ހުކުރު ޚުތުބާ އިއްވަނީ
ހުކުރު ޚުތުބާ އިއްވަނީ
މުސްލިމުން ވާންޖެހޭނީ އިސްލާޙަށާއި ސުލްޙައަށް މަސައްކަތްކުރާ ބަޔަކަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ސުލްޙަވެރިކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ, ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަބަދު ވެސް ލޭއޮހޮރުވުމާއި، ބައިބައިވުމާއި، ދެކޮޅުވެރި ޢަމަލުތައް ހިނގާ ކަަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ފިތުނަތަކާއި، މަޤާމާއި، ނުފޫޒާއި، ޖާހަށްޓަކައި، ހަނގުރާމަ ކުރުމާއި، އެއް ބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރާކަން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ފިތުނަވެރި ކަމެއްގެ ތެރެއަށް ދުނިޔެ ވަންނަ ކޮންމެ ދުވަސްވަރެއްގައި، އަޅުގަނޑުމެން ފަދަ ޖަޒީރާ ޤައުމުތަކަށް އެކަންކަމުގެ އަސަރު ފޯރިޔަ ނުދީ ވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

"އެހެންނޫންނަމަ، އަޅުގަނޑުމެންގެ އެކުވެރިކަމުގެ ކިއްލާ ގައި ރެނދުލައި، ފުނޑުފުނޑުވެ، ނޭނގި ތިއްބައި އިސާހިތަކު ޤައުމުގެ އެއްބައިވަންތަކަމާއި، ކުރިއެރުމާއި، އިޤްތިޞާދު ހަލާކުވެދާނެ އެވެ. ބުއްދީގެ އަހުލުވެރިން އެ ފަދަ ނުރައްކާތެރި، ގެއްލުން ހުރި، ފިތުނައިގެ ތޫފާނެއްގެ ތެރެއަށް ވަނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އަޅުގަނޑުމެން މުސްލިމުން ވާންވާނީ އަބަދު ވެސް އިޞްލާޙަށާއި، ޞުލްޙަވެރިކަމަށް މަސައްކަތް ކުރާ ބަޔަކަށެވެ." ޚުތުބާގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ޤައުމީ މަޞްލަޙަތު ކުރިއަށް ނެރެ، ޤައުމުގެ ހަމަޖެހުމާއި، ސުލްޙަ މަސަލަސްކަން ދަމަހައްޓަން މަސައްކަތް ކުރާ ބަޔަކަށް ދިވެހިން ވާންޖެހޭނެ ކަމަށާއި އިޞްލާޙު ކުރުމަށްޓަކައި މަސައްކަތް ކުރާހައި ހިނދަކު، މާތްالله އެ ކަމަށް ތައުފީޤު ދެއްވާނެ ކަން ކަށަވަރުކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ކަންތައްތައް އިޞްލާޙު ކުރުމުގެ ނިޔަތުގައި ނަމަވެސް، އެއް ބަޔަކު އަނެއް ބައެއްގެ އަބުރާއި، ޝަރަފު ނަގާލުމާއި، ސިއްރުތައް ހާމަކުރުމަކީ، އޭގެ ސަބަބުން ބިމުގައި ފަސާދަ ޢާންމުވެދާނެ ކަންކަމެވެ. ބިންމަތީގައި ފަސާދަ އުފެދިއްޖެ ނަމަ، މާތް ﷲ އެބައި

މީހުންނަށް ޢުޤޫބާތް ދެއްވަ އެވެ. އެއީ އެބައިމީހުން މާތް ﷲ ގެ ޙަޟްރަތަށް ރުޖޫޢަ ވޭތޯ އެވެ!" ޚުތުބާގައި ވެއެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ ޤައުމެއްގައި އޮންނަ އެކުވެރިކަމާއި، އުޚުއްވަތްތެރިކަމުގެ ފޭރާން ވީދި، ޤައުމު ބައިބައިވެއްޖެ ނަމަ، ދެން އަލުން ކުރީގެ ޙާލަތަށް އެނބުރި ދިއުމީ އުނދަގޫ ކަމަކަށް ނޫނީ ނުވާނެ ކަމަށެވެ. އެގޮތުން ލީބިޔާ އާއި، ޢިރާޤާއި، އަފްޣާނިސްތާނާއި، ސީރިޔާއާއި، ސޯމާލިޔާއާއި، މިނޫން ވެސް ބައެއް ޤައުމުތަކަކީ، އޭގެ ދިރިހުރި މިޘާލުތަކެއްކަން ފާހަގަކޮށްފައިވެއެވެ.

"އެ ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ވަނީ ގެއްލިފައެވެ. އެބައިމީހުންގެ ކަންތައްތައް އެބައިމީހުން އަމިއްލައަށް ޙައްލު ނުކުރުމުގެ ނަތީޖާއަކަށްވީ، އަޅުވެތިކަމުގެ ނިމުމެއް ނެތް ވޭނާއި ކެކުޅުން ތަޙައްމަލު ކުރަން ޖެހުމެވެ. އެއީ އަރާރުން ވުމާއި، ދެކޮޅުވެރިކަމާއި، ދެބަސްވުމާއި، ޤައުމީ ސަލާމަތާއި، ޢާންމު މަޞްލަޙަތަށް ވުރެ ޛާތީ މަޞްލަޙަތު އިސްކުރުމާއި، އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމާއި، ދީނުގެ ނަމުގައި ޙައްދު ފަހަނަޅައި ދިއުމާއި، އަނިޔާވެރި ވުމާއި، ނުކިޔަމަންތެރިވުމުން އުފެދޭ ފިތުނަވެރިކަމުގެ ހިތި ނަތީޖާ އެވެ." ސުލްޙަވެރިކަން އިސްކުރުމަށް ގޮވާލާ މިއަދު ދިން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

ހަމައެއާއެކު, މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވާފައި ވަނީ، ކަމުވޮށިވެގެންވާ މީހުންގެ މެދުގައި މަޝްވަރާ ކޮށްގެން ކަަމަށާއި ރައްޔިތުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި، ރައްޔިތުންގެ ކަންކަމާ ޙަވާލުވެފައިވާ މުއައްސަސާތަކުގެ ވެރިންގެ މެދުގައި ވާހަކަ ދައްކައި، މަޝްވަރާ ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން