނީ. ހަވީރު އަންނާނަން، ތައްޔާރުވެގެން ހުންނައްޗޭ....] ޝެހެނާ މިހެން ބުނެފައި ހިނގައިގަތެވެ.

ހަވީރުގެ ވަގުތެވެ. މިހާރު ރަނާއާއި ޝެހެނާއާ ދެކުދިން އެތިބީ އަލަށް ހުޅުވުނު ސަންސެޓް ރެސްޓޯރަންޓްތެރޭގައެވެ. މިހާރު ވެއިޓަރަކު އައިސް އޯޑަރުވެސް ނަގައިފިއެވެ.

[ރަނާ ބަލާބަލަ، އެ ވަންނަނީ ކާކު؟] ކުއްލިއަކަށް ރަނާ ގައިގައި ކޮއްޓާލަމުން ޝެހެނާ މިހެން ބުނީމާ، ރަނާ ސިހިފައި ދޮރާ ދިމާއަށް އެނބުރުނެވެ. އޭރު އެ ޒުވާނާ ކައުންޓަރުގައި ހުރި ކޭޝިއަރާ ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ.

[ހިނގާ މިތަނުން ދަމާ.....] ރަނާ ބޭނުންވީ ވަގުތުން އެތަނުން ނުކުންނާށެވެ. ނަމަވެސް، އޭރު އެ ޒުވާނާއަކަށް އަދި ރަނާމެނެއް ނުފެންނާނެއެވެ. ނުވަތަ އެ ޒުވާނާ އެހުންނަނީ ރަނާމެން ނުފެންނަ ކަމަށް ހެދިގެންނެވެ.

[މީހަކު ފެންނައިރަށް ދާންޖެހޭތަ. މިހާރު އޯޑަރުވެސް ދެވިއްޖެ. އޭނާ ކީއްކުރަންބާ، މިތަނަށް އައިސްގެން އެއުޅެނީ؟] ޝެހެނާ ބުންޏެވެ.

[އަހަރެމެން ކީއްކުރަންތަ މިތަނަށް އައިސްގެން މިއުޅެނީ. އަހަރެމެންވެސް އައިސް މިތިބީ އެއްޗެއް ކާން. އޭނަވެސް އަންނާނީ އެ މަޤްޞަދުގައި. ކޮންމެހެން އޭނާގެ ވާހަކަ އަހަރެމެން ދައްކާނެ ކަމެއް ނެތް.] ރަނާ އެ ޒުވާނާއަށް ނުފެންނާނޭހެން ވަރަށް ބޮޑަށް އިސްޖަހާލައިފިއެވެ.

އެއީ އެ ޒުވާނާ އެމީހުން ތިބި މޭޒާ ދިމާއަށް މިޞްރާބުޖެހި ވަގުތެވެ. ރަނާގެ މޭ ބާރަށް ތެޅެން ފެށިއެވެ. އޭނާ އެތަނުން ދާން ބޭނުންވިއެވެ.

[ކިހާ ދެރަކަމެއް. އޭނާ އެއުޅެނީ އަހަރެންގެ ފަސްފަހަތުން އަޅައިގަނެގެން. މިވީގޮތުން ޕިއްޒާ ކާހިތްވެސް ކެނޑިއްޖެ. ސީދާ މިތަނުންދާހިތްވަނީ.] ރަނާ މިހެން ބުނީ، އެޒުވާނާ، އާދެ! އަމަރަށް އިވޭވަރަށެވެ. އެހެންވެ އަމަރް ރަނާމެން ތިބި މޭޒު ކައިރިއަކަށް މަޑެއްނުކުރިއެވެ. އޭނާ ރަނާމެނަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު، އަނެއްކާވެސް ކޭޝިއަރާ ވާހަކަ ދައްކާލުމަށްފަހު، އެތަނުން ނުކުތެވެ.

އެއީ ރަނާމެންގެ އޯޑަރު ލިބުނު ވަގުތެވެ. މޭޒުމައްޗަށް ޕިއްޒާ ގެނައުމާއެކު، ރަނާމެން ކާން ފެށިއެވެ.

[ޕިއްޒާއަށްޓަކައި ވަރަށް ބޮޑަށް ބަނޑުވެސް ހުސްކޮށްގެން މިހުންނަނީ. ވާހް...ވަރަށް މީރު....ދެން ޕިއްޒާ ކާން އަންނާނީ މުޅިންވެސް މިތަނަށް.] ރަނާ ޕިއްޒާ ފޮތި ކަމުން ވާހަކަ ދެއްކިއެވެ.

[އިތުރު އެއްޗެއް ބޭނުންތޯ؟] ވެއިޓަރަކު އައިސް އެއްސެވެ.

[ޕިއްޒާއާއެކު ފްރީކޮށް އެއްވެސް ޑްރިންކެއް ނުލިބޭތަ؟] ޝެހެނާ އެއްސެވެ. އެހެން ވެއިޓަރަކު ދެތަށި ކޯކް ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓީ އެވަގުތެވެ.

[ރަނާ، އޭނައަށް ރަނާ ކީ އެއްޗެތީގެ އަޑު އިވުނީމަކަންނޭނގެ، މިތާ މަޑުނުކޮށް އެދިޔައީ.] ޝެހެނާ ބުންޏެވެ. އޭނާ މަޑުނުކުރުމަކުން ރަނާގެ އެއްވެސް ފަރުވާލެއްނެތެވެ. ވުމާއެކު، ރަނާ އެކަމަކާ މާބޮޑަކަށް ނުވިސްނައެވެ. ރަނާއަށް ރަނގަޅީ އަމަރް އޭނާ ފެންނަ ހިސާބަށްވެސް ނައްޔާއެވެ.

[ހިނގާ އަވަހަށް ބިލް ދައްކާފަ ދަމާ....] ރަނާ ފޯއް ފޮއްޗެއް އަނގަޔަށްލަމުން ތެދުވިއެވެ. ބިލް ނުގެނެސް ލަސްވާތީ، ރަނާއާއި ޝެހެނާ ދިޔައީ ކައުންޓަރު ކައިރިއަށެވެ.

[ކިހާވަރެއް؟ ބިލް ނުލިބި ލަސްވެގެން ތެދުވެގެން މިއައީ.] ޝެހެނާ ބުންޏެވެ.

[ތި މޭޒުން ފައިސާ ނުނެގުމަށް ވިދާޅުވެފައި ބޮސް ދުރުވީ. އެންމެ ރަނގަޅު ތިބޭފުޅުން ދުރުވިޔަސް......] ކޭޝިއަރު އަންހެން ކުއްޖާ ބުންޏެވެ. ރަނާއާއި ޝެހެނާ، އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

[ބޮސްއަކީ ކާކުތަ؟ ތިޔައީ ހާދަ ދީލަތި ބޭފުޅެކޭދޯ....ޝުކުރިއްޔާއޭ ބުނާތި.] ޝެހެނާ ބުންޏެވެ.

[އަމަރް.....] ކޭޝިއަރު އަންހެން ކުއްޖާގެ މިޖަވާބާއެކު، ރަނާ ޝެހެނާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.

[ކޮންމެތާކަށް ދިޔަޔަސް، ދެނެއް އެ ރެސްޓޯރަންޓަކަށް ނުދާނަން.] ރަނާ ބުންޏެވެ.

[އެއްވެސް ޙައްޤެއްނެތި ކީއްވެތަ، އަމަރްދެކެ ތިޔަވަރަށް ރުޅި ތިއަންނަނީ. ތިޔައީކީ އިންޞާފްވެރި ގޮތެއް ނޫން. އޭނަ ރަނާއަށް ގެއްލުމެއް ދިނީކީ ނޫން....އަހަންނަށް ހީވަނީ އޭނަ ރަނާދެކެ ލޯބިވަނީހެން...] ގެޔަށްދިޔަ މަގުމަތީގައި ޝެހެނާ އަމަރްގެ ދިފާޢުގައި ބުންޏެވެ.

[އޭނަ ހިލޭ ޕިއްޒާ ދިނީމަ ވިކުނީދޯ؟ ކިތަންމެ ބައިވަރެއް ހޭދަކުރިޔަސް، އަހަންނެއް ނުގަނެވޭނެ. ތެދެއް ބުނަން، އަހަރެންގެ އެއްވެސް ޝައުޤެއް އޭނައަކަށް ނެތް.] ރަނާ ބުންޏެވެ.

[ތިހެންވއިރު ރަނާގެ ފަހަތުން އޭނަ ނުދުއްވާ، އޭނަ ގާތު ސާފުބަހުން ބުނަންވީނު.] ޝެހެނާ ޚިޔާލު ދިނެވެ.

[ބަލަ އޭނާގެ ނިޔަތަކީ ކޮބައިކަން ނޭނގޭއިރު، އަހަރެން ކިހިނެއްތަ ތިހެން ބުނާނީ. ދެން ތިވާހަކަ ހުއްޓާލަބަލަ. އަހަރުގެ ފަހު އިމްތިޙާނު މިއޮތީ ބޯމަތިވެފަ. މިފަހަރު އަހަރެން ޖެހޭނެ ވަރަށް ބޮޑަށް މަސައްކަތް ކުރަން. ވަރަށް ރަނގަޅަށް ފާސްވެގެން ނޫނީ، އިތުރަކަށް ކުރިއަކަށް ނުދެވޭނެ. ޝެހެނާއަށް މިފަހަރު ކިހިނެއްވާނެހެން ހީވަނީ......] ރަނާ މަޥްޟޫޢު ބަދަލުކޮށްލިއެވެ.

[އަހަރެން ވަރަށް މަސައްކަތް ކުރާނަން، އޯ ލެވެލް ނަތީޖާ ރަނގަޅު ކުރަން.] ޝެހެނާ ބުންޏެވެ.

[އަހަރެންގެ ނަތީޖާ ރަނގަޅު ނޫނިއްޔާ، ރަށަށް ނުފޮނުވާނެ ވާހަކަ މަންމަ ބުނި....ރަށަށް ދާން ބޭނުމިއްޔާ، އަހަރެން ޖެހޭނެތާ މަސައްކަތް ކުރަން....] ރަނާއަށް މިހެން ބުނެވުނުއިރު، ރަނާ އުޅޭ ގެޔާ އަރާ ހަމަވެއްޖެއެވެ. ޝެހެނާ އުޅޭ ގެ ހުންނަނީ އެގެޔާ ވިއްސަކަށް ފޫޓް ދުރުގައެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުންގޮސް، ރަނާމެންގެ ފަހު އިމްތިޙާނު ނިމި، ސްކޫލް މަދްރަސާތަކުގެ ޗުއްޓީ ވެއްޖެއެވެ. މިހާރު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން މާލޭގެ މަގުތަކުގައި ހޭލަމޭލަވަމުންދާތަން ފެންނަނީ، އެބައެއްގެ ރަށަށް އެބަޔަކު ދިޔުމުގެ ތައްޔާރީގެ ގޮތުންނެވެ. މަޖީދީމަގުގެ ވިޔަފާރިކުރާ ތަންތަންވެސް މިހާރު ހުންނަނީ މީހުންތަކުން ތޮއްޖެހިފައެވެ.

ރަނާއާއި އޭނާގެ މަންމަވެސް ކޮންމެ ރެޔަކުހެން ބާޒާރު ކުރުމަށްޓަކައި ނުކުމެއެވެ. ޢާއިލާގެ މެމްބަރުންނަށް ދޭނެ ހަދިޔާ ބަދިޔާ ގަތުމަށެވެ.

[މަންމާ، ހިނގާބަލަ އެހެރަ ބޮޑު ފިހާރައަށް ވަންނަން. އެއީ އަދި ދުވަހަކުވެސް ނުވަދެވޭ ތަނެއް.....] ދާދިފަހުން ހުޅުވާފައިވާ ފިހާރަ ދައްކާލަމުން، ރަނާ އޭނާގެ މަންމައަށް ބުނެލިއެވެ. އެއީ އަމަރް އޭނާގެ ކާރުގައި އެފިހާރަ ކުރިމައްޗަށް މަޑުކުރުމަށްފަހު، ކާރުން ފޭބި ވަގުތެވެ.

ރަނާއަށް އެމަންޒަރު ފެނުމުން، އޭނާ މަންމަގެ އަތުގައި ހިފައިގެން މަޑުޖެހިލިއެވެ. އަމަރް ގޮސް އެފިހާރައަށް ވަނެވެ. އޭނާ ވަނުމާއެކު، ކައުންޓަރުގައި އިން އަންހެން ކުއްޖާ ތެދުވިއެވެ.

[ފަހުން އެތަނަށް ވަންނާނީ. މާ ބާރު ބޮޑުކޮށް އެއޮތީ.] ރަނާ އޭނާގެ މަންމަގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.

[މިދުވަސްވަރު ހުރިހާ ފިހާރަތަކެއްވެސް އެގޮތަށް ބާރު ބޮޑުވާނެ.] ޝަފީޤާ ބުންޏެވެ.

މިހާރު ޗުއްޓީއަށް ރަށަށް ދިޔުމަށްޓަކައި ރަނާގެ ބޭބެ ރާހިންވެސް ރިޒޯޓުން ޗުއްޓީ ނަގައިގެން އައިސް މާލޭގައި އެބައުޅެއެވެ. މިފަހަރު ރަށަށް ދަނީ އެ ޢާއިލާގެ ހުރިހާ މެމްބަރުން އެކީގައެވެ. ހާޝިމްވެސް މިހާރު ހުރީ ޗުއްޓީގައެވެ.

އެ ޢާއިލާ ނިންމާފައިވަނީ ކާޑެއްދޫ މަގުން ދާގޮތަށެވެ.

ކުރިއަށް އޮތް ދެދުވަސްތެރޭ ފުރުމަށްޓަކައި މިހާރުވަނީ ހުރިހާކަމެއްވެސް ނިމިފައެވެ. ޝެހެނާވެސް ފުރަނީ އެދުވަހުއެވެ. ޝެހެނާއާއެކު އޭނާގެ މަންމަވެސް ދާނެއެވެ.

ފާއިތުވެދާ ކޮންމެ ދުވަހަކުވެސް އަމަރް ރަނާއާ ވާހަކަ ދެއްކުމަށްޓަކައި އެގެޔަށް ގުޅައެވެ. ނަމަވެސް، އޭނާއަށް ރަނާއާ ބައްދަލުވަނީ ވަރަށް މަދުފަހަރެއްގައެވެ. ވުމާއެކު، ރަނާއާ ގުޅުނުފަހަރު، ރަނާގެ މޯބައިލް ނަމްބަރު ހޯދުމަށް އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް، ރަނާ މޯބައިލް ނަމްބަރެއް ނުދެއެވެ.

[އަހަރެން މޯބައިލެއް ނުގެންގުޅެން. އަހަރެން މިއުޅެނީ ޗުއްޓީއަށް ރަށަށް ދާން. އަހަރެންގެ ބޭބެ އެބައާދޭ.....ފޯނު ބާއްވަނީ....] ރަނާ ފޯނު ބޭއްވިއެވެ. ޙަޤީޤަތުގައި އޭނާ ފޯނު ބޭއްވީ، ކޮންމެހެން އޭނާގެ ބޭބެ އަންނާތީއެއް ނޫނެވެ.

އޭނާ އަމަރާ ވާހަކަ ދައްކަން ބޭނުން ނުވަނީއެވެ. އޭނާ ކުރީ ދުވަހު ޝެހެނާ ގާތު ބުނީ ރަނގަޅަށެވެ. އޭނާ އަމަރާ ދޭތެރޭ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ.

އޭނާގެ ޝައުޤުވެރިކަން އަމަރަށް ނެތަސް، އަމަރަކީ ފިރިހެނަކަށް ލިބިގެންވާނޭ ރިވެތި ހުރިހާ ސިފަތަކެއް ލިބިފައިވާ ހިތްގައިމު ޒުވާނެކެވެ. އޭނާއަކީ ދިވެހި ފިލްމީ ޑައިރެކްޓަރުންގެ ލޮލުގައި އަޅައިގަނެ، އެތައްފަހަރެއްގެ މަތިން، އެ އިންޑަސްޓްރީއަށް ވެއްދުމަށްޓަކައި މަސައްކަތް ކޮށްފައިވާ ޒުވާނެކެވެ. ނަމަވެސް، ދިވެހި ފިލްމް އިންޑަސްޓްރީއަކީ އޭނާގެ ކުރިމަތީގައި މަޤްބޫލު އިންޑަސްޓްރީއަކަށް ނުވާތީ، އޭނާ އެފުރްޞަތުތައް ދޫކޮށްލަނީއެވެ.

ޖެހިގެން އައި ދުވަހުވެސް އަމަރް ރަނާއަށް ގުޅިއެވެ. ނަމަވެސް، އެވަގުތަކީ ރަނާމެން ރަށަށް ދާން އެއަރޕޯޓަށް ދިޔުމަށްޓަކައި ގެއިން ނުކުންނަން އުޅުނު ވަގުތެވެ.

[މިހާރު މިދަނީ ފުރަން. ވާހަކަ ދައްކާނޭ ވަގުތެއް ނެތް.] ރަނާ ފޯން ބޭއްވުމަށްފަހު، އޭނާގެ އަތް ދަބަސް ހިފައިގެން ނުކުތެވެ. އޭރު އެގޭ ދޮރުމަތީގައި ތަންކޮޅެއް ދުރުގައި އަމަރްގެ ރަތް ކުލައިގެ ކާރު އޮތެވެ. މިހާރު އަމަރް ބޭނުންވަނީ، ރަނާގެ އެކުވެރިޔާ ޝެހެނާއާ ގުޅައިގެން ރަނާގެ ނަމްބަރު ހޯދާށެވެ.

ރަނާމެންގެ ފަހަތުން އަމަރްވެސް ނަސަންދުރަ ކުރިމައްޗަށް ދިޔައެވެ. ނަމަވެސް، އޭނާއަކަށް ޝެހެނާއާވެސް ބައްދަލުވާނޭ ފުރްޞަތެއް ނުލިބި، އެމީހުން ފެރީއަށް އެރިއެވެ. އެންމެފަހުން އަމަރަށް ޖެހުނީ މާޔޫސްވެގެން ދާށެވެ. އެހެން ނަމަވެސް، އޭނާ ދިޔައީ ރަނާއަށް ގުޅޭނެ ގޮތް ހޯދުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ.

ރަނާގެ ހިތް އެދޭފަދަ ޒުވާނަކަށް ރަނާގެ ނަޒަރު ފުރަތަމަފަހަރަށް ހުއްޓުނީ ފެރީއަށް އެރިތަނާހެންނެވެ. ހަމަގައިމުވެސް އެއީ އޭނާ ދަންނަ ޒުވާނެއް ނޫނެވެ. ހީވާގޮތުން އެޒުވާނާގެ ނަޒަރުވެސް ސީދާވެފައިވަނީ ރަނާއަށެވެ. ހީވާގޮތުން އެ ޒުވާނާއަކީވެސް އަހަރީ ޗުއްޓީއަށްދާ ޒުވާނެކެވެ.

[އަޅެ ޝެހޭ މިދިމާއަށް ބަލަހައްޓައިގެން އެހުރީ ކާކުތަ؟] ރަނާ ވައިއަޑުން ހަމައެކަނި ޝެހެނާއަށް އިވޭވަރަށް އެއްސެވެ.

[ނޭނގޭތަ އޭނައެއް؟ އެއީ އަހަރެމެން ރަށު ކުއްޖެއް. އޭނައަށް ކިޔާނީ ވާސިލް. އޭނާގެ ގާތުގައި އެއިނީ އޭނާގެ މަންމަ. މަންމައަށް ކިޔާނީ ޒުހުރާ.....] ޝެހެނާވެސް ރަނާއަށް އެކަނި އިވޭވަރަށް ބުންޏެވެ.

[ވާސިލް.....؟ އެގޮތަށް އަހަންނަށް ނޭނގޭ އެތައް ބަޔަކު މިހާރު ރަށުގައި އުޅޭނެ.] ރަނާ ދެއަތަކަށް ބޯހޫރާލިއެވެ. އޭރު ވާސިލްގެ ނަޒަރު ހުއްޓިފައި ވަނީ ސީދާ ރަނާއަށެވެ. އޭނާ ބަލަނީ ސީދާ ރަނާގެ ޙަރަކާތްތަކަށެވެ. ރަނާވެސް ސިއްރު ސިއްރުން ވާސިލަށް ބަލައެވެ.

ފެރީގެ ދަތުރު ނިމި، ޓަރމިނަލްއަށް ވަންއިރުވެސް ވާސިލްގެ ނަޒަރު ހުސްވެފައިވަނީ ރަނާއަށެވެ. ބައެއްފަހަރު ރަނާ ލަދުވެތި އަސަރާއެކު އިސްޖަހާލައެވެ. ރަނާގެ މިފަދަ ޙަރަކާތުން ވާސިލް ހިނިތުންވެލައެވެ.

[ވަރަށް ވަގުތު ކުޑަތަންވެއްޖެ. ހިނގާ އެތެރެއަށް ވަންނަމާ.] ރަނާގެ ބޭބެ ރާހިންއާއި ބައްޕަ ހާޝިމް ޓްރޮލީ ކޮއްޕަމުން އެތެރެއަށް ވަނެވެ. ފަހަތުން ރަނާއާއި އޭނާގެ މަންމަވެސް ވަނެވެ. އޭގެފަހުން ވަނީ ޝެހެނާގެ ޢާއިލާއެވެ. އޭރު ވާސިލްމެން އަދި ތަންކޮޅެއް ދުރުގައި ތިއްބެވެ. އެމީހުންވެސް ތިބީ ކިއު ލައިނަށް ވަދެއެވެ.

ދިމަދިމާއަށް ފުރާ މީހުންތަކުން އެއަރޕޯޓްވެސް ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.

[ރަނާ....ހާދަވަރަކަށް ތިބަލަނީ. އަނެއްކާ ހިތްކީތަ؟] ބޭރުގައި ހުރި ވާސިލްއަށް ބަލަން ހުރި ރަނާ ސިއްސުވާލީ ޝެހެނާއެވެ. ޝެހެނާ ވާހަކަ ދެއްކީ ރަނާއަށް އެކަނި އިވޭވަރަށެވެ.

[ތިބުނީކީ ރަނގަޅަކަށް ނޫން. އެކަމަކު އޭނާގެ ކިބައިގައި އެބަހުރި، އަހަރެން ބޭނުންވާ ގިނަ ސިފަތަކެއް.] ރަނާ ޝެހެނާގެ އަތުގައި ހިފައިގެން އެއްފަރާތަށް ޖެހިލިއެވެ.

[އެކަމަކު ބުނަން، އަމަރް އަހަންނަށް އެވަރަށް ގުޅާއިރުވެސް އަހަރެންގެ ހިތުގައި އޭނާއާ ދޭތެރޭ އެއްވެސް ޝައުޤެއް ނުއުފެދޭ. އެކަމަކު އޭނައަށް އެބަ ބެލޭ.] ރަނާ ބުންޏެވެ.

[އެކަމަކު....އަހަންނަށް ހީވަނީ އަމަރް ރަނާދެކެ ވަރަށް ލޯބިވާހެން. ރަނާ ބަލާލަބަލަ، މިދިމާއަށް ބަލަހައްޓައިގެން އެހުރީ ކާކު؟] ޝެހެނާ މިހެން ބުނީމާ، ޝެހެނާ އިޝާރާތްކުރި ދިމާއަށް ރަނާ ބަލައިލިއެވެ.

އެދިމާއަށް ބަލަހައްޓައިގެން ޓަރމިނަލް ކުރިމަތީގައި ހުރީ އަމަރެވެ. އަމަރްގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ ރަނާއަށެވެ.

[މިތަނަށްވެސް އަމަރް އައީ!؟] ރަނާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

[އެހެންވެ އަހަރެން މިބުނަނީ އަމަރް ރަނާދެކެ ލޯބިވެޔޭ. އޭނާ އެހުރީ ހުރިހާ މަސައްކަތެއް ހުއްޓާލުމަށްފަހު، ރަނާއަށް އަލްވަދާޢު ކިޔަން އައިސް.] ޝެހެނާ މިހެން ބުނީމާ، ރަނާ އަނގަޔަށް ވައްތަރުތަކެއް ޖައްސާލުމަށްފަހު، އެތެރެއަށް ވަދެގެން ހިނގައިގަތެވެ. އެވަގުތު އެމީހުނާ ދިމާއަށް އަމަރް އަތް ހޫރާލިއެވެ.

[އޭނާ އެހުރީ އޭނާގެ ކޮންމެވެސް މީހަކު ފުރުވަން އައިސް. އިއްތިފާޤުން އަހަރެމެންގެ ދަތުރާވެސް ދިމާވީ.] އަމަރްގެ ލޯބި ޤަބޫލު ކުރަން ބޭނުންނުވާތީ ރަނާ ބުންޏެވެ.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ކާޑެއްދުއަށް ދިޔުމަށްޓަކައި ފްލައިޓް ދަތުރު ފެށިއިރުވެސް އަމަރް އެއަރޕޯޓްގައި ހުއްޓެވެ. އޭނާ މާލެ އައީ ރަނާމެން ފުރައިގެން ދިޔައީމައެވެ. މިހާރު އޭނާގެ ހުރިހާވެސް ވިސްނުމަކީ، ރަނާއާ ގުޅޭނެ ގޮތެއް ހޯދުމެވެ.

ރަނާމެނަށް ރަނާގެ އުފަން ރަށް ކަމުގައިވާ ގއ. ވިލިނގިއްޔަށް އާދެވުނީ އެދުވަހުގެ އިރުއޮއްސި ހަތެއްޖަހާ އެހާކަންހާއިރެވެ. އެރެޔަކު ރަނާ ގެޔަކުންވެސް ނުނިކުމެއެވެ. ދަތުރު ވަރުބަލިވެސްވެފައި ވުމާއެކު، އޭނާ ކައިގެން އޮށޯތީއެވެ.

ރަށުތެރެ ބަލައިލުމަށްޓަކައި ރަނާއާއި ޝެހެނާ ނުކުތީ، ޖެހިގެން އައި ދުވަހު ހަވީރެވެ. ދުވަސްވަރަކީ މާލޭގައި ތަޢްލީމް ޙާޞިލް ކުރަމުންދާ ގިނަ ކުދިންތަކެއް ޗުއްޓީއަށް ރަށަށް އައިސް، ރަށުތެރެ ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދުވަސްވަރެކެވެ.

[ކޮންތާކަށްދާނީ....؟] ހިނގަމުން ގޮސް ވަކި ހިސާބަކަށް މަޑުކޮށްލުމަށްފަހު، ޝެހެނާ އެއްސެވެ.

[ހިނގާބަލަ ފިނިކޮށްލަން، މިދިމާ އަތިރިމައްޗަށް. މިހާރު އެ ސަރަޙައްދު ވަރަށް ފިނިވާނެ.] ރަނާ ބުންޏެވެ. އެންމެ ރަނގަޅޭ ބުނެފައި، ޝެހެނާ ހިނގައިގަތެވެ.

އެވަގުތު އެމީހުންގެ ފަހަތުން މީހަކު ޝެހެނާއަށް ގޮވި އަޑަށް އެމީހުން ހުއްޓުނެވެ.

***************

* "ހުވާކޮށްފާ ބުނަން" ވާހަކަ އެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


22

ސަރުމީލާ

31-Jul-2020

ވަރަށް ސަޅި ވާހަކަ އެއް


23

ސަމާ

31-Jul-2020

ވަރަށް ރީތި ވަރަށް ހަބޭސް ވާހަކަ އެއް



ޓްރެންޑިން