ކުރީގެ ރައީސް ޔާމީންގެ އަބްދުލްގައްޔޫމްގެ ޝަރީއަތް ކޯޓުން ލަސްކުރަމުންދަނީ ސަރުކާރުން "އަތްބާނައިގެން" ކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނިންމާލީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް އަދި ހައިކޯޓުން ކަނޑައަޅާފައެއް ނުވެއެވެ.

އެކަމާއި ހިތްހަމަޖެހިވަޑައިނުގެން ޔާމީން ރޭ ވަނީ ޕީއެންއެފްގެ އޮފީހުގައި ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ޔާމީން ވިދާޅުވީ، މި ސަރުކާރުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން، އެމަނިކުފާނު މިނިވަންވާން ބޭނުންނުވާކަމަށެވެ. އަދި އޭރު މުޒާހަރާތައް ވެސް އެހާ ފަނޑުކޮށް ދިޔައީ އެހެންވެގެންކަމަށް ވިދާޅުވިއެވެ.

"މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް. އަޅުގަނޑަށް އެނގިފައިހުރި ގޮތުން ވެއްޖިއްޔާ ސަރުކާރުގެ މަތީފަންތީން އަތްބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ. ހަމަ ސަރުކާރުން އަތް ބާނައިގެން ލަސްކުރީ. އެހެންވީމަ ޕީޕީއެމްގެ އާންމު މެންބަރުންނަށް ކަންކަން އޮޅުވާލަން އުޅޭނެ ކަމެއް ނެތް." ޔާމީން ވިދާޅުވިއެވެ.

ޖަލްސާގައި ޔާމީންވަނީ ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތު ތަކާއި ގުޅޭގޮތުން ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އަދި އަލުން ޖަލަށް ގެންދިޔަޔަސް ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް ދައްކަވާނެކަމަށް ޔާމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން