ދިރިއުޅުމުގެ އެކި ހާލަތްތަކުގެ ތެރެއިން ގިނަ މީހުން އަބަދުހެން އުޅެން ޖެހެނީ ސްޓްރެސްގެތެރޭގައެވެ. ދިރިއުޅުމުގައި ބައިވެރިޔާއާއި ދިމާވާ ކަންކަމާއި އޮފީސް މާހައުލުގައި ދިމާވާކަންކަމާއި މާލީ ގޮތުން އަންނަ ޕްރެޝަރުތަކަކީ ދިރިއުޅުމުގައި ސްޓްރެސްވެ ހާސްވާން ދިމާވާ ކަންކަމެވެ. އަދި މިހާރަކަށް އައިސް ވަކި 'ފިޓްނަސް ގޯލް' އެއް ހާސިލްކުރުމަށްވެސް އެކިކަހަލަ ވެއިޓް ލިފްޓިންގެ ތެރެއިން މީހާގެ ހަށިގަނޑަށް ސްޓްރެސް ގެނުވައެވެ.



ގިނަ ބަޔަކު ދެކޭގޮތުގައި ސްޓްރެސްވުމަކީ އާއްމު ދިރިއުޅުމުގައި ދިމާވާ އެކިކަންކަމުން ވަގުތީގޮތުން އިހުސާސްކުރަންޖެހޭ އުނދަގޫ ހާލަތެކެވެ. އަދި އެބައިމީހުން ދެކޭގޮތުގައި ދިމާވާ މިފަދަ ހާލަތްތަކުގައި ވަގުތީ ގޮތުން އުނދަގޫތަކެއް ވީނަމަވެސް މީހާގެ ޖިސްމާނީ ޞިއްޙަތަށް އޭގެ ސަބަބުން އަސަރެއް ނުކުރާނެއެވެ. އެހެންނަމަވެސް މިއީ ރަނގަޅު ވިސްނުމެއެއް ނޫނެވެ. ސްޓްރެސްގެ ސަބަބުން މީހާގެ ހަށިގަނޑަށް، ވަކިން ޚާއްސަކޮށް ހިތުގެ ދުޅަހެޔޮކަމަށް މީގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރެއެވެ.

ސްޓރެސްގެ ސަބަބުން ލޭމައްޗަށް ދިއުން:

ޞިއްޙީ ގިނަ ހޯދުންތަކުން އެނގި ހާމަވާގޮތުގައި ސްޓްރެސްގެ ސަބަބުން ހިތުގެ ގިނަ މައްސަލަތައް ދިމާވެއެވެ. އިންސާނާ ސްޓްރެސްވުމުން ހަށިގަނޑުން ކޯޓިޒޯލް އާއި އެޑްރަނަލައިން ކިޔާ ސްޓްރެސް ހޯމޯންތަކެއް ހަށިގަނޑުން އުފައްދައެވެ. އަދި މިއީ ހަށިގަނޑަށް ގެއްލުމެއް ލިބިދާނެކަމަށް މީހާގެ ހަށިގަނޑު ތައްޔާރުކޮށްދޭ އަދި މުޅިހަށިގަނޑު އެފަދަ ކަމަކަށް ސަމާލަށް ގެނުވާ ހޯމޯންއެކެވެ. މިހޯމޯންގެ ސަބަބުން ހަށިގަނޑު ތެރޭގައި ލޭގެ ހިނގުން އަވަސްވެ ހިތުގެ ވިންދު އަވަސްކޮށް ލޭގެ ޕްރެޝަރު މަތިކޮށްލައެވެ.

މިގޮތަށް ދޭތެރެއަކުން ދިމާވުމަކީ މައްސަލައެއް ކަމުގައި ނިބިކަމުގައިވިޔަސް މީގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ލިބިދާނެ ހާލަތަކަށް ހަށިގަނޑު ތައްޔާރުކޮށްދެއެވެ. އަދި އަބަދުހެން މީހާ ސްޓްރެސްވެ ކޯޑިޒޯލް ލެވަލް މަތިކޮށް ހުންނަމަ ހިތުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރެއެވެ. އަބަދުހެން ސްޓްރެސްވުމުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ ލޭހޮޅިތައް ފިތޭގޮތްވެ ލޭގެ ހިނގުމަށް އަސަރުކުރެއެވެ. އަދި އަބަދު ޕްރެޝަރު މަތިވުމުގެ ސަބަބުން ލޭދައުރު ކުރުމަށް ހިތުން ލޭ ޕަމްޕު ކުރާ މިންވަރު އިތުރުކުރުމަށް މާބޮޑަށް މަސައްކަތްކުރަން ޖެހެއެވެ. އެހެންކަމުން މިހާލަތުގައި ލޭމައްޗަށް ދިއުމުގެ މައްސަލަ ދިމާވާން މެދުވެރިވެއެވެ.

މީގެއިތުރުން ހިތަށް ލޭފޮނުވައިދޭ ނާރުތަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ލޭ ހޮޅިތަކުގައި ޕްލޭކް އުފެދި ލޭހޮޅިތައް ހިމަވެ ހިތަށް ލޭފޮނުވައިދޭ މިންވަރު މަދުވުމަކީ މީގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި ކަމެވެ. މިއީ އެންޖައިނާ ކިޔާ ބައްޔަކަށް މެދުވެރި ކުރުވާނެކަމެކެވެ. އަދި މީގެ ސަބަބުން މޭގައި ރިއްސުމާއި ނޭވާލުމާއިއެކު މެއަށް އުނދަގޫތައް ދިމާވެއެވެ. އަދި ބައެއްފަހަރު ޕްލޭކްތައް ގިނަވެ ލޭހޮޅިތަކުގައި ރެނދުއަޅައި ހަށިގަނޑުގައި ހުންނަ ފެޓްސްއާއި ވިހަ މާއްދާތަކަށް ހަށިގަނޑުގައި ދައުރުކުރާ ލޭ ހުށަހެޅޭ ގޮތް ވެއެވެ. މީގެ ސަބަބުން ޕްލޭކް އުފެދި ލޭހޮޅި ބަންދުވުމުގެ އިތުރުން ލޭގަނޑުވެ ހިތް ހުއްޓި ކުއްލިގޮތަކަށް މަރުވުން އެކަށީގެންވެއެވެ.

އާއްމު ދިރިއުޅުމާއި ސްޓްރެސް މެނޭޖު ކުރުން:



އާއްމު ދިރިއުޅުމުގައި ގިނަ ކަންތައްކެއް ހިމަނައި ހަށިގަނޑަށް ލުއި ނުލިބޭ ކަހަލަ ގޮތަކަށް ކިޔެވުމާއި ވަޒީފާއާއި އާއިލާގެ ކަންތައް ބަލަމުން މީހާގެ މުޅި ދުވަސް ސްޓެސްގެ ތެރޭގައި ގެންގުޅުމަކީ ތަހުޒީބު މުޖުތަމައުގައި އާއްމުކަމަކަށް މިވަނީ ވެފައެވެ. އެހެންނަމަވެސް އާއްމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު އެތައްކަމެއް ބޮލަށް ލައިގެން އުޅުމުން މީހާގެ ހަށިގަނޑުން އަބަދުހެން ކޯޓިޒޯލް އުފައްދައި ހަށިގަނޑުގައި ޕްރެޝަރު ބޮޑުވެއެވެ.

މީގެއިތުރުން ސްޓްރެސްވުމުން ބައެއް މީހުން މިސްޓްރެސް ފިލުވައިލުމަށް ގެންގުޅޭ އާދަތަކަކީވެސް ހަށިގަނޑުގެ ޞިއްހަތަށް ނޭދެވޭ އަސަރު ކުރުވާ ކަންކަމެވެ. އެއްބަޔަކު ސިނގިރޭޓު ބުއިމުން ހިތްހަމަޖެހުން ހޯދާއިރު އަނެއްބަޔަކު ފޮނި އެއްޗެހި ކެއުމުންނާއި ލުއިކާނާ ކެއުން ޚިޔާރުކުރެއެވެ. މިއީ ހައްތާވެސް ހިތުގެ މައްސަލަތައް އިތުރުވާނެ އާދަތަކެވެ.

ހަމަމިއާއެކު ސްޓްރެސްގެ ސަބަބުން ނިންޖަށް އަސަރުކޮށް، ނިދިނުލިބި، މީހާގެ ހަށިގަނޑަށް އަރާމުކޮށްލާނެ ވަގުތު ނުލިބުމަކީވެސް ކާޑިއޮވަސްކިއުލާ ނުވަތަ ހިތުގެ މައްސަލަތައް އިތުރުކުރުވާ ކަމެކެވެ.

ސްޓްރެސްއާއި ކުރިމަތިލާނެ ގޮތް:

ހިތުގެ މައްސަލަތަކަކީ މީހާގެ ފުރާނައަށް ނުރައްކާވާ މައްސަލަތަކެކެވެ. އެހެންކަމުން ސްޓްރެސްއާއިއެކު ދިރިއުޅުން މެނޭޖުކުރަން ދަސްކުރަންޖެހެއެވެ. ސްޓްރެސްވުމަކީ އެންމެންގެ ދިރިއުޅުމުގައިވެސް ދިމާވާނެކަމެކެވެ. ނަމަވެސް މީގެ މުހިންމީ ސްޓްރެސްވާ ވަގުތު ސްޓްރެސް މެނޭޖުކުރަން ދަތުމެވެ.



ސްޓްރެސް މެނޭޖުކުރުމުގެ އެންމެ ފުރަތަމަ ކަމަކީ ސްޓްރެސް ކުރުވައި ހާސްކުރުވަކީ ކޮންކަމެއްތޯ ދެނެގަތުމެވެ. އަދި ވަގުތު ހޯދައިގެން ސްޓްރެސް މަދުކުރާނީ ކިހިނެއްތޯ އެކަމާއި ވިސްނާލުމަކީ މުހިންމު ކަމެކެވެ. ކުރިމަގާއިމެދު ވިސްނައި ހާސްވާނަމަ އެކަން ދޫކޮށްލާށެވެ. މުސްތަޤުބަލުގައި ކަން ހިނގާނެ ގޮތެއް ނޭނގޭނެއެވެ. މުސްތަޤުބަލު އަލިކުރުމަށް މަސައްކަތް ކުރަމުން އެކަމާއިދޭތެރޭ މާބޮޑަށް ވިސްނުން ދޫކޮށްލަންޖެހެއެވެ. ވަކިން ޚާއްސަކޮށް އެކަމުން ތިމާ ސްޓްރެސްވާނަމަ އެކަން ދޫކޮށްލާށެވެ. އަދި ﷲ އާއި ވަކީލުކޮށްލައި ތިޔަ ވިސްނުންތައް ހުއްޓާލާށެވެ.

ސްޓްރެސްވާވަގުތު ހަށިގަނޑު ރިލެކްސްކުރުމަށް ބްރީތިން ޓެކްނިކްސް ބޭނުންކުރާށެވެ. މިގޮތުން ފުންނާވާ ލުމާއި 10 އަކާއި ހަމައަށް މަޑުމަޑުން ހުރެ ގުނުމާއި މީހާ ރިލެކްސް ކުރުވާނެ މިފަދަ އެކްސަސައިޒްތަކުގެ ބޭނުން ހިފާށެވެ. އޭރުން އެވަގުތުތަކުގައި ހަށިގަނޑަށް ލުއިކަން އިހުސާސްކުރެވިގެންދާނެއެވެ.

އާއްމު ދިރިއުޅުމުގައި ކަންކަމާއި ސްޓްރެސްވެ ހާސްވާނަމަ ހަށިގަނޑަށް ރިލެކްސޭޝަން ނުވަތަ އަރާމު ހޯދުމަށާއި ހަށިގަނޑަށް ބޭނުންވާ ނިދި ފަސޭހައން ލިއްބައިދިނުމަށް ކުރެވިދާނެ އަނެއްކަމަކީ ކަސްރަތުކުރުމެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކުން ދިފާއުވުމާއިއެކު މީހާގެ މޫޑުވެސް ރަނގަޅުކޮށްދޭނެއެވެ.

ކަސްރަތުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން:

ކުއްލިޔަކަށް މީހާގެ ހަށިގަނޑާއި އެކަށީގެންނުވާ އިންޓެންސް ނުވަތަ ހަށިގަނޑުގެ މަސްތަކަށް މާބޮޑަށް އަސަރުކުރުވާ ކަސްރަތުތައް ކުރުމަކީ ގެއްލުންހުރިކަމެކެވެ. ކަސްރަތު ކުރުމަށްފަށައި މާއަވަހަށް އިންޓެންސް ކަސްރަތުތައް ކުރަންފަށައިފިނަމަ ހިތަށް ފްރެޝަރު ބޮޑުވެއެވެ. އެހެންކަމުން ކަސްރަތުކުރަން ފަށައިގަންނައިރު ހަށިގަނޑަށް އެކަށޭނަ މިންވަރަކަށް ކަސްތަރުކުރަމުން ގެންދާށެވެ.

ސްޓްރެސް ކުޑަކުރުމަކީ މީހޭގެ ހިތްހަމަޖެހުން ލިއްބައިދޭނެކަމެކެވެ. އެހެންކަމުން ދިރިއުޅުމުގެ އެކިކަންކަމުގައި އުޅެމުންވެސް އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހުސްކޮށް އަމިއްލަ ނަފްސަށް ބޭނުންވާ ކަންކަން ކޮށްލުމަކީވެސް މިހިތްހަމަޖެހުން ހޯދޭނެކަމެކެވެ. އަބަދުހެން އެހެން މީހުންގެ ކަންކަމުގައި އުޅެމުން އަމިއްލަ ނަފްސަށް އަޅާނުލެވުމަކީވެސް ސްޓްރެސް ބޮޑުވާނެ ކަމެކެވެ. އެހެނަކަމުން ސްޓްރެސް ފިލުވާލުމަށް އެހެން ހުރިހާކަމަކަށްދޭ ސަމާލުކަމަށްވުރެ ބޮޑަށް ކޮންމެވެސް އެއްވަގުތެއްގައި އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހޯދާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން