ޞާދިރު ޢަލީދީދީ   12 މޭ 2020 - 3:11
ޤިޔާމަތް ކައިރިވެއްޖެ - 1
ޤިޔާމަތް ކައިރިވެއްޖެ - 1
"ވަގުތު ފާއިތުވުމުގެ ކުރިން ނަމާދަށް

އަވަސްވެގަންނާށެވެ! މަރުވުމުގެ ކުރިން ތައުބާވުމަށް އަވަސްވެގެންނާށެވެ!"

މިއީ އަޅުގަނޑުމެންގެ ހިތްތަކުގައި ދުނިޔެވީ އެދުންތައް ގަދަވެ، އާޚިރާތާމެދު ވިސްނުމާއި، ޚިޔާލުކުޑަވަމުން ނެތެމުންދާ ދިއުމުގައި އެބައްޔަށް ކުރަން އޮތް އެންމެމޮޅު ފަރުވާއެވެ. ބުއްދިވެރިއަކީ ތިމާގެ ނަފްސުދަނެ، މަރުވުމަށް ފަހުގައިވާ އަބަދީ ޙަޔާތް، އާޚިރަތަށްޓަކައި ހެޔޮ ޢަމަލުތައްކުރާ މީހާއެވެ.

ޝައްކެއްނެތް ގޮތުގައި މިހެޔޮ ވިސްނުން މީހަކަށް ވިސްނޭނީ ޤިޔާމަތްވުމާއިމެދު އެމީހާގެ ހިތުގައި ޚިޔާލު އުފެދި ހިތުގައި ޔަޤީންކަން ގަދަވެ،ފިކުރުބޮޑުވުމުންނެވެ. އިލާހީ ވަޙީއާއި ނަބަވީ އިރުޝާދުތަކުގެ އަލީގައި އަޅުގަނޑުމެންގެތެރޭގައި ޤިޔާމަތުގެ މައްޗަށް ވާހަކަ ދެއްކުމާއި، އެކަކުއަނެކަކަށް ޤިޔާމަތުގެ ވާހަކަ އިއްވާހެދުން މުޅީންހެން ވަނީ ނެތިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް ޤިޔާމަތާއިމެދު އިންކާރުކޮށްލެވޭ ކަހަލައެވެ. އަޅުގަނޑުމެންގެ ޒުވާނުންގެ ޢަމަލުތައް މިކަމަށް ކިތަންމެހާވެސް ފުރިހަމައަށް ހެކިދެއެވެ.

މިދުނިޔެއަށް އައި ކޮންމެ އިންސާނަކީވެސް މިދުނިޔެ ދޫކޮށް އެހެން ޢާލަމަކަށް ދަތުރުކުރަން ޖެހިފައިވާ މީހެކެވެ. ޢުމުރުގެ ނޭވާތައް ފުރިހަމަ ކުރުމާއެކު މަރުގެ ހިތިރަހަ ލިބިގަތުމަށްފަހު ކަށްވަޅަށް ދާންޖެހޭ މީހެކެވެ. ކަށްވަޅުގައި ޢަޒާބާއި ދަތިކަންވާފަދައިން އަރާމާއި އުފާތައްވެސް ވެއެވެ. އެމީހެއްގެ ޢަމަލާއެއްގޮތަށް ކަށްވަޅުގައި ތަފާތު ޙާލަތުގައި އުޅެންޖެހެއެވެ. އެގޮތުގެމަތިން ދުނިޔެއިންދާމީހާ ކަށްވަޅުގައި ތަނެއް ލިބިގަނެއެވެ. ކޮންމެއަކަސް އަންނަ ކޮންމެ މީހަކީ ދާންޖެހޭނެ މީހެކެވެ.

އިންސީންނާއި ޖިންނީންގެ ޢުމުރު ކަނޑައެޅިފައިވާ ފަދައިން މިޢާލަމުގެވެސް ވަކި ޢުމުރެއް ކަނޑައެޅިފައިވެއެވެ. މިޢާލަމުގެ ޢުމުރު ހަމަވުމުން މުޅި ޢާލަމް ފަނާވެ ހިނގައިދާނެއެވެ. މުޅި ޢާލަމް ފަނާވެ ނެތިދިއުމަށް އަޅުގަނޑުމެން ކިޔަނީ ޤިޔާމަތްވުމެވެ. މަރުވުމާއި ދިރިތިބުމުގެ ޙިކްމަތް ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންރަސްކަލާނގެއީ، މަރުވުމާއި ދިރުންހެއްދެވި އިލާހެވެ. ކަލޭމެންގެތެރެއިން ރަގަޅީ ޢަމަލުގެ ގޮތުން ކާކުތޯ އިމްތިޙާން ކުރެއްވުމަށްޓަކައެވެ." މިފަދައިންނެވެ. ވާހަކަ އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ މަރުވުމާއި ދިރުއްވުން ލެއްވެވީ އަހަރެމެންގެ ތެރެއިން ހެޔޮ ޢަމަލުކުރަނީ ކޮންބައެއްކަން އިމްތިޙާނުކޮށް ބައްލަވައިވޮޑިގަތުމަށްޓަކައެވެ. މި ދިރިއުޅުން ދެއްވަވައި، ޢަމަލުކުރުމުގެ ފުރުޞަތުދެއްވަވައި، މިދިރިއުޅުން ވޭތު ކުރުމަށް އެއިލާހު ރުހިވޮޑިގަންނަވާގޮތް އަންގަވާދެއްވަވައި މިދިރިއުޅުމަކީ އިމްތިޙާނެއް ކަމުގައި ލެއްވެވުމަށްފަހު އިމްތިޙާނުގެ ނަތީޖާ ފާޅުކުރައްވައި އެނަތީޖާ އާއި އެއްގޮތްވާގޮތުގެ މަތިން ބަދަލުދެއްވުމަށްޓަކައި، އެހެން ވަކި ދިރިއުޅުމެއް ލެއްވެވިއެވެ. އަދި މިކަން ނަބީޔުންނާއި ރަސޫލުބޭކަލުންގެ ދޫފުޅުތަކުން އިޢުލާން ވެވިފައިވެއެވެ. "އޭ އިންސާނުންނޭވެ! ތިޔަބައިމީހުން މަރުވާނެއެވެ. މަރުވުމަށްފަހު ދިރުއްވޭނެއެވެ. އަދި ދިރިގެން ތިޔަބައިމީހުން ހެއްދެވި ތިޔަބައިމީހުންގެ މިލްކުވެރި ހިލާހުގެ ޙަޟްތަރަށް ޙާޟިރުވެ، މިދިރިއުޅުމުގައި ތިޔަބައި މީހުން އުޅުނު ގޮތުގެ ޙިސާބު ދޭންޖެހެއެވެ." ރަސޫލުުބޭކަލުން މިފަދައިން އިޢުލާންކުރައްވާފައިވެއެވެ.

އިންސާނުން ހެއްދެވުމާއި، ހެއްދެވުމުގެ އެންމެހާ ދަރަޖަތަކާއި، ޙާލާތުތައް ބަޔާންކުރައްވައި ކީރިތި ޤުރްޢާނުގެ މުޢުމިނޫން ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައެވެ. "ދެން ތިޔަބައިމީބުން އެއަށްފަހު މަރުވާނެއެވެ. ދެން ތިޔަބައިމީބުން ޤިޔާމަތްދުވަހުން ނެރުއްވޭނެއެވެ." މިފަދައިންނެވެ. އެހެންކަމުން މިދިރިއުޅުމަކީ ދިރިއުޅުމެއްނޫނެވެ. މިސޫރައާއި، މިހަށިގަނޑާއި މިފުރާނައަކީ އަބަދަށް ދެމިގެންވާނެ އެއްޗެއްނޫނެވެ. މަރުގެ ރަހަ ލިބިގަތުމަށް ފަހު އަލުން އެހެން ދިރިއުޅުމެއްގައި ދިރިއުޅެންޖެހެވެ. އަދި މިފުރާނައާއެގެން ފުރާނައިގެވެރި ހިލާހުގެ ހަޟްރަތަށް ޙާޟިރުވެ އެނަފްސެއް ކުޅަ ޢަމަލެއްގެ ބަދަލުދެވުމުގެ މަންޒަރު ދެކެންޖެއެވެ.

ޢަމަލުތަކުގެ ބަދަލު ލިބެން ހަމަކޮންމެހެންވެސް ޖެހެއެވެ. މިކަމުގެ މައްޗަށް އެންމެހާ ބުއްދިވެރިން އެއްބަސްވެއެވެ. ދުނިޔޭގައި އިންސާނުންކުރާ ޢަމަލުތަކުގެ ބަދަލު ލިބުމާއި އޭގެނިޔާ ކަނޑައެޅުންވަނީ ޤިޔާމަތް ދުވަހުގައެވެ. ކީރިތި ޤުރްއާނުގައި ޤިޔާމަތް ދުވަހަށް "ބަދަލުގެ ދުވަސް"، ނިޔާގެ ދުވަސް އަދި ޙިސާބުގެ ދުވަސް ކަމުގައި މާތް ﷲ ވަޙީގެ ބަސްފުޅުން ހާމަވެއެވެ. އެދުވަހުން ތިމާގެކަމެއްގެ ބޭނުމެއް ނުހިފޭނެއެވެ. ބާރެެއް ނުހިނގާނެއެވެ. އެދުވަހުން ތިބޭނީ ނިކަމެތިވެ އާރެއްބާރެއް ނެތިފައެވެ. މިދުނިޔޭގައި ކޮށްފައިވާ ޢަމަލުތައް ހުށަހެޅި، އެންމެހައި ހެވަކާއި ނުބައެއް ކުރިމަތިކޮށްލެވޭނެއެވެ. ޤިޔާމަތްދުވަހުގައި ހިސާބު ބެއްލެވުމާއިބެހޭ ގޮތުން، ޛަލްޛަލާ ސޫރަތުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. "އެބައިމީހުންގެ ޢަމަލުތައް ދުށުމަށްޓަކައި އެދުވަހު މީސްތަކުން ބައިވެދާނެއެވެ. ފަހެ، ޒައްރެއްގެ މިންވަރުގެ ހެޔޮކަން ކުރިމީހާ އެކަންދެކޭނެއެވެ." މިފަދައިންނެވެ.

ކޮންމެ މީހަކަށްވެސް ޖެހޭނީ އަމިއްލައަށް ޙާޟިރުވާށެވެ. އެންމެ ކުރީގެ މީހުންނާއި އެންމެ ފަހުގެ މީހުންނާއި އެންމެން ޙާޟިރު ކުރެވޭނެއެވެ. މަޙްޝަރުގެ މައިދާނަށް ޙާޟިރުނުވާ ހަމައެކަކުވެސް ނުވާނެއެވެ. ވާހަކައަކީ ﷲ ގެ ޢިލްމާއި އެއިލާހުގެ ކުޅަދުންވަންތަކަމުގެ ފުރިހަމަކަމުން ހަމައެކަކުވެސް ފަށްދަށަށްލެވިފައި ގެއްލިފައި ނުވާނެއެވެ. މީހުންގެ ގިނަކަމާއިހުރެގެން ފަހަރެއްގައިވެސް އެހެންވާކަށް ނުޖެހޭނެއެވެ.

ކީރިތި ޤުރްޢާނުގައި، މަރިޔަމް ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. "ތިމަން ﷲ ވަނީ އެމީހުން ހިމަނާ އަދި ގުނާލައްވާފައެވެ. އަދި އެއެންމެން ޤިޔާމަތްދުވަހުން އެއިލާހުގެ ޙަޟްރަތަށް ވަކިވަކިން ޙާޟިރުވާނެއެވެ." މިފަދައިންނެވެ.

އިންސާނުން ކޮށްފައިވާ ގިނަ ކަންތައް ދުނިޔޭގައިމެ ވަނީ ހަނދާންނެތިވެ ގޮސްފައެވެ. ވީއިރު އާޚިރުގައި ހަނދާންހުންނަނީ ކިހިނަކުންތޯއެވެ؟ މިއީ ފަހަރުގައި ހިތަށް ވެރިވެދާނެ ސުވާލެކެވެ. ނަމަވެސް ﷲ އެބައިމީހުންނަށް ދުނިޔޭގައި ކުރި އެންމެހާ ކަންތައް ހަނދުމަކޮށް ދެއްވަވާނެއެވެ. ކީރިތި ޤުރްޢާނުގައި، މުޖާދިލާ ސޫރަތުގައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. "ތިމަން ﷲ އެބައިމީހުން ދެވަނަފަހަރަށް ދިރުއްވަވާ ދުވަހުން އެބައިމީހުން ކޮށްފައިވާ ކަންތައް އެބައިމީހުންނަށް އަންގަވާ ދެއްވަވާނެއެވެ. ތިމަން ﷲ ވަނީ އެހިމަނުއްވަވާ ރައްކާކުރައްވާފައެވެ. އެބައިމީހުންވަނީ އެހަނދާންނެތިފައެވެ." މިފަދައިންނެވެ.

ސުވާލަކީ ހެޔޮކަންތަކާއި ނުބައިކަންތަކުގެ ބަދަލު ދެއްވެވުމުން ޤިޔާމަތް ދުވަހަށް ފަސްކުރައްވަވާފައިވުމުގެ ސިއްރަކީ ކޮބައިތޯއެވެ؟ މަރުވުމާއެކު ކަށްވަޅުގައި ނިޔާއިއްވާނުލެވެނީ ކީއްވެގެންތޯއެވެ؟ ޖަވާބަކީ ﷲ ސުބުުޙާނަހޫ ވަތަޢާލާ އަކީ ޙިކްމަތްވަންތަ އަދި މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ. އެއިލާހުގެ ޙިކްމަތްވަންތަކަމަށް ބޭނުންވަނީ ނިޔާކުރެއްވުމާއި އަދި ބަދަލުދެއްވުމަށްޓަކައި ޤިޔާމަތްދުވަހުގެ އިންތިޒާރުކުރެއްވުމެވެ. ﷲ ސުބުުޙާނަހޫ ވަތަޢާލާގެ ޢިލްމުގައި އޭގެ އެތަކެއް މަޞްލަޙަތަކާއި އަދި ޙިކްމަތްތަކެއް ހިމެނިގެންވާނެއެވެ. އޭގެތެރެއިން އަޅުގަނޑުމެންގެ އުނިވިސްނުމަށް އަންނަ މަޞްލަޙަތަކީ މިދުނިޔޭގައި އިންސާނާގެ ގުޅުން އިންސާނުންނާއިއެކު ގުޅިފައިވާކަމެވެ. އެކަލާނގެ އިންސާނާއަށް އަންގަވައި ޙުކުމްކުރައްވާފައިވަނީ އެންމެހާ މަޚްލޫޤު ތަކުންނާއިމެދު ގުޅުންތަކާއި، އުޅުންތައް ރަނގަޅުކޮށް، އަނިޔާއިން ދުރުވެ އެއްކިބާ ވެގަތުމަށެވެ. މަޚްލޫޤުންގެ މައްޗަށްވާ މަޚްލޫޤުންގެ ޙައްޤުތައް އަޅުގަނޑުމެންގެ މާތްވެގެންވާ ޝަރީޢަތުގައި ބަޔާންވެގެން ވެއެވެ. އިންސާނުންގެ ޒިއްމާގައި މަޚްލޫޤުންގެ ޙައްޤުތައް ފިޔަވައި ﷲ ސުބުުޙާނަހޫ ވަތަޢާލާގެ ޙައްޤުވެސް ވެއެވެ. އޭގެ ތަފްސީލުވެސް ޝަރީޢަތުގައިވަނީ ބަޔާންވެގެންނެވެ. މިއާއެކު ހަނދުމަބަހައްޓަވަންޖެހޭ އަނެއް ކަމަކީ ހެޔޮޢަމަލާއި ނުބައި ޢަމަލުތައްވަނީ ދެބައަކަށް ބެހިގެންދާނެ ކަމެވެ. އެއްބައަކީ، އެކަންކުރުމުން ކުރިމީހާއަށް ސަވާބު ނުވަތަ ޢަޒާބުވުމާއެކު އެކަން ވަގުތުން ނިމިދާ ދެމިގެންނުވާ ޢަމަލެެވެ. ...... (ނުނިމޭ)

* މި ލިޔުމަކީ ރިސާލާ ބުކްޝޮޕުން ނެރެމުން އަންނަ ދީނީ ސިލްސިލާ "ތަރިކަ" ފޮތްތަކުގެ ތެރެއިން، ޝެއިޚް އިދްރީސް ހުސައިން ލިޔުއްވާފައި ނެރުއްވި ފޮތް "ޤިޔާމަތް ކައިރިވެއްޖެ" އިން ނަކަލުކޮށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން