ޣައްޒާގައި ހަރަކާތްތެރިވަމުންދާ އިސްރާއީލު ސިފައިން.
ޣައްޒާގައި ހަރަކާތްތެރިވަމުންދާ އިސްރާއީލު ސިފައިން.
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން މިސްރުގައި ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު ހަމާސްގެ މެމްބަރުން އެގައުމުން ފުރި އިރުވެސް މަޝްވަރާތަކަށް ހައްލެއް ނުލިބޭ ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސްއިން ބުނީ އެގައުމުގެ ވަފުދު މިސްރުން ފުރައިގެން ދިޔައިރުވެސް ރަމަޟާން މަހަށް ހަމަލާތައް މެދު ކަނޑާލުމަށް އިސްރާއީލާ އެކު އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށެވެ. ނަމަވެސް ހަމަލާތައް މެދުކަނޑާލަން އެއްބަސްވުމަކާއި ހަމައަށް ގެންދިއުމުގެ މަޝްވަރާތައް އަންނަ ހަފްތާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހަމާސް އިން ބުނެއެވެ.

މިކަމާއި ގުޅިގެން ހަމާސްގެ އިސް އޮފިޝަލު ސާމީ އަބޫ ޒުހުރީ ވިދާޅުވީ މިސްރުގެ ވެރިރަށް ޤާހިރާގައި ހަތަރު ދުވަހުގެ މުއްދަތުގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ގަތަރާއި މިސްރުގެ މެދުވެރިކަމުގައި ހަނގުރާމަ ހުއްޓުވުމަށް ކުރަމުންދިޔަ މަސައްކަތަށް ހުރަސް އެޅުމަށް އިސްރާއީލުން ދަނީ ކަނޑަނޭޅި މަސައްކަތް ކުރަމުންނެވެ.

އަބޫ ޒުހުރީ ވިދާޅުވީ ޣައްޒާއަށް އިސްރާއީލުން ދެމުން ހަމަލާތައް ހުއްޓާލައި، އިސްރާއީލުގެ ސިފައިން އަނބުރާ ގެންގޮސް، ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނާއި، އެހީއަށް އެދެމުންދާ މީހުންނަށް އެމީހުންގެ މިނިވަންކަން ކަށަވަރު ކުރުމަށް ހަމާސްއިން ކުރާ ޑިމާންޑްތަކަށް އިސްރާއީލުން ދަނީ ދެކޮޅު ހަދަމުންނެވެ.

ހަމާސްގެ މިތުހުމަތަށް އިސްރާއީލުން ވަކި ބަހެއް ނުބުނި ނަމަވެސް، މިސްރުގައި ކުރިއަށްދިޔަ މަޝްވަރާތައް ފެށުމުގެ ކުރިން އެމެރިކާ އިން ވަނީ ޣައްޒާ ހަނގުރާމަ މެދުކަނޑާލުމަށް އިސްރާއީލުންވެސް ތައްޔާރުވެ ތިބި ކަމަށާއި، އަދި އިސްރާއީލުން ބޭނުންވަނީ ހަމާސްގެ ބެލުމުގައި ދަށުގައި ރަހީނުކޮށްފައި ތިބި އިސްރާއީލުގެ މީހުން މިނިވަން ކުރުމަށެވެ. މިކަމަށް އެއްބަސް ވާނަމަ ހަހަފްތާގެ މުއްދަަތަކަށް ހަމަލާތައް ދިނުން މެދު ކަނޑާލާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 30000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އިސްރާއީލުން ހަމާސްގެ ސިފައިންނަށް ކަމަށްބުނެ ފަަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މެދުކަނޑާ ނުލައިފިނަމަ، ބަރަކާތްތެރި ރަމަޟާން މަހުވެސް ފަލަސްތީނުގެ މުސްލިމުން ތިބެން ޖެހޭނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން