އިޒްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމާއި ގުޅިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު, އެމެރިކާއާއި ހުޅަނގަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

އެކްސްގައި ވީޑިއޯއެއް ހިއްސާކުރައްވަމުން، އެ ވީޑިއޯ އަޑުއަހާލުމަށް ރައީސް ވަހީދު ވަނީ އެމެރިކާއާއި ހުޅަނގަށް ގޮވާލައްވާފައެވެ. އަދި ޣައްޒާގައި ގަތުލުއާއްމު ހިންގުމަށް އެމެރިކާއާއި ހުޅަނގުން އެހީތެރި ވާއިރު، އެއްވެސް ތަނެއްގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް އެމެރިކާއާއި ހުޅަނގުން ކުރަމޭ ބުނާ ބުނުމަށް އިތުބާރު ނުކުރެވޭނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.ވަހީދު އާއްމު ކުރެއްވި ވީޑިއޯގައި ދައްކާ ވާހަކަތަކަކީ، ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުގެ މަންޒަރުތައް ލައިވްކޮށް ޓީވީތަކުން ސާފުކޮށް ފެންނަމުންދާ ކަމަށެވެ. އަދި އެ މަންޒަރުތައް ފެންނަނީ ހަނގުރާމަ ހިނގަމުންދާއިރު ކަމަށާއި، އަނިޔާ ލިބޭ މީހުންނަށް ލިބެމުންދާ އަނިޔާތައްވެސް ވަގުތުން ފެނިގެންދާ ކަމަށް ބުނަމުން ދެއެވެ.

އަދި ތާރީހުގައި އެ ވާހަކަތައް ލިޔެވިގެން ދާއިރު، އެއީ ހިނގިކަމެއްކަން ނޭނގޭ ކަމަށް އެކަކަށްވެސް ނުބުނެވޭނެކަން ވީޑިއޯގައި ހިއްސާ ކުރާ ވާހަކަތަކުގައި ބުނެއެވެ.

އޭގެ އިތުރުން، ޣައްޒާގެ ހަނގުރާމަ ހިނގަމުން ދާއިރު އެ ގައުމުގެ އާއްމުންނަށް އެހީތެރިވި ގައުމުތަކާއި އެ ހަނގުރާމައަށް ހިތްވަރުދީ، ހަނގުރާމަ ކުރިއަށް ގެންދިއުމަށް އެހީތެރިވި ގައުމުތައްވެސް ފެންނަން ހުންނާނެ ކަމަށް ވީޑިއޯގައި ފާހަގަ ކުރެއެވެ.

މިއީ ޣައްޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމާއި ދެކޮޅަށް އަޑުއުފުލާ ބަޔަކު އދގެ ކޮންފަރެންސެއްގައި ދައްކާފައިވާ ވާހަކަކޮޅެކެވެ. މި ސްޕީޗުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންދާއިރު އަދި އެ ހަނގުރާމަޔާ ގިނަ ގައުމުތަކަކުން ދެކޮޅު ހަދަމުންދާއިރު އެމެރިކާ ފަދަ ދުނިޔޭގެ ބާރުގަދަ މަދު ގައުމުތަކުން އިޒްރޭލަށް އެހީތެރިވެދީ ހަނގުރާމަޔަށް ހިތްވަރުދީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާ ޓްރީޓީތަކާ އަދި އިންސާނީ ހައްގުތަކާ ދެކޮޅަށް މަސައްކަތް ކުރަމުންދަނީ ކީއްވެގެންތޯ ސުވާލުކޮށްފައިވެއެވެ.

ރައީސް ޑރ. ވަހީދަކީ އދގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރަށްވާފައިވާ ބޭފުޅެކެވެ. އެގޮތުން ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ފަގީރުކަން އާންމުވެފައިވާ ގައުމުތަކާއި އެފްރިކާ ބައްރުގެ ފަގީރު ގައުމުތަކުގައި އދގެ ފަރާތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ގައި އެމަނިކުފާނު މަސައްކަތް ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން