ރާއްޖޭގައި ހިންގާ ވިޔަފާރި ގެއެއް
ރާއްޖޭގައި ހިންގާ ވިޔަފާރި ގެއެއް
ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގުތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ސަރުކާރުން 361.3 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.


ދަޢުލަތުގެ މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާތަނަށް ސަރުކާރުން ވަނީ ކޯވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން 2،114 ވިޔަފާރިއަކަށް 361.3 މިލިއަން ރުފިޔާލޯނުގެ ގޮތުގައި ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށް 585.9 މިލިއަން ރުފިޔާ އަދި އަށް މިލިއަން ޑޮލަރުގެ ލޯނު ވަނީ ދޫކޮށްފަ އެވެ. އެއީ ޖުމްލަ 419 ވިޔަފާރިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 20 މިލިއަން ޔޫރޯ ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ސޮފްޓް ލޯން ދިނުމަށްޓަކައި 375 މިލިއަން ރުފިޔާ ނުވަތަ 20 މިލިއަން ޔޫރޯގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައްޔާރުކުރަމުންދާ ކަމަށެވެ.

އެދުވަހު ރައީސް ވިދާޅުވެފައިވަނީ، ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސޮފްޓް ލޯން ދިނުމަށް ހަމަޖައްސާފައިވަނީ ކެފޭ، ރެސްޓޯރެންޓް، ވޯކްޝޮޕް، ސެލޫން، ޖިމް ފަދަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލްވެސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު އެކަނި ލޯނާއި، އެހީގެ ގޮތުގައި 1.34 ބިލިއަން ޑޮލަރު ދަޢުލަތަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި އެހީގެ ގޮތުގައި 872 މިލިއަން ޑޮލަރާއި ލޯނުގެ ގޮތުގައި 466 މިލިއަން ޑޮލަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު