ސިވިލް ސާވިސްގެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ އޮފީސްތައް ހިގަމުންދާ ވެލާނާ ބިލްޑިންގ (ފޮޓޯ- ޝާހް/ ރަސް)
ސިވިލް ސާވިސްގެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ އޮފީސްތައް ހިގަމުންދާ ވެލާނާ ބިލްޑިންގ (ފޮޓޯ- ޝާހް/ ރަސް)
މި ރާއްޖޭގައި މިފަހަކަށް އައިސް ރައްޔިތުންނާއި ގުޅުންހުރި ނުވަތަ ގައުމާއި ރައްޔިތުންގެ ތަރައްގީއާއި ގުޅުންހުރި ހުރިހާ ކަމެއް ވެސް މި ހިނގަނީ ނުވަތަ ރޭވިގެން ކުރެވެނީ ސިޔާސީ މުހުތާދެއް، ބޭނުމެއް އޭގެ ތެރެއަށް ވަދެގެންނެވެ. މިކިޔާ ޒަމާނީ ޑިމޮކްރެސީ މިރާއްޖެއަށް އައި ފަހުން ރައްޔިތުންނަށް ޚިދުމަތެއް ދިނަސް ގައުމުގެ ތަރައްގީއަށް، ކުރިއެރުމަށް ކަމެއް ކުރިއަސް އެކަމެއް ގުޅިފައި މިއޮންނަނީ ކޮންމެވެސް ސިޔާސީ ބޭފުޅެއްގެ ސިޔާސީ ވަޢުދަކާއެވެ. ފަސް އަހަރުން އެއްއަހަރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަން ބޭނުންވާ މީހެއްގެ ވަޢުދުތަކެވެ. އޭގެ ދޮޅު އަހަރެއް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދާއިރާގެ ގޮނޑި ހޯދަން އަންނަ މީހާގެ ވަޢުދު ތަކެވެ.

ގައުމުގެ ހުރިހާ ކަމެއް މިހާރު ހިނގަނީ މިމަގުންނެވެ. ގައުމުގެ ވެރިކަމަށް އަންނަން ބޭނުންވާ މީހާއާއި އެމީހާ ނިސްބަތްވާ ޕާޓީން ވެރިކަން ހޯދަން ރައްޔިތުންނަށް ވިއްކާ އެއްޗަކީ ވަޢުދެވެ. ކަރުދާހުގައި ލިޔެގެންނާއި އަރާ ރަށެއްގެ ބާރުގަދަ ބަޔަކު ބުނެގެންނާއި ތިމާގެ ވާދަވެރިޔާއަށްވުރެ ބޮޑެތި މޮޅު ވަޢުދުތައް ވެގެން ރައްޔިތުންގެ ތާއީދު ހޯދާން ވެގެންނެވެ. ބައި މިލިއަން ވެސް ހަމަނުވާ އާބާދީ ބެހިފައިވާ ކުދިކުދި ރަށްތަކަށް އަރައި އާބާދީގައި ހާހެއްވެސް ހަމަނުވާ ރަށްތަކުގައި ބިޔަ ސްކޫލްތަކާއި ބޮޑެތި އިސްލާމީ މަރުކަޒު ތަކާއި ބޮޑެތި ހޮސްޕިޓާތަކާއި މުޅި ރަށްވަށައި ބަނދަރު ހަދައި މުޅި ރަށުގައި ތާރުއަޅައިގެން މަގުހަދައިދޭން، މިއިން ކޮންމެ އިންތިޚާބެއްގައި މިދެންނެވި ފަރާތްތަކުން ވަޢުދުވެއެވެ. ނުވިތާކަށް ޖެހިގެން ހުންނަ ހުރިހާ ރަށްތައް ގުޅާލުމަށް ބޮޑެތި ކޯޒްވޭތަކާއި ބްރިޖްތައް އެޅުމާއި ކޭބަލް ކާރު އެޅުމާއި ރައްޔިތުންގެ ޖީބުތައް ޕައުންޑުން ފުރައިދިނުމަށާއި މާލެ އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރާ މީހާ ގދ. ވާދޫގައި ހުންނަ އޭނާގެ އަނބިމީހާ ކައިރިއަށް "ނައިޓަށް" ރޭކުރާން އާދެވޭ ގޮތަށް ހެދުމަށާއި ބަނޑުގައި އޮންނަ ދަރިފުޅު އުފަންވާއިރަށް ހަދިޔާފޮށި ދިނުމަށާއި މުސްކުޅި މައިންބަފައިން ދަރީންނަށް ބަލަން ނުޖެހޭވަރަށް އެމީހުންނަށް އިނާޔަތް ދިނުމާއި، މިހެންގޮސް ރަންއިލޮށިން ރައްޔިތުންނަށް ކަދުރުކާންދޭން ވެސް ވަޢުދުވަނީއެވެ.

މިދަންނަވާލެވުނީ އަދި މިދެންނެވި ފަރާތްތަކުން ރައްޔިތުންނަށް ވާ ވަޢުދުތަކުގެ ތެރެއިން މަދު މިންވަރެކެވެ. މިދެންނެވި ސިޔާސީ ފަރާތްތަކުން މަގާމާއި ގޮނޑި ހޯދަން ވެފައިވާ ވަޢުދުތައް ފޮތެއްގައި ލިޔެ އެއްކޮށްފިއްޔާ ރަނގަޅު 200 ޞަފުހާގެ ފޮތެއް ފުރި ބަނޑޭރި ގަނޑުގައި ލިއުނަސް އެ ވައުދުތައް ލިޔެ ނުނިމޭނެކަން ޔަގީނެވެ. މިހުރިހާ ވަޢުދުތައް ވަމުންދާއިރު އެކަން ކުރާނެ ގޮތެއް، އެކަން ކުރާން ފައިސާ ހޯދާނެ ގޮތެއް، އެކަން ކޮށްގެން ރައްޔިތުންނާއި ރަށަށާއި ގައުމަށް ވާނެ މޮޅެއް ކުރާނެ ފައިދާއެއް އޮތްތޯވެސް ބަލާ ދިރާސާއެއް ކޮށްފައެއް ނޯވެއެވެ. އެވާހަކަ ނުވެސް ދައްކައެވެ. އެސުވާލު ކުރާނެ މީހަކުވެސް ނޫޅެއެވެ. މިދެންނެވި ފަރާތްތަކުން ގިނަ ވަޢުދުތައް ވަނީ ރައްޔިތުންގެ ތާއީދު ހޯދައިގެން މަގާމަށް އައުމަށެވެ.

މިކަމުގެ ކުޑަކުޑަ މިސާލެއް ދަންނަވައިލިޔަ ދެއްވާށެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނައިޓަށް ދެވޭގޮތަށް ހަމަޖައްސައި ދިނުމަކީ މީގެ ހަމަ ރަނގަޅު މިސާލެކެވެ. ރިސޯޓް ބޯއީސްގެ މުސާރަ 10 ހާސް ރުފިޔާއަށްވުރެ ކުޑަ ނުވާނެހެން މިނިމަމް ވޭޖު ކަނޑައެޅުމާއި އެމުވައްޒަފުންނަށް ނައިޓަށް ދެވޭ ގޮތަށް ގާނޫނުތަކާއި އުސޫލުތައް ކަނޑައަޅާނެ ކަމަށް ވައުދުގެ އެވާހަކަ އެންމެ ގިނައިން ދެއްކި މެންބަރު އެވަނީ ރިސޯޓް ބޯއީސްއަށް ނައިޓަށް ދެވޭގޮތަށް ގާނޫނުގައި އެވާހަކަ ހަމަ ރީތިކޮށް ލިއެދީފައެވެ. ގާނޫނުގައި އެއެޮތީ އޭނާ ހަމަ ވަޢުދުވި ގޮތަށް، އަނބިދަރީން ކައިރީގައި ރޭކުރަން ކޮންމެ ރެއަކު ދެވޭ ގޮތަށް ކަނޑައަޅާ ލިއެފައެވެ. ރިސޯޓުތަކުން އެކަން ކުރުމާއި ނުކުރުމަކީ އޭނާ ކުރާނެ ކަމެއް ނޫންތާއެވެ. އޭނާ ވީ ވަޢުދު އެއޮތީ އަކުރެއް، ފިއްޔެއް ވެސް ތަފާތެއް ނުކޮށް ހަމަ ވަޢުދު ވީ ގޮތަށް ލިޔެ ފުރިހަމަ ކޮށްފައެވެ. އެހެންވީމާ މިވާހަކަ މިހާހިސާބުން ބާއްވާފައި އަޅުގަނޑު މިއަދު ދައްކާން މިއުޅޭ ވާހަކައަށް ޖެހިލާނަމެވެ.

ރާއްޖޭގައި މިނިމަމް ވޭޖުގެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިކަން ވެސް ކުރާން މިއުޅެނީ ކުރީން ދެންނެވިފަދަ ވަޢުދެއްގެ މައްޗަށް ބިނާކޮށެވެ. އެވަޢުދު ފުއްދާން ބުނި ދުވަސް ފާއިތުވެ ގޮސް އާންމުން އޮބި ނޯންނަވަރަށް ފާޑުކިޔާން ފެށުމުން ގާނޫނުގައި ބުނާ ގޮތަށް އެކަމަށް އެކުލަވާލި ބޯޑުން އެވަނީ ގާނޫނުގައި ބުނާ ގޮތަށް ވަޒީރަށް އެކަންކުރާނެ ގޮތުގެ ލަފައެއް އަރުވާފައެވެ. މިހާރު ބޯޅަ އެއޮތީ ވަޒީރުގެ ވުޒާރާގައެވެ. ވުޒާރާއިން އެންމެ ފަހުން ބުނީ ބޯޑުން ވަޒީރަށް ދެއްވި މަޝްވަރާއާއިމެދު ދިރާސާކޮށް ގޮތެއް ނިންމާނެ ކަމަށެވެ.

ރަނގަޅު ވާހަކައެކެވެ. މިވެރިކަން ފެށުމާއެކު ދިމާވީ ވަރަށްވެސް ދެރަ ގޮތެކެވެ. މުޅި ދުނިޔޭގައި ބޮޑު ރޯގާ ބަލިމަޑުކަމެއް ފެށި ދުނިޔޭގެ ހުރިހާ ގައުމުތަކެއް ބަންދު ކުރާން ޖެހުމާއި މިޢާލަމީ ވަބާގެ ސަބަބުން މުޅި ގައުމުގެ އިގުތިޞާދު ހުއްޓުނީއެވެ. މީގެސަބަބުން ސަރުކާރު ހިންގުމުގެ ކަންކަމުގައި މުޅި ފޯކަސް މި ބައްޔާއި ދިމާއަށް އަނބުރާންޖެހި ގައުމުގެ ބަޖެޓުން ވެސް ކުރިން ބަޖެޓު ކުރެވިފައި ނެތް ކަންތައްތަކަކަށް ބޮޑެތި ހޭދަތަކެއް ކުރާން ޖެހުނީއެވެ.

އެހެންވީމާ ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހު މުޅި ސަރުކާރުގެ ފޯކަސް ބަހައްޓާން މިޖެހުނީ މިދެންނެވި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށެވެ. ނަމަވެސް ސިޔާސީ ގޮތުން ކުރަމުން ގެންދިޔަ ކަންކަމުގައި މާބޮޑު ބަދަލެއް ނުފެނި މިދެންނެވި ބަލިމަޑުކަމުގެ ތެރެއިން ބަޔަކު ނާޖާއިޒު ފައިދާތަކެއް ނަގައި ކޮރަޕްޝަނާއި ވައްކަމާއި ސިޔާސީ ޚަރަދުތައް ހިންގުމުގައި މަޑުޖެހުމެއް އަންނަތަން ނުފެނުނީމާ ބަލިމަޑުކަމުގެ ބަހަނާގައި ކަންކަން ނުކުރެވޭނެ ކަމަށް ބުނާ ބުނުން ރައްޔިތުންނަށް ގަބޫލުކުރާން ވެސް ދަތިވީއެވެ. އެހެންވީމާ ކުރީންވެސް ދެންނެވި ފަދައިން މި ސަރުކާރަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކާއި އެޖެންޑާ އޮނަވިހީގެ ވަޢުތައް މަޑުނުޖައްސައި ފުއްދާން މަޖުބޫރުވީއެވެ.

އެގޮތުން މިދެންނެވި މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ވެސް ކަނޑައަޅާން ބުނި ތާރީޚުން ކައްސާލައިގެން ގޮސް ވަޒީރު ދެއްވި ތާރީޚު ތަކުގައި ވެސް އެކަން ނުކުރެވި ދިއުމަކީ ކޯވިޑްގެ ބަލިމަޑުކަމުގެ އިގުތިޞާދީ އަޑިގަނޑުގެ ސަބަބުން ކުރަން އުނދަގޫ ކަމެއް ކަމުގައި ވިދާޅުވެ ވަޒީރު ދައްކަވާ ބަހަނާ އާންމު ރައްޔިތުންނަށް، ސިވިލް ސާވިސް މުވައްޒަފުންނަށް، ރިސޯޓް ބޯއީސްއަށް ގަބޫލުކުރަން ދަތިވީއެވެ.

ހަގީގަތުގައި ވެސް މިނިމަމް ވޭޖު ފަދަ މުޅި ރައްޔިތުންނާއި ގުޅޭ ބޮޑު ކަމެއް ނިންމާއިރު ގައުމަށް ކުރިމަތިވެފައިވާ ނުވަތަ ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާއަކާއި އަޅާކިޔައިގެން އެކަން ކޮށްފިނަމަ އޭގެ ނަތީޖާ މާ ރަނގަޅުވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިފަދަ މުހިންމު ކަމެއް ކުރާންވާނީ ދުރުމުސްތަގުބަލަށް އެކަމުގެ ފައިދާއާއި މަންފާ ވީހާވެސް ބޮޑު އާބާދީއަކަށާއި ވިޔަފާރި ތަކަށް ވެސް ކުރާނެ ފަދަ ގޮތަކަށެވެ. ވަކި ބަޔަކަށް މިނިމަމް ވޭޖް ވަކިވަރަކަށް ދޭން ވަޢުދުވެފައި އޮވެގެން އެމީހުންނަށް ވަކިވަރެއް ހަމަޖައްސާފައި އެހެން ކެޓަގަރީތަކަށް އެހެން ގޮތަކަށް މިނިމަމް ވޭޖު ހަދަން ހިސާބު ޖަހާ އުސޫލުން ގައުމުގެ އެކި ވިޔަފާރި ތަކަށާއި އެކި ޚިދުމަތްތަކަށް ބަލައިގެން ކޮންމެ ބަޔަކަށް ވަކި މިނިމަމް ވޭޖެއް ކަނޑައަޅާ އުސޫލުން މިނިމަމް ވޭޖު ކަނޑައަޅައިފިނަމަ ދުނިޔޭގައި އޮތް އެންމެ ވާނުވާ ނޭނގޭ އެންމެ ހިސާބުޖަހަން އުނދަގޫ މިނިމަމް ވޭޖަށް ރާއްޖޭގެ މިނިމަމް ވޭޖު ވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ. އެހެން ވިއްޔާ ރާއްޖޭގެ މިނިމަމް ވޭޖު ވެގެންދާނީ އެތަންފީޒުކުރާ ފަރާތްތަކަށް ވެސް ބޮޑު ބޮލުގަ ރިހުމަކަށްކަން ޔަގީނެވެ.

މިނިމަމް ވޭޖު ބޯޑުން މިނިމަމް ވޭޖާ ބެހޭ ގޮތުން ވަޒީރަށް މިހާރު އަރުވާފައިވާ ލަފަޔާ ބެހޭގޮތުން ޚިޔާލު ފާޅު ކުރެއްވި ޑރ. ހަސަން ހަމީދު ވެސް ވިދާޅުވެފައި ވަނީ މިހާރު ބޯޑުން ފާސްކޮށް ވަޒީރަށް ލަފާ އަރުވާފައިވާ މިނިމަމް ވޭޖު އެގޮތަށް ފާސްކޮށްފިނަމަ ރާއްޖޭގެ މިނިމަމް ވޭޖު ވެގެންދާނީ ދުނިޔޭގައި ވެސް އެންމެ އޮޅުންބޮޅުން ބޮޑު މިނިމަމް ވޭޖަށް ކަމަށެވެ. ގައުމީ ޔުނިވަސިޓީގައި އިސް މަގާމުތައް ފުރުއްވާ ތަޖުރިބާކާރު ޕްރޮފެސަރ ހަސަން ހަމީދު ވިދާޅުވާ ގޮތުގައި ސިވިލް ސާވިސްއަށާއި ތަފާތު ވިޔަފާރި ތަކަށާއި އެކި ޚިދުމަތްތަކަށް ވަކިވަކިން މިނިމަމް ވޭޖް ކަނޑައަޅައިގެން ނުވަތަ ވިޔަފާރީގެ އެކި ކެޓެގަރީތަކަށް ވަކިވަކިން މިނިމަމް ވޭޖް ކަނޑައިގެން މިނިމަމް ވޭޖް ދިނުމަކީ ދުނިޔޭގެ ގައުމުތަކުގައި އެކަންކޮށް އުޅޭ ގޮތެއް ނޫނެވެ. ހަސަން ވިދާޅުވާ ގޮތުގައި ދުނިޔޭގެ ގައުމުތަކުން މިނިމަމް ވޭޖު ކަނޑައަޅާފައި ހުންނަނީ މަސައްކަތް ކުރާ ގަޑިއަކަށް ދޭނެ ވަރު ކަނޑައަޅައިގެން އުމުރުފުރައަށް ބަލައިގެން މިނިމަމް ވޭޖު ދޭ ގޮތަށެވެ. މިގޮތަށް ކަނޑައަޅާއިރު ވެސް މިނިމަމް ވޭޖު ދިނުމުގައި އެންމެ ކުޑަކޮށް ދެނީ ޒުވާން އުމުރުފުރައިގެ މުވައްޒަފުންނަށެވެ.

މީގެ މިސާލެއްގެ ގޮތުގައި ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުން އޭނާ ވަނީ މިސާލުވެސް ނަންގަވާފައެވެ. އެގޮތުން އެއް މިސާލަކީ އިނގިރޭސި ވިލާތުގައި އެކަން ކޮށްފައިވާ ގޮތެވެ. ރާއްޖެއިން ވަރަށް ގިނަ ކަންކަމުގައި ނަމޫނާ ނަގަމުން ގެންދާ އިނގިރޭސި ވިލާތުގައި އެންމެ ފަހުން މިނިމަމް ވޭޖު ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު އުމުރުން 23 އަހަރުން މައްޗަށް މަސައްކަތް ކުރާ ގަޑިއަކަށް ދެވޭނެ އެންމެ ކުޑަ މުސާރައަކަށް ކަނޑައަޅާފައި ވަނީ 8.91 ޕައުންޑެވެ. 21 އަހަރާ 22 އަހަރުގެ އާބާދީއަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނީ 8.36 ޕައުންޑެވެ. 18 އަހަރާއި 20 އަހަރުގެ ޒުވާން އާބާދީއަށް މިނިމަމް ވޭޖުގެ ގޮތުގައި ގަޑިއަކަށް ޖެހެނީ 6.56 ޕައުންޑެވެ. އުމުރުން 18 އަހަރުން ދަށަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ގަޑިއިރަކަށް ދެވޭނީ 4.62 ޕައުންޑެވެ. އަދި އެޕެރެންޓިސް ނުވަތަ ވަޒީފާގެ ތަންރީން ހޯދާ ކުދިންނަށް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ ގަޑިއަކަށް 4.30 ޕައުންޑެވެ.



ނަމަވެސް ރާއްޖޭގެ މިނިމަމް ވޭޖު ކަނޑައެޅުމުގައި ބޮޑަށް ބުރަވެފައި ވަނީ އެކި ދާއިރާތަކަށް ތަފާތުކޮށް އެންމެ ދަށްވެގެން ދެވޭނެ މުސާރަ ކަނޑައަޅާ އުސޫލަށެވެ. އެގޮތުން މިދެންނެވި މިނިމަމް ވޭޖު ކަނޑައެޅުމުގައި މިނިމަމް ވޭޖު ބޯޑުން ވިސްނުން ބަހައްޓާފައިވަނީ ވިޔަފާރި ނުވަތަ ޚިދުމަތުގެ ކުޑަ ބޮޑުމިނަށެވެ. ސިވިލް ސާވިސް ދާއިރާއަށް ވަކި މިންވަރެއް، ކުދި ވިޔަފާރި ތަކަށް ވަކި އަދަދެއް އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ވިޔަފާރިތަކުގައި އެންމެ ކުޑަމިނުން ދޭނެ އުޖޫރަ ތަފާތު ވާގޮތަށެވެ. އެހެންވީމާ ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައަޅާފައި މިވަނީ ގައުމުގައި ހިންގާ ވިޔަފާރިތަކަށް ބަލައިގެން މިނިމަމް ވޭޖު ދޭ ގޮތަށެވެ. އެބުނާ ކުޑަ ވިޔަފާރިީގައި މަސައްކަތް ކުރާ މުވައްޒަފަށް ކުޑަ އުޖޫރައެވެ. ބޮޑު ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފަށް ބޮޑު އުޖޫރައެވެ.

ނޭނގި ނަމަވެސް ނުވަތަ އެނގިގެން ނަމަވެސް އެންމެ ކުޑަމިނުން ދެވޭނެ މުސާރަ ކަނޑައެޅުމުގައި ވެސް މިއޮތީ ބޮޑު ތަފާތު ތަކެއް ގެންގުޅެވިފައެވެ. އެންމެންނަށް ހަމަހަމަ އުސޫލަކުން ކުރަން ޖެހޭ ކަމެއްގައި މިއޮތީ މިންތީގެ ތަފާތާއި ގިންތީގެ ތަފާތު ވެސް އައިސް ބޮޑު މަސްހުނި ގަނޑަކަށް ވެފައެވެ. ވަޒީފާ ހޯދަން އުޅޭ މީހާއަށްވެސް ވާނުވާ އޮޅޭ ހިސާބުގައެވެ. އަދި ހިސާބު ޖަހާމީހާއަށް ވެސް އޮޅޭ ނުވަތަ އޮޅުވައި ލެވޭ ގޮތަށެވެ. މިކަން ވެސް ބޮޑު ބޮލުގަރިހުމަކަށް ނުވާ ގޮތަށް، އޮޅުންބޮޅުން ނާރާ ގޮތަށް، ޑރ. ހަސަން ހަމީދު ވިދާޅުވާ ފަދައިން، ދުނިޔޭގެ ތަހުޒީބު ގައުުތަކުގައި ކަން ކުރާގޮތަށް ކޮށްލިނަމަ، ތިމަންނާމެން އެކަން ކުރީ މިވެނި ގޮތަކަށޭވެސް ބުނެވެން އޮންނާނެތާއެވެ. މިފަދަ ކަންކަމަކީ ސިޔާސީ ވަޢުދެއްގެ މައްޗަށް ބިނާކޮށް ވަކި ބަޔަކަށް ބޮޑުކޮށް، ފައިދާވާ ގޮތަށް ކުރަން އުޅެގެން ރަނގަޅުވާނެ ކަންކަމެއް ނޫނެވެ. އަދި އެއީ ދެމެހެއްޓެނިވި ގޮތެއްގައި އެންމެންނަށް ހަމަކަމާއެކު ފައިދާ ލިބިގެންދާނެ ގޮތެއްވެސް ނުމެނޫންމެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން