ސިވިލް ސަރވިސް ކޮމިޝަން
ސިވިލް ސަރވިސް ކޮމިޝަން
ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ފާޠިމަތު އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ވަނީ ސިވިލްސާވިސް ކޮމިޝަންގެ 5 މެމްބަރުންނާއި ގުޅޭގޮތުންވެސް ކޮމިޓީން ބަލަންޖެހޭ ބެލުންތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ނިންމާފައެވެ. މިއަދުގެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.

އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ކޮމިޓީން ވަކި ކުރުމަށް މީގެކުރިންވެސް ވަނީ ކޮމިޓީން ނިންމާފައެވެ. އާމިރާ ފިޔަވައި ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ އެހެން މެމްބަރުން ވަކިކުރުމަށް ނިންމައި އެކަން ކުރިއަށް ގެންދިއުމަށް އެމެމްބަރުން ލިޔުމުން ޖަވާބުދާރީވުމަށް އަންގަވާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ.

މަޤާމުން ދުރުކުރުމަށް ކޮމިޓީން ނިންމާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިނެވެ.

މީގެކުރިން ވެސް މަޤާމުގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް ޤަބޫލު ކުރެވޭތީ ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެންބަރުން ވަކި ކުރުމަށް، އެ ކޮމެޓީން ފާސްކުރިއެވެ. އެހެންނަމަވެސް، ކޮމިޝަނުގެ 4 މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު އަނބުރާ ފޮނުވާލެވުނެވެ. އަދި ޖޫން މަހުގެ 2 ވަނަ ދުވަހު، ކޮމިޝަންގެ މެމްބަރު ފާތުމަތު އާމިރާ އާއެކު ކޮމިޝަނުގެ 5 މެންބަރުން އެކީ ވަކި ކުރުމަށް ވެސް ކޮމެޓީން ނިންމިއެވެ.

ނަމަވެސް އާމިރާއަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި ކޮމެޓީއަށް ސިޓީއެއް ފޮނުއްވިއިރު، އޭނާ މަގާމުން ވަކިކުރަންޖެހޭ ވަރުގެ ސަބަބެއް ނެތް ކަމަށް ހޯމަ ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި މެމްބަރުން ފާހަގަކުރެއްވިއެވެ. އޭނާ މަގާމުން ވަކި ނުކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ ޙުސައިން ޝަހީމް ހުށަހެޅުއްވި ހުށަހެޅުއްވުން ކޮމެޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 9 މެމްބަރުންގެ ތެރެއިން 5 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން