މަރިޔަމް ލަމްޙާ ރަޝީދު   28 އޯގަސްޓު 2023 - 12:16
ފަލަވުމަކީ ހަށިގަނޑުގައި އެތައް ގޮތަކުން ބަލިތައް އިތުރުވުމަށް މަގުފަހިވާ ކަމެކެވެ. މީގެ ތެރޭގައި ހާމަކުރަން ނުކެރޭ ލަދުވެތި ކަންކަންވެސް ހިމެނިގެންވެއެވެ. މިގޮތުން ފަލަވެ ބަނޑުލުމުން ފިރިހެނުންނަށް ދިމާވާ މިފަދަ އެއްކަމަކަމަކީ 'އެރެކްޓައިލް ޑިސްފަންގަންޝަން' ކިޔާ ޖިންސީގޮތުން ބާރުދައްވުމަށް މެދުވެރިވާ ބައްޔެކެވެ. މިކަމުގެ ސަބަބުން ޒަވާޖީ ހަޔާތަށް ނޭދެވޭ އަސަރުކުރުވައެވެ.



މިކަން ތަހައްމަލު ކުރަމުންދާ މީހުންނަށް އޮތް އުފާވެރި ޚަބަރަކީ ތިބާގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލައިގެން މިކަން ހައްލުކުރެވިދާނެ ކަމެވެ. ކަސްރަތުކޮށް ތިބާގެ ހަށިގަނޑު ދުޅަހެޔޮ މިންވަރަކަށް ބަރުދަން ލުއިކޮށްލުމުން މިމައްސަލައަށް ހައްލު ލިބިގެންދާނެއެވެ. ތިރީގައި މިވަނީ މިކަމާއި ގުޅޭ ގޮތުން އިންޑިޔާގެ އޮންލައިން ނޫހެއް ކަމަށްވާ ސައުތު ފަސްޓު ރިޕޯޓްކޮށްފައި ހާދިސާއެކެވެ.

ހައިދަރުއާބާދުއަށް ނިސްބައްވާ 31 އަހަރުގެ ސައީދު (ނަން ބަދަލުކުރެވިފައި) އޭނާގެ ބުރަކަށީގައި ޑިސްކުގެ މައްސަލައެއްޖެހިގެން ޑޮކްޓަރަށް ދެއްކިއެވެ. އަދި މިކަމަށް ހައްލު ހޯދުމަށް ފިޒިއޯ ހެއްދުމަށް އޭނާ ދެއްކި އެޕޯލޯ ހޮސްޕިޓަލުގެ ނާރުގެ ޚާއްސަ ޑޮކްޓަރ ސުދީރު ކުމާރު ލަފާދެއްވިއެވެ. އަދި ދިރިއުޅުމުގެ ވައްޓަފާޅި އިސްލާހުކޮށް ފައިދާހުރި ކާނާ ކެއުމަށާއި ޤަވައިދުން ކަސްރަތު ކުރުމަށް އޭނާއަށް ޑޮކްޓަރު ނަސޭހަތްތެރިވިއެވެ.

ހަޤީޤަތުގައި މިކަން ވެގެންދިއައީ އޭނާ ސިއްރުން ކުރަމުން އައި ހިތާމައިގެ ނިމުމަށެވެ. އޭނާގެ ފަރުވާއަށްފަހު ފޮލޯއަޕްއަށް ކުރި ޒިޔާރަތުގައި އޭނާ ޑޮކްޓަރަށް އެޚަބަރުދިނެވެ. ޑޮކްޓަރު ދިން ބޭހުގެ ސަބަބުން ބުރަކަށީގައި ރިއްސުން ފިލައިފިކަމަށް ކިޔައިދެމުން އޭނާ ވާހަކަ ފެށިއެވެ. އަދި މިހާރު ޤަވައިދުން ކަސްރަތު ކުރާކަމުގައިވެސް ބުންޏެވެ. އަދި އެވާހަކަތައް ނިމުމުން އޭނާ ޑޮކްޓަރު ގާތުގައި ބުންޏެވެ. "އަހަރެން ޑޮކްޓަރާއި ވާހަކައެއް ހިއްސާކޮށްލަން ހެއްޔެވެ؟" ޑޮކްޓަރު އާއެކޭ ބުނުމުން އޭނާ ސިއްރުކޮށްގެން ހުރި ހާލަތުގެ ވާހަކަތައް ކިޔައިދިނެވެ.

ސައީދު ބުންޏެވެ.' މިއީ އަހަރެން ވަރަށް ލަދުގަނެފައި ހުރި ކަމެކެވެ. އަހަރެން ކައިވެނިކޮށްގެން އުޅޭތާ 2 އަހަރުވެއްޖެއެވެ. އޭނާ ބޭރުން ކިޔަވައިގެން އަނބުރާ އައުމުން އަހަރެންގެ ފަރާތުން އައިސްފައިވާ ބަދަލުތައް އޭނާއަށް ފާހަގަވާންފެށިއެވެ. އަހަރެންނަށް އަނބިމީހާއާއިއެކު ކުރިން އުޅުނު ގޮތަށް ގުޅުން ހިންގައި ނުދެވެއެވެ. އަހަރެން ކުރިން މިވާހަކަ ނުބުނީ ލަދުގަންނާތީއެވެ." ސައީދު އޭނާގެ ވާހަކަ ކުރިއަށް ގެންދިއައެވެ. "އެހެންނަމަވެސް މިހާރު ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ޑޮކްޓަރ އަހަރެންނަށް ދިން އިރުޝާދުގައި އަހަރެން ހިފީމެވެ. ކަސްރަތުކޮށް ލައިފްސްޓައިލް ބަދަލުކުރުމުން ހަމައެކަނި ބުރަކަށީގެ ތަދު ކެނޑުނީކީ ނޫނެވެ. އަހަރެން ތަހައްމަލުކުރަމުންދާ އިރެކްޓައިލް ޑިސްފަންގްޝަންގެ މައްސަލައަށްވެސް ހައްލު ލިބިގެން ހިނގައްޖެ އަދި އަހަރެންނަށް ދެއްވި ބޭސްތަކުގެ ތެރެއިން މިކަމަށް އެހީވެދިނީ ކޮންބޭހަކުންތޯ ބަލަންވެސް އަހަރެން ބޭނުންވެއެވެ." ސައީދު ޝުކުރުވެރިވާޙާލު ޑޮކްޓަރުކުރެން އަހާލިއެވެ.

ޑޮކްޓަރ އޭނާގެ ވާހަކަތައް އަޑުއަހައިފައި ބުނީ އޭނާގެ އެމައްސަލައަށް ހައްލު ލިބުނީ ހަޤީގަތުގައި އެއްވެސް ބޭހަކުން ނޫނެވެ. އޭނާގެ އެމައްސަލަ ގުޅިފައިވަނީ ފަލަވުމާއިއެވެ. އެހެންކަމުން ބަރުދަން ލުއިވުމުން އެމައްސަލައަށްވެސް ހައްލު ލިބިގެންދިއައީ ކަމަށެވެ.

ސައީދު ފުރަތަމަ ޑޮކްޓަރަށް ދެއްކިއިރު، ބީ.އެމް.އައި (ހަށިގަނޑުގެ އިސްކޮޅާއި ބަލައި ބަރުދަން ބަލާ މިންގަނޑު) ހުރީ 31 މަތީގައެވެ. އޭނާ ފަހުން ޑޮކްޓްރަށް ދެއްކިއިރު އޭނާގެ ބީއެމްއައި 24 އަހަށް އޭނާވަނީ ތިރިކޮށްފައެވެ.



ޑޮކްޓަރ ސުދީރު ކުމާރު ބުނާގޮތުގައި ބަރުދަން އިތުރުވުމުން އިރެކްޓައިލް ޑިސްފަންގްޝަންގެ މައްސަލަ ދިމާވާކަމަށް ދިރާސާތަކުން ދައްކައެވެ. މިގޮތުން މާބޮޑަށް ފަލަވެ 'އޮބީސް' ވުމުން އިރެކްޓައިލް ޑިސްފަންޝަންގެ މައްސަލަ ޖެހުމުގެ ޗާންސް 30 - 100 އިންސައްތައަށް މަތިވެއެވެ. އޭނާ ބުނާގޮތުގައި ބީއެމްއައި އިތުރުވާ ވަރަށް މިރިސްކު އިތުރުވެއެވެ.

ޑޮކްޓަރ އިތުރަށް ކިޔައިދީފައިވާ ގޮތުގައި ފަލަވުމުގެ ސަބަބުން ހަށިގަނޑުގެ ޖިންސީ ގުނަވަން މަސައްކަތް ކުރުމަށް ލޭދައުރުކުރާ ހޮޅިތައް ހަލާކުވުމާއި ޓެސްޓަސްޓްރޯން މަދުވުމާއި ހަށިގަނޑުގައި އިންފްލެމޭޝަން އިތުރުވުމުގެ މައްސަލަ ޖެހެއެވެ. އަދި މިމައްސަލަތަކަށް ބީއެމްއަ ދަށް ކުރުމުން ހައްލު ލިބިގެންދާއިރު ހަށިގަނޑުގައި ހުންނަ އެހެން މައްސަތައްވެސް ހައްލުވެ އިރެކްޓައިލް ޑިސްފަންކްޝަންއަށް ރަނގަޅު ބަދަލުތަކެއް ފިނެގެންދާނެއެވެ. މިގޮތުން އިންފްލެމޭޝަން ދަށްވުމާއި އިންސުލިން ރެސިސްޓެންސްއާއި ލެޕްޓިން ރެސިސްޓެންސްފަދަ މައްސަލަތަކަށްވެސް ހައްލު ލިބިގެންދާނެއެވެ.

މިހާރު ސަޢީދުއަށް އޭނާގެ އަންހެނުންނާއިއެކު އެގުޅުން ހިންގުމަށް ފަސޭހަވެ އަދި އޭނާގެ ކޮންފިޑެންސް މަތިވިކަމަށް އޭނާވަނީ ކިޔައިދީފައެވެ. މިފަދަ މައްސަލަތައް ތަހައްމަލު ކުރަމުންދާ މީހުން ޑޮކްޓަރަށް ދެއްކައި ފަރުވާހޯދުމަކީ މުހިންމު ކަމެއް ކަމުގައި ޑޮކްޓަރ ކުމާރު އިރުޝާދުދެއެވެ. މިކަމުގައި އެހީތެރިވެދެވޭނެ އެންޑޮކްރޮނޮލިޖްސްޓުންނާއި ސައިކައެޓްރިސްޓުންނާއި ޔޫރޮލޮޖިސްޓުން ތިބިއިރު މިފަދަ މައްސަލަތައް އެޑްރެސްކޮށް އެކަންކަމަށް ލަދުކަނޑާލައި ފަރުވާ ލިބިގަންނަންވާނެކަމަށްވެސް ޑޮކްޓަރ އިރުޝާދުދެއެވެ.

މިފަދަ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމާއި އެކްޓިވްވެ ދިރިއުޅުމުގައި ކަސްރަތު ކުރުން ހިމެނުމަކީ މުހިންމުކަމެކެވެ. ތިބާގެ ދިރިއުޅުމުގައިވެސް މިފަދަ މައްސަލައެއް ހުރިނަމަ ޑޮކްޓަރަށް ދެއްކުމާއި ބޭސްފަރުވާ ހޯދުމާއިއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް މިފަދަ ރަނގަޅު ބަދަލުތައް ގެނެސް ދިރިއުޅުމަށް އުފާވެރިކަން ހޯދާށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން