މަރްޔަމް ނަހްދާ ވަޙީދު   10 ޖުލައި 2024 - 4:39
ސައި ބުއިމުން ސިއްހަތަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭ.
ސައި ބުއިމުން ސިއްހަތަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭ.
ފެނަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ގިނައިން ބޭނުންކުރާ ބުއިމަކީ ސައެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ސައި ބޮއެ އުޅެނީ އެއިން ދޭ މީރު ރަހައެއްގެ ސަބަބުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އެކި ވައްތަރުގެ ސައި ބޮއެ އުޅެއެވެ. އެކި ރަހަރަހަ ދޭ ސައި ހުންނައިރު ސައަކީ ސިއްހަތަށް އެކިއެކި ފައިދާތައް ލިއްބައިދޭ އެއްޗެކެވެ.

އެކި ވައްތަރުގެ ސައިގެ ރަހައާއި ކުލަ ތަފާތުވާނެއެވެ. ނަމަވެސް ހުރިހާ ވައްތަރެއްގެ ސައެއްވެސް ތައްޔާރު ކުރެވެނީ އެއްވައްތަރެއްގެ ގަހަކުންނެވެ. އެއީ އެވަގްރީން ގަހެއް ކަމަށްވާ ކެމެލިއާ ސިނެންސިސް އެވެ.

ކެމެލިއާ ސިނެންސިސް ގަހަކީ އޭގައި ފްލެވަނޮއިޑްސް ގިނައިން ހުންނަ ގަހެކެވެ. ފްލެވޮނައިޑްސް އަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވެދޭ ބަޔޯއެކްޓިވް ކޮމްޕައުންޑްތަކެކެވެ. ފްރީ ރެޑިކަލް ތަކަކީ އަޅުގަނޑުމެންގެ ހަށިގަނޑަށް ގެއްލުންދީ ކެންސަރާއި ހިތުގެ ބަލި ފަދަ ބަލިތަކަށް މަގުފަހި ކޮށްދޭ އެއްޗެކެވެ.

ފްލެވަނޮއިޑްސްގެ އިތުރުން ސައިގައި ހުންނަ އެމިނޯ އެސިޑް އެލް-ތީއަނިން އަކީ ސިއްހީ ފައިދާތަކެއް ގެނެސްދޭ އަދި ސަޔަށް ކެރެމަލްގެ ތަފާތު ނޯޓްތައް ވެސް ގެނެސްދޭ އެއްޗެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެލް-ތީއަނިން އަކީ ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި އަދި އެންޓި-އިންފްލެމެޓަރީ އެއްޗެއްގެ ގޮތުގައި މަސައްކަތް ކުރާ އެލް-ތީއަނިން އަކީ ސިކުނޑިއާއި ހިތާއި ފުރަމޭ އަދި ކިޑްނީ ރައްކާތެރިކުރުމުގެ އިތުރުން މީހާގެ ހާސްކަން ކުޑަކޮށް ކެންސަރު ބަލިންވެސް ރައްކާތެރިކޮށްދޭ ބާވަތެކެވެ.

ސައިގައި ހިމެނޭ މާއްދާއެއް ކަމަށްވާ ކެފެއިން އާއި އެލް-ތީނިން އެއްކޮށްލުމުން ސަމާލުކަން އިތުރުކޮށްދޭ އެއްޗެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ދެ މާއްދާގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދެމެހެއްޓެނިވި ސަމާލުކަން ލިބިދިނުމަށް އެހީވެދެއެވެ.

ސިއްހަތަށް ފައިދާހުރި އެހެނިހެން ސައިތައްވެސް އެބަ ހުއްޓެވެ. އެގޮތުން ބަލާއިރު ކެމޮމައިލް ސަޔަކީ ހާސްކަން ކުރިމަތިވާ މީހުންނަށް އެކަމުން ރައްކާތެރިވުމަށް އެހީވެދޭ ސައެކެވެ. އަދި މީގެ އިތުރުން ޕެޕަރމިންޓް ސައަކީ ބަނޑުގައި ރިއްސުން ފިލުވައިދީ ވައިގެ މައްސަލަތައް ހައްލުކޮށްދޭ އެއްޗަކަށް ވާއިރު، އިނގުރު ސައަކީ މާބަނޑު ދުވަސްވަރު މޭނުބައިކުރާނަމަ އެކަމަށް އޮތް ފަރުވާއެކެވެ.

ކޮފީއާއި އެނާޖީ ޑްރިންކު ތަކުގެ ބަދަލުގައި ސައި ބުއިމަށް އާދަ ކުރުމަކީ ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން