ޞާދިރު ޢަލީދީދީ   23 ނޮވެމްބަރު 2020 - 16:11
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 09

...............

[އަޅޭ ހާދަ މިޒާޖް އެއްގޮތޭ....އަހަރެންވެސް ބޭނުންވަނީ ތިން ކުދިން.] ލަމްހާގެ ދެއަތް އަދުހަމް ވަށާލިއެވެ. ލަމްހާގެ ފުރުން ކައިރިވާ ވަރަކަށް މިފަދަ އުފާވެރި ބައްދަލުވުންތައް ދިޔައީ އިތުރުވެ ވަރުގަދަވަމުންނެވެ. ބައެއް ބައްދަލުވުންތަކުގައި ކައިވެންޏަށްފަހު ޢާއިލާ ރާވާނެ ގޮތުގެ މަޝްވަރާވެސް ކުރެވެއެވެ. ކޮންމެ ދެލޯބިވެރިޔަކުވެސް ކައިވެނީގެ ކުރިން ޢާއިލާ ރާވާނޭ ގޮތުގެ މަޝްވަރާ ކުރުމަކީ، މިހާރުގެ މުޖްތަމަޢަށް ނިކަން މުހިންމު ކަމެކެވެ.

ދުރާލާ ތައްޔާރުވެގެން ތިބެ ކުރާ ކޮންމެފަދަ ކަމެއްވެސް ދާނީ ފިސާރި ތަރުތީބުކަންމަތީ ފުރިހަމައަށެވެ.

ގެއެއް އެޅުމުގެ ކުރިން ތަފާތު ގޮތްގޮތަށް ގެ ފަރުމާ ކުރުވާ ފަދައިން، ތިމާމެންގެ އަމިއްލަ ދިރިއުޅުމުގެ ބިންގަލާމެދުވެސް ކުރިޔަށް ވިސްނުމަކީ ބުއްދިވެރި ކަމެކެވެ.

ކައިވެނީގެ ކުރިން ދެފަރާތް އެއްބަސްވާ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރެވިއްޖެނަމަ، ޙަޔާތުގެ ނައުގައި ނިކަން ބާއްޖަވެރިކަމާއެކު ދަތުރު ކުރެވޭނޭކަމީ އެއްވެސް ޝައްކެއްއޮތް ކަމެއް ނޫނެވެ.

ލަމްހާއާއި އަދުހަމްގެ އުއްމީދަކީ އެއީއެވެ. ކައިވެންޏަށްފަހު ދެމަފިރިންގެ ދޭތެރޭ ޚިޔާލު ތަފާތުވުންތައް އުފެދި މައްސަލަތައް ފެންމަތިކުރާކަށް ފަހަރެއްގައިވެސް އެދެލޯބިވެރިން ބޭނުމެއް ނުވެއެވެ. އެމީހުން ބޭނުންވަނީ އެކަކު އަނެކަކުގެ އިޙްސާސްތައް ރަނގަޅަށް ދަނެގެންތިބެ، ދިރިއުޅުމުގެ ކުރިމަގު ބައްޓަންކުރާށެވެ. ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައެވެ.

ކޮންމެ ޒުވާނަކުވެސް ޒަވާޖީ ޙަޔާތުގެ ކުރިން އެފަދައިން ވިސްނާ ޒުވާނަކަށް ވެއްޖެނަމަ، މި މުޖުތަމަޢުން ވަރީގެ މައްސަލަތައް މަދުވެ، ޢާއިލާތަކުގެ މޫނުމަތި އަލިވާނެކަމީ އެއްވެސް ޝައްކެއްވާ ކަމެއް ނޫނެވެ.

އުފާވެރި ބައްދަލުވުންތަކަކަށްފަހު، ލަމްހާވެސް ފުރައިގެން ހިނގައްޖެއެވެ. އެކަނިވެރިކަން އަދުހަމާ ޙަވާލުކުރުމަށްފަހު، އެ އިޙްސާސްތައް އަމިއްލައަށްވެސް ޙިއްޞާ ކުރަމުންނެވެ.

ލަމްހާއާ ބައްދަލުނުކޮށް ނިދަންޖެހުނު ފުރަތަމަރޭވެސް އަދުހަމަށްވީ ބޮޑު އަންދާނަކަށެވެ. (ވޭނަކަށެވެ.) ލޮލަކަށް ނިންޖެއް ނައެވެ. ހިތަކަށް ހިމޭނަކުން ނޯވެވެއެވެ.

ހިތްއެދެނީ ލަމްހާ ހުރި މަންޒިލަށް ލަމްހާގެ ގާތަށް ދިޔުމަށެވެ. ލޯ އެދެނީ ލަމްހާގެ އެ ހިތްގައިމު ސޫރަ ދުށުމަށެވެ. ކަންފަތް އެދެނީ، ލަމްހާގެ ލޯބީގެ ޖުމްލައެއް އަޑުއަހާލުމަށެވެ. ދޫ އެދެނީ ލަމްހާއަށްޓަކައި ލަމްހާއަށް އިވޭފަށުގައި ލޯބީގެ ޖުމްލަތަކެއް ގަތާލުމަށެވެ. ނޭފަތް އެދެނީ އެމަލުގެ ވަހުން އުފާ ލިބިގަތުމަށެވެ.

އެއީ އެރޭ ލަމްހާގެ ޙާލަތުވެސް ހުރިގޮތެވެ. ދެލޯ މަރާލާއިރަށް އޭނާއަށް ތަޞްވީރުވެސް ވަނީ އަދުހަމާއެކު އުޅެވޭ ލޯބީގެ މަންޒަރުތަކެވެ. ތަފާތު މައިޒާންތަކުން ދެލޯބިވެރިން ހިތް އުފާކުރަމުން ދަނީއެވެ. އެކަކު އަނެކަކަށް ވަޢުދުތަކާއި އަހުދުތައް ވަމުންނެވެ.

ލަމްހާ ކޯހުގައި އިންޑިޔާއަށް ދިޔަކަން މާއިޝާއަށް އެނގުނީ ލަމްހާ ފުރައިގެންދިޔަތާ ހަފްތާއެއްވެސްވީ ފަހުންނެވެ. މާއިޝާއަށް އެޚަބަރު ދިނީ އޭނާގެ ރަޙްމަތްތެރިޔާ ދިމްނާއެވެ.

[ހަމަ ރަނގަޅަށްތަ ތިބުނީ. އޭނާ އިންޑިޔާގައި ކިހާ ދުވަހެއްވާނެބާ؟] ލަމްހާ ފުރި ޚަބަރު ލިބުމުން، މާއިޝާއަށް ލިބުނީ ފާޑެއްގެ އުފަލެކެވެ.

[ނޭނގެ އަންނާނެ ދުވަހެއް. ހީވަނީ ދެއަހަރު ދުވަހުގެ ކޯހެއްހެން. އަހަރެން ދެންތަ ރަނގަޅު ޚިޔާލެއް. މިހާރު މާއިޝާ ދިމާކޮށްފިއްޔާ، ނިކަން ފަސޭހައިން އަދުހަމްގެ ހިތް ފަތަޙަ ކުރެވިދާނެ.] ދިމްނާ ލަފާކޮށްފައި ރަޙްމަތްތެރިޔާއަށް ޚިޔާލު ދިނެވެ. މާއިޝާ ވިސްނާލިއެވެ.

[އޭނަ އަހަރެންދެކެ އެއްވެސް ވަރަކަށް ލޯބިނުވާއިރު، ކިހިނެއްތަ ތިބުނާހާ ގޮތަށް އޭނާގެ ލޯބި އަހަންނަށް ހޯދޭނީ.] މާއިޝާ ވާހަކަ ދެއްކީ އުންމީދު ގެއްލިފައިވާފަދަ ގޮތަކަށެވެ.

[ލޯބިނުވާއިރޭ. ކީއްކުރާ ލޯތްބެއް. މާއިޝާގެ އޯގާތެރި ކަމާއި އަޅާލުން ލިބޭތާ ނުވާނެ ހަފްތާއެއްވެސް، އިސާހިތު އަދުހަމްގެ ހިތުން މާއިޝާއަށް މަޤާމެއް ކަށަވަރުވާނެ. އަޅެ އަހަރެން ބުނީތީވެސް މަސައްކަތްކޮށްލަބަލަ.] ދިމްނާ ބުންޏެވެ.

[މަސައްކަތް ކޮށްގެންވެސް ލޯބި ކާމިޔާބު ކުރެވިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު. ފުރަތަމަ ގުޅާފަ ވާހަކަ ދައްކަންވީދޯ؟] މާއިޝާގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލުނުކަހަލައެވެ.

[ފުރަތަމަ ގުޅާފަ އަހާނީ ލަމްހާ ފުރީމާ ވަރަށް އެކަނިވެފަދޯއޭ. ފުރަތަމަކޮޅު މައިގަނޑަކަށް ހިތްވަރުދޭނީ. މާގިނަ ދުވަސްތަކެއްނުވެ، އަދުހަމްގެ ވާހަކައިގެ އޮއިވަރާއި ރާގު ބަދަލުވާނެ.] ދިމްނާ މާއިޝާއަށް ލަފާދޭއިރު، ހީވަނީ މާއިޝާއަށްވުރެން ޢުމުރުން ދުވަސްވެފައިވާ ތަޖްރިބާކާރެއްހެންނެވެ.

[ހޭވައްލާ ތައްޔާރު.] މާއިޝާ ހީނގަންނަމުން ބުންޏެވެ.

އެދުވަހަށްފަހު ކޮންމެ ދުވަހަކުވެސް މާއިޝާ އަދުހަމަށް ގުޅާފައި ޙާލު އަޙުވާލު އަހައެވެ. ބައެއްފަހަރު ލަމްހާގެ ޚަބަރެއް ނުވޭހޭވެސް އަހާލައެވެ. ލިބޭނެ ޖަވާބަކާ ދޭތެރޭ މާބޮޑު ފިކުރަކާ ނުލައެވެ.

[ކޮންމެ ހަފްތާއަކު އެއްފަހަރު ގުޅާ. ކޮންމެ ދުވަހަކުވެސް މެއިލް ފޮނުވާ. އެހެންވެ ލަމް ދުރުގަ ހުއްޓަސް އަހަންނަށް އިޙްސާސް ކުރެވޭ، ލަމް އަހަންނާ ވަރަށް ގާތުގައި އަބަދުވެސް އުޅެޔޭ.] މިއީ އަދުހަމްގެ ފަރާތުން ލިބުނު މާއިޝާ އެންމެ ހިތްދަތިވި ޖަވާބެވެ.

އެހެންކަމުން، އަދުހަމްގެ އެ ޖުމްލައާއެކު ބޭއިޚްތިޔާރުގައި މާއިޝާއަށް ފޯން ކަނޑާލެވުނެވެ. ރޮއިގަނެވުނީވެސް ގަނޑުވެފައި ކަހަލަ ގޮތަކަށް އިރުކޮޅެއް ވަންދެން ހުރެވުމަށްފަހުގައެވެ.

ދިމްނާއަށް އާދެވުނުއިރުވެސް މާއިޝާ ކޮޓަރީގައި އެކަނިމާއެކަނި އޮވެގެން ގިސްލަ ގިސްލާފައި ރޮނީއެވެ.

[ދިމޫ...އަހަންނަކަށް އަދުހަމްގެ ލޯތްބެއް ނުލިބޭނެ. އޭނަ ލަމްހާދެކެ އެވަނީ އާދައިގެ ލޯތްބެއް ނޫން....] މާއިޝާ ރޮމުން ދިމްނާގެ ކޮނޑުގައި ބޯއަޅާލައިފިއެވެ.

[ނުރޮއި މާއިޝާ...ތިހާ ހިތްވަރު ދެރަ މީހަކު، ކަންތަކާ ކުރިމަތިލާކަށް ނުވާނެއެއްނު. އަހަންނަށް ނިކަން ޔަޤީންކަން އެބައޮތް، މާއިޝާއަށް ކާމިޔާބު ކުރެވޭނެ ކަމުގެ.] މާއިޝާއަށް ހިތްވަރު ދެމުން ދިމްނާ ބުންޏެވެ.

[އެކަމަކު އޭނާ އަހަރެންގެ ކުރިމަތީގައި ލަމްހާދެކެ ލޯބިވާ މިންވަރު ހާމަކުރަނީ ކީއްކުރަންތަ؟ ހީވާކަހަލަ، ޤަޞްދުގައި އަހަރެން ދެރަކޮށްލަން އުޅެނީއޭ.] އަތުގެ ނުފުށުން ދެލޯ ފޮހެލަމުން މާއިޝާ ބުންޏެވެ.

[ތިކަހަލަ ވާހަކަ ދެން ނުދައްކާ މާއިޝާ....ހިތްވަރުކޮށްފަ އަދިވެސް ގުޅާލަބަލަ. އޭނަ އަހާނެއެއްނު، ފޯނު ބޭއްވީ ކީއްވެހޭ. އަހާއިރަށް ބުނާތި އަސަރުކުރީއޭ.] ދިމްނާ ހީވަނީ ކަމުގެ އެދުރެއްހެންނެވެ.

[ކީއްކުރަން ނުގުޅާނަން. އޭނަ ގުޅީވެސް އަހަރެން ބުނެގެނެއް ނޫން. ފޯން ބޭއްވީވެސް އަހަރެން ބުނެގެނެއް ނޫން.] އަދުހަމް ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ޝިޔާޒާއެވެ. މާއިޝާ ގުޅާފައި ފޯން ކަނޑާލީ، އެދެމީހުން ހޮޓަލެއްގެ ތެރޭގައި ކޮފީ ބޯން ތިއްބައެވެ.

[އަންހެން ކުއްޖެއްގެ ހިތުގައި ތިވަރަށް ޖައްސާކަށް ނުވާނެ. އަހަރެންނަމަ ދެތަށިންވެސް ކޭމުސް.]

ޝިޔާޒް ހިތްވަރުދިނީ މާއިޝާއާވެސް ގުޅުމަށެވެ. ސަމާސާ ކުރުމުގެ ގޮތުންނެވެ. ނަމަވެސް އެއީ އަދުހަމްގެ ޠަބީޢަތެއް ނޫނެވެ. އެއްފަހަރާ ހަތަރު ފަސް ކުދިންނާ ރައްޓެހިވެގެން އުޅުމަކީ ފަހަރެއްގައިވެސް އޭނާ ތަޖްރިބާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

[ޝިޔާ...ތިވަރަށް ހެޔޮއެދެންޏާ މާއިޝާއާ ގުޅަންވީނު.] ޝިޔާޒްގެ ސަމާސާއިން އަދުހަމް ގާތަށް ރުޅިއައެވެ.

[ބަލަ އަހަރެން ގުޅިޔަސް އޭނަވެސް އަހަންނަކާ އަނގައިންވެސް ނުބުނާނެއޭ.] ޝިޔާޒް ހިނިތުންވެލަމުން ބުންޏެވެ.

[އެއީ ކީއްވެޔޯ؟] އަދުހަމް އެއްސެވެ.

[އޭނަ އަހަރެންދެކެ ލޯބިނުވާތީ.....]

[ރަނގަޅު ވާހަކައެއް ތިބުނެވުނީ.....އޭނަ ލޯބިނުވާތީ އޭނައަށް ޝިޔާޒާ އަނގައިން ނުބުނެވޭއިރު، އަހަރެން ލޯބިނުވާއިރު، އަހަރެން ކިހިނެއްތަ އޭނަޔާ ވާހަކަ ދައްކާނީ؟] ފުރްޞަތުގެ ބޭނުންކޮށް، އަދުހަމް ޝިޔާޒްގެ ދޫ ބަންދުކޮށްލިއެވެ.

[ވަރަށް ސަމާލުވެގެންދޯ ތިއިނީ....ދެން ހިނގާ ފައިސާ ދައްކާފަ ދާން. މިމޭޒަށް އިންތިޒާރުކޮށްގެން އެހެން ބަޔަކުވެސް އެބަތިބި.] ޝިޔާޒް ތެދުވިއެވެ. ފަހަތުން ތެދުވެގެން ގޮސް އަދުހަމް ބިލަށް ފައިސާ ދެއްކިއެވެ.

ހަމަ އެވަގުތެވެ. ދަރިފުޅުގެ ފޯންކޯލެއްގެ އިންތިޒާރުގައި ޒައިނަބް ސޯފާގައި އިނެވެ.

ފޯން ރިންގްވާން ފެށުމާއެކު، ޒައިނަބް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފޯނު ނެގީ ދަރިފުޅު ލަމްހާގެ އަޑު ކަންފަތުގައި ނުޖެހި ދުވަސްކޮޅެއްވެފައި ވުމާއެކު، ލަމްހާގެ ފޯނެއްކަން ހިތުގެ އަޑިން ޔަޤީންކޮށްފައެވެ.

ނަމަވެސް އިވުނީ ދަރިފުޅުގެ އަޑެއް ނޫނެވެ. ކަންފަތުގެ ހިނދުރި ތޮރުފާލީ އިންތިހާއީ ހިތްދަތި ޚަބަރަކުންނެވެ.

[ނޫން..ނޫން. އަހަރެންގެ ދަރިފުޅު....ނުވާނެ.] ހަޅޭއްލަވައި ގަނެވުމާއެކު، ޒައިނަބްގެ ގައިގެ ބާރު ދޫވެއްޖެއެވެ. އެއީ ޖާވީދުވެސް އައިސް ގެއަށް ވަން ވަގުތެވެ. ގެއަށް ވަދެވުމާއެކު، ޖާވީދަށް ޒައިނަބް އަރިއަޅާލައިގެން ވެއްޓެމުން ދަނިކޮށް ފެނުނެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޒައިނަބް ހިފެހެއްޓިއެވެ. ނަމަވެސް، އޭރު ޒައިނަބްގެ ޚަބަރުވަނީ ހުސްވެފައެވެ. ވުމާއެކު، ވަގުތުން ޒައިނަބް ގެންދެވުނީ ހޮސްޕިޓަލަށެވެ.

ޒައިނަބް ހޭއެރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާވެސް ބައިގަޑިއެއްހާއިރު ފަހުންނެވެ. ހޭއެރުމުންވެސް އޭނާގެ ފުށުން ޖާވީދަށް ކަމެއް އޮޅުންފިލާވަރެއް ނުވިއެވެ. އޭނާ ޖާވީދުގެ ގައިގައި އޮޅުލައިގަތުމަށްފަހު ބާރަށް ރޮއިގަނެއެވެ.

[ޒައިނަބް...ނުރޮއި ބުނެބަލަ، ވެގެން އުޅޭގޮތެއް؟] ވާނުވާ ނޭނގިގެން ކަންބޮޑުވެފައި ހުރި ޖާވީދު އެއްސެވެ.

[އެމަންޖެ...އެމަންޖެ....] ރޮވޭތީ ޒައިނަބަށް ޖުމްލަ ފުރިހަމައެއްވެސް ނުކުރެވެއެވެ.

[އޭނ! ލަމްހާއަށް ކަމެއްވީތަ؟ ހިތްވަރުކޮށްފައި ބުނެބަލަ، ކިހިނެއްތަވީ....] ޖާވީދު ނިކަން ހާސްވެ ކަންބޮޑުވެއްޖެއެވެ.

[އެކްސިޑެންޓްވީޔޯ....އެމަންޖެ ނިކަން ޙާލު ދެރަ.....] ގިސްލަ ގިސްލާފައި ޒައިނަބް ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން