މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ހަތް ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް އެގައުމުގެ ހައިކޯޓުން ކަނޑައަޅައިފި އެވެ.

ނަޖީބް ރައްޒާގްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ 4.5 ބިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގެ ތެރެއިން މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ޔުނިޓެއް ކަމަށްވާ އެސްއާރްސީ އިންޓަނޭޝަނަލް އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް 10.1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ. މީގެ އިތުރުންވެސް އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ކޮށްފައިވެ އެވެ. ނަޖީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ ތެރޭގައި މަނީ ލޯންޑަރިން އާއި މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކުރުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

މެލޭޝިއާގެ ހައިކޯޓުންވަނީ، ނަޖީބު ރައްޒާގުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ހަތް ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައެވެ. މިއަދުގެ ޝަރީއަތަށް ވަދެވަޑައިގަތުމުގެ ކުރިން ނަޖީބު ވަނީ، އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މެލޭޝިއާގެ އިގްތިސާދު ތަރައްގީ ކުރުމުގެ ނަމުގައި 1އެމްޑީބީ ހުޅުވީ 2009 ވަނަ އަހަރު އެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާކުރަނީ 1އެމްޑީބީގެ ޚިޔާނާތް 4.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. ނަޖީބާއި އޭނާގެ އެކުވެރިން ވަނީ 1އެމްޑީބީ ގެ ފައިސާއިން އަގު ބޮޑު ލަގްޒަރީ އިމާރާތްތަކާއި ލަގްޒަރީ ޔޮޓްތައް ގަނެފަ އެވެ.

މީގެ ކުރިން ނަޖީބުގެ ވެރިކަމުގައި މި މައްސަލަތައް ބެލި ކޯޓުން ވަނީ އެކަމުގައި އެއްވެސް ގޯހެއް ނެތް ކަމަށް ކަނޑައަޅައިފަ އެވެ. މި މައްސަލަތައް އަލުން ބަލަން އަމުރުކުރެއްވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދެވެ. އަދި އެ ތަހުގީގުގެ ތެރެއިން މެލޭޝިއާ ފުލުހުން ވަނީ ނަޖީބާއި އަނބިކަލުންނާ ގުޅުން ހުރި 273 މިލިއަން ޑޮލަރުގެ އަގު ހުރި ތަކެތި ހިފަހައްޓައިފަ އެވެ.

ނަޖީބުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާއިރު، ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް ވެސް މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.

މެލޭޝިޔާގައި 2009 ވަނަ އަހަރުން 2018 ވަނަ އަހަރަށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބްގެ މައްޗަށް ބޮޑެތި ކުށްތަކެއް ސާބިތުވާކަމަށް ކަނޑައަޅާ އަދި އިތުރު ދައުވާތަކެއް އުފުލާފައިވާއިރު މިއީ މެލޭޝިއާގައި ބޮޑުވަޒީރުކަން ކުރައްވާފައިވާ ފަރާތަކާއި ދެކޮޅަށް މިފަދަ މައްސަލައެއް ސާބިތުވި ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން