15 މާރިޗު 2020 - 14:35
(ކުރީގެ އަދަދާއި ގުޅޭ)

ތިބުނީ....! ތިހެންވީއިރު.....އަހަރެންގެ ބައްޕަ ކޮބައިތަ....؟] ގީތާ މަންމަގެ އަތުގައި ހިފަހައްޓާލިއެވެ. ޝަޒާދާ ކެތްތެރިކަމާއެކު، މާޒީގެ ޞަފްޙާތަކުން ހިރަފުސް ފޮޅަމުން ކިޔައިދޭން ފަށައިފިއެވެ.

އެއީ މީގެ ބާވީސް އަހަރު ކުރިއެވެ. ޝަޒާދާއާއި ޒާހިރު ކައިވެންޏަށްފަހު، އޭރު ދިރިއުޅެމުން އައީ ޒާހިރުގެ އުފަން ރަށް ކަމުގައިވާ ރ. ކަނދޮޅުދޫގައެވެ. އެދެމަފިރިންގެ ކައިވެނި ކުރެވުނީ، ނިކަން އުފަލާއެކު ލޯބިންނެވެ. އެހެންކަމުން، ކައިވެންޏަށް އަހަރު ފުރުމާއެކު، އެ ދެމަފިރިންވެސް ބަދަހި ދިރިއުޅުމަކަށް އެދޭތީ، ދަރިއަކު ހޯދުމަށް ޢަޒުމް ކަނޑައެޅިއެވެ. ނަމަވެސް، އޭގެފަހުން ހަތަރު އަހަރުވީއިރުވެސް އެމީހުން ކުރި އުއްމީދާއި ކުރި މަސައްކަތަށް ކާމިޔާބީއެއްގެ އެއްވެސް އަލިމަގެއް ނުފެނުނެވެ. އެކަކު އަނެކަކުދެކެ ކިތަންމެ ލޯބިވި ނަމަވެސް، މިހެން ކަންތައް ދިމާވުމުން، ދިރިއުޅުމާ ދޭތެރޭ ދެފަރާތްވެސް މާޔޫސްވިއެވެ.

[އަހަންނަކީ ހާދަ ނަޞީބެއްނެތް އިންސާނެކޭ....] މާޔޫސްވެ، އޭނާގެ ކަރު އެލުނު ކަހަލައެވެ.

[ޝަޒާއަށް ހީވަނީތަ، ދަރިއަކު ނުލިބުނޭ ކިޔާފައި، އަހަރެން ޝަޒާއާ ވަކިވާނެހެން. ކުއްޖަކު ލިބުނަސް، ނުލިބުނަސް، އަހަރެންގެ މުޅި ދިރިއުޅުން ހޭދަކުރާނީ ޝަޒާއާއެކު.] ޒާހިރު ޝަޒާދާއަށް ހިތްވަރު ދިނެވެ.

[އަހަރެންގެ ހިތްހަމަޖައްސަން ޒާހިރު މިއަދު ތިހެން ކިތަންމެ ބުންޏަސް، އަދި ފަހުން ޒާހިރު އަހަރެން މަތިން ފޫހިވާނެ.] ޝަޒާދާ މުޅިން މާޔޫސްވެއްޖެއެވެ.

[ނޫން...ތިހެން ނުބުނޭ، ޝަޒާ، އަހަރެން ޝަޒާދެކެ އެއަށްވުރެން މާބޮޑަށް ލޯބިވޭ...] ޒާހިރު ޝަޒާދާ ގެނެސް، އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. ޝަޒާދާއާއި ޒާހިރަށް، އެމީހުންގެ ޒަވާޖާމެދު އުންމީދު އާވީ، އެދުވަހު އެގެޔަށް އައި އެ ޢާއިލާގެ ރަޙްމަތްތެރިޔާ ބަޝީރު ދިން އުފާވެރި ޚަބަރުންނެވެ. އޭނާ އައިސް ބުނީ، އެރަށުގައި އުޅޭ ނުކުޅެދޭ އަންހެނަކު ވިހޭ ވާހަކައާއި، އޭނާ ވިހޭ ދަރިފުޅު، ދަރިއެއްގެ ގޮތުގައި ބަލައި ބޮޑުކުރުމަށް ބޭނުންވާ އާއިލާއަކަށް އެމީހާ ދޭންހުރި ކަމަށެވެ. މިހާ ހިސާބުން ޝަޒާދާ، މާޒީގެ ފުން ކަނޑުން ބޯހިއްލައި، ގީތާގެ މޫނަށް ބަލައިލިއެވެ. އޭރު ގީތާއަށް ބާރުބާރަށް ރޮވެނީއެވެ.

[ތިހެންވީއިރު ކޮބައިތަ އަހަރެންގެ މަންމަ މިހާރު....އަހަރެން ބޭނުން...އެމަންމައާ ބައްދަލުކުރަން...] ގީތާގެ ގިލަންވެރިކަން އިންތިހާއަށް ދިޔައީއެވެ. އޭނާއަށް ބޮޑަށް އަސަރުކުރީ އޭނާގެ ބައްޕަ ހޯދުމުގައި އޭނާއަށް ކާމިޔާބު ނުލިބޭނެކަން ޔަޤީންވާތީއެވެ. ޝަޒާދާ ކިޔައިދިން ގޮތުން، އޭނާގެ މަންމަ އަދިވެސް ނިކަމެތި ކަމާއެކު، ނުކުޅެދޭ ޙާލުގައި ދުނިޔޭގައި އެބަ އުޅެއެވެ. ގީތާގެ ފަހުން އޭނާ ފިރިހެން ކުއްޖަކު ވިހޭ ކަމަށްވެސް ވެއެވެ. އެ ދަރިފުޅު ބަލަހައްޓަނީ، އެރަށުގެ ފޯރާ ކޮންމެވެސް ދެމަފިރިއެކެވެ.

ޖެހިގެން އައި ދުވަހު، ސިފައިންގެ ބެލުމުގެ ދަށަށް ޒާހިރު ގެންދެވުނެވެ. ސީދާ ޒާހިރުގެ ކުރިމަތީގައި، ސިފައިންނާއި ޝަޒާދާގެވެސް ކުރިމަތީގައި، ގީތާ، ޒާހިރުގެ އެ ފާޙިޝް އަނިޔާވެރި ޢަމަލުތަކުގެ ތަފްޞީލާއި، އެންމެފަހުން އޭނާ މަރާލަން އުޅުނު ވާހަކަވެސް ކިޔައިދިނެވެ. ފުރަތަމަ ދެތިންފަހަރު އެއްބަސްވާން ޢުޒުރުވެރިވި ނަމަވެސް، ހީކުރި ވަރަށްވުރެން އަވަހަށް އޭނާ އެހުރިހާ ކަމަކަށް އެއްބަސްވިއެވެ.

އެ އަހަރަކީ ގީތާގެ މަދްރަސީ ދައުރުގެވެސް ފަހު އަހަރު ކަމަށްވުމުން، އޭނާގެ މަންމަވެސް އެދުނީ، މަދްރަސާ ނިމުމުން، ގީތާ އެދޭގޮތަށް ލޯބިވެރިޔާއާ ކައިވެނި ކުރުމަށެވެ. ނަމަވެސް، ގީތާގެ އުންމީދަކީ، ހަމައެކަނި އެއީއެއް ނޫނެވެ. އޭނާގެ އުފަން މަންމަ ދެކި، އެ މަންމައާ ބައްދަލުކުރަން އޭނާ އިންތިހާއަށް ބޭނުންވެއެވެ.

[އިޔާ....މިއީ އަދި އަހަންނަށް ހުރިހާ ހިތްހަމަޖެހުން ލިބުނީ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. އަހަރެން ބޭނުން، އަހަރެންގެ އުފަން މަންމައާ ބައްދަލުކުރަން....އެ މަންމައަށް އެހީވާން އަހަރެން ބޭނުން...] ގީތާ އެ މަންމައާ ބައްދަލުކުރަން ބޭނުން ވާހަކަ އިޔާދު ގާތު ފުރަތަމަވެސް ބުނީ، އާ ކައިވެނީގެރޭ އެ އުފާވެރިކަމުގެ ތެރޭގައެވެ.

[މަންމައާ ތިންމީހުން ދާނީދޯ؟] އިޔާދު ގީތާގެ ހިތްހަމަޖައްސައިދިނެވެ. ގީތާ ބަލައިލީ، ދާދި ގާތުގައި ހުރި މަންމަގެ މޫނަށެވެ.

[މަންމަ ދާނަންދޯ؟] ގީތާ ގޮސް މަންމަގެ ގައިގައި ބައްދާލިއެވެ. އެހިނދު ޝަޒާދާގެ ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ.

[މަންމާ، މަންމަ ދެރަނުވޭ...މަންމައަށް ހީވަނީތަ، އަހަރެން މަންމައާ ވަކިވެދާނެޔޭ.....އަހަރެން ދުވަހަކުވެސް މަންމައާ ވަތްކެއް ނުވާނަން...] ގީތާގެ ދެލޮލުންވެސް ކަރުނަ ފާއްދާލިއެވެ. ތެދެކެވެ. އޭނާ ޤަބޫލުކުރާ ގޮތުން، އޭނާގެ ޙަޤީޤީ މަޔަކީ އެއީއެވެ. އެ މަންމައާ ދުރުގައި ދިރިއުޅެން ވަކި އޭނާއަށްވެސް ފަސޭހައެއް ނުވާނެއެވެ.

ދެން ފާއިތުވަމުންދިޔައީ، ގީތާއާއި އިޔާދުގެ ޙަޔާތަށް ނުހަނު އުފާވެރި ދުވަސްތަކެކެވެ. ހީވާކަހަލައެވެ. އެ އުފާވެރި ދިރިއުޅުމަށް ހުރަސްއަޅާނެ ފަރާތެއް ދެނެއް ނާންނާނެއެވެ. ނަމަވެސް، ކަމެއް މެދުވެރިވާނެ ވަގުތެއް ނޭނގޭނެއެވެ. ކޮންމެފަދަ ވަގުތެއްގައި، ކޮންމެފަދަ ކަމެއްވެސް ދިމާވުމީ ދުނިޔޭގެ ޠަބީޢަތެވެ.

ދިރިއުޅުމުގެ މައިދާނުގައި ކުރިޔަށްދާއިރު، ވިސްނައިގެން ކުރިޔަށް ދިޔުމަކީ ބުއްދިވެރި ކަމެކެވެ. ނަމަވެސް، އެއްވެސް ބަޔަކަށް ދިރިއުޅުމުގައި ދިމާވެދާނެ ހުރިހާ ކަމަކަށް ވިސްނައި ރައްކާވެ ނުތިބެވެއެވެ.

އާދައިގައި ދުވަސްތައް ފާއިތުވަމުން، މާޒީގެ ޞަފްޙާތައް ފުރަމުންދެއެވެ. މިހާރު އިޔާދާއި ގީތާގެ ކައިވެންޏަށްވެސް ތިންމަސް ފުރިއްޖެއެވެ. ވެއަތުވެދިޔަ ތިންމަސް ދުވަހު، އެދެމަފިރިން އުޅެމުން އައީ ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު، ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ޙިއްޞާ ކުރަމުންނެވެ. އެދެމަފިރިން އެކަކު އަނެކަކަށް ދިމާވާ ކަންތައްތަކުގައި އަނެކާގެ ލަފާ ހޯދައެވެ. ޚާއްޞަކޮށް، ގީތާ އޭނާކުރާ ކޮންމެ ކަމެއްގައިވެސް އިޔާދާ މަޝްވަރާ ކުރެއެވެ. އެއީ އޭނާގެ މަންމަ ޝަޒާދާގެ ތަރުބިއްޔަތެވެ.

[ގީތު...އަހަރެން މިއުޅެނީ ހުކުރު ދުވަހު ފިރާޒްމެނާއެކު ވިލިނގިއްޔަށް ދަތުރުދާން...އެމީހުން ދަނީ ދަރު ހޯދަން....އަހަރެމެނަށްވެސް ދެތިން ބޮނޑި ދަރު އެއްކުރެވިދާނެއެއްނު.] އިޔާދު ބުންޏެވެ.

[އަހަރެންވެސް ވަރަށް ދާހިތްވޭ....އަހަރެންވެސް ގެންދާނަންދޯ؟] ގީތާ ދަތުރުދާހިތުން ކެތްމަދުވިއެވެ. އެއީ އެމީހުންގެ ލޯބީގެ ފެށުން އައި މަންޒިލަށްވީތީ ކަމަށްވެސް ވެދާނެއެވެ.

[ގީތުއާ ނުލާ އަހަރެން ދާނެހެން ހީވޭތަ؟] އިޔާދު ގީތާގެ ނޭފަތުގައި ފިސާރި ލޯތްބާއެކު ހިފާލިއެވެ.

[އަޅެ...އަހަރެން ލީންވެސް ގޮވައިގެންދާހިތްވަނީ...ވަރިހަމަތަ؟] ގީތާ އެހިއެވެ. އެންމެ ރަނގަޅޭ ބުނެފައި ގޮސް، އިޔާދު ކޮޓަރިއަށް ވަނެވެ.

[ދަތުރު ގެންދަން ކޯއްޗެއްތަ ތައްޔާރު ކުރަންވީ؟] އިޔާދުގެ ފަހަތުން ކޮޓަރިއަށް ވަންނަމުން ގީތާ އެއްސެވެ.

[އެކޮޅަށް ގޮސްހެން ހީވަނީ ކައްކާނީ...ގީތާ، މަންމައާ ދެމީހުންވެގެން ނިކަން މީރު ކޭކެއް ފިހެލާ....ރަނގަޅުވާނެ ގިތެޔޮ ބޯކިބާވެސް.] އިޔާދު ބުންޏެވެ.

[މަންމަ ވަރަށް މީރުކޮށް ގިތެޔޮ ބޯކިބާ ފިހާނެ.] ގީތާ ކޮޓަރިން ނުކުތެވެ.

ގީތާ ލީނާއަށް ގުޅާފައި، ފުރަތަމަ ދަތުރު ދިޔުމަށް ދަޢުވަތު ދިނެވެ. ލީނާ އުފަލުން ވަރެއްނެތެވެ. ލީނާއަކީ އަބަދުވެސް އެފަދަ ދަތުރުތަކަށް ފިސާރި ޝައުޤު ހުންނަ ކުއްޖެކެވެ. އެހެންކަމުން، އޭނާވެސް މައިންބަފައިންގެ ހުއްދައާއެކު، ދަތުރަށް ތައްޔާރުވާން ފެށިއެވެ. ގީތާއާއެކު މަދްރަސާ ނިންމި ކުދިންތަކުގެ ތެރެއިންވެސް، ޙަޔާތަށް ބައިވެރިޔަކު ޢައްޔަން ނުކުރާ ކުއްޖަކަށްހުރީ ލީނާއެވެ. ހީވާގޮތުން އޭނާ އަދި އޭނާގެ ޙަޔާތަށް ލޯބިވެރިޔަކުވެސް ނުހޯދަނީއެވެ. އެކަމާ އަބަދުވެސް އޭނާގެ ރަޙްމަތްތެރިޔާ އޭނާއާ ދިމާކުރެއެވެ.

[ކޮންމެހެންވެސް މިދަތުރުގައި ލީންވާނެ، ބައިވެރިޔަކު ހޯދަން...] ވަމުންދިޔަ ދަތުރު ތައްޔާރީގެ ތެރޭގައި ގީތާ ބުންޏެވެ. ލީނާ ހީގަތެވެ. އޭނައަށް ނުވާނޭ ބުނާފަދަ ގޮތަކަށެވެ.

[ކިހިނެއްވީ؟ ޝައުޤެއް ނެތްދޯ؟] ގީތާ އެއްސެވެ.

[ޝައުޤުވެރިކަން އެބަހުރި....އެކަމަކު ފެންނަ ކޮންމެ މީހަކަށް ނޫން...] އަދި މިއުޅެވެނީ އަހަރެން ޝައުޤުވެރިވާ މީހާއާ ދިމާނުވެގެން...ދިމާވީމަކާ އަހަރެން މިހެން ހުހަކަށް އެންމެ ހިނދުކޮޅަކަށްވެސް ނުހުންނާނަން...] ނިކަން ބާރަށް ހީގަންނަމުން ލީނާ ބުންޏެވެ.

[މާތްރަސްކަލާނގެ އިރާދަފުޅުން، މިދަތުރުގައި ތިބުނާ ޝައުޤުވެރިވާފަދަ މީހަކާ ދިމާވާނެ.] ގީތާ ބުންޏެވެ.

[އަހަރެންވެސް އިންތިހާއަށް އެދެން....އެކަމަކު....އަހަންނަކަށް އަދިވެސް ރައްޓެހިވާން އެދޭހާ މީހަކާ ރައްޓެއްސެއް ނުވެވޭނެ. އެ ފުރްޞަތު ދެވޭނީ ހިތްއެދޭ މީހާއަށް.] އެއީ ތެދެކެވެ. މީގެކުރިންވެސް އެތައް ބަޔަކު އޭނާގެ ޙަޔާތުގެ ހުންގާނުގައި ހިފަން މަސައްކަތް ކޮށްފިއެވެ.

[ވަރިހަމަ، ކޮންމެ ގޮތެއް ހަދާފައިވެސް މިދަތުރުގައި، ގަދަކަމުން ނަމަވެސް ކުރުވާނަން.] ލީނާއާ ދިމާކުރާފަދަ ގޮތަކަށް ގީތާ ބުންޏެވެ.

[އަހަރެން މީހަކާ ނީނދެގެން ހާދަވަރެއް އެބަ ހުއްޓޭދޯ.] ލީނާއަށް މިހެން ބުނެވުނު ވަގުތަކީ، ލީނާގެ މަންމަ ނާހިދާ އައިސް އެތަނަށް ހުއްޓުނު ވަގުތު ކަމަށްވުމުން، އެހާ ހިސާބުން ލީނާމެންގެ މަޥްޟޫޢުވެސް ބަދަލުވިއެވެ.

[ދެކުދިން ހާދަ އޮލަ ވާހަކައެއްގައި.] ލީނާމެންގެ ގާތުގައި އިށީންނަމުން ނާހިދާ ވާހަކަ ދެއްކިއެވެ.

[މާދަމާ ދަތުރުދާ ވާހަކަ މި ދައްކަނީ.] ލީނާ ބުންޏެވެ. ނަމަވެސް، އެމީހުން ދެއްކި ވާހަކަަ، ކުރިން އަޑުއިވުނީތީ، ނާހިދާ އިނީ ހިނިއައިސްފައެވެ. ނަމަވެސް، އޭނާ އިތުރަކަށް އެވާހަކައެއް ނުދައްކައެވެ.

ހާގޮވަން ފެށުމާއެކު، ދަތުރުގެ ހުރިހާ ބައިވެރިންތައް އަތިރިއަށް ޖަމާވިއެވެ. ވަޅިއާއި ކަތިވަޅިއާއި ފުރޯއާ އެކުގައެވެ. ކޮންމެ މީހެއްގެ ކޮނޑުގައިހެން ދަބަހެއްވެސް އޮތެވެ. ނަމަވެސް، ގީތާއާއި ލީނާއާ ދެމީހުން އައީ ހުސްއަތާއެވެ.

[ގީތާމެން ވަޅިއެއް ކަތިވަޅިއެއް ކަހަލަ އެއްޗެއްވެސް ނުގެންދަންތަ؟] ހުސްއަތާ ގީތާމެން އައިސް ހުއްޓުމުން، ދަތުރުގެ އެހެން ބައިވެރިއަކު ބުންޏެވެ.

[ނޫނޭ...އިޔާ އެބައާދޭ، ހުރިހާ އެއްޗެއް ހިފައިގެން. އެހެން ނޫނަސް، އަހަރެމެން މިދަނީކީ އެރަށް ކޮށާކަށް ނޫނޭ.....] ގީތާ ސަމާސާ ކޮށްލިއެވެ. އެވެރިން މިގޮތަށް ވާހަކައިގައި ތިއްބާ، ހުރިހާ ފިރިހެން ވެރިންތައް، ތަކެތި ދޯންޏަށް އަރުވައި ނިންމައިފިއެވެ. ހުރިހާ ކަމެއް ނިންމުމަށްފަހު، ދަތުރަށް ފެށުނީ ފަސްގަޑި ބައިވެސް ވާން އުޅެނިކޮށެވެ.

ފިރާޒް ކަޅޖަހާވެސް ނުލާ ކަހަލައެވެ. އޭނާގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ ސީދާ ލީނާއަށެވެ. ފުރަތަމަ ފެނިލުމާއެކުވެސް އޭނާގެ ހިތަށް ލީނާ ކަމުހިނގައްޖެއެވެ. ފިރާޒްގެ ހިތްއެދޭ ހުރިހާ ޝަރުޠުތަކެއް ލީނާގެ ކިބައިގައި ފުރިހަމައެވެ. ހަމައެކަނި ތަފާތަކީ ގައިގެ ކުލަ ދޮން ނުވުމެވެ. ނަމަވެސް، އެއީ މައްސަލައެއް ކަމަށް އޭނާ ނުދެކެއެވެ.

[ފިރާޒް....ކިހިނެއްވެފައިތަ ތިޔަހުރީ...އާގަމަވެ ޝޯޚްވެފައި...] ފިރާޒްގެ ޙަރަކާތްތަކަށް ބަލަން ހުރެފައި، އޭނާގެ ކޮނޑުގައި ޖެހިގަންނަމުން އިޔާދު ބުންޏެވެ. އިޔާދުގެ އަޑަށް ފިރާޒްގެ ނަޒަރުން ލަދުގަނެ އިސްޖެހިފައި ހުރި ލީނާއަށް އިސްއުފުލައި، އެމީހުނާ ދިމާއަށް ބަލައިވެސްލެވުނެވެ.

[ފިރާޒް ބޭނުންތަ؟ ރަނގަޅު ކަމެކޭ އެއީ ކުރަން.] އިޔާޒު ފިރާޒްގެ ކަންފަތްދޮށުގައި، ހަމައެކަނި ފިރާޒަށް އިވޭވަރަށް ބުންޏެވެ.

[އާނ...ވަރަށް ބޮޑަށް. އަހަންނަށް ވެދާނެތަ؟] ފިރާޒްވެސް އެކަނި އިޔާދަށް އިވޭވަރަށް، ވައިއަޑުން ބުންޏެވެ.

[ތިކަމާ ވާހަކަ ދައްކަން ޖެހޭނީ ގީތާއާ....އެނގޭތަ އެއީ ގީތާގެ ބެސްޓް ފްރެންޑޭ.] އިޔާދު އޮޅުންފިލުވައިދިނެވެ.

[ފިސާރި ތެދެއްތަ ތިބުނީ...ކަނދުފައްޗަކަށް ގީތާ ލައިގެން ކުރިއަށްދާންވީދޯ؟] ފިރާޒް ވައްކަޅިން ލީނާއާ ދިމާއަށް ބަލައިލިއެވެ. އޭރު ލީނާއަށްވެސް އިނދެވުނީ ސީދާ އެމީހުނާ ދިމާއަށް ކަޅި ހުއްޓައިގެން ކަމަށްވުމުން، ލީނާ ރަކި ހިނިތުންވުމަކާއެކު އިސްޖަހާލިއެވެ.

ފިރާޒަށް އެ ހިނިތުންވުން މާނަ ކުރެވުނީ، ކާމިޔާބު ފާލެއްގެ ގޮތުގައެވެ. ގީތާވެސް ހުރީ ހިނިއައިސްފައި އެ މަންޒަރު ބަލާށެވެ. އޭނާ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ، ރަޙްމަތްތެރިޔާގެ ޙަޔާތަށް ބައިވެރިޔަކު އަންނާނެ ދުވަހެކެވެ. މިދަތުރު ކޮންމެހެން އޭނާ ލީނާ ގެނައުމުގެ ބޭނުމަކީވެސް އެއީއެވެ.

ދަތުރަށް ފެށިތާ ބައިގަޑިއެއްހާއިރުތެރޭ ދޯނި ބާރު ދުވެލީގައި ދުއްވާފައި އައިސް ވިލިނގިއްޔަށް ލެފިއެވެ. ލެފުމާއެކު، ދަތުރުގެ ބައިވެރިންތައް ކޮޅުކޮޅުމައްޗަށް ދުއްވައިގެންފިއެވެ. އިޔާދުވެސް އޭނާ ގެނައި ކަތިވަޅި ހިފައިގެން ގަސްތަކުގެ ތެރޭން މަގު ކޮށަމުން ވަލުތެރެއަށް ވަދެގެން ހިނގައިގެންފިއެވެ. އެހެންދިޔަ ދިޔުމުގައި، ޖެހޭ ކޮންމެ އޮފިގަނޑެއްވެސް އޭނާ ދިޔައީ ކަނޑާ ތިރިކުރަމުންނެވެ.

[ބޭބޭ....ދެން ކުރިޔަށްނުދޭ....] އިޔާދަށް ސިހުން ގެނުވީ، އިވުނު ކުޑަ ކުއްޖެއްގެ އަޑުންނެވެ. އިޔާދު އެ އަޑު އައި ދިމާ ފާހަގަކޮށް އެނބުރުނެވެ. ނަމަވެސް، އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާ އަނެއްކާވެސް ކުރިޔަށް ހިނގައިގެންފިއެވެ. ކުރިޔެކޭ އެއްފަދައިން މަގު ކޮށަމުންނެވެ.

[ދެން ކުރިޔަށް ނުދޭ ބޭބޭ...މަޑުކުރޭ ބޭބޭ.] ދެންވެސް އިވުނީ ކުރިންވެސް އިވުނު އަޑެވެ. އެކަމަކު މިފަހަރު ތަންކޮޅެއް ކައިރިންނެވެ.

[ކާކުތަ؟ ފިލައިގެން އޮވެ، ކޮން އަމުރެއް ކުރާކަށްތަ.] އިޔާދު އަނެއްކާވެސް ހުއްޓުނެވެ.

[ފިލައިގެން އޮތީ އަހަރެން...] އިޔާދާ ދާދި ކައިރިން ގަސްތަކުގެ ތެރޭން ނުކުތީ ދިހަވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ލައިގެން ހުރީ ގަދަ ރަތް ކުލައިގެ ލިބާހެކެވެ. އެކުއްޖާ ފެނުމުން، އިޔާދަށް ލިބުނު ޙައިރާންކަމާއެކު، އިރުކޮޅެއް ވަންދެން ހުއްޓި ހުރެވުނެވެ. އެކުއްޖާ އަނެއްކާވެސް ގޮސް، އެ ގަސްތަކުގެ ތެރެއަށް ވަދެއްޖެއެވެ.

އެކުއްޖާ ބުނި ވާހަކައަކަށް ވިސްނުމެއްނެތި، އަނެއްކާވެސް އިޔާދު ގަސްތަކުގެ ތެރެއަށް ވަދެގެން ހިނގައިގެންފިއެވެ.

[ބޭބޭ، އަނބުރާލާފައި އެހެން ދިމާއަކަށްދޭ.] އަނެއްކާވެސް އިޔާދު ހުއްޓުނީ އެ އަޑަށެވެ.

[ކިހިނެއްވީތަ؟] އަޑުއައި ދިމާ ފާހަގަކޮށް، އިޔާދު އެނބުރުނެވެ. މިފަހަރު ފެނުނީ ތަފާތު މަންޒަރެކެވެ. އެ އަންހެން ކުއްޖާ ހުއްޓިހުރީ ބޯކެޔޮ ގަހެއްގެ ބުޑުގައެވެ. އެ ގަހުގެ ދެފަރާތުގައި ދޮންވެ ފައްކާވެފައިވާ ދެ ކަށިކެޔޮގަނޑު އޮތްއިރު، އެ ދެކަށިކެޔޮގަނޑުގެ މެދަށްވާ ގޮތަށް، ތަންކޮޅެއް މަތީގައިވެސް ދޮން ކަށިކެޔޮގަނޑެއް އޮތެވެ. އެ ކަށިކެޔޮގަނޑު ފެނުމާއެކު، އިޔާދު އެއަށް ދަހިވިއެވެ. ގީތާއަށް ހަދިޔާއަކަށް ގެންދަން އެ ކަށިކެޔޮގަނޑު ކަނޑަން އޭނާގެ ހިތް އެދުނެވެ.

[ތިޔައީ ކޮންބަޔަކާއެކު އައިސް އުޅޭ ކުއްޖެއްތަ؟] އިޔާދު އެ ގަހާ ދިމާއަށް ހިނގައިގަންނަމުން އެހިއެވެ. އެކުއްޖާ އިޝާރާތްކުރީ އެ ގަހާ ދިމާއަށެވެ.

[އަހަރެން ބޭނުންވަނީ، ތި ކަށިކެޔޮގަނޑު ކަނޑަން....ކުޑަކުދިން އެކަނި ވަލުތެރޭގައި އުޅޭކަށް ނުވާނެ. ކޮއްކޮދޭ މިތަނުން.] އިޔާދު އަތް ދިއްކޮށް، އެއް އަތުން ކަށިކެޔޮގަނޑުގައި ހިފިއެވެ.

[ބޭބެ ތި ނުކަނޑާ....ފަހުން ކިތަންމެ ބޮޑު ނުރައްކަލަކާވެސް ދިމާވެދާނެ. ހެޔޮނުވާނެ ނުކަނޑާތި.] އެކުއްޖާ އިޔާދުގެ އަތުގައި ހިފެހެއްޓިއެވެ.

[ކިހާ ވަރުގަދަ ކަމެއް މީ. މިއޮއް ކުޑަކުއްޖާ ނުބެހޭނެ ކަމެއްވެސް ނެތް...] އިޔާދު ހިތާހިތާ މިހެން ކިޔަމުން، ކަތިވަޅީގެ މިޔަ ކެޔޮގަނޑާ އަމާޒު ކުރިއެވެ. އެވަގުތު އަނެއްކާވެސް އެކުއްޖާގެ އާދޭހުގެ އަޑު އިވުނެވެ. ނަމަވެސް، އެ އަޑަށް މާބޮޑު ސަމާލުކަމެއްނުދީ، ކެޔޮގަނޑު ކަނޑާލިއެވެ. އެވަގުތު ޗުސްލާފައި ރަތްކުލައިގެ ދިޔާ އެއްޗެއް، އިޔާދުގެ މޫނުމައްޗަށާއެކު ބުރައިގެންދިޔައެވެ. އެއާއެކު އޭނާއަށް ކެޔޮގަނޑުން ދޫކޮށްލެވުމާއެކު، ބިންމައްޗަށް ބަލައިލެވުނެވެ. ދެން ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. ބިންމަތީގައި މިހާރު އެއޮތީ ކަށިކެޔޮގަނޑެއް ނޫނެވެ. އެއީ ބިރުވެރި ޒާތަކަށް އޮތް އަތްބުރިއެކެވެ.

އިޔާދު ހަޅޭއްލަވަމުން ސަލާމަތަށް އެދި ގޮވަމުން، އަޅާ އިތިކޮށް ދުއްވައިގަތީ ނިކަން ބާރަށެވެ.

[މަޑުކުރޭ އިޔާދު....މި ކެޔޮގަނޑު ގެންގޮސް ކަލޭގެ އަނބިމީހާއަށް ހަދިޔާކުރޭ...] ފަހަތުން އިވުނީ ނާމާން އަޑެކެވެ. އިޔާދު ހުއްޓި، ފަސްއެނބުރި ބަލައިލިއެވެ. މިފަހަރު ފެނުނީ ކުރިއަށްވުރެންވެސް ތަފާތު މަންޒަރެކެވެ. އޭނާ އެނބުރުނުއިރު، އޭނާއާ ދާދި ގާތުގައި ހުރީ ރޮއިރޮއި އިން އަންހެނެކެވެ. އެ އަންހެން މީހާގެ ފެންނަން ހުރީ އެއް އަތެވެ. އަނެއް އަތް އޭނާގެ ހަށިގަނޑާ ނިވާވެފައިވުމުން، އިޔާދަކަށް ނުފެނެއެވެ.

[އެއްވެސް ކުށަކާނުލާ ކީއްވެތަ، އަހަންނަށް މިހާބޮޑު އަނިޔާއެއް ތިދިނީ....] ރަތްކުލައިގެ ލިބާހެއް ލައިގެން ހުރި އަންހެންމީހާ ރޮމުން އިޔާދާ ދިމާއަށް ބުރިވެފައިވާ އޭނާގެ އަތް ދިއްކުރިއެވެ. އެ އަތް ބުރިވެފައިވަނީ، ކުޑަހުޅާއި އުޅަނބޮއްޓާ ދެމެދުންނެވެ.

[އަހަރެން އެއްވެސް މީހަކަށް...އަނިޔާއެއް ނުކުރަން.] އިޔާދު ތުރުތުރުއަޅަން ފެށިއެވެ.

[އަހަންނަށް މި އަނިޔާ ނުދިނުމަށް އިޔާދުގެ ކިބައިން އަހަރެންގެ ދަރިފުޅު އިންތިހާއަށް އެދުނު.] ކުރިމަތީގައި ހުރި އަންހެން މީހާ ރޮއިރޮއިފައި ބުންޏެވެ. އޭރު އެމީހާގެ ބުރިވެފައިވާ އަތުން ކަށިކަށްޓަށް ލޭ އޮހޮރެމުން ދިޔައެވެ.

[އަހަރެން އެއްވެސް މީހެއްގެ އަތެއް ބުރިއެއްނުކުރަން. އަހަރެން ކެނޑީ ކަށިކެޔޮގަނޑެއް.]

[ކަށިކެޔޮގަނޑެއް ނޫން....ކަށިކެޔޮގަނޑެއްގެ ގޮތުގައި އިޔާދަށް ފެނުނީ އަހަރެން.....މިއޮތް އަތްބުރި ގެންދޭ....] އެ އަންހެން މީހާގެ އަޑު ތަފާތުވާން ފެށިއެވެ. އިޔާދު ހަޅޭއްލަވަމުން ދުއްވައިގަތެވެ. ދުވަމުންދާއިރުވެސް އޭނާގެ ފަހަތުން އެމީހާ އަންނަ ކަމުގެ އިޙްސާސް ކުރެވެމުންދާ ކަހަލައެވެ. އެ ރުއިމުގެ އަޑުވަނީ އޭނާގެ ކަންފަތުގައި ހަރުލާފައެވެ.

ބައިގަޑިއެއްހާއިރު ދުވިއިރުވެސް އިޔާދަކަށް މަންޒިލް އަތެއް ނުވިއެވެ. ލޯމައްޗަށް ފެންނަމުން ދަނީ މުޅިން ތަފާތު މަންޒަރުތަކެވެ. ދުރުން މާދުރުން ދަތުރުގެ ބައިވެރިންގެ ޙަރަކާތްތައް ފެނުނު ނަމަވެސް، އޭނާ ދުވެދުވެވެސް އެމީހުން އަތެއް ނުވިއެވެ. އެމީހުން ތިބީ މަޖަލުގައެވެ.

[އަހަރެން ސަލާމަތްކުރޭ...ސަލާމަތްކުރޭ.] އިޔާދު ފެންނަން ތިބި ބައިވެރިންނާ ދިމާއަށް އަތް ހޫރަމުން ސަލާމަތަށް އެދި ގޮވަމުން ދިޔައެވެ.

[އަހަރެން ދެއްކި މަގަކުން ނޫނީ މިހާރަކު ދަތުރެއް ނުކުރެވޭނެ...ކިތަންމެ ބާރަށް ގޮވިޔަސް، އަތް ހޫރިޔަސް، އެއިން މީހަކަށް މޭރުންނުވާނެ. އެމީހުންނަކަށް އިޔާދެއް ނުވެސް ފެންނާނެ.] މިފަހަރު އެ އަޑު އިވުނީ ސީދާ އިޔާދުގެ ކުރިމަތިންނެވެ.

[ހެޔޮނުވާނެ...އާދޭސް ކުރަން....އަހަރެން ދޫކުރޭ...އަހަރެން ސަލާމަތްކުރޭ....] އިޔާދު ރޮއިގެންފިއެވެ.

[އަހަރެން އެއްވެސް މީހަކު ހިފަހައްޓައިގެނެއް ނެތިން....] މިފަހަރުވެސް އިވުނީ އަޑެކެވެ. މީހަކު ނުފެނެއެވެ. ނަމަވެސް، މިފަހަރު އެ އަޑު ބިރުވެރިވެފައި ނާމާނެއެވެ. އިޔާދު ދުއްވައިގަތީ، ކުރިއަށްވުރެންވެސް ބާރަށެވެ. ނަމަވެސް، އޭނާއަށް ދެވުނީ ދިހަވަރަކަށް ފޫޓަށެވެ. އޭނާ އަނބުރައިގަނެގެން އަރިއަޅާލިއެވެ.

އަތުކުރީގައި އޮތް ގަޑިއަށް ގީތާ ބަލައިލުމަށްފަހު، ފުން ނޭވާއެއްލިއެވެ.

[އަޅެ...ވަލުތެރެއަށް ވަންގޮތަށް އިޔާގެ ޚަބަރެއްނުވޭ....މިހާރު ދޭއްޖަހާ ބޮޑުވީ. ހީވަނީ ބަނޑުހައިވެސް ނުވާ މީހެއްހެން.] ގީތާ ގަޑިއަށް ބަލައިލަމުން، ލީނާއާ ވާހަކަ ދެއްކިއެވެ.

[އެއީ ފިރިހެނުންނެއްނު، ކުރުނބާ އެކަނި ބޮއިގެންވެސް އެމީހުން އުޅެފާނެ. އެކުން ގީތު ތިޔަ ބުނީވެސް ތެދެއް. މިހާރު ދޭއްޖަހާވެސް ބޮޑުވީވިއްޔަ.] ލީނާ ބުންޏެވެ.

[އަޅެ ހިނގާ ދެމީހުންދާން، އިޔާ ފެނޭތޯ.] ގީތާގެ ފިކުރު ބޮޑުވިއެވެ. އެވަގުތު އެތަނަށް ފިރާޒް އައިސް ހުއްޓިއްޖެއެވެ. ފިރާޒް ފެނުމާއެކު، ލީނާ އިސްޖަހާލިއެވެ.

[ކޮބާ އިޔާދު އަދިވެސް ވަލުތެރެއަށް ވަންގޮތަށް ނާންނަނީތަ؟] ކަތި ނަޒަރަކުން ލީނާއަށް ބަލައިލަމުން، ގީތާ ގާތު ފިރާޒް އެއްސެވެ.

[ހޫނ، ކާކަށްވެސް ނާދޭ. ހާދަ އިރެކޭދޯ؟] ގަޑީގެ ކަށި އެނބުރެމުންދާ ވަރަކަށް، ގީތާގެ ނުތަނަވަސްކަންދިޔައީ ބޮޑުވަމުންނެވެ.

އިޔާދުގެ ޚަބަރެއް ނުވެގެން، އެމީހުން އިޔާދު ހޯދަން ފެށީ ހަވީރު ހަތަރެއްޖަހާ ބޮޑުވީމައެވެ.

[ޚަބަރެއްނުވިއެއްނު. ހިނގާ އެންމެން ދިމަދިމާއަށް ވަންނަން.] އިސްމީހަކަށް ހުރެ، ފިރާޒް ބައި ހަދާލިއެވެ. އޭރު ގީތާގެ މޫނުމަތިން ފާޅުވަމުންދިޔައީ، ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ އަސަރެވެ.

[ބަޔަކަށް ތިންމީހުން، އަހަންނާ ގީތާއާއި ލީނާ ދާނަން މިއޮއް ދިމާ ހޯދަން.] ފިރާޒް ވަލުތެރެއަށް ވަދެގެން ހިނގައިގަތެވެ. ފަހަތުން އައުމަށް ގީތާމެނަށް އިޝާރާތް ކުރުމަށްފަހުގައެވެ.

[އިޔާދު...އިޔާދު...] ފިރާޒް ގަސްތަކުގެ ގޮފިތައް ކޮށަމުން އިޔާދަށް ގޮވަމުން ދިޔައެވެ. ފިރާޒްގެ ފަހަތުން ގީތާމެންވެސް އިޔާދަށް ގޮވަމުން ދިޔައެވެ. އެމީހުން ވަދެގެން ދިޔައީ، އިޔާދު ދަރުކޮށަން އުޅުނު ސަރަޙައްދު ލަފާކޮށްފައެވެ.

[ގީތު އެއޮތީ ކަތިވަޅި....] އިޔާދު ގެންގުޅުނު ކަތިވަޅި ލީނާއަށް ފެނުނެވެ.

[ކަތިވަޅި މިއޮތީ ލެއިން ކަޅިވެފައި....އަނެއްކާ ކިހިނެއްބާ މިވީ؟] ކަތިވަޅި އޮތް ތަނާ އަރާ ހަމަކޮށް، ފިރާޒަށް ބުނެވުނެވެ.

[އިޔާ...އިޔާޒް...ކޮބައިތަ؟] ގީތާއަށް ރޮއިގަނެވިއްޖެއެވެ.

ކަތިވަޅި އޮތް ތާނގައި ބާއްވާފައި، އެ ވެރިން އަނެއްކާވެސް އިތުރަށް އެތެރެއަށް ވަދެގެން ހިނގައިގެންފިއެވެ.

[އިޔާދު...އިޔާދު...] ގީތާ ރޮމުން އިޔާދަށް ގޮވަމުންދާއިރު، ދަތުރުގެ ހުރިހާ ބައިވެރިންވެސް އިޔާދު ފެނޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

[ގީތާ ނުރޮއޭ....އަދި އިޔާދު މާ އެތެރޭގައި އުޅޭތީ، އަހަރުމެންގެ އަޑު ނީވެނީ ކަމަށްވާނީ.] ފިރާޒް ގީތާއަށް ހިތްވަރުދިނެވެ. ނަމަވެސް، ގީތާ ރުއިން ހުއްޓައެއްނުލައެވެ.

އިޔާދު ފެނިއްޖޭ، އިޔާދު މިއޮތީއޭ ކިޔާފައި، އެއްބަޔަކު ގޮވައިގަތް އަޑު ފިރާޒްމެނަށް އިވުނީ އެވަގުތެވެ. ވަގުތުން އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އެދިމާއަށް ދުއްވައިގެންފިއެވެ.

އެމީހުނަށް އެދިމާއަށް ދެވުނުއިރު، ތިންމީހަކު ވެގެން އިޔާދު އުފުއްލައިގެން ދޯންޏާ ދިމާއަށް ގެންދަނީއެވެ.

[އިޔާ....އަށް ކިހިނެއްވީތަ....؟] އެމީހުނާ އަރާހަމަކޮށް، ފިރާޒް އެއްސެވެ.

[ވީގޮތް އެނގޭނީ، ހޭ އެރީމާ...އަވަހަށް ހިނގާ ރަށަށް ފުރަން....] ދޯނީގެ ނެތްވަކަށް އައި އިދުރީސް ބުންޏެވެ. އިޔާދު އޮތް ޙާލު ފެނުމާއެކުހެން، ގީތާގެސް ހަބަރު ހުސްވެއްޖެއެވެ. އޭނާވެސް ދޯންޏަށް އަރުވަންޖެހުނީ، ތިން ހަތަރު މީހަކުވެގެން އުފުއްލައިގެންނެވެ.

އިޔާދު ހޭއެރީ، ހޮސްޕިޓަލަށް ގެންދެވުނުތާވެސް ގަޑިއެއްހާއިރު ފަހުންނެވެ. ދެލޯ ހުޅުވުމާއެކު، އޭނާ ވަށައިގެން ހޯދަން ފެށިއެވެ.

[އަހަރެން....މީހެއްގެ އަތެއް ބުރިއެއް ނުކުރަން....] އިޔާދު ބާރަށް ރޮއިގަތެވެ. މިހާރު އޭނާ އެވަނީ އިންތިހާއަށް ބިރުގެންފައެވެ. ކުރިމަތީގައި ތިބި މީހުންނާ ދޭތެރެއަކުވެސް އޭނާއަކަށް ޔަޤީންކަމެއް ނެތެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް އޭނާއަށް ސިފަވަމުންދަނީ، ރަތް ލިބާސް ލައިގެން ރޮއިރޮއި އިން އަންހެން މީހާއެވެ. އެމީހާ ރޮއިރޮއިފައި އާދޭސް ކުރަމުން ދަނީއެވެ.

[ބިރުގަނޭ....އަހަރެން ކަލޭމެންގެ އަތެއް ނުކަނޑަން...އެއީ ކަށިކެޔޮގަނޑެއް...] އިޔާދު ފަހަރަކު މީހަކާ ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން އޮވެފައި، ބުނަމުން ދިޔައެވެ.

[އިޔާ...ކީކޭތަ ތި ކިޔަނީ؟] ގީތާއަށް ރޮވުނެވެ. އޭރުވެސް ރަތް ލިބާސްލާފައި ހުރި މީހާ ރޮއިރޮއި އޭނާއަށް ފެންނަފަށުގައި ހުއްޓެވެ. އޭނާ ރޮއިރޮއިފައި އިޔާދަށް ހަނާ އަޅަނީއެވެ.

[އެހުރީ އޭނާ...އޭނަ މިތަނުން ނެރޭ. މިތަނުން ނެރޭ....] އިޔާދު އެދިމާއަށް އިނގިލި ދިއްކޮށްގެން އޮވެ ބުންޏެވެ. އެއާއެކު އެތާނގައި ތިބި އެންމެންގެ ނަޒަރުވެސް އެދިމާއަށް ހުއްޓުނެވެ. އެމީހުނަށް އެއްވެސް މީހަކު ފެންނާކަށް އެތާކު ނެތެވެ.

އިޔާދު ހޮސްޕިޓަލުން ގެޔަށް ފޮނުވާލެވުނީ، އޭނާ އެކަމަށް އެދި ރޯތީ، ޖެހިގެން އައި ދުވަހުގެ މެންދުރެއްހާއިރެވެ. އޭރު ކޮންމެވެސްވަރަކަށް އޭނާގެ ޙާލަތު ރަނގަޅުވެސްމެއެވެ. ވިލިނގިލިން ދިމާވި ބިރުވެރި ޙާދިޘާގެ ތަފްޞީލު، އޭނާ ގީތާއަށް ކިޔައިދިނީ އެރޭ ނިދަން އޮށޯވެ އޮވެއެވެ.

[އިޔާ، އަހަންނަށް ފެންނަނީ، އިޔާގެ ހަށި ރައްކަލަށް، މީހަކު ލައްވާ ކޮންމެވެސް ކަމެއް ކުރުވަން.] ގީތާ ލަފާދިނެވެ.

[އަޅާނުލާ....މިހާރު ރަނގަޅޭ ދެން.] ވަގުތީ ޙައްލެއް ލިބިފައިވުމުން، އިޔާދު މާބޮޑު ފަރުވާލެއް ނެތް ކަހަލައެވެ.

[އެކަމަކު....އިޔާ! ތިިޔަކަހަލަ ކަންތަކުގައި އަޅާނުލާ ދޫކޮށްލުން އެއީ މާ ބުއްދިވެރި ކަމެއް ކަމަކަށް އަހަންނަކަށް ނުފެނޭ.] ގީތާ ބުންޏެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން