ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
މާލެ ސަރަހައްދުގެ ފުރަ ބަންދަށް ފަހު އަންނަ "ނިއު ނޯމަލް" ނުވަތަ އައު ޢާންމު ޙާލަތުގައި ޢަމަލުކުރާ ގޮތުގެ އުޞޫލްތައް ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި އާންމުކުރާނެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ނިއުނޯމަލްގެ އަސާސީ ޑޮކިއުމަންޓް އެކުލަވާލައި ނިމިފައިވާކަމަށާ، މިއުޞޫލް ތައްޔާރު ކޮށްފައިވަނީ ޑޮކްޓަރުންނާއި ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާތަކަށް ފަހު ކަމަށެވެ. އަދި މާދަމާ މި އުޞޫލާމެދު ޕޮލިސީ ލެވެލްގައި މަޝްވަރާކޮށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެފިޔަވަޅުތައް އާއްމު ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތަށް ތައްޔާރުވުމުގެ ކުރިންވެސް ހޮސްިޕިޓަލްތަކުން ދިޔައީ އެހެން ބަލިތަކަށް ފަރުވާދެމުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އައު ޢާންމު ޙާލަތުގައި ހޮސްޕިޓަލަށް ޑޮކްޓަރަށްދައްކަންދާ މީހުންގެ އަދަދު އިތުރުވާނެކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި އެކިއެކި ބަލިތަކަށް ފަރުވާހޯދާ މީހުންގެ ޢަދަދުވެސް އިތުރުވެގެން ހިނގައިދާނެކަމަށް ލަފާ ކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އައު ޢާންމު ޙާލަތުގައި ޢަމަލުކުރާ އުޞޫލްގައި ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދާނެގޮތްތަކާއި ފުލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދެއްކޭނެ ގޮތްތައް ބަޔާންކޮށްފައި ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްތަކުން ބޮޑަށް އިސްކަން ދޭނީ ކޯވިޑް-19 ފިޔަވައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކަށާއި ކުއްލި ޙާލަތުގައި ޚިދުމަތްދޭންޖެހޭ ކަންތައްތަކަށްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"ކޮންމެހެން ފަރުވާ ހޯދަން ދާންޖެހޭ މީހަކަށް ހޮސްޕިޓަލަށް ދެވޭނެގޮތްތަކަށް، އަލުން އިންތިޒާމްތައް ހަމަޖެއްސުމަކީ އަލަށް އެކުލަވާލާ އުޞޫލްގައި އެކުލަވާލަންޖެހޭ ކަމެއް. ޚާއްސަކޮށް ލޮކްޑައުންގައި ޑޮކްޓަރަށް ދެއްކުމަށް ދިމާވި ދަތިތަކާއި އެ ތަޖުރިބާތައް ބޭނުންކޮށްގެން އުސޫލް އެކުލަވާލާފައިވާނީ. މިގޮތުން އެމްބިއުލާންސްގެ ޚިދުމަތް ހަރުދަނާކުރަން ޖެހޭ. މިކަމަށް ބަދަލުގެނެސް ހަރުދަނާ ކުރުމަކީ މުހިއްމުކަމެއް. "މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އައު އުޞޫލްގައި މުޅި ސިއްޙީ ނިޒާމުން ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދެވޭނެ ގޮތްތައް ފާހަގަކޮށްފައި ހުންނާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނަކީ ސިއްޙީ ނިޒާމުގެ މުހިންމު ބައެއްކަމަށާ، މިތަންތަނުން ޚިދުމަތްދޭނެ ދުވަސްތަކާއި މިފަދަ މުހިއްމު މަޢުލޫމާތުވެސް ހުންނާނެކަމަށް މިިނިސްޓަރ ވިދާޅުވިއެވެ. އަދި ފުރަބަންދުން ލުއިތަކެއް ދޭއިރު މެޑިކަލް ރެސްޕޮންސް ޓީމެއް އޮންނާނެކަމަށާއި އެ ޓީމުން ގޭގެއަށްގޮސް ބަލިމީހާގެ ޙާލަތު ދެނެގަނެ ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެނަމަ އެކަން ކުރަމުންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން މާލެ ސަރަޙައްދު ފުރަބަންދުގައި އޮންނަތާ މިހާރުވަނީ މަހަކަށްވުރެ ގިނަ ދުވަސް ވެފައެވެ. ފުރަބަންދަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، އެންމެފުރަތަމަ މޮނިޓަރިންގެ ހާލަތްތަކުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ސްކޫލްތަކާއި ކޮލެޖުތަކުގެ ކިޔެވުންވެސް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން