ދުބާއީން ފުރައިގެން އިންޑިއާގެ ކާލިކާޓް އެއަރޕޯރޓަށް ޖައްސަން އުޅެނިކޮށް ރަންވޭއިން ކައްސާލައިގެން ވެއްޓި ބޯޓު ދެބުރި ވެ މަދުވެގެން 16 މީހަކު މަރުވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެފިއެވެ.

ދުބާއީން ފުރައިގެން ކާލިކަޓަށް ދަތުރު ކުރި މި ފްލައިޓަކީ ކޯވިޑް-19 އާއި ގުޅިގެން ގައުމުން ބޭރުގައި ތިބި އިންޑިއާ ރައްޔިތުން ގައުމަށް ގެނައުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމެއްގެ ދަށުން ދުބާއީން މީހުން ގޮވައިގެން ދަތުރުކުރި ފްލައިޓެކެވެ.

ކެރެލާ ސްޓޭޓްގެ ކަޒިކޯޑް ވައިގެ ބަނދަރަށް ބޯޓު ޖައްސަން އުޅެނިކޮށް ރަންވޭއިން ކައްސާލައިގެން ވެއްޓި ބޯޓު ދެބުރި ވެފައިވާ ކަމަށް ރަސްމީ ރިޕޯޓްތައް ބުނެއެވެ. މިހާދިސާގައި 16 މީހަކު މަރުވެފައިވާ ކަމަށްފަހުގެ ރިޕޯޓްތައް ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި ބޯޓު ދެ ޕައިލެޓް ހިމެނޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަދި 46 މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާ ކަމަށްވެސް ރަސްމީ ފަރާތްތަކުން ބުނެފައި ވެއެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓްގައި ދަތުރުކުރީ ޖުމްލަ 190 މީހުންނެވެ. ބޯޓުގައި ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 174 ބޮޑެތި މީހުންނާއި 10 ކުޑަކުދިންނާއި ދެ ޕައިލެޓާއި ހަތަރު ކެބިން ކްރޫންނެވެ.

ފުލުހުންނާ ހަވާލާދީ ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފްލައިޓް ނަމްބަރ އޭއެކްސްބީ 1344، ކޯޒިކޯޑް ވައިގެ ބަނދަރަށް ޖައްސަން އުޅުނީ ވާރޭވެހެމުންދަނިކޮށެވެ. މި ބަނދަރަކީ ހަމަ ބިމަށްވުރެ މަތީގައި ހަދާފައި އޮންނަ ވައިގެ ބަނދަރެކެވެ. ރަންވޭއަށް ޖައްސަން އުޅެނިކޮށް ބޯޓު ރަންވޭއިން ކަހާލައިގެން ތިރީސް ފަސްފޫޓު ތިރިއަށް ވެއްޓި ދެބުރިއަށް ބުރިވީ ކަމަށް ފުލުހުންނާ ހަވާލާދީ ސީއެންއެންގައި ރިޕޯޓްކޮށްފައި ވެއެވެ.

މިރޭ އިރާކޮޅު ހިނގި މިހާދިސާގައި ފްލައިޓް ކައްސާލައިގެން ވެއްޓުނު ނަމަވެސް ބޯޓުގައި އެއްވެސް ވަރަކަށް އަލިފާން ރޯވެފައި ނުވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން