ސަރުކާރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް "އާސަންދަ" އޮފީސް
ސަރުކާރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް "އާސަންދަ" އޮފީސް
ސަރުކާރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް "އާސަންދަ" އަކީ މިއަދު ހުރިހާ ރައްޔިތުންގެ އިތުބާރާ ޔަޤީންކަން އެ ނިޒާމަށް ލިބިފައިވާ ޚިދުމަތެކެވެ. ކޮންމެ ރައްޔިތަކަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި ފެށި މި ޚިދުމަތް މިއަދު ވަނީ އިތުރަށް ތަރައްޤީކުރެވި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާ ހަމައަށްވެސް މޫލާފައެވެ. މިއަދު ސިއްޙީ ޚިދުމަތް ހޯދުމުގައި އާސަންދަ އަކީ ކޮންމެ ރައްޔިތެއްގެވެސް އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ކޯވިޑް-19ގެ ސަބަބުން ޤައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތް ދުވަސްވަރުވެސް ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންދިޔަ ގިނަ ދިވެހިންނަށް އާސަންދަ ވެގެން ދިޔައީ އެމީހުންގެ ނަސީބަށެވެ. ރާއްޖޭން ބޭރުގައި ތާށިވެ ރާއްޖެ ނާދެވުނު ވަގުތުގައިވެސް އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރުގައި ސިއްހީ ޚިދުމަށް ހޯދުމަށް ގޮސްތިބި ރައްޔިތުންނަށް ސަރުކާރުން ވަނީ، ވަރަށް ބޮޑު އިސްކަމެއް ދީގެން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޯވިޑް-19 ގެ ފުރަބަންދުގައި ދިމާވި ދަތި އުނދަގޫ ހާލަތުގައި އާސަންދައިން އެހީތެރިކަން ފޯރުކޮށްދިން ގޮތް އަދި ކުރެވުނު ތަޖުރިބާ ޢާއްމު ރައްޔިތަކު ވަނީ "ރަސްއޮންލައިން" އާއި ޙިއްސާ ކޮށްފައެވެ. އޭނާގެ އެދުމުގެ މަތިން މި ރިޕޯޓުގައި އޭނާގެ ނަން ވާނީ ސިއްރު ކޮށްފައެވެ. އޭނާ އަކީ ރާއްޖޭގެ ދެކުނުގެ ބޮޑު އަތޮޅަކަށް ނިސްބަތްވާ ފަރާތެކެވެ. ކޯވިޑް-19 ގެ ސަބަބުން ބޯޑަރުތައް ބަންދުކޮށް ޤައުމުތައް އެލަރޓަށް އައީ އޭނާ ބަލި ދަރިފުޅަކާއެކު ބޮޑު އޮޕަރޭޝަނަކަށް އިންޑިއާއަށް ދިޔަ ފަހުންނެވެ.

އޭނާ ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅަކީ ނުހިނގޭ ބަލި ކުއްޖެކެވެ. ދަރިފުޅުގެ ބޮޑު އޮޕަރޭޝަނަކަށް އިންޑިއާގެ ކޮޗިންއަށް އޭނާ ފުރީ މިއަހަރުގެ މާރޗް މަހުގެ ހަވަނަ ދުވަހު އާސަންދައިގެ އެހީގައެވެ. އެންސްޕާ އާއި، އާސަންދައިގެ އެހީތެރިކަމާއެކު އިންޑިއާގައި އޭނާ 04 މަހާއި 08 ދުވަސް ހޭދަ ކޮށްފައި ވަނީ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ، ފަތުރުވެރިކަން ހުއްޓި ދަޢުލަތަށް އެންމެ ބޮޑު ބުރައެއް އުފުއްލަން ޖެހުނު ދުވަސްވަރުއެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އެކަމުގެ އެއްވެސް އިޙްސާސެއް އޭނާއާއި، ބަލި ދަރިފުޅަށް ނުކުރެވޭހާ ރަނގަޅަށް ކަންތައްތައް އިންތިޒާމް ކޮށްދީފައި ކަމަށް އޭނާ ބުންޏެވެ.

"ރާއްޖެއިން ފުރައިގެން ދިޔަގޮތަށް ފުރަތަމަ ގޮސް ވެއްދީ ހޮސްޕިޓަލަށް. ހޮސްޕިޓަލުން ނިކުތީ އޮޕަރޭޝަނަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ފަހު. އަޅުގަނޑުމެން ދިޔައީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް. އެތަނުގައި ޖުމްލަ 3 އޮޕަރޭޝަން ކުރިން. ބޭސްފަރުވާ އަށް އެކަނިވެސް 29 ލައްކަ ރުޕީސް އާސަންދައިން ޚަރަދު ކުރި. އެއްވެސް ދައްޗެއް ނެތް. ގުޅާލާފައި ބުނެލާއިރަށް އެކަމެއް ފުރިހަމަ ކޮށްދޭ."

އޭނާ އާއި، އޭނާގެ ދަރިފުޅުގެ ހިތް ވަނީ ސަރުކާރުގެ މި ޚިދުމަތްތަކަށްޓަކައި ޝުކުރުން ފުރިފައެވެ. އޭނާ ކިޔައިދިން ގޮތުގައި ބޭސްފަރުވާގެ ޚަރަދުގެ އިތުރުން އިންޑިއާގައި ތިބުމާއި ކެއުމަށް ބޭނުންވާ ފައިސާ އެންސްޕާއިން ކޮންމެ މަހަކުވެސް އޭނާއަށް ޖަމާކޮށްދީފައިވެއެވެ. އަދި އޮޕަރޭޝަނަށްފަހު ދަރިފުޅުގެ ޕިޒިއޮތެރަޕީގެ ހުރިހާ ޚިދުމަތެއް ހަތަރުމަސް ވަންދެން ހޮސްޕިޓަލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ބޯޑަރ ބަންދުކޮށްފައި އޮތުމުގެ ސަބަބުން ރާއްޖެ އަށް ދަތުރުކުރުމުގައި ކުރިމަތިވި ތާށިކަންވެސް އޭނާ އަށް ވީ ހެޔޮ ނަސީބަކަށެވެ. އެ މުއްދަތުގައި ޑޮކްޓަރުންގެ ބެލުމުގެ ދަށުން ދަރިފުޅުގެ ފިޒިއޮތެރަޕީގެ ކަންތައްތައް ކުރިއަށް ގެންދިޔައެވެ.

އިންޑިއާގައި ވޭތުކުރި 04 މަހަށްފަހު މި ޖުލައިމަހުގެ 14 ވަނަ ދުވަހު އޭނާ ދަރިފުޅާއެކު އެނބުރި ރާއްޖެ އައީ އުފަލުން ހިތްހަމަޖެހުމާއެކުގައެވެ. އާސަންދައިން އޭނާފަދަ މީހަކަށް ވެދިން އެހީތެރިކަމަށް އޭނާ ޝުކުރުވެރިވެއެވެ. އަދި ކޯވިޑް-19 ގެ މި ދަތި ދުވަސްވަރު ސަރުކާރުން ރައްޔިތުންގެ ސިއްޙީ ޚިދުމަތަށް ފޯރުކޮށްދޭ އެހީތެރިކަމަކީ، ސަރުކާރެއްގެ ފަރާތުން ރައްޔިތަކަށް ބޭނުންވާނެ އެންމެ މުހިއްމު އެހީތެރިކަން ކަމަށް އޭނާ ދެކެއެވެ.

"މީ ނޫންތޯ ތަރައްޤީ އަކީ؟ މުޅި ދުނިޔެ އޮތީ ހުއްޓިފަ. ރާއްޖެއަށް ފައިސާ ލިބޭނެ ގޮތެއް ނެތް. އެހެންނަމަވެސް ސަރުކާރަށް މުހިންމުވީ އަޅުގަނޑުމެންފަދަ ނިކަމެތިންގެ ސިއްޚީ ރައްކާތެރިކަން. ކިހިނެއްތޯ 04 މަސްވަންދެން އަޅުގަނޑު އެކަނި މިކަން ކުރާނީ؟ ލޯމައްޗަށް ފެންނަ ކޮންކްރީޓް ތަރައްޤީއަށްވުރެ، ރައްޔިތުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭ މިފަދަ ޚިދުމަތްތައް ނޫންތޯ ތަރައްޤީ އަކީ؟" އިންޓަވިއު ނިންމާލަމުން އޭނާގެ ޝުޢޫރުތައް ބަންޑުންކޮށްލިއެވެ.


ކިޔުންތެރިންގެ ހިޔާލު


13

ޝަމާ

26-Jul-2020

މި ހާލަތުގައި ދިވެހި ސަރުކާރުން އެޅިފިޔަވަޅު ތަކައި ދެއްވި ހިދުމަތްތަކަކީ ޝުކުރުހައްގު ހިދުމަތްތަކެއް ރައީސް ސޯލިހަށް ޝުކުރު ހައްގު


2

ސާމިހާ

26-Jul-2020

ވަރަށް ރަނގަޅު ވާހަކަ އެއް މި ސަރުކާރުން ތިޔަކަން ވަރަށް ފުރިހަމަ އަށް ކުރޭ


10

ޝަމާ

26-Jul-2020

ވަރަށް ފުރިހަމަ ލިޔުމެއް ހަގީގަތުގަ ވެސް ހަގިގި ތަރައްގީ އަކީ ރައްޔަތުމީހާ އަށް ލިބޭ އެއްޗެއް



ޓްރެންޑިން