ސިޔާސީ ޙަރަކާތެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ސިޔާސީ ޙަރަކާތެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ދިވެހިންގެ ތެރޭގައި ވަރަށް ޢާއްމުކޮށް ބޭނުންކުރާ ބަހުރުވައެކެވެ. އަތުގައި ކޭއްތޭނަމަ ދަތުގައިވެސް ކޭއްތޭނެއެވެ. މިހެން ޢާއްމުކޮށް ބުނެ އުޅޭކަމަށް ވަނީ ވިޔަފާރިތަކުގެ ވަތްގަނޑު ކައިރީގައި ތިބޭ "ކުދިން" އިސާހިތަކު މަހުޖަނުންނަށްވެ އަމިއްލަ ވިޔަފާރި ފަށައި މާ ބޮޑެތި ސައުދާގަރުންނަށް ވާ ޙާލަތްތަކުގައެވެ. ހަމަ "ޙަލާލު" ގޮތުގައެވެ. އެކުދިން މަސައްކަތް ކުރީ ހެޔޮ ނިޔަތުގައެވެ. ނަމަވެސް ވަތްގަނޑު ކައިރީ އިންނަ އިނުމުގައި ދުވާ މީރުވަހުން ދަތްއަޅާ "ލެވެނީ"އެވެ.

ދުނިޔޭގައި ޢާއްމުކޮށް މަހުޖަނުންނަށް ވެފައި ތިބި ގިނަ މީހުންގެ ފަތިފުށް ދަންނަ ހޮޅުއަށީގެ އަހުލުވެރިން ބުނާގޮތުގައި މިއީ މިކަން ހިނގަމުން އަންނަ ޠަބީޢީ ހަމައެވެ. ޤުދުރަތީ ޤާނޫނެވެ. ވަރުހުރީ ރުއްޖެހި ނޫޓުގައި ކަމަށް ބުނެ އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ދަގަތްފާނަށްވުރެ ބޮޑަށް އެއަކަށް ދަމާބާރު ކުޑައެއް ނޫނެވެ. އަދި އެއެއްޗެއް ފެނުމުން އަރާ ބާރުގަނޑުން ދަތްއަޅާ ނުލައި ކެތްނުވަނީ ކަމަށް އެފަދަ ހޮޅުއަށި ރޭޑިއޯތަކުގެ ޚަބަރުތައް ބުނެއެވެ.

މިފަދަ ޢާއްމު މަންޒަރުތަކެއް ޖަޒީރާ ބައްރެއް ގައިވެސް މިދާކަށް ދުވަހު ތަމްސީލް ވެފައިވާކަމަށް ގިނައޮޅި ގިރާކޮށްއުޅޭ ގޭދޮށު އަހުލުވެރިއަކުވެސް ދާދިފަހުން ބުންޏެވެ. އެގޮތުން އިހަށްދުވަހު ފެންފައިވާނުގައި ނަންބަރ ފޯ ފަޓްލޫނުގައި ތިބި ބައެއް ކުދިން، ރޮލެކްސްގަޑިއާއި ބީއެމްޑަބްލިއުގައި އުދުހި އުޅުނު ޒަމާންވެސް ފެނިއްޖެ ކަމަށް އޭނާ ބުންޏެވެ. އޭނާގެ ރިވާޔަތުގައި، އިހަށް ދުވަހު ހައެއްކަ ގަނޑު ޓިނުވެސް އަމިއްލަ ބަންޑާރައިން ހޯދަން ނުލިބުނު ކުދިންނަށް ބޮޑެތި ލަގްޜަރީ ފްލެޓްތައް އެއައި ނައި ތަނެއް ނޭނގި ބާވައިލައްވައިފޫއެވެ. ހަމައެހެންމެ އިހަށްދުވަހު ގޯނިގޯނީގައި ވެލިބަސްތާ އުފުލަން އުޅުނު ކުދިންނަށް ކޮނޑުމަތީގައި އުފުލުނީ ފައިސާ ގޯނި ތަކެއްކަންވެސް އެނގިއްޖެ ކަމަށް ޚަބަރުދިނެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. މިފަދަ އެތައް ކަމެކެވެ.

ފުއްޕާހަމަށް ވައި ޖަހައިގެން މަހުޖަނުންނަށް ވާ ކުދިންނާއި، ޕެނެޑޯލް ބަންދުކޮށްދީގެން "ފޮކްސް" އަށްވެސް ވާދަނުކުރެވޭ ފެންވަރުގެ "ފޮޅި"ތައް ހިންގާ ކުދިންނާއި، ޗޮކްލެޓް ބަހައިގެން ބޮޑެތި ރިއަލް އެސްޓޭޓް ވިޔަފާރިވެރިންނަށް ވީ މީހުންވެސް އުޅޭ ކަމަށް ރަށުތެރޭ ކިޔައި އުޅެއެވެ. މިއީ މުޅިންވެސް އަތުގައި ކޭއްތުމުން ކަރުބުޑުން ރަހާލާ ޒާތުގެ އަހުލުވެރިންނެވެ. އެއުރެންގެ "ސްމާޓް" ކަމުން ވެރިމީހާއަށް އެނގުމެއްވެސް ނެތި، ހަމަ އަރިޔަކަށް ކަހާ އަޅާލަނީ ޔޯލައެވެ.

ހޮޅުއަށީގެ އަހުލުވެރިން ބުނާގޮތުގައި އެ ބާގައިގެ އަހުލުވެރިންގެ ބާރު ކެނޑި، ތިމާމެން ކެއި ކެޔޮތަކުގެ ތޮށިތައް، ގޭ ބިތުފަންގި ކައިރީގައި ފާރައަށް އުޅުނު ސޮރުމެންނަށް ފެނިއްޖެކަން އެނގުމުން ރާގު ބަދަލުކޮށް މުޅިން އެހެން ލަވައެއް ކިޔާންފަށައިފިއެވެ. މުޅިން ތަފާތު މިއުޒިކަކަށް ފައިހަމަކުރަން އުޅެގެންފިއެވެ. އެގޮތުން ދައްކާންފެށީ ކުޑައިކޮށް އައިބު ވާހަކައެކެވެ. އަދު ބާރުގައި ތިބި މީހުން ކަނީޔޯލައެވެ. ކާއެއްޗެއް ނޭނގެއެވެ. އެކަމަކުވެސް ކަނީއެވެ. ބޮނީއެވެ. ލަނީއެވެ. ހާސްވެގެން ބުމަރެއްހެން އެނބުރެންވީމައި ކިޔޭ ނުކިޔޭ އެއް ނޭނގޭނެތާއެވެ. ފެންނަފެނުމަށް ވަމުން މިދަނީ އެފަދަ ގޮތެކެވެ.

ކަދުރު ގުނުމުގައި ރަހަބަލާލުމާއި، ކުރަފަތް ޖެހުމުގައި އައިޕެޑް ބެހުމާއި، ފުށްގުދަނުގައި ހުރި ކާޑުކޮޅު ޞަދަޤާތަށް ބެހުމާއި މިހުރީ ތަބީޢަތުގައި ހުރީތީ ކުރެވިފައި ހުރި "ހެޔޮ ކަންކަމެވެ." ބަލަބަލާ ހުއްޓާ ތިޖޫރީއަށް ވިހަމުން ގެންދިޔަ ދެޖިންސްގެ ކުދި ބޮއްޔާއި، އެބޮލި ވިއްކައިގެން ލިބުނު ނަފާއިން މަތިމައްޗަށް އަރައިގެން ދިޔަ ޖިފުޓިތަކާއި، މިހެންގޮސް ކޮޅުން ލާން ނެތެވެ. އެދުވަހު ޖަހާނެ ސަކަރާތެއް ޖަހާ، ހަދާނެހާ އެއްޗެއް ހަދާފައި މިއަދު "ތިރިގޮނޑީގައި" އޫބުޑަށް އިނދެ ދައުލަތުގެ ވަޞީލަތްތައް ބޭނުުންކުރާ ވާހަކައާއި، ކާވާހަކަ ދެއްކީމާ ކުޑައިކޮށް ހިނި އާދެއެވެ.

އެޔޯމެން ޖަޒީރާ ބައްރުގެ ބިން، ބޭރު ކަރަކަރައިގެ އަހުލުވެރިންނަށް މިލްކު ކުރެވޭގޮތަށް ފަތްލިޔެދޭން އުޅެގެން ނުގެއްލުނު އިސްތިޤްލާލާއި، ޤައުމިއްޔަތާއި، ދީނިއްޔާތާއި، ވަޙްދާނިއްޔަތު މިއަދު ގެއްލެނީ ކަމަށްވެއެވެ. ނާށިގަނޑުން ފަސްކޮޅެއް ނަގާލިޔަސް ހީވަނީ މިދެން ހަމަ ކައި ހުސްކުރީ ހެންނެވެ. ބުނަނީ ޖީބަށް ލައްކަ ކަހާލާފައި ހުންނާނެ ކަމަށެވެ. އެބައިމީހުންގެ ފިކުރިއްޔާތަށް ހުރީ ޒާތެއްގެ އާވާރާކަމެއް ވެރިވެފައެވެ. ވާނީވެސް އެހެންތާއެވެ. "ޙަސަނަށް ހީވާނީ ފުޅަށްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލަފާނެ" ހެން ވިއްޔާއެވެ.

އެވެރިން އަތުގައި ހޭކި އެއްޗެއް އަމިއްލަ ދަތުގައި ނިކަން ރަނގަޅަށް ހާކައިލައިގެން އެވަރުން ނުވެގެން މުޅި އާއިލާއާއި އަވަށްޓެރިންގެ ދަތުގައި ވެސް ހާކައިގެން އުޅުނީމާ މިހާރު އެތިޖޫރި ދަށުގައި، އެ ވަތްގަނޑު ދަށުގައި ތިބި މީހުންވެސް އެކަން އެގޮތަށް ކުރާނޭ ކަމަށް ގަބޫލުކުރެވެނީއެވެ. އެވެރީންނަށް އެވަނީ ހަމަ ރަނގަޅަށް ފާޑެއްގެ ބައްޔެއް ޖެހިފައެވެ. ނިދީގައި އެއްފަރާތުން އަނެއް ފަރާތަށް ޖެހި، ފުރޮޅިލާ ވަގުތު ދެބަ ނިދީގައިވެސް ގޮވެނީ އެފައިސާ މިފައިސާގެ ވާހަކައެވެ. ބިރުވެރި ހުވަފެންތަކުން ހޭއަރަނީ އޭރު ބޮޑި ބަދެގެން ޏޫޓު އަޅައިގެން ގެންގުޅުނު ކަޅު ކޮތަޅުތައް ބަޔަކު އައިސް ޖަހައިގަނެގެން ގެންދާތީއެވެ. ދެން ކަރުން ނާރުނަގާފައި އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ހޭލެވޭއިރު ބިރުން ގޮސް ގަޔަށް "ގޮރުވެސް ހެނޑިފައި" ހުންނަނީ މަދެއްކޮށެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހަސަނު

02-Oct-2020

ވަރަށް ފުރިހަމަ މޮޅު ރިޕޯޓޭް



ޓްރެންޑިން