ޑިމޮކްރެޓްސްގެ ދެ ކެންޑިޑޭޓަކަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންގޮސްފިއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި އެޕާޓީގެ ރައީސް ޙަސަން ލަތީފް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

ޙަސަން ވިދާޅުވީ އެޕާޓީގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަކުރާ ލީލާ އިބްރާހިމް މަނިކާއި ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ފާތިމަތު ޒިލްމާއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ދެ ކެންޑިޑޭޓުންނަށް ކުރި ތާޢީދު ޑިމޮކްރެޓުން އަނބުރާ ގެންގޮސްފައިވާއިރު އެ ދެ ކެންޑިޑޭޓުންވެސް ވަނީ އެ ދާއިރާތަކަށް ވާދަކުރަށްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާޢީދު ކުރެއްވުމަށް ނިންމަވާފައެވެ.

ޙަސަން ވިދާޅުވީ އެ ދެ ކެންޑިޑޭޓުންނަށް ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެކަން އެ ޕާޓީން ކުރާނެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ދެ ކެންޑިޑޭޓުންނަށް ޕާޓީން ދީފައި އޮތް ތާއީދު އަނބުރާ ގެންގޮސްފައިވާކަން ޕަބްލިކަށް އަންގައިދިނުމުގެ މަސައްކަތް ކަމަށް ޙަސަން ވިދާޅުވިއެވެ.

އަންނަ އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. މި އަހަރުގެ އިންތިހާބުގައި 284،887 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން