މާލީ ވަޒީރު އިބްރާހިމް އަމީރު
މާލީ ވަޒީރު އިބްރާހިމް އަމީރު
ކޮރޯނާ ވައިރަސްގެ ބަލާއާއި އާފާތުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ކާރިސާއެއް އައިސްފައިވާ ކަމަށް ވިދާޅުވެ އަޅުގަނޑުމެންގެ މާލީ ވަޒީރު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްއިފިއެވެ. އެވާހަކަ ދެއްކެވިއިރު އެމަންޒަރު ބަލަން ތިބި ބަޔަކަށް ވަރަށް ރީއްޗަށް އެކަން އިހުސާސް ކުރެވޭ މިންވަރަށެވެ. މިހާރު މިއޮތް ހާލަތުގައި މިޤައުމު ފެންނަން އޮތް ގޮތާއި މިޤައުމުގެ މާދަމާގެ ހާލަތު އޮތްގޮތް އެންމެ ކައިރިން ފެނިވަޑައިގަންނަވާނީ ހަމަ މާލީ ވަޒީރަށެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އުއްމީދު ކުރީ ދެން ހަދާނެގޮތް އެންމެ ރަނގަޅަށް ވިސްނި ވަޑައިގަންނަވާނީވެސް މާލީ ވަޒީރަށް ކަމަށެވެ.

ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ދުނިޔޭގެ ހާލަތާއި މިޤައުމުގެ ހާލަތު ހިސާބު އަކުރުންނާއި އެމަނިކުފާނަށް ކުރެއްސެވޭ މަންޒަރުތަކުން ނިކަން ރަނގަޅު ތަސަވުރެއް ހިއްސާ ކުރެއްވުމަށްފަހު ދެން ގޮވާލެއްވީ އެންމެން އަވަހަށް ދަނޑުވެރިކަން ކުރަން ދިއުމަށެވެ. ދަނޑުވެރިކަމަށް ބޭނުން ވަރަކަށް ލޯނު ލިބޭނެ ކަމަށް ވިދާޅުވިއެވެ. އެންމެ ފަސޭހައިން އެންމެ އަވަހަށް އެންމެ މަދު ޝަރުތުތަކާއި އެންމެ މަދު ލިޔުންތައް ހުށައަޅަން ޖެހޭ ލޯނަކީވެސް ދަނޑުވެރިކަމުގެ ލޯނުކަން ކަށަވަރު ކޮށްދެއްވިއެވެ.

ދެން ކަށަވަރުކޮށްދެއްވީ ވެސް ހަމަ އެހާމެ އުއްމީދީ ކަމެކެވެ. އުފާވެރި ޚަބަރެކެވެ. އެއްކަލަ ލޯނު ނަގައިގެން ހައްދާ ދަނޑު ވެރިކަމުގެ ހުރިހާ ބާވަތެއް ސަރުކާރުގެ ކުންފުންޏަކަށް ގަންނަނީއެވެ. ދަނޑުވެރިޔާއަށް އެއްވެސް ހާސް ކަމެއް ނެތެވެ. ހަމަ ގަސް އިންދަންވީއެވެ. ހުރިހާ ބާވަތެއް ހައްދަންވީއެވެ. ސަރުކާރުން ހުރިހާ އެއްޗެއް ގަންނާނެއެވެ.

ވަޒީރު އެވިދާޅުވި އުއްމީދީ ބަސްތަކުން އެކަން ކުރާ ހިތް ނުވާނެ ހަމަ އެކަކުވެސް ހުންނާނެއެކޭ ހިއެއް ނުވެއެވެ. ފަސޭހައިން ލިބޭ އެލޯނު މިފަހަރު ވަރަށް ގިނަ މީހުން ނަގައިގެން ކުރާނީ ދަނަޑުވެރިކަމެވެ. އެވާހަކަތައް އަޑުއަހާން އިން މީހަކަށް މިކަން ޔަގީން ކުރެވޭ ވަރަށް ސާފުކޮށް އެވާހަކަ ދެއްކެވިއެވެ.

އެކަމަކު ބައްލަވާ ޢިއްޒަތްތެރި ވަޒީރުއެވެ. ޤައުމުގައި ހުރިއްޔާ ހުރި ރަނގަޅު ފަޅުރަށެއް ވިއްޔާ ހުރީ ފަތުރުވެރިކަމަށް ހުސްކޮށްފައެވެ. ޚާއްޞަކޮށް ފެންމީރު ބިންރަނގަޅު ބޮޑެތި، ލަފާފުރަން ފަސޭހަ ހުރިހާ ރަށެއް ހުރީ ބޮޑު އަގުގައި ކުއްޔަށް ދީފައެވެ. އެކަމަށް ނުދީ އޮތް ރަށެއް އަތޮޅުގައި އޮތިއްޔާ އެރަށް އޮތީ ކޮންމެވެސް ޢިއްޒަތްތެރި ނޫނީ ބާރު ގަދަ އަޑުގަދަ ބޭފުޅެއްގެ ނަންމައްޗަށް ލިޔެދީފައެވެ. ދެން ވިދާޅުވާނީ ދިރިއުޅޭ ރަށުގައި، ނުވަތަ ގޭދޮށުގައި ދަނޑުވެރިކަން ކުރާ ވާހަކައެވެ.

ބައްލަވާ ޢިއްޒަތްތެރި ވަޒީރުއެވެ. މުޅިރަށުން އޮތީ ގޯތިކަނޑާ ގޯތި ދީފައެވެ. މީހުން އުޅުނަސް ނޫޅުނަސް ވަށާފާރު ރޭނިއަސް ނުރޭނިއަސް ރަށުގައި ހުރީ މުޅީންވެސް މީހުންގެ ގޯއްޗާއި ގެވަޅެވެ. ދެން ގޭދޮށުގައި ދަނޑުވެރިކަން ކުރާން ވިސްނާއިރު މުޅި ރަށުގައި އޮތީ ގާއަޅައި ސިމެންތި އަޅާ ނޫނީ ތާރު އަޅާފައެވެ. ގިނަ ގޭގޭގައި ހުރީ ބޮޑެތި ކޮޓަރިތައް އަޅާ ސިޓިންގ ރޫމް ހަދައި ބޯޑު ގަރާޖު ހަދައި ފުރާފައެވެ. އަމުދުން ގިނައީ ހިޔާލިބޭނެ ގަހެއްވެސް އިންދާލާނެ ތަންކޮޅެއް ނެތް ޣޯތި ތަކެވެ.

ދެން އެހެން ނޫނަސް ދަނޑު ހެއްދުމަކީ ހަމަ ހިތައް އަރާއިރަށް ގޮސް ތަންކޮޅެއް ހާވައިލައިގެން ކުރެވޭ ކަމެއް ނޫނެވެ. މިއަދު ވިޔަފާރިއަށް އެކަން ކުރަންޏާ ކުރެވޭނީ ވަރަށް ރަނގަޅު ތަސައްވަރެއް ކުރަހައިގެން ޒަމާނީ ހޯދުންތަކާއި އުފެއްދުން ތަކުގެ އަލީގައި ކަންކުރާނެ ސާމާނާއި ވަސީލަތްތަކާއި ފަރުވާއާއި ކާނާއާއި މޮޅު ވެލި ވެސް ހޯދައިގެންނެވެ. މިދެންނެވި އެއްވެސް އެއްޗަކީ މިޤައުމުގައި އުފައްދާ އެއްޗެއްސެއް ނޫނެވެ. ފަސޭހައިން ލިބޭ އެއްޗެއްސެއް ނޫނެވެ.

ވަޒީރުގެ ވިސްނުންފުޅު ވަރަށް ވެސް ރަނގަޅެވެ. ދަނޑު ހައްދާށޭ ކިޔައިގެން ބަޔަކަށް ލޯނު ތަކެއް ދެވިދާނެއެވެ. އަދި ވަރަށް މޮޅު ޕްރަޕޯސަލެއް ވެސް ތައްޔާރު ކުރެވިދާނެއެވެ. އެކަމަކު އެކަން ކުރާންވީ ގޮތަށް ކޮށްގެން ނޫނީ ތިޔަ ދެއްވާ ލޯނަކީ ހަމަ ކަނޑުގައި އަޅާ ރޮނގެއް ފަދަ އެއްޗެކެވެ.

ތިޔަ ވިދާޅުވީ ހަމަ ރަނގަޅަށެވެ. ވަޒީރުމެން ތިޔަ ތައްޔާރު ކުރައްވަނީ ވަރަށް ވެސް މޮޅު ތަސައްވަރު ތަކެވެ. ކަންކުރާން ބޭނުންވާ ގޮތެވެ. ތިޔަހެން މެރިކަލްޗަރާއި އަކުއަ ކަލްޗަރާއި ގެރިކަލްޗަރާއި މިހެންގޮސް ކުޅިތަކުގައި މަސް ކަލްޗަރު ކުރަންވެސް ކަރުދާހުގައި ލިޔެވިދާނެއެވެ. ގޭދޮށު މަސް ފެކްޓްރީއާއި ކަނޑު މެދުގައި މަސް ގަންނަ ޕްލެޓް ފޯމުތައް އަޅަން ވެސް ވިލަރެސްކޮށް ގަނޑުގައި ރީތި މަންޒަރެއް ކުރެހިދާނެއެވެ.

އެކަމަކު އަދި މިހާތަނަށް އެކަންކަން ހަގީގަތަކަށް ވެފައި ނެތީ އެކަން ކުރުމުގެ ގާބިލުކަމާއި ކެރިފޯރުންތެރިކަމާއި ވިސްނުންވެސް ނެތީމަކާއެއް ނޫނެވެ. ރޮކެޓް ސްޕީޑުގައި އަޅުގަނޑުމެންގެ ދިރިއުޅުމަށް އައި ކުރިއެރުމާއެކު ފަތުރުވެރިކަން ނޫން އެހެން ކަމަކުން މިޤައުމުގައި ފައިދާ ހޯދިދާނެކަމުގެ ހެކި މިހާރުގެ ޒުވާން ޖީލަށް ސާބިތުކޮށްދެވިފައި ނެތީއެވެ. ގައުމުގެ ރަށްތަކުގެ ފަސްގަނޑާއި ގުދުރަތީ ގޮތުން ރަށްތައް އުފެދިފައި ހުރި ގޮތާއި މީރުފެންފަށަލަ ތަޣައްޔަރުވެފައި ހުރުމުން ކުރެވޭ މަސައްކަތާއި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭކަން ސާބިތުވާތީ މިޤައުމުގައި ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ކުރަން އިންވެސްޓް ކުރާން ބަޔަކު ނޫޅެނީ ކަމުގައި ވެސް ވެދާނެއެވެ.

ބޮޑެތި ރަށްތަކުގައި މިހާރުވެސް ވަކިވަކި ފަރުދުން ދަނޑުވެރިކަން ކުރެއެވެ. އެކަމަކު އެކަން ކުރާން ގެންގުޅެނީ މުޅިންވެސް ބިދޭސީންނެވެ. ބިދޭސީ މީހާ އެހައްދައިގެން މާލޭ މާރުކޭޓަށް ގެނަސްގެން ވިއްކާން އިންނަނީވެސް ބިދޭސީ އެކެވެ. ދަނޑުގެ އަސްލު ވެރިމީހާއަށް ކޮންމެވެސް އެއްޗެއް ވެސް ލިބެއެވެ. އެކަމަކު ބޮޑު ފައިދާ ނަގަނީ އެވެރީންނެވެ.

ދަނޑުވެރިކަން ވެސް ކުރާންވީއެވެ. އެއީ ވަކިން ދެރަކަމެއްވެސް ނޫނެވެ. ރަނގަޅަށް ކޮށްފިއްޔާ ރާއްޖޭގައި ފަސޭހައިން ހެދޭ ބާވަތްތައް ފުޅާ ދާއިރާއެއްގައި ހައްދައިގެން ބާޒާރަށް ނެރެންވީއެވެ. ވަޒީރު އެދެއްކެވީ ހަމަ ރަނގަޅު ވާހަކަފުޅެކެވެ. ދެއްވީ ހަމަ ވަރަށް ހެޔޮ އުއްމީދު ތަކެކެވެ. އެކަމަކު ދަނޑުވެރިކަން ވެސް ސިނާއަތެއްގެ ގޮތުގައި ކުރިއަރުވާ ތަރައްގީ ކުރެވޭނީ ރަނގަޅު ތަސައްވަރެއް އޮވެގެންނެވެ. ދުނިޔޭގެ ޤައުމުތަކުގައި ވެސް އެކަން ކުރާ ގޮތް ތަޖުރިބާކޮށްގެން ރަނގަޅު ސިނާއަތެއްގެ ގޮތުގައި ކުރިއަރައިދާ ގޮތަށް އެކަން ކޮށްގެންނެވެ.

މާލީ ވަޒީރު އެވެ. މިވަގުތަކީ ވަރަށް ވިސްނުންތެރި ކަމާއެކު ކަން ކުރަންވީ ދަނޑިވަޅެކެވެ. ތިޖޫރީގައި ހުރި ލާރިކޮޅާމެދު މުށް ބާރުކޮށްގެން އުޅެން ވީ ވަގުތެވެ. ލިބެން އޮތް އެއްޗެއް ހޯދައިގެން ތެޅިފޮޅި ނުގަނެ ރައްޔިތުން ހާސްކޮށް ނުލައި ލިބޭ އެތިކޮޅު ބޭކާރު ގޮތުގައި ބައްސަވާ ނުލައްވައި މަޑުމަޑުން ވިސްނުންތެރިކަމާއެކު ކަން ކުރަންވީ ވަގުތެވެ. އެންމެ ރަނގަޅަށް ބޭނުން ހިފެން އޮތް ގޮތަކަށް ފައިސާގެ ބޭނުން ކުރަންވީ ވަގުތެވެ.

މަނިކުފާނަށް މިކަން މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ތިޔައީ ހަމަ ތަޖުރިބާ ކާރެކެވެ. އަނގަ ގަދަކަމުން އަޅުގަނޑުމެންނަށް މިދެއްކޭ ވާހަކައަކީ ހޮޅި ވާހަކައަކަށް ވެސް ވެދާނެއެވެ. އެކަމަކު ދަނޑުމަތީގައި ކުޅެއް ހުންނަ ކުޅުން ތެރިއަކަށް ވުރެ ދަނޑު ބޭރުގައި ކުޅި ބަލަން ހުންނަ މީހާއަށް މާ ރަނގަޅަށް ދަނޑުމަތީގައި ވާނުވާ ފެންނާނެއެވެ. ކޯޗު ދަނޑުން ބޭރުގައި ބަހައްޓަނީ ވެސް ކަމެއް ވެގެންތާއެވެ.

ހާސްވެވަޑައި ނުގަންނަވާށެވެ. ރައްޔިތުންވެސް އެހާ ހާސްވިޔަ ނުދެއްވާށެވެ. ރައީސުލްޖުމްހޫރިއްޔާ އެދެއްވާ ފަދަ އުއްމީދީ މަންޒަރުތައް ރައްޔިތުންނަށް ދައްކަވާށެވެ. އެމަނިކުފާނުގެ އަރިހުން ހިތްވަރު ހޯއްދަވާށެވެ. އެހާ އަވަހަށް އޮޑިން ފުންމާލައްވާން ޖެހިވަޑައިގަންނަވަން އުޅޭ ކަހަލަ މަންޒަރު ނުދައްކަވާށެވެ.

ރަންބިސްއަޅާ ކުކުޅު އަދި މަރެއް ނުވެއެވެ. ކާރިސާ ތަކާއި ރޯގާ ބަލިމަޑުކަމަކީ ތަޖުރިބާ ކުރަން ޖެހޭނެ ކަންކަމެވެ. އެއީ އިންސާނުން އިންތިހާނު ކުރެއްވުމެވެ. އެކަން އެއްކިބާގައި އޮއްވާ އަޅުގަނޑުމެން އިންސާނުން މިދުނިޔެމަތީގައި އެކަކު އަނެކަކަށް އަނިޔާދީ އެއްވެސް ރަހުމެއް ނެތި ކުށެއްނެތި އެތައް ބަޔަކު މަރާވެސް ހަދަނީއެވެ. އެއްވަނަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމަވެސް ކުރިއެވެ. މިކަމެއް މިލައިގަތީ ތިންވަނަ ބޮޑު ހަނގުރާމައެއް ނުފެށި ކޮޅިގަނޑު ނަގާ ކަޅުކޮށްފައި އޮއްވައެވެ.

ސުނާމީއައިސް މިޤައުމަށް އެތައް ގެއްލުމެއް ލިބި އެތައް ހިތި ތަޖުރިބާތަކެއް އަޅުގަނޑުމެން ކޮށްގެން މިތިބީ އިހަކަށް ދުވަވަހުއެވެ. އޭގެ ފަހުން ސޭފް އައިލެންޑާއި ސޭފް ޕެސޭޖާއި އާރލީ ވޯރނިންގ ސިސްޓަމު ފަދަ ރައްކާތެރި ފިޔަވަޅުތައް އަޅުގަނޑުމެން އަޅަން ފެށިއެވެ. އެކަމަކު މިއަދު އެކަމެއް ހަނދާނެއް ނެތެވެ.

އޭގެ ކުރިން ހިނގި މެދުއިރުމަތީގެ ވަރުގަދަ ހަނގުރާމައިގެ ތެރޭގައި ތެޔޮ އަގު ބޮޑުވެގެން ދެން އެފަދަ ކަމަކާ ކުރިމަތިލާން ނުޖެހޭ ވަރަށް ތައްޔާރުވާން ވެސް ވަރަށް ގިނަ ޕްލޭންތައް އަޅުގަނޑުމެން ހެދިއެވެ. އެކަމަކު އެކަން ވެސް ކުރީ ހުސް ކަރުދާހުގައާއި މޮޅެތި ބަސްތަކުންނެވެ. އެހާދިސާގެ ތަޖުރިބާއަށް ފަހު މުޅިންވެސް އަޅުގަނޑުމެން ކުރެހީ ޤައުމުގައި ހުރި ވަސީލަތްތަކުން ހަކަތަ އުފައްދާ ވާހަކައެވެ. އެކަމަކު އަދި ވެސް އޮތީ ހަމަ ފެށި ހިސާބުގައެވެ. އިރުން ހަކަތަ އުފައްދަން ވަރަށް މަސައްކަތް ކުރާ ވާހަކަ ދޭތެރެއަކުން އަޑު އިވެއެވެ. ބިޔަ ޕްރޮޖެކްޓްތައް ހަދައިގެން މާލީ އެހީވެސް ހޯދައެވެ. ކޮންމެވެސް ވަރަކަށް އެކަން ނުކުރެއެކޭ ނުދަންނަވަމެވެ. އެކަމަކު ފުރިހަމަ ނަތީޖާއާއެއް ލިބި ފައިދާއެއް ކުރާވަރެއް ހަމަ ނުވެއެވެ.

ހައްތާވެސް ކުރަނީ ތަޖުރިބާއެވެ. ފަސް އެނބުރި ބަލާލާއިރު އެމަންޒަރުތައް ފެންނާން ނެތީމާ މިއަދުވެސް އަދި މާދަމާއަކުވެސް ހަނދާނެއް ނުހުރެއެވެ. މިހާރު ރަޖާލަނީ ހުން އައިމައެއް ނޫނެވެ. މިހާރު ރަޖާ ލަނީ ހުން އަންނާނެ ކަމަށެވެ.

އެހެންވީމާ މިއަދުވެސް މިއީ އިމްތިހާނެކެވެ. މި ފަހަރު ފެއިލްވީމާ ދެން އަންނަ ފަހަރަކުން ފާސްވޭތޯ މިފަހަރު ގެ އިމްތިހާން ކަރުދާސް ރަނގަޅަށް މުޠާލިޢާ ކުރަންވީއެވެ. މިފަދަ އިމްތިހާނުތަކާއި ކުރިމަތިލެވޭ ވަރަށް ތައްޔާރުވާންވީއެވެ. ތިޔަ ވިދާޅުވާ މޮޅެތި މެނިފެސްޓޯ ތަކުގައިވެސް އެވާހަކަތައް ލިޔަންވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން