ޞާދިރު ޢަލީދީދީ   26 ޑިސެމްބަރު 2020 - 14:9
ވޭނީކަރުނަ
ވޭނީކަރުނަ
10 ވަނަ ބައި

..................

[މުޢާޒުގެ އުނދޯއްޔޭ ތޯއެވެ؟] ރަމްލާ ޙައިރާންވެފައި ފަށް ކޮށްލިއެވެ. [އަދިވެސް އެ އުނދޯލި އެހުންނަނީ ރައްކާ ކޮށްފައިތޯއެވެ.]

[އެ އުނދޯއްޔަށް ކިހާދުވަހެއް ވެއްޖެ ހެއްޔެވެ.] ރަމްލާ ޙައިރާންކަން ދައްކުވާ މޫނަށް ބަލާލާފައި މައިދައިތަ ބުންޏެވެ. [މުޢާޒުގެ ޢުމުރުން މިހާރު ތިރީސް އަހަރު ވެއްޖެއެވެ. ތިރީސް އަހަރު ފާއިތުވެގެން ދިޔައީ ހުވަފެނެއް ފަދައިންނެވެ. އެ އުނދޯލީގައި އޭނާ ނިދީ ހަމައެންމެ އަހަރަކުއެވެ. ހިނގެން ފެށުމުން އޭގެ ކައިރިއަކަށްވެސް ނުދެއެވެ.]

ރަމްލާ ތެދުވެގެން އުނދޯލި ކައިރިއަށް ހިނގައްޖެއެވެ. ރިހިކުލައިގެ ގިގުނިތައްހުރީ ކަޅުކުލައަށް ބަދަލުވެފައެވެ. ފަށުއި ފަށްތައްވެސް ހުރީ އަސްލުކުލަ ގެއްލިފައެވެ.

ޙަޤީޤަތުގައިވެސް އުނދޯލި ވަރަށް ރީއްޗެވެ. ރަމްލާ އުނދޯލި ހެއްލަން ފަށައިފިއެވެ. އުނދޯލީގައި ކުޑަކުއްޖަކު އިންތައް އޭނާގެ ޚިޔާލަށް ފެންނަން ފަށައިފިއެވެ. އަދި ހަމައެވަގުތު އޭނާގެ ހިތަށް އެރިއެވެ.... މުޢާޒުވެސް ކުޑައިރު އެހެން ކުދިންނެކޭ އެއްފަދައިން ރީތިވެފައި ޞިއްޙަތު ރަނގަޅުވާނެކަން ޔަޤީނެވެ. އެންމެން އޭނާ މޮޑޭނެއެވެ. ލޯބިކުރާނެއެވެ. މައިދައިތައާ ސުވާލު ކޮށްލަން އޭނާގެ ހިތަށް އެރިއެވެ.

[މަންމާއެވެ. މުޢާޒަށް ކަށިވިދުރި ޖެހުނީ ކޮންއިރަކު ތޯއެވެ. އޭނާގެ ގައިގެކުލަ ކަޅުވީ ކިހިނެއްތޯއެވެ. އެހެން އެވީ މި މިއުނދޯލީގައި އޮވެ އޮވެ ތޯއެވެ... ނޫނީ...]

އެވަގުތު މައިދައިތަ އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ. އަދި ރަމްލާ ބުނަން އުޅުނު ވިޔާނުދާ ވާހަކަ ބުނުމަށް ހުރަސް އަޅައިފިއެވެ. މައިދައިތަގެ ލޮލުގައި އަޖައިބެއްފަދަ ވިދުވަރެއް އުފެދިއްޖެއެވެ. އަދި އުފާވެފައި ހިނިތުންވާން ފަށައިފިއެވެ. އޭނާ ބާ ފޮތިގަނޑެއް ހިފައިގެން އައިސް އުނދޯލި ފޮޅަން ފަށައިފިއެވެ. އަދި ބުނަން ފެށިއެވެ.

[މިއުދޯލި އަހަރެން ގެންގުޅެމުން މިގެންދަނީ ވަރަށް ފަރުވާތެރި ކަމާއެކުގައެވެ. މުޢާޒުގެ ދަރިންނަށް ދިނުމުގެ އެދުމުގައެވެ. އެދުވަސްދެއްކެވި ކަމަށްޓަކާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުކުރަމެވެ. ދެން މިއުނދޯލި ހެއްލާނީ އަހަރެންގެ މާމަ ދަރިންނެވެ. އަހަރެން މިއަދު ގުދަނުން އުނދޯލި ނެރުނީއެވެ. ވަޑާމުގެ މަސައްކަތްކުރާ މީހަކު ބަލާ ނޯކަރަކުވެސް ފޮނުވައިފީމެވެ. އޭނާ އުނދޯލި ކުޑަކޮށް މަރާމާތުކޮށް ދަވާދު ލައިދޭނެއެވެ. ފަށުއި ފަށްތައް އާކޮށް ގިގުނިތައް ޕޮލިސް ކޮށްދޭނެއެވެ. އަދި އަހަރެން މާމަދަރިފުޅަށް އެނދެއްވެސް ޖައްސާނަމެވެ. އެދަރިފުޅު ދުނިޔެއަށް އަންނަން ދެން މިއުނދޯލި ބަހައްޓާނީ އަހަރެންގެ ކޮޓަރީގައެވެ....]

[ދަރިފުޅާއެވެ...] އަޑު މުޅިން ބަދަލުކޮށްލާފައި އޭނާ ބުންޏެވެ. [އަހަރެންގެ މާމަދަރިފުޅު ނިންދަވާނީ އަހަރެންގެ ކައިރީގައެވެ... އެދަރިފުޅު ރޭގަނޑު ހޭލައިގެން ރޯއިރު ރަމްލާއަށް ތެދުވެވޭނެކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ.]

މިވާހަކައަށް ރަމްލާގެ ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ. އޭނާއަށް މައިދައިތައާމެދު މޮޔައެކޭ ހީވާން ފަށައިފިއެވެ. އެކަމަކު ހެމުން ބުނަން ފެށިއެވެ.

[މަންމާއެވެ... ކަންދިމާވާ ގޮތުން އަންހެން ކުއްޖަކަށް ވެއްޖެއްޔާ ވާނީ ކިހިނެއްތޯއެވެ....؟]

[ވަކިން އެހެންގޮތެއްވާނެ ހެއްޔެވެ. އަހަރެންގެ ކުރިމަތީގައި ހަތް ފިރިހެން ކުދިންނާ އެންމެ އަންހެން ކުއްޖަކާ ނުބައްދަލެވެ. އަހަންނަށްވެސް އެންމެ ފުރަތަމަ ލިބުނީ އަންހެން ކުއްޖެކެވެ. އެކަމަކު.... [މައިދައިތަ ރަމްލާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.] ރަމްލާގެ މޫނުމަތިން ހެކިދޭ ގޮތުގައި މިފަހަރު ލިބޭނީ ފިރިހެން ކުއްޖެކެވެ. އިރާދަފުޅާއި މިންވަރުފުޅުން ދިމާވާނީ މިގޮތަށެވެ.... ހަނދެއްފަދަ ކުއްޖެކެވެ..... އަހަރެންގެ މުޢާޒު ކަހަލަ ރީތި ކުއްޖެކެވެ....]

ރަމްލާގެ ހިތަށް ތަދުވެއްޖެއެވެ.

ކޮންމެ މީހަކަށްވެސް ތިމާގެ ދަރި ދޮންފުތު ވާނެއެވެ. އޭނާގެ ދަރިފުޅުވާނީ ކޮންކަހަލަ ކުއްޖަކަށް ބާވައެވެ. މިކަމާމެދު އޭނާގެ ހިތް ވަކިގޮތަކަށް ނުނިންމައެވެ. އޭނާގެ ހިތް މަރުވީ ނޫން ކަމެއްވެސް ނޭނގެއެވެ.

އެދުވަހު ހަމަ ހެނދުނާ މަންމަގެ ފޯނެއް އަތުވެއްޖެއެވެ. އޭނާ ބުންޏެވެ. [ކިސްރާ ދައްތަގެ ފިރިމީހާ ރާވަލްޕަންޑީއަށް ބަދަލުވަނީއެވެ. މާދަމާނޫން އަނެއް ދުވަހު އެމީހުން ފުރަނީއެވެ. އެހެންކަމުން ހުރިހާ ތިމާގެ މީހުނަށް މަންމަ ކެއުމެއް ދެނީއެވެ. ރަމްލާވެސް މަންމައާއި މުޢާޒު ގޮވައިގެން އަންނާށެވެ.]

ހަމައެވަގުތު ރަމްލާ މައިދައިތަ ގާތުގައި އެވާހަކަ ބުނެފިއެވެ. އެވަގުތު މުޢާޒުވީ އޮފީހުގައެވެ. މައިދައިތަ އުފާވެފައި ބުންޏެވެ.

[ކޮންމެހެންވެސް ދާންވާނެއެވެ.]

ދެން ކުޑައިރުކޮޅެއްގެ ފަހުން ކޮންމެވެސް ކަމެއް ހަނދާންވީ ކަހަލަ ގޮތަކަށް ބުންޏެވެ. [ދަރިފުޅާއެވެ. މަންމަ އަބަދުވެސް ރޭގަނޑުގެ ކެއުން ކަނީ ހަވީރުގެ ވަގުތުގައިކަން އެނގޭނެއެވެ. އެހާލަހުން ކައިފިއްޔާ އިޝާނަމާދު ކުރުމަށް ދަތިވެދެއެވެ. މިގޮތަށް ދަޢުވަތުދީގެން ގޮސް ކާކެއުން ކައިއުޅެނީ ވަރަށް ލަސްކޮށްފައެވެ.

[ލައްބައެވެ. އަޅުގަނޑަށް އެނގެއެވެ.] ރަމްލާ ހިނިތުން ވެލާފައި ބުންޏެވެ.

[އެހެންވީމާ އެގެއިން ކެއުމަށް މަންމައަށް މަޖުބޫރު ނުކުރާށެވެ. އަހަރެން ދާހިތްނުވަނީކީ ނޫނެވެ. އެގެއަށް ހިނގައްޖެއްޔާ ރަމްލާގެ މަންމައާއި އަދި ގޭގެ އެހެން ހުރިހާ މީހުނާވެސް ބައްދަލު ވެވިދާނެއެވެ. އަދި ކިސްރާއަކީ އަހަންނަށް ވަރަށް ރަނގަޅުވެސް ކުއްޖެކެވެ.]

[ލައްބައެވެ. އެގޭގެ އެންމެނަށްވުރެވެސް ކިސްރާ ދައްތަ ރަނގަޅު ވާނެއެވެ.]

ކިސްރާ ދައްތަ ރަމްލާއަށްވުރެ ތިންއަހަރު ދޮށްޓެވެ. އޭނާ މީހަކާއިނީ ރަމްލާއަށްވުރެ ދެއަހަރު ކުރިންނެވެ. ފުރަތަމަ އަހަރުގައި އޭނާއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ. އޭނާގެ ފިރިމީހާއަކީ ކުޅިމަޖާ، ހިތްހެޔޮ މީހެކެވެ. މިއަދު މިރަށުގައި ހުރިއްޔާ މާދަމާ ހުންނާނީ އެހެން ރަށެއްގައެވެ. މިގޮތަށް ބުރުޖެހުމަކީ އޭނާއަށް ވަރަށް މަޖާ ކަމެކެވެ. ވަޒީފާ އަދާކުރަނީ ބޭންކްގައެވެ. ނަމަކީ ޝާންދާރު ޖަމާލެވެ. ބަލާ ބެލުމަށް މީހާއަކީ ރީތިވެސް މީހެކެވެ. އެއާ ޚިލާފަށް ކިސްރާ ދައްތައަކީ ހަތަރު އަންހެން ކުދިންގެ ތެރެއިން އެންމެ ހުތުރު ކުއްޖާއެވެ. މިހެން ދެންނެވިއަސް އޭނާއަކީ ހުތުރު މީހުންގެ ލިސްޓުގައި ހިމެނޭ ކުއްެޖެއް ނޫނެވެ. ދޮށްޓަށް ތިބި ދެއަންހެން ކުދިން ޠޫބާ ދައްތައާއި ޙަޟްރަތު ދައްތަ ވަރަށް ރީއްޗެވެ. އެމީހުންގެ އުފާވެރި މިޒާޖާއި ރަނގަޅު އަޚްލާޤުގެ ސަބަބުން ދައްތަމެން ތިބެނީ ވަރަށް އުފަލުގައެވެ. އެ ދެޅިޔަނުންނަކީ ފައިސާގެ ގޮތުންވެސް ތަނަވެސް ބައެކެވެ.

ރަމްލާދެކެ އެންމެންވެސް ލޯބިވެއެވެ. ޚާއްޞަކޮށް ކިސްރާ ދައްތައެވެ. މީހަކާ އިނުމުގެ ކުރިންވެސް އެ ދެކުދިންނަކީ އެއް ހަށިގަނޑެއްގައިވާ ދެހިތެވެ. މިޒާޖުވެސް ވަރަށް އެއްގޮތެވެ.

ރަމްލާ ކިސްރާ ދައްތަގެ ގެއަދާން ހިތަށް އަރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ހިތުގެ ބުރަ ލުއިކޮށްލުމަށް ޓަކައެވެ. އެކަމަކު އެމީހުން ފުރަން އުޅޭ ވާހަކަ އިވުމުން ރަމްލާ މޮޅިވެއްޖެއެވެ. ދޮށްޓަށް ތިބި ދެ ދައްތަވެސް މިތިބީ މިރަށުގައެވެ. އެހެންކަމުން ޚުދް ކިސްރާ ދައްތަވެސް ހިތްހަމަ ނުޖެހޭނެކަން އެނގެއެވެ.

ރަމްލާ އެތެރެއަށް އައިސް ހެދުން އަލަމާރި ހުޅުވައިގެން ބަލަހައްޓައިގެން އެބަހުއްޓެވެ. ރެއާ އެކަށީގެންވަނީ ކޮންކަހަލަ ހެދުމެއްތޯ ބަލާ ވިސްނަނީއެވެ. ހަމައެއާއެކު ވިސްނަމުން ދިޔައެވެ. އޭނާއާއެކު މުޢާޒު ނުދާނެނަމަ ކޮންފަދަ ހެއްޔެވެ. އެތާގައި ޢާއިލާގެ އެންމެން ޖަމާވެފައި ތިބޭނެއެވެ. އެ އެންމެންގެ ތެރޭގައި މުޢާޒާއެކު ހުންނަން އޭނާ ވަރަށް ލަދުގަނެއެވެ. އެކަހަލަ ވަގުތުގައި އޭނާ ހުންނަނީ ލަދުން ވިރިވިރިއެވެ.

އޭގެ ތެރެއިން ބައެއް މީހުން މަލާމާތުގެ ގޮތަކަށް އޭނާއަށް ބަލައެވެ. ވާހަކަ ދައްކާ ވަގުތު ނޭފަތް ކުނިކުރެއެވެ. ރަމްލާ ހިތާހިތުން ރޮއިރޮއި ހުރެއެވެ.

ހަވީރު މުޢާޒު އައުމުން ރަމްލާ މަޑުމަޑުން ހުރެ މަންމަގެ މެސެޖް އިއްވިއެވެ. މުޢާޒު އުފާވެފައި ބުންޏެވެ.

[ކޮންމެހެންވެސް ދާންވާނެއެވެ. ކިސްރާ ދައްތައާ ބައްދަލުކުރަން ދާންވާނެއެވެ. ދާންއޮތީ ކިތަކެއް ޖަހާއިރު ހެއްޔެވެ. އަހަރެން ސައިބޮއިގެން ފެންވަރާ ލާނަމެވެ. ސައިބޮއި ނިމެންވާއިރަށް ރަމްލާގޮސް ތައްޔާރު ވެލާށެވެ. މަންމަވެސް ދަނީ ހެއްޔެވެ.]

[ލައްބައެވެ. ކޮންމެހެންވެސް މަންމަ ދުރުވާނެ ވާހަކަ ބުނުއްވިއެވެ.]

[އެހާއިރު ވަންދެން މަންމައަށް އެތާނގައި އިނދެވިދާނެ ހެއްޔެވެ.]

[ނީނދެވެންވީ ކީއްވެގެންތޯއެވެ. މަންމަ އެދުރުވަނީ ހަމަ ދުރުވާ ހިތުންނެވެ.]

[އެންމެ ރަނގަޅެވެ. އަހަންނަށް ސައި ހަދައިދީފައި ގޮސް ތައްޔާރުވާށެވެ.]

މުޢާޒު ބޭރަށްނުކުމެ ފެންޑާގައި އިށީނދެއްޖެއެވެ. އޭނާ ބޭރަށް ނުކުތްއިރު މަންމަ ސައިތައްޔާރު ކޮށްފައި ހުއްޓެވެ. މުޢާޒު އިރުކޮޅެއް ވަންދެން މަންމައާ ވާހަކަ ދައްކަން އިނެވެ. ދެން ސައިބޮއިގެން އެތެރެއަށް ވަދެއްޖެއެވެ. ކޮޓަރިއަށް ވަންއިރު ރަމްލާ ތައްޔާރު ވެއްޖެއެވެ. މުޢާޒު ރަމްލާއާ ދިމާއަށް ބަލައިލާފައި ވިސްނާލިއެވެ. އަމިއްލަ މަންމަގެ ގެއަށް ދާންވެއްޖެއްޔާ މިއަންހެންވެރިން ކިހާ އަވަހަކަށް ތައްޔާރުވޭ ހެއްޔެވެ.

މިއަދު އޭނާ ލައިގެންހުރީ ފިނިފެންމަލު ކުލައިން ކުރެހުން އަޅާފައިވާ ސާޅީއެކެވެ. ބަނޑުގެ ވަށައިގެން ސާޅި އޮޅާލާފައި ހުރިއިރު ހީވަނީ އެއްގޮތަކަށްވެސް ބަނޑެއްނެތް މީހެއް ހެންނެވެ. އެކަމަކުވެސް އެއީ ބަނޑުބޮޑު އަންހެނެއްކަމުގެ ހެކި ދައްކައެވެ. މިހާރު އޭނާއަކަށް ގަމީހެއްވެސް ނުލެވެއެވެ. މޫނުމަތީގައި ވަނީ އާދަޔާ ޚިލާފު ކުލައެކެވެ. އާދެ، އެއީ އަންހެނުން ބަލިވެއިންނަ ދުވަސްވަރު ޤުދްރަތީގޮތުން މޫނު މައްޗަށް އަރާ ކުލައެކެވެ. ލޮލުގައި ވިދުވަރެއް އުފެދިފައިވެއެވެ.

އާދެ، އޭނާގެ ސިފަ ދެންނެވުމަކީ އުނދަގޫ ކަމެކެވެ. ފެންނަ ފެނުމުގައި އޭނާގައިވަނީ އަޖައިބެއްފަދަ ރީތި ކަމެކެވެ. ޙައިރާން ކުރުވަނިވި އަދާއެކެވެ.

މުޢާޒު ރަމްލާގެ ކައިރިއަށް އައިސް ހުއްޓިއްޖެއެވެ. އޭނާ ޙައިރާން ކަމާއެކު ރަމްލާގެ މޫނަށް ބަލާލަމުން ބުންޏެވެ.

[މޭކަޕެއް ނުކުރާނަން ހެއްޔެވެ.]

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

**********************

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން