އަހުމަދު ޔާމިން   16 ސެޕްޓެމްބަރު 2020 - 1:4
އެމެރިކާ ޑޮލަރުތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
އެމެރިކާ ޑޮލަރުތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މިދުވަސްވަރު ވިޔަފާރިވެރިންނާއި މުހިންމު ބޭނުންތަކުގައި ކޮންމެހެން ރާއްޖެއިން ބޭރަށް ދަތުރު ކުރަށްވާ ފަރާތްތަކުން އެންމެ ޢާއްމުކޮށް ކުރާ ޝަކުވާއަކީ ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ޝަކުވާއެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ގިނަ ޙަރަކާތް ހުއްޓުމަކަށް އައިސް ޑޮލަރަށް އޮތް ޑިމާންޑު ދަށްވިނަމަވެސް ޑޮލަރު ގަނެ ވިއްކާ ރޭޓް އިންތިހާއަށް މައްޗަށް ގޮސް ޑޮލަރުގެ ކަޅު ބާޒާރެއް ވަނީ އުފެދިފައެވެ.

އިގްތިސާދީ އާންމު ނަޒަރިއްޔާތަކުން ވިސްނާއިރު ބާޒާރުގައި އެއްޗެއްގެ އަގު ކަނޑައަޅަނީ އެއެއްޗަކަށް އޮންނަ ޑިމާންޑާއި ސަޕްލައި އެވެ. އެގޮތުން ޑޮލަރުގެ އަގު ވަކިން ޚާއްސަކޮށް ކަޅުބާޒާރުގައި ޑޮލަރުގެ އަގު ކަނޑައަޅަނީ އެވަގުތަކު ޑޮލަރަށް އޮންނަ ޑިމާންޑާއި ސަޕްލައި އެވެ. މިވަގުތު ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިފައިވުމުގެ ސަބަބުން ފަތުރުވެރިކަމުގެ އިންޑަސްޓްރީން ރާއްޖޭގެ މާކެޓަށް ސަރކިއުލޭޓް ކުރަމުންދިޔަ ބޭރު ފައިސާ މުޅިންހެން ވަނީ ހުއްޓިފައެވެ. އެހެން ނަމަވެސް ރާއްޖޭން ބޭރުން މުދާ އިމްޕޯޓްކުރުމަށް ޑޮލަރަށް ކުރާ ޑިމާންޑް ކޮންމެވެސް މިންވަރަކަށް އެބަ އޮތެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން 2019 ވަނަ އަހަރު ރާއްޖެއަށް ބޭނުންވާ މުދާ އިންޕޯޓް ކުރުމަށް ޖުމްލަ 2.7 ބިލިޔަން އެމެރިކާ ޑޮލަރު ވަނީ ހޭދަވެފައެވެ. އަދި މިއަދަދު 2020 ވަނައަހަރު ހުންނާނެ ކަމަށް ކުރީން ލަފާކުރީ 2.8 ބިލިޔަން އެމެރިކާ ޑޮލަރުގައެވެ. އެހެންނަމަވެސް، ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ސަބަބުން މުޅިދުނިޔޭގެ އިޤްތިސާދީ ހަރަކާތްތައް މަޑުޖެހިފައިވުމުގެ ސަބަބުން ކުރީގެ އަންދާޒާތަކަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއަށް 1.6 ބިލިޔަން ޑޮލަރުގެ މުދާ ގެނެސްފައިވާއިރު 2020 ވަނަ އަހަރު މިމުއްދަތުގައި އެތެރެ ކޮށްފައިވާ މުދަލުގެ ޖުމުލަ އަގު 69 އިންސައްތަ ނުވަތަ 1.1 ބިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އާންމު ވިޔަފާރިވެރިން އެތެރެ ކޮށްފައިވާ މުދަލުގެ ޖުމުލަ އަދަދަކީ 1.3 ބިލިއަން އެމެރިކާ ޑޮލަރެވެ. މި އަދަދު 2020 ވަނަ އަހަރު ވަނީ 0.9 ބިލިޔަން ޑޮލަރަށް ދަށްވެފައެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިންޓަނޭޝަނަލް ބޯޑަރ ބަންދު ކުރުމުގެ ކުރިން، 2020 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު އެވެރެޖްކޮށް މަހަކު 222 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެ ކުރެވުނު ނަމަވެސް ދެވަނަ ކުއަރޓަރގައި އެތެރެކުރި މުދަލަށް އެވެރެޖްކޮށް ޚަރަދު ކުރެވިފައިވަނީ މަހަކު 117 މިލިޔަން ޑޮލަރެވެ. އެހެން ކަމުން މިއަހަރުގެ ދެވަނަ ކުއަރޓަރގައި އެތެރެކުރި މުދާ ފުރަތަމަ 3 މަސްދުވަހާ އަޅާބަލާއިރު ވަނީ 53 އިންސައްތަ ދަށްވެފައެވެ.

އަދި 2019 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު އެވެރެޖްކޮށް ހުރީ 63 އެމެރިކާ ޑޮލަރުގައެވެ. އެހެންނަމަވެސް ކޯވިޑް 19 ގެ ބަލިމަޑުކަމުން ދުނިޔޭގެ އިޤްތިޞާދު ދަށަށް ދިއުމުގެ ސަބަބުން ތެލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން މި އަހަރުގެ މިމުއްދަތުގައި ތެޔޮފީފާއެއްގެ އަގު އެވެރެޖްކޮށް ހުރީ 40 އެމެރިކާ ޑޮލަރުގައެވެ. މިއީ 63 އިންސައްތައިގެ ދަށްވުމެކެވެ.

2019 ވަނައަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެ ކުރެވިފައިވާ ތެލުގެ ބާވަތްތައް އެތެރެ ކުރުމަށް ޚަރަދު ވެފައިވަނީ ޖުމުލަ 283.7 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތުގައި ތެލުގެ ބާވަތްތައް އެތެރެ ކުރުމަށް ޚަރަދު ވެފައިވަނީ 175.8 މިލިޔަން އެމެރިކާ ޑޮލަރެވެ. މިއީ 62 އިންސައްތައިގެ ދަށްވުމެކެވެ. 2019 ވަނައަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ތެލުގެ ބާވަތްތައް އެތެރެ ކުރުމަށް މަހަކު އެވެރެޖްކޮށް ޚަރަދު ވެފައިވަނީ 37.4 މިލިޔަން އެމެރިކާ ޑޮލަރެވެ. އެހެން ނަމަވެސް އަހަރުގެ ދެވަނަ ކުއަރޓަރގައި މިއަދަދު ވަނީ 15.9 މިލިޔަން ޑޮލަރު، ނުވަތަ އަހަރުގެ ފުރަތަމަ 3 މަސްދުވަހާ އަޅާބަލާއިރު 43 އިންސައްތަ ދަށްވެފައެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން 2019 ވަނަ އަހަރު ދިވެހީން ރާއްޖެއިން ބޭރަށް ބޭސްފަރުވާއާއި އެހެނިހެން ކަންކަމަށް ކުރި ހަރަދަށް ގާތްގަޑަކަށް 350 މިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައިވާކަމަށް ލަފާކުރާއިރު، މިއަދަދު 2020 ވަނަ އަހަރު ހުންނާނެ ކަމަށް ކުރީން ލަފާކުރީ 362 މިލިޔަން އެމެރިކާ ޑޮލަރުގައެވެ. އެހެން ނަމަވެސް ކޯވިޑް-19 ގެ ސަބަބުން މިފަދަ ދަތުރުތައް މުޅިންހެން ވަނީ ހުއްޓިފައެވެ. މިއީވެސް މިއަހަރު ޑޮލަރަށް ޑިމާންޑް ކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަވާން ޖެހޭ ސަބަބެކެވެ.

މިއަހަރުގެ ދެވަނަ ކުއަރޓަރގައި ރާއްޖެއަށް އެތެރެ ކުރި މުދަލުގެ މިންވަރު ބޮޑުތަނުން، ގާތްގަޑަކަށް 43 އިންސައްތަ އާއި 69 އިންސައްތައަށް ދަށްވި ސަބަބުތައް ކަމުގައި މަރުކަޒީ ބޭންކުން ލަފާކޮށްފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރާއްޖޭގެ އިޤްތިސާދީ ގިނަ ޙަރަކާތްތައް ހުއްޓުމަކަށް އައުމެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަން މަޑުޖެހި އެ ސިނާޢަތަށް ބޭނުންވާ މުދާ އެތެރެކުރުން މަޑުޖެހިފައި ވުމެވެ. އެހެންކަމުން 2019 ވަނަ އަހަރާއި އަޅާބަލާއިރު 2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރާ މުދަލަށް ހޭދަވާނެ ބޭރުފައިސާގެ އަދަދު ގާތްގަނޑަކަށް ދެބައިކުޅައެއްބައި ދަށަށް ދާނެ ކަމަށް ބެލެވެއެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަމުން ރާއްޖޭގެ ފަތުރުވެރިކަން ވަގުތީ ހުއްޓުމަކަށް އައުމުގެ ސަބަބުން ރާއްޖެއަށް ވަންނަ ޑޮލަރު މަދުވި މިންވަރާ ދާދި އެއް މިންވަރަކަށް އިންޕޯޓަށް ބޭނުންވާ ބޭރުފައިސާގެ ނިސްބަތްވެސް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކަށް ބަލާލުމުން ފެންނަނީ ޑޮލަރުގެ ޑިމާންޑް ދަށްވަމުންދާތަނެވެ. އެހެން ނަމަވެސް ބާޒާރުގައި ޑޮލަރުގެ ރޭޓް މައްޗަށް ދާ ސަބަބާމެދު ޢާއްމުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. އިޤްތިޞާދީ ބޭފުޅުން މިކަމަށް ދެއްވާ ޖަވާބަކީ، މީގެ އެއް ސަބަބަކީ ސްޕެކިއުލޭޝަން ކަމަށެވެ. ނުވަތަ ނާޖާއިޖް މަންފާ ތަކެއް ޙާސިލް ކުރުމަށް މަސައްކަތްކުރާ ބަޔަކު ދައްކާ އަސްލެއްނެތް މަންޒަރެއް ކަމަށެވެ. އެ މަޅީގައި ބަޔަކު މީހުން ޖެހުމުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރެއް އުފެދެނީއެވެ.

ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމަށްޓަކައި ބައެއް ފަރާތްތަކުން ވަރަށް ނޭދެވޭ ކަންތައްތައް ކުރެއެވެ. އެގޮތުން ޑޮލަރުގެ އަގު ބޮޑުވަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ވަކިބަޔަކު ވަކި މަގުސަދެއް ހާސިލްކުރުމަށް ތަކުރާރުކޮށް ލިޔެއެވެ. އޭގެ ސަބަބުން ޢާއްމުންނަށް ފެންނާނީ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ އަގު މައްޗަށް ދާކަމަށެވެ. އަދި އެކަމަށް ޚާއްސަ ވައިބަރ ގްރޫޕްތަކުގައި ޑޮލަރުގެ ބޮޑު އަގުތައް ޖެހުންފަދަ ކިތައްމެ ޢަމަލެއް އެފަދަ މީހުން ހިންގައެވެ.

ޑޮލަރާއި ގުޅިގެން ދޮގު މައުލޫމާތު ފެތުރުމުގެ ބޭނުމަކީ ފަހުން ޑޮލަރުގެ އަގު ބޮޑުވާނެ ކަމަށް ލަފާކޮށް ރަނގަޅަށް އިޤްތިޞާދީ ޙަރަކާތް ލަފާކުރަން ނޭނގޭ ބައެއް ފަރާތްތަކުން ކަޅު ބާޒާރުން ޑޮލަރު ގަނެ ޑޮލަރު ރައްކާކުރަން ފެށުމެވެ. މީގެ ސަބަބުން އަނެއްކާވެސް ޑޮލަރުގެ ޑިމާންޑް އުފުލެއެވެ. އަދި އެކަމުގެ ނާޖާއިޒް ފައިދާ ހޯދަން މަސައްކަތްކުރާ ބައެއް ފަރާތްތަކުން ވަގުތުގެ ބޭނުން ހިފައި ޑޮލަރުގެ ކަޅު ބާޒާރެއް އުފައްދައެވެ.

ޑޮލަރުގެ ރަސްމީ އަގު މައްޗަށް ދާނެތޯ ކުރެވޭ ސުވާލަށް އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އެފަދަ މަޝްވަރާއެއް ކުރިއަށް ނުދާކަމަށެވެ. އަދި ޑޮލަރުގެ ރަސްމީ އަގު ބަދަލު ކުރުމުގެ އެއްވެސް ވިސްނުމެއް އެމްއެމްއޭ އިން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިދުވަސްވަރު ރާއްޖޭގެ މާކެޓަށް ބޭނުންވާވަރަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި އެމްއެމްއޭ އިން ވަނީ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފައެވެ. ރާއްޖޭގެ މާލީ ވުޒާރާއިން ހާމަކޮށްފައިވަނީ، ރާއްޖެ އަށް 700 މިލިއަން ޑޮލަރު ލިބުމުގެ މަގުމަތީގައި ވާކަމަށެވެ.

މިކަމުގައި ވިސްނަން ޖެހޭ އެއްހަގީގަތަކީ އިވޭ ކޮންމެ އަޑަކީ އަދި ގެންނަ ކޮންމެ މަންޒަރަކީ ހަގީގަތް ނޫންކަމެވެ. މީހުން ފަތުރާ ހަގީގަތެއް ނެތް މައުލޫމާތަށް ބުރަ ނުވެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ރަސްމީ ބަސް ގަބޫލުކޮށް އަޑުއެހުމެވެ. ސިޔާސީ ގޮތުންނާއި ވަގުތުގެ ނާޖާއިޒު ފައިދާ ނެގުމަށް ބަޔަކު ދައްކާހާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ގަބޫލުކުރުމެވެ. އަސްލު ބޮޑު މަންޒަރާއި ކަމުގެ ހަގީގަތް ފެންނާނީ އޭރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން