ކީރިތި ޤުރުއާނުން އިޝާރާތް ލިބޭ ގޮތުގައި ސަލާމްލެއްވި އާދަމްގެފާނުން ފެށިގެން ބިންމަތީގައި އިންސާނުން އާބާދުވިއިރު އެންމެގެވެސް ދީނަކަށް އޮތީ ތައުޙީދުގެ ދީނެވެ. މިގޮތަށް އެތައްސަތޭކަ އަހަރުވަންދެން މިގޮތަށް ދެމިއޮތެވެ. އޭގެފަހުން މީސްތަކުންގެ ތެރޭގައި ބޭރުން ފެންނަ އެއްޗެހިތަކަށް އަޅުކަންކުރަން ފެށުނެވެ. އެކަމަށް ކިޔޭ ދެވަނަ ނަމަކީ ޝިރުކެވެ.

ނުފެންނަކަލަކު ތިމާމެން ކުރިމަތިލާ ފަރާތަކަށް ހަދަން އިންސާނުންނަށް އުދަނގޫވީއެވެ. އެހެންކަމުން ކަލަކު ވޮޑިގެންވާ ކަމުގެ އަޤީދާ ޤަބޫލުކޮށްގެންތިބެ ތިމާމެންނަށް ފެންނަ އެއްޗެހިތަކަކަށް ކުރިމަތިލާންފެށީއެވެ. އެއީ އިރުހަނދާއިތަރިތަކަށް އަޅުކަންކުރާން ފެށުނު ދައުރެވެ. އެދައުރުގައި ފަރުބަދަތަކާއި ކަނޑުތަކަކީވެސް ކަލާނގެތަކެއްކަމުގައި ވިސްނާންފެށިއެވެ. އަދި ކީއްތޯއެވެ؟ އިންސާނުންކުރެވެސް އެމީހެއްގެ ކިބައިގައި ވެރިކަމާއި ޖާހުހުރި ކޮންމެ މީހަކު ކަލާނގެ ބައިވެރިޔެއްކަމުގައި ޚިޔާލުކުރާން ފެށިއެވެ. މިގޮތުން ގާތްގަނޑަކަށް ހާހެއްހައި އަހަރުގެ ތެރޭގައި، ފިކުރީ ގޮތުން ތައުޙީދަށް ލިބިފައިއޮތް އިސްކަން ނެތިގެން ހިނގައްޖެއެވެ. ޝިރުކުގެ ދީން އިންސާނުންގެ ސިކުނޑިތަކަށް ވެރިވެެއްޖެއެވެ.

އެންމެ ފުރަތަމަ ފެށުނު ތައުޙީދުގެ ދީން މިގޮތަށް އޮޅި ޝިރުކު ޢާއްމުވުމުން މާތް ﷲ ނަބީބޭކަލުން ފޮނުއްވާން ފެއްޓެވިއެވެ. ނަމަވެސް ޝަރީކު ކުރުމުގެ ދީން ދުނިޔެއިން ފޮހެލައްވައި އެއްކައުވަންތަކަމުގެ ދީނަށް ދެވަނަ ފަހަރަށް ފުރިހަމަ ނަޞްރާއި ކާމިޔާބީ ހޯއްދަވައި ދެއްވޭފަދަ މަޤްބޫލުކަމެއް އެނަބީބޭކަލުންނަކަށެއް ލިބިވަޑައެއް ނުގެންނެވިއެވެ. އެޒަމާނުގައި އިންސާނީ ނަޞްލު ފެތުރިފައިއޮތް ހުރިހާ ތަނަކަށް އެއްނަބީބޭކަލަކަށްފަހު އަނެއްނަބީބޭކަލަކު ވަޑައިގަންނަވަމުން ގެންދެވިއެވެ. (އަލްމުއުމިނޫން : 44 ) ޙަދީޘެއްގައި ވާގޮތުން މިގޮތުން ފޮނުއްވުނު ނަބީބޭކަލުންގެ ޢަދަދަކީ ގާތްގަނޑަކަށް ދޮޅުލައްކައެވެ. ނަމަވެސް އެހުރިހާ ނަބީބޭކަލުންވެސް ހިމެނިވަޑައިގެންނެވީ ފުރައްސާރަކުރެއްވުމުގެ މަމުޟޫޢެއްކަމުގައެވެ. (ޔާސީން :30)

މީހަކު ޙައްޤަށް އިންކާރުކުރާއިރު އަދި ކީއްތޯ އެވެ؟ ޙައްޤަށް ފުރައްސާރަކުރަން ތެދުވާއިރު އެއީ ހަމަހުރެލާފައި ކުރާކަމަކަށެއް ނުވާނެއެވެ. މީހަކު އެކަހަލަ ގޮތެއް ޚިޔާރުކުރާނީ ކޮންމެވެސް ގޮތަކުން ބާރެއް ލިބިގަނެގެންނެވެ. އެކަމަކާހުރެ އޭނާ ޙައްޤާ އެއްކިބާވާ ކޮންމެވެސް ބޮޑާވެގަތުމުގެ ވަސީލަތެއް އޮވެއެވެ.

ކީރިތި ޤުރްއާނުގެ ސޫރަތުލް ޣާފިރުގެ 83 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

"ފަހެ އެބައިމީހުންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން އެބައިމީހުންގެ ގާތަށް ވަޑައިގަތްހިނދު، އެބައިމީހުންގެ ގާތުގައިވާ (ދުނިޔޭގެ) ޢިލްމަށްޓަކައި އެބައިމީހުން އުފާކުރިއެވެ. އަދި އެބައިމީހުން ފުރައްސާރަކޮށް އުޅުނު ކަންތައް އައިސް އެބައިމީހުން ވަށައިލިއެވެ."

ރަސޫލުން ފޮނުއްވޭ ޤައުމުތަކުގެ މީހުން އޭގެ މައްޗަށް ބިނާކޮށް ބޮޑާވެގަންނަ "ޢިލްމު" ތަކުގެތެރޭގައި އަޞްލުގެއްލި މަސްހުނިވެފައިވާ މަޒުހަބުތައްވެސް ހިމެނެއެވެ. ދިގުޒަމާންތަކެއް ވޭތުވުމުގެ ސަބަބުން އެޤައުމުތަކުގެ މީހުންގެ ގާތުގައި އެދީންތަކަކީ މުޤައްދަސް ދީންތަކެއް ކަމުގައިވަނީ ބެލެވިފައެވެ. ކާބަފައިންގެ އެބާވަތުގެ ދީންތަކަކީ އަބަދުވެސް ފެތުރިފައިވާ ދީންތަކެކެވެ. އެބައިމީހުން ޤަބޫލުކުރާ މާތް މީހުންތަކެއްގެ ނަންތަކެއް އެދީންތަކާ ގުޅިފައިއޮވެއެވެ. އެދީންތަކުގެ ބިންގަލުގެމަތީގައި ބޮޑެތިބޮޑެތި އިދާރާތަކެއް ހިނގަމުންދެއެވެ. އެބައެއްގެ ޤައުމިއްޔަތުގެ މުޅި އޮނިގަނޑު ބިނާކޮށްފައި ހުންނާނީ އޭގެމައްޗަށެވެ. ދިގު ތާރީޚެއްގެ ނަތީޖާއެއްގެ ގޮތުން އެދީނެއް އޮންނަނީ އެބައެއްގެގާތުގައި މަތީމަޤާމުގެ ބޮންތި އަތުލައިފައެވެ.

އަނެެއްކޮޅުން ނަބީބޭކަލަކު ވަޑައިގެން އުފުއްލަވާ ތައުޙީދުގެ އަޑުފުޅު ހިމެނެނީ ވަގުތުގެ މާޙައުލަށް ބީރައްޓެހި އަޑުފުޅަކަށެވެ. އެބޭކަލަކީ ޙައްޤުގެ ދާޢީއެއްކަމަށް ކުރައްވާ ދަޢުވާ ހިމެނިފައި އޮންނަނީ އެދަޢުވާއެއްގެ ފަހަތުގައި ކަށަވަރުކޮށްދިނުމުގެ ތާރީޚެއް އެހާތަނަށް ލިޔެވިފައި ނޯންނަ ދަޢުވާއެއް ކަމުގައެވެ. އެބޭކަލެއްގެ އަތްޕުޅުގައި އެބޭކަލެއްގެ ނަބީކަން ސާބިތުކޮށްދެއްވާނެ މާއްދީ ދަލީލުތަކާއި ހެކިތަކެއް ނުހުރެއެވެ. މިތަފާތު ސަބަބުން އެބަޔަކަށް އެނަބީޔަކު ފެންނަނީ ވަރަށްވެސް ނިކަމެތިކޮށެވެ. އެބައެއްގެ ކާބަފައިންގެ ދީން ފެންނަނީ ވަރަށް މާތް އެއްޗެއްގެ ގޮތުގައެވެ.

މިސާލެެއްގެގޮތުން ދަންނަވާނަމަ ސަލާމްލެއްވި ޢީސާގެފާނަކީ އަމިއްލަފުޅު ގެދޮރުނެތް ބޭކަލެކެވެ. އަވަހާރަފުޅު ލައްޕަވަނީ ގަސްގަހުގެ ދަށުގައެވެ. އަނެއްކޮޅުން ޔަހޫދީންގެ ދީނީ އިމާމުންތިބީ ހައިކަލުގެ މަތިވެރި ޢިމާރާތުގައެވެ. އެހެންވީއިރު، ހައިކަލްގެ ޗެއަރމަނާ އަޅައިބަލާއިރު ޙައްޤުގައި ހުންނެވީ ގެއެއްދޮރެއްނެތް ބޭކަލަކު ކަމުގައި ޢާއްމުކޮށް ޤަބޫލުކުރެވޭނީ ކިހިނަކުންތޯއެވެ؟

އިސްވެދިޔަ ޤައުމުތަކުގެ މީހުން އެބައިމީހުންގެ ގާތަށް ވަޑައިގެންނެވި ނަބީބޭކަލުންނަށް ފުރައްސާރަކޮށް އުޅުނީ މިހެންވެގެންނެވެ. އެބައިމީހުން އެގޮތަށް ފުރައްސާރަކޮށް ހަދާއިރު އެބައިމީހުން ހީކުރަނީ ތިމަންމެން މިތިބީ ކާބަފައިންގެ އެވެނިމިވެނި "މާތްބޭކަލުން" ގެ ދާވަނިކޮޅުގައި ހިފަހައްޓައިގެން ކަމުގައެވެ.

"އެބޭކަލުންނާ" އަޅައިބަލާއިރު މި މައްމީހާގެ އޮތީ ކޮންހައިޞިއްޔަތެއް ހެއްޔެވެ؟ ކާބަފައިންގެ މިފިހުރިސްތުގައި އިސްވެދިޔަ ނަބީބޭކަލުން ހިމެނިވަޑައިގެންފައިވިޔަސް ޢަމަލީގޮތުން އެބޭކަލުން ހިމެނިވަޑައިގެންފައިވަނީ ޤައުމީ އަބްޠާލުންގެ ބާވަތެއްގެ ބޭކަލުން ކަމުގައެވެ. ޙައްޤުގެ މަގަށް ގޮވައިލެއްވި ބޭކަލުން ކަމުގައެއް ނޫނެވެ.



********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން