ޞާދިރު ޢަލީދީދީ   18 ޑިސެމްބަރު 2020 - 11:43
ވޭނީކަރުނަ
ވޭނީކަރުނަ
03 ވަނަ ބައި

..................

މުޢާޒު ހުރީ ހެވިފައެވެ. ލައިގެންހުރި ހުދުހެދުމެއްގެ ސަބަބުން އޭނާގެ ގައިގެ ކުލަ އިހުނަށްވުރެވެސް ބޮޑަށް ކަޅުވެފައި އޮފް ގަދަކޮށް ފެނުނެވެ. އޭނާގެ ހުދު ދަތްތައް ޙަޤީޤަތުގައިވެސް ހީވަނީ ފުރޭތައެއްގެ ދަތްތަކެއް ހެންނެވެ. މުޢާޒުގެ ހުތުރު ސިފަ ފެނުމުން އޭނާ މޭނުބައި ކޮށްފިއެވެ.

އޭގެ ފަހުން އޭނާއަށް އެކައްޗެއްވެސް ނުބެލުނެވެ. ލޯހުޅުވާލަން ހަމަ ހިތް ނޭދެނީއެވެ. މިރޭގެ މާޙައުލު ދެކެން އޭނާ ބޭނުން ނުވަނީއެވެ. ނަމަވެސް...........

އަންހެން ކުއްޖަކު ޢުމުރުން ސާދަ ފަނަރައަށް އަރާއިރު އޭނާގެ ހުރިހާ ހުވަފެންތަކެއް ތިމާއެދޭ ފިރިހެނަކާއެކު ހޭދަކުރަން ބޭނުންވެއެވެ. ތިމާގެ ޒުވާންކަމުގެ ޚަޒާނާ އެމީހަކަށް ހިބައިން ދިނުމަށް އެދެއެވެ. އަދި މުސްތަޤްބަލުގެ ފޮނި އުއްމީދުތަކާއި ތަޞައްވުރު ތަކުން ހިތަށް ފިނިކަން ހޯދަމުން ދެއެވެ. އެ ޖިންސު ލަޠީފުން ތިމާގެ ކައިވެނީގެ ރެއާ ބެހޭގޮތުން ނުވިސްނަނީ ކޮން އެއްޗެއް ހެއްޔެވެ.

އެހެން ނަމަވެސް މިފަހަރު މިދިމާވީ މިދެންނެވި ގޮތާ މުޅިން ޚިލާފު ގޮތަކަށެވެ. އޭނާއަށް އާކައިވެނީގެ ތަންމަތި ފެނުނީ ދަންޖައްސާ ތަނެއްގެ ގޮތުގައެވެ. އެރޭގެ ހުރިހާ އުފަލެއް އޭނާ ދުށީ ބިރުވެރި ޚަންޖަރެއްގެ ސިފައިގައެވެ.

ކޮންމެއަކަސް ވާންވީގޮތް ވެއްޖެއެވެ. އަމިއްލަ ހަށިގަނޑު އެރެއާ ޙަވާލުކޮށްގެން، އުފުލަންވީ ހިތާމައެއް އުފުލައިފިއެވެ. އިދިކޮޅު ހެދުމުގެ ގޮތުން އެއްގޮތެއްވެސް ނެހެދުނެވެ. އަދި........

މިއީ އޭނާގެ މައިންބަފައިން އޭނާއަށް ދިން އަނިޔާއެކެވެ. މިކަމުގައި އޭނާ ކުށްވެރިކުރާނީ ކާކު ހެއްޔެވެ.

އާދަޔާ ޚިލާފަށް މާއަވަހަށް އޭނާއަށް ހޭލެވިއްޖެއެވެ. ކައިރީގައި މަރުނިދީގައި އޮތް މުޢާޒަށް އޭނާ ބަލާލިއެވެ. ބޭއިޚްތިޔާރުގައި އިތާމައިގެ ނޭވާއެއް ލެވުނެވެ. އޭނާ އެނދުން ތެދުވެގެން ދުވެފައިގޮސް ފެންވަރާ ކޮޓަރިއަށް ވަދެއްޖެއެވެ. އެތެރެއަށް ވަނުމާއެކު އިސްކުރު ދޫކޮށްލާފައި ބޮލަށް ފެންއަޅަން ފަށައިފިއެވެ. ފެންގަނޑު އަޑުގޮއްވަމުން ފައިބައިގަތެވެ. ބައެއް ފަހަރަށް ފައިބައިގެންދާ ފެންތަކުން ކިހާރީތި މިއުޒިކެއްގެ އަޑު އިވޭހެއްޔެވެ. އެކަމަކު މިއަދު މިއިވެނީ ބިރުވެރި ނާމާން އަޑެކެވެ. މިއަޑުފަށްގަނޑާއެކު އޭނާވެސް ހަޅޭލަވައި ގެންފާނަމޭ ހިތަށް އެރިއެވެ. އެހެނީ އެގޮތުން އޭނާގެ ހިތުގެ ހުރިހާ ހިރަފުހެއް ފިލައިގެން ހިނގައި ދާނެތީއެވެ. އޭނާ އިސްތަށިގަނޑު ރޫޅާލައިގެން އަވަސްއަވަހަށް ފެންމާގަނޑާ ދިމާއަށް ތަޅުންގަނޑު މަތީގައި އިށީދެއްޖެއެވެ.

ހަލުއިކަމާއެކު ހަށިގަނޑުގައި ޖެހެމުންދިޔަ ފެންތިކިތައްވެސް އޭނާއަށް ހީވިގޮތުގައި ކުރަނީ އަނިޔާއެވެ. ފެންތިކިތައް އޭގެ ބާރުމިނުގައި އައިސް ޖެހޭއިރު ހީވަނީ ކޮންމެވެސް މީހަކު ލަޓިބުރިއަކުން ތަޅަނީ ހެންނެވެ.

އޭނާއަށް އެރޮވެނީ ކީއްވެގެން ކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ހަމަކޮންމެ އަންހެން ކުއްޖަކަށް، އެކުއްޖަކު އެންމެ އެދޭ ފިރިހެނަކު ލިބިފައެއް ނޯވެއެވެ. ވީއިރު ކޮންރުއިމެއް ހެއްޔެވެ. ހީވަނީ އަގުބޮޑު ޖަވާހިރެއް އެތައް ދުވަހެއް ވަންދެން ފޮރުވައިގެން އުޅުމަށްފަހު މިއަދު ކުއްލިއަކަށް ބިންމައްޗަށް ވެއްޓި ގެއްލިގެން އުޅޭ ހެންނެވެ.

އޭނާ އެތައް ފަހަރެއްގެ މަތިން އަމިއްލަ ޟަމީރަށް ވިސްނައިދެވޭތޯ އުޅުނެވެ. ރޮމުން ގެންދިޔައެވެ.... ފެންވަރަމުން ގެންދިޔައެވެ.... މިގޮތަށްގޮސް ފުރިހަމަ އެއްގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. އެވަގުތު ދޮރުފަތުގައި ކޮންމެވެސް އެއްޗެއް ޖެހިއްޖެއެވެ.

މުޢާޒު ތެދުވެއްޖެހެން އޭނާއަށް ހީކުރެވުނެވެ. ދެން އެންމެފަހު ފަހަރަށް ގައިގައި ސައިބޯނި ލައިފިއެވެ. ކުރިންވެސް އޭނާ އެތައް ފަހަރަކު ސައިބޯނި ލައިފިއެވެ. އޭނާ ނުދޮވެވިގެން އެއުޅެނީ ކޮން އެއްޗެއް ކަމެއްވެސް ނޭނގެއެވެ. ފެންމާގަނޑުގެ ދަށުގައި ހުރެގެން ވަރަށް ރަނގަޅަށް ގަޔަށް ފެންއަޅައިފިއެވެ. ދެން އިސްކުރު ބާރުކޮށްލިއެވެ. މުޅި ކޮޓަރިއަށް ހިމޭންކަން ފެތުރިއްޖެއެވެ.

ރަމްލާ ބޭރަށް ނުކުންނަނީކަން މުޢާޒަށް އެނގިއްޖެއެވެ.

ފެންހިއްކާ ނިމުނުން، އިތުރު އެހެން ހެދުމެއް ނުގެނެވޭކަން ރަމްލާއަށް އެނގިއްޖެއެވެ. އެހެންކަމުން ނިދާހެދުން ލައިގެން ހުރެ ތުވާލުން އިސްތަށިގަނޑު ހިއްކަމުން އޭނާ ބޭރަށް ނުކުމެއްޖެއެވެ. ކުރިމަތީގައި މުޢާޒު ނޫސް ހިފައިގެން އިނެވެ. އޭނާގެ ކުރިމަތީގައި ސައިތަބައް ހުއްޓެވެ. ރަމްލާ ފެނުމާއެކު މުޢާޒު އެއްފަރާތަކަށް ނޫސް އެއްލާލާފައި ކޮޅަށް ތެދުވެއްޖެއެވެ.

ރަމްލާ، އޭނާގެ ބެލުންތައް ސިއްރުކުރަމުން ނިކުމެގެން ދާން އުޅުނެވެ. އެކަމަކު މުޢާޒު އޭނާއާ ވަރަށް ކައިރިއަށް އަތުވެއްޖެއެވެ. ރަމްލާގެ އުނަގަނޑުގައި އޭނާގެ ދެއަތުން ހިފަހައްޓާލައިފިއެވެ. އޭނާގެ އަތް ވަރަށް ހޫނެވެ. އެއާޚިލާފަށް ރަމްލާ ހީކަރުވައިގަނެގެން ރޫރޫ އަޅަނީއެވެ.

[ހާދަ ގިނައިރެއް ވެއްޖެއެވެ. އަހަރެން މިއިނީ ކަންބޮޑުވެފައެވެ.] އޭނާ ރަމްލާގެ ތެމިފައިވާ އިސްތަށިގަނޑާ ކުޅެލަމުން ބުންޏެވެ.

[މުޢާޒު ހީކުރެއްވީ އަޅުގަނޑު ފެނުގެ ތެރެއަށް ޣަރަޤުވީ ކަމަށްތޯއެވެ...؟[

[ނޫނެކެވެ....] އޭނާގެ ތުންފަތުގައި މަސްތީ ހިނިތުންވުމެއް ކުޅެލިއެވެ. [އަހަރެން ހީކުރީ ރަމްލާ ހުވަފެނެއްގެ ތެރެއަށް ގެއްލުނީ ކަމުގައެވެ. ފެންވަރަވަރާ ހުއްޓާ ނިދުނީ ހެއްޔެވެ..... ރޭގައި އަހަރެއް ރަމްލާ ހޭލައްވަން ވެގެން ވަރަށް މަސްއަކްތަކުރީމެވެ.]

ރަމްލާ އެކައްޗެކޭވެސް ނުބުންޏެވެ.

އޭނާ ހިމޭންކަމާއެކު މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުއްޓިއްޖެއެވެ.

ބޯހިއްކުމަށްޓަކާ ތުވާލު ނެގުމާއެކު މުޢާޒުކުރިއަށް ޖެހިލާފައި އޭނާގެ އަތުން ތުވާލު އަތުލައިފިއެވެ. އަދި މަޑުމަޑުން ރަމްލާގެ އިސްތަށިގަނޑު ހިއްކަން ފަށައިފިއެވެ. ލޯތްބާއެކުގައެވެ. ހިމޭންކަމާ އެކުގައެވެ. އެހެން ނަމަވެސް ރަމްލާތޯއެވެ. އޭނާ ހުރީ ރުޅިއައިސްގެން ފިހިފިހިއެވެ. ކިތަންމެ ފަހަރަކު އޭނާގެއަތުން ތުވާލު ޖަހައިގަތުމާއެކު ކޮއްޕާ ވައްޓާލަފާނަމޭ ހިތަށް އެރިއެވެ. އެކަމަކު ހިމޭނުން ހުރީއެވެ. ލޯގަނޑާ ދިމާއަށް އިސްއުފުލާ ބަލާވެސް ނުލައެވެ.

ބޯ ހިއްކާ ނިމުމަށްފަހު ފުނާ ނަގާފައި މުޢާޒު ބުންޏެވެ.

[ފުނާ އަޅައިދެން ހެއްޔެވެ؟]

[ނޫނެކެވެ....] ރަމްލާ ސިއްރު ބެލުމަކުންމުޢާޒަށް ބަލާލާފައި އޭނާގެ އަތުން ފުނާ އަތުލައިފިއެވެ.

[މުޢާޒު އަޅުގަނޑުގެ އިސްތަށިތައް ލުއްސަވާ ލައްވަފާނެއެވެ....!]

[ނޫނެކެވެ....] މުޢާޒު މަޑުމަޑުން ރަމްލާ ގަޔާލަފާލާފައި ލޯބި ފިއްތާލުމަކާއެކު ބުންޏެވެ.] މިހާ ރީތި އިސްތަށިގަނޑަކަށް ގެއްލުންދޭނީ ކާކު ހެއްޔެވެ. އެކަމަކު ތިޔަ އިސްތަށިގަނޑަކީ ހަމައެކަނި ރަމްލާގެ ޙައްޤެއްނޫނެވެ. އަހަރެންގެ ބާރުވެސް ހިނގާނެއެވެ.]

މުޢާޒު މިހެން ބުނެފައި ލޯމަރާލިއެވެ. ހީވަނީ އެއިސްތަށިގަނޑުގެ މީރުވަހުގެ ތެރެއަށް ގެނބިގަންނަން އޭނާ ބޭނުންވަނީ ހެންނެވެ.

ހަމަ މިލަފްޒުތަކެވެ.... ހަމަ މިޢިބާރާތެވެ. ރަމްލާ އަބަދުވެސް އަޑުއެހުމަށް އުއްމީދުކޮށްގެން ހުރި ޖުމްލަތަކެވެ. މިއަދާ ހަމައަށް އޭނާގެ އިސްތަށިގަނޑު ފާޑުފާޑުގެ މީރުވަސްދުވާ ތަކެތި ބޭނުންކޮށްގެން ބަލަހައްޓަމުން އައީ އެފަށުއި އިސްތަށިގަނޑުގެ ދަލުގައި އޭނާގެ ހުވަފެންތަކުގެ ޝެހެޒާދާ ޖެއްސުމަށް ޓަކައެވެ. އެހެން ނަމަވެސް މިއަދު އެދަލުގައި ޚުދު އަމިއްލައަށް އެޖެހުނީ މުޢާޒެވެ. ކޮންފަދަ މޮޔަކަމެއް ހެއްޔެވެ.... ކިހާ ހުތުރު ހެއްޔެވެ.

[އަހަރެން އެހާބާރަށް ރަމާލްގެ ގައިގައި އަތެއް ނުލާނަމެވެ.... ރަމްލާ ކިހާ ލޫޅާފަތި ހެއްޔެވެ.... ކިހާ ލޯބި ހެއްޔެވެ.... މިކަހަލަ ރީތި އަންހެން ކުދިން އަމިއްލަ ރަށުގައި އުޅޭއިރުވެސް އެނގުމެއް ނުވެއެވެ. މުޢާޒު ރަމްލާގެ އަތުގައި ހިފަހައްޓައިފިއެވެ. [މިހާ ރީތި އިނގިލިތަކެއް... މިހާރީތި ސޫރައެއް.... އެންމެންވެސް ބުނަނީ ވަރަށް ލަދުވެތި ކުއްޖަކު ކަމުގައެވެ. އެހެން ނަމަވެސް މިޒަމާނުގައި އެފަދަ ކުއްޖަކު ހުރެދާނެއެކޭ ފަހަރެއްގައިވެސް އަހަރެންގެ ހިތަކަށް ނާރައެވެ.]

އޭނާ ރަމްލާގެ އިސްޖެހިފައިވާ މޫނު ހިއްލާލުމަށް ހީކުރުމުން ރަމްލާ ދަތްދޮޅި މޭގައި ޖައްސާ ބާރުކޮށްލިއެވެ. މުޢާޒު ބާރަށް ހީނގެންފިއެވެ.

ރަމްލާގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ. މުޢާޒު ކޮށްޕާ ވައްޓާލާފައި މިތަނުން ދުރަށް ހިނގައިދާނަމޭ އޭނާގެ ހިތަށް އެރިއެވެ. އޭނާގެ އުނގަނޑުގެ ވަށައިގެން ހިފައްޓާފައިވާ މުޢާޒުގެ ކަޅުއަތް، ދަގަނޑު ހިލިހިލާގަނޑެއް ފަދައިން ރޫރޫ އަޅައެވެ. އޭނާ މޮޔައެއް ފަދައިން ރަމާލްގެ މޫނަށް ބަލަނީއެވެ.

ރަމްލާގެ ހިތަށް އެރިއެވެ. މިއީ އަހަރެންގެ ހުވަފެންތަކުގެ ހީރޯ ކަމުގައިވީނަމަ ކޮންފަދަ ހެއްޔެވެ.... އެގޮތަށް ދިމާވިނަމަ މިއަދު އަހަރެން އޭނާގެ އަތުގެ ތެރެއަށް އުށްގަނޑެއް ވިރިގެންދާ ފަދައިން ވިރިގެން ދާނަމެވެ.... ވެލިގަނޑެއް ފަދައިން އޭނާގެ އަތްމައްޗަށް ވިހުރުވިގެން ދާނަމެވެ.

ދެން އޭނާ ހިތާހިތުން.... މަރުވުމުގެ އުއްމީދު ކުރިއެވެ.

އެއްދުވަސް ފާއިތު ވެއްޖެއެވެ.

މުޢާޒުގެ މަންމަ ވަރަށް ރަނގަޅެވެ. ރަމްލާ، ހިތަށް ލިބެމުންދާ ކެކުޅުންތައް އޮއްބަމުން އޭނާގެ ކައިރިއަށްގޮސް ކުދިކުދި ކަންތައްތައް ކޮށްދޭން ފަށައިފިއެވެ. މުޢާޒުގެ މަންމަ، މުޢާޒު ކުޑައިރު ކޮށްފައިވާ ކަންތައްތަކުގެ ވާހަކަ ރަމްލާއަށް ކިޔައިދެއެވެ. އެމުޢާޒަކީ ރަމްލާ އިންތިހާދަރަޖައަށް ފޫހިވާ މުޢާޒެވެ. އޭނާ ރަމްލާގެ ގާތަށް އަންނަހިނދު މޭނުބައި ކުރެއެވެ. މުޢާޒުއާ ދިމާއަށް ފުރިހަމަ ނަޒަރަކުން ބަލާލާހާ ހިތްވަރެއް އޭނާގެ ނުވެއެވެ. މުޢާޒުގެ ކޮންމެ ސުވާލަކަށް ރަމްލާ ޖަވާބުދެނީ ލޯމަރައިގެން ހުރެ ކޮންމެވެސް ބިރުވެރި ހަޅޭކެއްގެ އަޑު އޮއްބާލަން މަސައްކަތްކުރާ ކަހަލަ ގޮތަކަށެވެ. އެއްދުވަހުގެ ތެރޭގައި އޭނާގެ މޫނުމަތިން އެއްމަސް ދުވަހުގެ ހާސްކަން ފާޅުވެއްޖެއެވެ. މޫނުމަތީގެ ފެން ދެމިއްޖެއެވެ. ލޮލުގެ ވަށައިގެން ކަޅުރޮނގެއް އުފެދިއްޖެއެވެ. އެއްވެސް އެއްޗެއް ކާހިތެއް ބޯހިތެއް ނުވެއެވެ. ދުވާލު ހަތަރުދަމު އޭނާ ވޭތުކޮށްލަނީ މައިދައިތަގެ ކައިރީގައެވެ. ހަވީރުގެ ވަގުތުގައި ވަރަށްގިނަ ރައްޓެހިން އައިސް އުޅެއެވެ. އެހެން ނަމަވެސް ރޭގަނޑުގެ ދަންތައް ހޭދަކޮށްލަން ޖެހެނީ މުޢާޒުގެ ކައިރީގައެވެ. އެކަނިވެރި ގޮތެއްގައެވެ. ހާސްކަމުގެ މާޙައުލެއްގައެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

**********************

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން