ބަންގްލަދޭޝްގައި އާދަޔާ ހިލާފަށް ހަރުފަ ގިނަވެ އާންމުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބަންގްލަދޭޝްގެ މަގުތަކާއި ގެތަކާއި ދަނޑުބިންތަކުގައިވެސް ހަރުފަ އިންތިހާއަށް ގިނަވެފައިވާއިރު މިއިން ގިނަ ހަރުފަ ތަކަކީ ވިހަގަދަ ހަރުފަތަކެއް ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

ހަރުފައިގެ އުނދަގޫ އިންތިހާއަށް އުނދަގޫވެފައިވާއިރު ބަންގްލަދޭޝްގެ ހުރިހާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި އެންޓި ވެނަމް ސްޓޮކް ކުރުމަށް އެގައުމުގެ ސަރުކާރުން މިހާރު ވަނީ އަންގާފައެވެ. މިގޮތަށް ސަރުކާރުން އަންގާފައި މިވަނީ އެގައުމުގައި ހަރުފަ ވިހަލުން އިތުރުވެފައިވާ ކަމަށް ރިޕޯޓް ކުރުމުންނެވެ.

ހަރުފަ ވިހަލާ މީހުން ވީހާވެސް އަވަހަށް ހޮސްޕިޓަލްތަކަށް ގެނައުމަށް އެގައުމުގެ ހެލްތު މިނިސްޓަރު ޑރ ސަމަންތާ ލާލް ސެން ވަނީ އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.

ބަންގްލަދޭޝްގެ އެކި އަވަށްތަކުގެ ހޮސްޕިޓަލްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަރުފަ ވިހަވުން އިތުރުވެފައިވާއިރު، އެގައުމުގައި މިހާރު އާންމުވެފައިވާ ހަރުފަ ތަކަކީ ހާއްސަކޮށް ދެކުނު އޭޝިއާ އިން ފެންނަ ރަސަލްސް ވައިޕަރ ކަމަށެވެ.

ކުނި ކާނާ ލިބޭތީ، ރަސަލްސް ވައިޕަރ ގިނައިން ފެންނަނީ އިންސާނުން އާބާދުވާ ތަންތަނުގެ ކައިރީގައި، އަދި ދަނޑުވެރިކަމުގެ ބިންތަކުގައި ހާއްސަކޮށް ދަނޑުވެރިކަމުގެ މޫސުމުގައި ކަމަށް ކަމާބެހޭ އިދާރާތަކުން ރިޕޯޓު ކުރެއެވެ.

2023 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބަންގްލަދޭޝްގައި ކޮންމެ އަހަރަކު ހަރުފަ ވިހަލުމުގެ ސަބަބުން ގާތްގަނޑަކަށް 7،000 މީހުން މަރުވެއެވެ. ގިނަ މީހުން ހަރުފައިގެ ވިހައިން ސަލާމަތްވަނީ އެންޓި ވެނަމް އިން އަވަހަށް ފަރުވާ ދިނީމަ އެވެ.

ބަންގްލަދޭޝްގައި 2002 ވަނަ އަހަރު ރަސަލްސް ވައިޕަރ ނެތިގެން ދިޔަ ކަމަށް އިއުލާން ކުރި ނަމަވެސް މިހާރު މި ބާވަތް ވަނީ އެނބުރި އައިސްފަ އެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އާންމުކޮށް ހަނަފަސް ސަރަހައްދުތަކުގައި އުޅޭ މި ހަރުފަ މޫސުމުގެ ތަފާތު ހާލަތްތަކަށް ހޭނި، މިހާރު ބަންގްލަދޭޝްގެ 25 އަށް ވުރެ ގިނަ އަވަށަށް ވަނީ ފެތުރިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން