ކަރާޗީ އަށް ވެއްޓުނު ފްލައިޓްގެ ބައިތަކެއް
ކަރާޗީ އަށް ވެއްޓުނު ފްލައިޓްގެ ބައިތަކެއް
ޕާކިސްތާނުގައި ކޮންމެ ތިން ޕައިލެޓަކުން އެކަކު އަތުގައި އޮންނަނީ ފޭކް ލައިސަންސެއް ކަމަށާއި އޭގެތެރެއިން ގިނައީ މަތިންދާބޯޓު ދުއްވުމުގެ އެއްވެސް ކަހަލަ ތަމްރީނެއް ނުވަތަ ތަޖުރިބާއެއް ނެތް މީހުން ކަމަށް އެގައުމުގެ އޭވިއޭޝަން މިނިސްޓަރ ގުލާމް ސަރްވާރް ހާން ވިދާޅުވެއްޖެއެވެ.

މި މަހުގެ 22 ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީއަށް މަތިންދާބޯޓެއް ވެއްޓި 97 މީހަކު މަރުވުމާއި ގުޅިގެން ކުރެވުނު ތަހުގީގުގެ މައުލޫމާތު އެ ގައުމުގެ ނޭޝަނަލް އެސެމްބްލީއަށް ދެއްވަމުން ސަރްވާރް ހާން ވިދާޅުވީ އެގައުމުގައި މިހާރު ތިބި 860 ކޮމާޝަލް ޕައިލެޓުންގެ ތެރެއިން 262 މީހުންނަކީ މަތިންދާބޯޓު ދުއްވުމާއި ބެހޭ ތައުލީމެއް ނޫނީ ތަޖުރިބާއެއް ނެތް ބައެއްކަން ފާހަނގަކުރެވިފައިވާކަމަށެވެ. މި މީހުން ޕައިލެޓުން ފާސްވާންޖެހޭ ޓެސްޓުތައް ހަދާފައިވަނީ އަމިއްލައަށް ނޫންކަމަށް ހޯދި ހޯދުމުން އެނގިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާން އެއަރލައިންސްގެ މަތިންދާ ބޯޓު ޕީއޭ 8303، ވެއްޓުނު ހާދިސާ ހިނގާފައިވަނީ އެ ބޯޓު ދުއްވަން ތިބި ޕައިލެޓުންގެ އިހުމާލުން ކަމަށްވެސް އިތުރު ތަފްސީލް ދެއްވަމުން މިނިސްޓަރު ސަރްވަރް ހާން ވިދާޅުވިއެވެ. މިގޮތުން ޕައިލެޓުންނަށް ކޮންޓްރޯލް ޓަވަރުން ތަކުރާރުކޮށް ދެމުން ދިޔަ މައުލޫމާތުތަކަށް ބީރު ކަންފަތެއް ދީ، ޕައިލެޓުން ދައްކަމުންދިޔައީ ކޮރޯނާވައިރަހުގެ ވާހަކަ ކަމަށާއި އަދި ބޯޓު ވެއްޓިފައިވަނީ ލޭންޑް ނުކުރުމަށް ކޮންޓްރޯލް ޓަވަރުން އަންގާފައިވަނިކޮށް ކެޕްޓަން ބޯޓު ޖައްސަން އުޅުމުގެ ސަބަބުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ވާހަކަތަކާއި ގުޅިގެން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް އިން ވަނީ އެ އެއާލައިނުގައި މަސައްކަތްކުރަމުން އަންނަ ފޭކް ޕައިލެޓުން ހޯދައި މަގާމުން ވަކިކޮށްފައެވެ. މީގެއިތުރުން އެ އެއާލައިނުން ބުނެފައިވަނީ ފޭކް ލައިސަންސް މައްސަލައަކީ މުޅި އިންޑަސްޓްރީއަށް ދިމާވެފައިވާ މައްސަލައެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން